އިންސާނާ ކުރާ ކަންތައްތަކުގައި، އިޚްލާޞްތެރިކަމާއި، ތަޤްވާވެރިކަން ނެތް ނަމަ، އެކަމެއް މާތް ﷲ ޤަބޫލުނުކުރައްވާނެ ކަމަށް، މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އިޚްލާޞްތެރިކަމާއި، ތަޤްވާވެރިކަން ނެތްނަމަ އެކަމެއް މާތް ﷲ ޤަބޫލުނުކުރައްވާނެއެވެ. އަދި އެކަން ބޭކާރު ކުރައްވާނެއެވެ. މާތް ﷲ އަށްޓަކައި ނޫން ގޮތަކަށް ދުނިޔޭގެ އަރާމާއި އުފަލަށްޓަކައި ކުރާ ކަންތަައްތަކަކީ ދެމި އޮންނާނެ ކަންތައްތަކެއް ނޫނެވެ. އަދި އެއިން ފައިދާއެއްވެސް ނުކުރާނެއެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، ދިރިއުޅުުގެ ކޮންމެ މައިދާނެއްގައިވިޔަސް ކުރާ ކޮންމެ ކަމެއްގައި، އިޚްލާޞްތެރިވެ، ތެދުވެރިވެ، އަމާނާތްތެރި ވާން ޖެހޭނެ ކަމަށާއި، ކޮންމެ ކަމެއްވެސް، މާތް ﷲ އަށްޓަކައި ކުރުމަށް ނަސޭޙަތްތެރިވާ ކަމަށެވެ.

"ދުނިޔޭގެ ދިރިއުޅުން ބާއްޖަވެރިކުރަން ބޭނުންނަމަ، އިންސާނާއަށް އޮތީ، މާތް ﷲ އަންގަވާފައިވާ ގޮތުގައި ދިރިއުޅުން ބިނާކުރުމާއި، ޙާލާލު ގޮތުގައި އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އާމްދަނީ ހޯދުމަކީ ދިރިއުޅުމުގެ ޟަރޫރިއްޔާޓު ތަކުގެ ތެރެއިންވާ ކަމަކަށްވާތީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށާއި، ޙަރާމް ގޮތްތަކާއި ދުރުހެލިވުމަށް މާތް ﷲ ވަނީ ޢަމުރުކުރައްވާފައެވެ." މިއަދު ގެ ޚިޠުބާގައި ވިދާޅުވިއެވެ.