އަބްދުﷲ ރިޔާޒަކީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އެވެ. މިހާރު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރެވެ. މިއަދު އެއޮތީ ދޫނިދޫ ކުޑަ ގޮޅީގައި ބަންދުގައެވެ. ރާއްޖޭގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރި ބޭފުޅަކު ފުރަތަމަ ފަހަރަށް ހައްޔަރު ކުރެވި ޖަލު ގޮޅީގައި އެވަނީ ބަންދު ކުރެވިފައެވެ.

ރައީސް މައުމޫންގެ ވެރިކަން ވެއްޓުނުއިރު އަބްދުﷲ ރިޔާޒް ހުރީ އެސިސްޓެންޓް ކޮމިޝަނަރު ކަމުގެ މަގާމުގައެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ފުލުހުންގެ ކޮމާންޑަރު ކަމަށް ރައީސް ނަޝީދު ވަޑައިގަތުން އެއީ އަބްދުﷲ ރިޔާޒަށް ހަޖަމުވި ކަމަކަށް ނުވިއެވެ. ކޮމާންޑަރު އެއީ ކޮމާންޑަރުކަން ގަބޫލު ކުރުމުގެ ގާބިލްކަން ނެތް މީހަކަށް ދެން ކުރެވޭނެ އިތުރު ކަމެއް ނޯންނާނެއެވެ.

ރައީސް ނަޝީދު ވެސް ބޭނުންވީ ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރާށެވެ. ރިޔާޒްގެ ހިއްސާ އޮންނަ ކުންފުންޏަކުން ޤާނޫނާއި ހިލާފު ކަންތައްތަކެއް ކުރިކަމާއި އެކަމުގައި ރިޔާޒްގެ ބައިވެރިވުން އޮތް ކަން ފުލުހުންގެ ތަޙްްޤީޤަށް ސާބިތު ކުރެވުމުން އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރިއެވެ.

އޭގެ ފަހުން ދެން ރިޔާޒް ފެނުނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުއެވެ. އެދުވަހު ސިފައިންގެ އަށް ވަޑައިގެން ރިޔާޒް އެތަނުގައި ހަރަކާތްތެރިވިއެވެ. އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނެތް ނަމަވެސް ރައީސް އޮފީސް ތެރެއަށް ވަދެ ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ލިޔުއްވިއިރާއި، އިސްތިއުފާ އިއުލާން ކުރެއްވި އިރު ވެސް ކައިރީގައި ހުއްޓެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ހިފައިގެން ދިޔައީ ވެސް ރިޔާޒެވެ.

ދެން އަޑުއިވުނީ ރިޔާޒަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދެއްވި ޚަބަރެވެ. ރިޔާޒްގެ ކޮމިޝަނަރު ކަމުގައި ކަން ކުރި ގޮތުގެ ލައްކަ ވާހަކަ ދެއްކި ދާނެއެވެ. ނަމަވެސް ބައެއް ކަންކަމުގެ ސުރުހީ އަޅާލާފައި ކުރުކޮށްލާނީއެވެ.

މަރުގެ ބޮޑެތި އެތައް ހާދިސާ އެއް ހިނގައިގެން ދިޔައިރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ މޮޅު ވާހަކަ ދެއްކެވި ނަމަވެސް ޝަރީޢަތައް ސާބިތު ކުރެވޭ ވަރަށް ގިނަ މައްސަލަތަކުގައި ހެކި ހޯދުމުން ރިޔާޒް ވަނީ ފެއިލް ވެފައެވެ. ހާއްސަކޮށް ޑރ.އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ތިބި އެންމެން ޤާނޫނުގެ ކުރިމައްޗަށް ނުގެނެވުނީ ރިޔާޒްގެ ފީކަޅާ ކަމުންނެވެ.

އޭގެ އިތުރުން "ރާއްޖެ ޓީވީ" ރޯކޮށްލި ހާދިސާ އާއި އެއްވެސް ޤާނޫނީ ބާރެއް ނެތި ރިޔާސީ އިންތިޚާބުގެ ވޯޓް ލުން ހުއްޓުވުމުގެ ފަހަތުގައި ހުރީ ރިޔާޒެވެ. ރިޔާޒްގެ ކޮމިޝަނަރު ކަމުގައި މަރުގެ ހާދިސާތައް އިތުރުވެގެން ދިއުމުގެ ފުރިހަމަ ޒިންމާ ރިޔާޒް އުފުލަން ޖެހޭނެއެވެ.

ރިޔާޒް ކޮމިޝަނަރުކަމުގައި ހުރެ ތ.އަތޮޅުގެ އާބާދީ ކުދިކުދި ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް ހުޅުވުމަކީ މަގާމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގައިގެން ހިންގާފައިވާ އަމަލެކެވެ. އެއީ ސިޔާސީ މަންފާތަކެއް ހޯދާ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ފަސޭހައިން އައުމަށް އޭނާ ކޮށި މަގެކެވެ.

އޭގެ އިތުރުން ތ.އަތޮޅުގެ އެތައް ބަޔަކަށް ފުލުހުންގެ ވަޒީފާ ދިނުމާއި ކިނބިދޫ ދާއިރާ އަށް ނިސްބަތާ މީހުންނަށް ކުއްލިއަކަށް ލިބުނު ޕްރޮމޯޝަންތަކަކީ ވެސް ސުވާލު އުފެދޭ ކަންތައްތަކެވެ.

ރިޔާޒް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން ވަކިވެ ސިޔާސީ މައިދާނަށް ނިކުމެ ކުޅެމުންދާ ޑްރާމާތަކާއި ދައްކާ ވާހަކަތައް ރިޔާޒްގެ އަމަލުތަކާއި ގުޅުވާލުމުން ފެންނަ ބޮޑު މަންޒަރު ވަރަށް ސާފެވެ.

ރިޔާޒް ދާދި ފަހުން ވިދާޅުވީ ތުހުމަތު ކުރެވުނު މައްސަލަ ބާއްވާފައި އެހެން މައްސަލައެއްގައި ދައުވާ ކުރަން ފޮނުވުމުން ފުލުހުން އަމަލު ކުރަމުންދާ ގޮތުން ލަދުވެތިވާ ކަމަށެވެ. މީގެ އިތުރުން ވެސް ފުލުހުންގެ މުއައްސާސާ ހިންގަންވާ ގޮތާއި ފުލުހުންގެ އަމަލުތައް ބަހައްޓަންވީ ގޮތް ރިޔާޒް ވިދާޅުވާތަން ވަރަށް ގިނައިން ފެނެއެވެ.

ރިޔާޒަކީ މިއަދު ރާއްޖޭގެ ޤާނޫނީ ނިޒާމާއި ފުލުހުން އަމަލު ކުރަމުން އަންނަ ޤާނޫނުތަކަށް ވަރަށް އާ ބޭފުޅެކެވެ. ޤާނޫނޫލް އުޤޫބާތާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަކީ ރިޔާޒް ފުލުހުންގެ މުއައްސާސާ ދޫކޮށްލި ފަހުން އަމަލު ކުރަން ފެށި ޤާނޫނުތަކެވެ. އެހެންކަމުން އެ ޤާނޫނުތަކުގައި ހުރި އެއްޗެއް އެންމެ ރަނގަޅަށް ރިޔާޒަށް އެނގިވަޑައެއް ނުގަންނަވާނެއެވެ.

ރިޔާޒަކީ ޤާނޫނީ ވަކީލެއް ނޫނެވެ. ޤާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވެގެން ހުރި ބޭފުޅެއް ނޫނެވެ. ރިޔާޒުގެ އަތުގައި އޮތީ ގިނަ ދުވަހު މަސައްކަތުގައި އުޅުމުން ލިބުނު ތަޖުރިބާއެކެވެ. ނަމަވެސް އެތަޖުރިބާ އަކީ ކުރީގެ އުސޫލުތަކެއްގެ ދަށުން ލިބުނު ތަޖުރިބާއެކެވެ. މިއަދު އަމަލު ކުރަމުންދާ އުސޫލުތައް ބަދަލު ވުމުން ކުރީގެ އުސޫލުތަކާއި ކުރީގެ ޤާނޫނުތަކެއްގެ މައްޗަށް ބިނާކޮށް ރިޔާޒް ވާހަކަދެއްކުމުން ކަން ހިނގާ ގޮތާއި ޤާނޫނާއި ޤަވައިދު އެނގޭ މީހުން ރިޔާޒަށް "ޖޯކް" ޖަހާނެއެވެ.

ރިޔާޒަށް ޤާނޫނު އެނގޭ މިންވަރާއި މެދު ސުވާލު އުފެދޭ ކަމެއް ފާހަގަ ކޮށްލާނަމެވެ. ރިޔާޒްގެ ފޯނުގެ ޕާސްވޯޑް ޖެހުމަށް އޭނާ އިންކާރު ކުރުމުން ފުލުހުން އޭނާގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު ކޮށް މައްސަލަ ޕީޖީ އަށް ފޮނުވާ ދައުވާ އުފުލިއެވެ. އެހިސާބުން ރިޔާޒް ފޯނުގެ ޕާސްވޯޑް ހަނދާނަށް ގެނެސް ފޯނު ހުޅުވައިދިނެވެ.

ނަމަވެސް އެއީ އޭނާ ކުރި ކުށުން ބަރީޢަ ވެވޭނެ ކަމެއް ނޫން ކަން ބުއްދީގެ ހަމަތަކުން އެނގެއެވެ.

މިސާލަށް މީހަކު އެހެން މީހެއްގެ އެއްޗެއް ވަގަށް ނެގުމުން އެމައްސަލަ ފުލުހުން ތަޙްޤީޤުކޮށް ދައުވާ އުފުލުމުން ވަގަށް ނެގި އެތި އަނބުރާ ރައްދުކޮށްދިން ނަމަވެސް އޭނާ އަކީ ވައްކަމެއް ނުކޮށް ހުރި މީހަކަށް ނުވާނެ ނޫންތޯއެވެ. އޭނާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާވަރަށް ހެކި ހުރިނަމަ ވަގަށް ނެގި އެތި އަނބުރާ ރައްދު ކޮށްދިން ނަމަވެސް ވައްކަމުގެ ކުށް ސާބިތުވާނެއެވެ. ރިޔާޒް ވެސް ކުރީ ހަމަ މިފަދަ އަމަލެކެވެ. ފުލުހުންގެ ދައުރު އަދާކުރަން ފުރަތަމަ ހުރަސް އެޅުމަށް ފަހު ފަހުން ފުލުހުން ބޭނުންވި މައުލޫމާތު ދިން ނަމެވެސް އޭނާ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް ނާޅާ ކަމަކަށް ނުވާނެއެވެ.

މިއަދު ރިޔާޒް މާމޮޅު މީހަކަށް ވެގެން އަދިވެސް ފުލުހުންގެ މައްޗަށް އަމުރު ކުރަން އުޅޭ އިރު ފުރަތަމަ ރިޔާޒްގެ ގާބިލްކަމާއި މެދު އޭނާ އަމިއްލަ އަަށް ވެސް ވިސްނާލަށް އެބަޖެހެއެވެ. އަދި ރިޔާޒްގެ ވާހަކަ އަޑުއަހާ މީހުން ވެސް ރިޔާޒްގެ ވާހަކަ ގަބޫލު ކުރުމުގެ ކުރިން އޭނާގެ ވާހަކަތަކާއި މެދު ވިސްނާލަން އެބަޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޙަފްޞާ / މާލެ

  މި ނޫހުން މިހަތަނަށް ކިޔައިލެވުނު އެންމެ ސަޅި އާޓިަކަލް! މީނަގެ ފެންވަރު ވަރަށް ސާފުވެއްޖެ! ޝުކުރިއްޔާ އާދަމް ނަވާޒް

 2. ޢިބޫ

  ހީ އިސް އަ ކަރަޕްޓަޑް ފެއިލިއަރ ހައިޑިން އިން ކޮންސްޓިޓުއެންސީ

 3. ފިރުޓޭ

  މީގަ މިހަރަ ވާހަކަތަކަކީ ހަމަ ރަނގަޅު ވާހަކަތަކެއް ކަމަށް ބެލެވެނީ! ކޮންމެހެން މީހަކު ވަޒީފާގަ ނެތް އިރަކު ހަދާ ޤާނޫނޭއް އެމީހަކަށް ނޭނގޭނެއޭ ބުނުމަކީ ރަނގަޅު ވާހަކަ އަކަށް ނުވާނެ! މިސާލަކަށް އަހަރުމެން ދުނިޔެއަށް ނާންނަ އިރު ހިނގާފަ ހުރި ހާދިސާ ތަކާ، އަދި ދުނިޔޭގައިވާ އަހަރުމެން ދުވަހަކުވެސް ނުވެސް ދާ ޤައުމުތަކުގައި ހުންނަ ތަންތަނާ، އަދި އެ ޤައުމުތަކުގައި ކަންކަން ހިނގާ ގޮތް މި ޒަމާނުގެ އެކިއެކި ވަސީލަތްތަކުން އެނގޭ ދޯ!

 4. ރުޒާނާ ޗޮއްޕަޓު

  ރިޔާޒު ކުރެން އަހާބަލަ އޭނަ ކޮމިޝަނަރ އަކަށް ހުރި އިރަށްވުރެ ބިރުވެރި ނާމާން ދުވަސްތަކެއް ދިވެހިން ދެކިފަ ވޭތޯ! ޚާއްޞަކޮށް ފުލުހުންނާއި އެމީހުންގެ އަނބިދަރިންނަށް އޮތް ނުރައްކާ އެހާ ބޮޑު ދުވަސްވަރަކާ ދިމާވިތޯ! އޭނަ ކުރެން އަހާބަލަ ލަދު ކޮބައިތޯ!

 5. ާބޫސުފުޔާން

  ދުވަހަކުވެސް ޖަޅުންނުނެރުމައްގޮވާލަން

 6. މުޙައްމަދު އަޙުމަދު

  ރިޔާޒަކީ ހަމަ އެއްވެސް އުޞޫލެއް ނެތް ބޭފުޅެކެވެ. އެހެން ނޫންނަމަ، ޕޮލިޝް ކޮމިޝަނަރުކަން ކުރައްވާފަ ހުންނެވި ބޭފުޅަކު އައްޗި ވެގެންނެއް ނޫޅުއްވާނެއެވެ. ކުރީގެ ބޭފުޅުން ހަރުދަނާއޭ ބުނަންޖެހެނީ އެހެންވެއެވެ. ޓޫޓޫ ޒާހިރާއި އަންބަރީ އާއި އާދަމް ޒާހިރު މިސާލަކަށް ބަލާށެވެ! ހަރުދަނާ މީހުންނަކީ އެއީއެވެ. އެހެންނޫނީ އެއީ ފުރިފައި ހުރި އެޗަކަށް ނުވެއެވެ. ގުޑުގުޑުއަޅަނީ އެހެންވެއެވެ.

 7. ރިޔާޒް

  ވަރަށް ރަނގަޅު އާރޓިކަލްއެއް

 8. ނަވީން

  އާން. ހަމަގައިމުވެސް ނަވާޒުއަކަށް ނޭންގޭނެ.

 9. ާގާޒީ

  ނޫމަޑި ކިޔާ ކުންފުނަޔަކާ، ޕޮލްކޯ އަކާ ޕޮލްވެކް އެއް އުފައްދާ ފުލުހުނގެ ބިންތަކާއި ރަށްތައް މި ކުންފުނިތަކުން ފޭރި، ޕޮލިސް ޝޮޕްގެ ހިއްސާދާރުންގެ ގަވައިދު އުވާލާ އޭގެ މަންފާ މިލްކުވެރި ފަރާތަށް ނުދީ އަލުން ހިއްސާ ވިއްކުމަށް ހުޅުވާ އަށްޑިހަ އިންސައްތަ ހިއް ނުހައްގުން ނެގީވެސް ރިޔާޒު، ފަލެޓް ދޭނަމޭ ކިޔާ ނޫމަޑި ކުންފުނިން ނެގި ޑައުންޕޭމެންޓް ވެސް ނަހަމަ ގޮތުގަ ބޭނުންކުރީ ރިޔާޒު، ބޯހިޔާވަހި ކަމުގެ އުނދަގުލުގެ ފައިދާ ނަގާ އެތަށް ފުލުހުންނަށް މާލީ ގެއްލުން ދިން، 11 މަހުން ތަލުދަނދި ދޭންބުނި ފަލެޓްތައް އަދިވެސް ނުލިބޭ، 40 މަސް ، މީނާގެ ބޮޑާކަމާ ނިކަމެތިންނާ ދޭތެރޭ ކަންތައް ކުރި ގޮތައް މާފު ހައްގު ނުވޭ

 10. ރައްޔިތެއް

  ރިޔާޒާކީ ޣައްދާރެކެވެ ގައުމަށް ޚިޔާނާތްތެރިވެފައިވާ ކުއްވެރިއެކެވެ ހުރިހާކަމެއްގައިއަމިއްލަ މަސްލަހަތު އިސްކޮށް
  ރައްޔިތުންގެ ތެރޭގައި ފިތުނަފަސާދައުފެއްދުމުގަ
  އަވަދިނެތި އުޅޭމީހެކެވެ

 11. ސީދީ

  އޭނަވެސް އެތަން ހިންގި ދޯ. އޭނާ އަންގައިގެން މީހުނަށް އަނިޔާކުރިއޭވެސް ކިޔާތީ އިވޭ! 2012 ހިސާބުގައޭ ހަނދާންވަނީ.

 12. މަނޭސް

  އެސިސްޓެންޓް ކަމިސަނަރަކަށް ހުރެ ގަތްކާރުތަކާ ލޯންޗުތަކާ މާލެދަތުރުކުރާ އޮޑިޔާ ކަންނެލި އޮޑީގެ ހަގީގަތް ބަޔަކު ނުދެއްކިޔަސް ތިމަރަފުށީ މީހުނަނަށް އެނގޭނެ.

 13. ޖިހާދު

  ރިޔާޒަކީ ޤާނޫނީ ވަކީލެއް ނޫނެވެ. ޤާނޫނީ ދާއިރާ އިން ކިޔަވައި ގެން ހުރި މީހެއް ނޫނެވެ. ރިޔާޒުގެ އަތުގައި އޮތީ ގިނަ ދުވަހު މަސައްކަތުގައި އުޅުމުން ލިބުނު ތަޖުރިބާއެކެވެ. ނަމަވެސް އެތަޖުރިބާ އަކީ ކުރީގެ އުސޫލުތަކެއްގެ ދަށުން ލިބުނު ތަޖުރިބާއެކެވެ. މިއަދު އަމަލު ކުރަމުންދާ އުސޫލުތައް ބަދަލު ވުމުން ކުރީގެ އުސޫލުތަކާއި ކުރީގެ ޤާނޫނުތަކެއްގެ މައްޗަށް ބިނާކޮށް ރިޔާޒް ވާހަކަދެއްކުމުން ކަން ހިނގާ ގޮތާއި ޤާނޫނާއި ޤަވައިދު އެނގޭ މީހުން ރިޔާޒަށް "ޖޯކް" ޖަހާނެއެވެ