އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް، ޙައްދު ފަހަނަޅައި ދިޔުންކަމަށާއި، ފޭރާމާއި، ހިފައި ގެންގުޅޭ ތަކެތި، ހިސާބަށް ވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން ކަމަށް ހުތުބާގައި ވިދާޅުވެއްޖެއެވެ.

"އިސްރާފް ކުރުމުގެ ނުބައިކަމާއި" ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، އިސްރާފް ކުރުމަކީ ހަމައެކަނި ކެއިންބުއިމާ ގުޅިފައިވާ ކަމެއް ނޫން ކަމަށެެވެ. އަދި އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެ ނަމަ، އެއީ ވެސް އިސްރާފު ކުރުންކަމަށް ހުތުބާގައި ވެއެވެ.

އަދި ގޮވާމާއި މޭވާ ފަދަ ތަކެތީގެ އަހުލުވެރިން، އޭގެ ޒަކާތް އަދާނުކޮށް، އެ ތަކެތި ބޭނުން ކުރުމުގައި، އިސްރާފު ކުރުމަކީ ﷲ ރުއްސަވާވޮޑިގެންވާ ކަމެއް ނޫންކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، ﷲ އަށް ތަޤްވާވެރިވާ މީހާ، އެ ކަލާނގެ ރައްކާތެރި ކުރައްވާނެ ކަމަށާއި، ﷲ އަށް ވަކީލުކުރާ މީހާ، އެކަލާނގެ ފުދުންތެރި ކުރައްވާނެ އެވެ. އަދި ﷲ އަށް ޝުކުރުވެރިވާ މީހާ އަށް އެކަލާނގެ ނިޢުމަތްތައް އިތުރުކޮށް ދެއްވާނެ ކަމަށްވެސް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ޙާލަތުން އަރައިގަތުމަށްޓަކައި ވަރަށް ގިނަ ކަންކަމާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން ހެޔޮކަމުގެ މަގަށް ރުޖޫޢަވެ، ނުބައިކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށާއި، ފަހެ ފާފަތަކުން ތައުބާވެ، އިސްތިޣްފާރު ކުރުމަކީ، މުޞީބާތްތަކުން މިންޖުވާން އޮތް މަގު ކަމަށް ހުތުބާގައި ވެއެވެ.

"މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް ޓަކައި ކޮންމެ މީހަކު ވެސް އަދާކުރަން ޖެހޭ ފަރުދީ ދިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވާން ޖެހޭ". ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، މިފަދަ ކާރިޘާއެއްގެ ވަގުތުގައި މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތަށް އިސްކަންދީ، ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، މުވާސަތާއި، އީޘާރުގެ ސިފަތަކަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ ކާބޯތަކެތިން އިސްރާފު ކުރުމާއި، އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއް ނެތި، ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށްވެސް ހުތުބާގައި ވެއެވެ.

"އެއްވެސް ކަމެއްގައި ޙައްދު ފަހަނަޅައި ދިއުން ދީން ހުއްދައެއް ނުކުރެ އެވެ. ހޭދަ ކުރުމުގައި ވެސް ކެއިން ބުއިމުގައި ވެސް އަދި ފޭރާން އެޅުމުގައި ވެސް މެ އެވެ"ހުތުބާގައި ވެއެވެ.

އިތުރަށް ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، މުސްލިމުން ކައިބޮއި އުޅެން ވާނީ ދިރިހުރުމަށްޓަކައި ކަމަށްވާއިރު، ކެއުމަށާއި ބުއިމަށްޓަކައި ދިރި
ތިބޭ ބަޔަކަށް، މުސްލިމުން ވެގެން ނުވާނެ ކަމަށެވެ.

"'މި ފަދަ ދަނޑިވަޅެއްގައި ގޭގައި ތިބޭ އިރު، އަނބިދަރީންގެ ޙައްޤުތަކަށް ރައްކާތެރި ވުމަށާއި، އެކަކު އަނެކަކަށް ދަތިކޮށް، ޖެއްސުންކޮށް
ނުއުޅުމަށް ހަނދާންކޮށްދެމެވެ. ﷲ ނަހީ ކުރެއްވި ކަންކަމާ ދުރުހެލިވެ، ޢިއްފަތްތެރިވުމަށް ހަނދާންކޮށްދެމެވެ. ބޭކާރު ކަންކަމާ ދުރުހެލިވެ، އެކަކު އަނެކަކަށް އަޅާލައި އުޅުމަށް ހަނދާންކޮށްދެމެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ދުޢާ ކޮށް، އިސްތިޣްފާރު ކުރުން
ގިނަ ކުރުމަށް ހަނދާންކޮށްދެމެވެ. ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމަށް ވަޞިއްޔަތް ކުރަމެވެ". ހުތުބާގައި ވެއެވެ.

އަދި ހުތުބާގައި ވަނީ މިއީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ވަގުތު ކަމަށާއި މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު ކަމަށްވެސް ވިދާޅުވެފައެވެ.