ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަކީ ދިވެހިރާއްޖޭގެ ޞަލާހުއްދީން އައްޔޫބީ އަދި ދިވެހިރާއްޖޭގެ މަހާތުމާ ގާންދީ ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވީ މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލްމަލިކު އައްނާޞިރު އަބޫ މުޘައްފަރު ޔޫސުފު ބިން އައްޔޫބީ (ޞަލާހުއްދީން އައްޔޫބީ) އަކީ އިރާޤުގެ ތިކްރީތަށް އުފަން ބޭފުޅެކެވެ. ބޮޑުބާރެއްކަމުގައިވާ ޞަލީބީންނާ ކުރިމަތި ލުމަށްޓަކައި އުތުރު އިރާގުން ފެށިގެން ޝާމްކަރަޔާއި، މިސްރު ހިމެނޭ ސަރަހައްދު ތަކުގައި އުޅުނު މުސްލިމުންގެ ސަފުތައް ގަދަފަދަކޮށް އެއްބައިވަންތައް ކުރުވައި ޞަލީބީންނާ ދެކޮޅަށް ޙިއްޠީން ނަމަކަށް ކިޔާ ހަނގުރާމައެއް ކުރެއްވިއެވެ. އެއީ ހިޖުރައިން 582 އިން 588 އާއި ހަމައަށެވެ. އެމަނިކުފާނު ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިތުލްމަޤްދިސްގެ މަމްލަކާގެ ގިނަ ރައްތަކަކާއި ޝާމްކަރައާއި ދުރު މަޤްރިބާއި ނޯބާގެ ރައްތަކާއި ޔަމަނާއި ދިމިސްޤާއި އެތާގެ ބައެއްކިއްލާ އެމަނިކުފާނުގެ ބާރުގެދަށަށް ގެންނެވިއެވެ.

މަހާތުމާ ގާންދީ އަކީ އިންޑިއާ އަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވމުން އަބްދުލްރަހީމް ވިދާޅުވީ ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގާ މިދިޔަ ކަންކަމުން ކާމިޔާބާއި ހަމައަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.

"އެބޭފުޅެއްގެ ދާއިރާއެއްގެ ތެރެއިން އެބޭފުޅެއްގެ ދައުރު ވަރަށް ފުރިހަމައަށް އަދާކުރެއްވި. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވީ ފަހަތަކަށް ނުޖެހޭނަމޭ." އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން އެބޭފުޅުން ނިކުމެ ވަޑައިގެންނެވީ "ޤައުމާއި މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އިސްލާމްދީނުގެ ދިފާޢުގައި." ކަމަށެވެ.

"ދުރު މާޒީ އަކަށް ދާނެ ކަމެއް ނެތް. ރާއްޖޭގެ ތާރީޚަކީ މާރީތި ތާރީޚެއް ނޫން. ހަސަން އިއްޒުއްދީނުގެ ދެދަރިންގެ ވާހަކަ އާއި ހަސަން ރަސްގެފާންގެ ވާހަކަ ދައްކާކަށް ނެތިން. އެއަށްވުރެ ކައިރި މާޒީއަށް ބަލާލަމާ. 1988 ވަނަ އަހަރު ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހުގެ ހަމަލާ ދިނީ ކޮން މަޤުޞަދެއްގައި ކޮންބަޔަކުތޯ މިރޭ ވިސްނާލަން ޖެހޭ. ނޮވެމްބަރ 03 ގެ ހަމަލާ ނިމިގެން ދިޔަ ފަހުން ޣާޒީއެއްގެ ދަރަޖަ ހޯއްދެވި ބޭފުޅުން މިހާދިސާގެ (ފެބްރުއަރީ 01) ތަޙްޤީޤު ނިންމާއިރު ބާޣީންގެ ގޮތުގައި ލިޔަން ޖެހިދާނެތީ ހިތާމަ ކުރަން." އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ފެބްރުއަރީ 01 ގެ ހާދިސާ އަކީ ބަޣާވާތެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ބަޣާވާތް ކަމަށެވެ.

"މީގެ އަޑީގައި ތިބީ ކޮންބައެއްތޯ ބަލާއިރު އެއީ ދޭތެދޭތެރެއިން ރިޝްވަތުގެ ނުބައިކަން ވިދާޅުވަމުން ގެންދެވި ބޭފުޅުން. މިކަން ކުރުމަށް އެބޭފުޅުން ރިޝްވަތު ހުށަހެޅުން އެއީ ހިތާމަހުރި ކަމެއް" އަބްދުލްރަހީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަރަންޓު

    ސަނާ ކިޔަސް ތިވަރު ބޮޑު

  2. ގާފަރު ޕަރީ

    މޮޔަ ގޮވަނީ އަދުރޭ މޮޔަ ގޮވަނީ ދީނުން ބޭރުވަނީ މޮޔަވަނީ ކުފުރުވަނީ

  3. ކެރީމާ

    ވަރަށް ބޮޑުތެދުފުޅެއް