އެންމެންވެސް ތިބެނީ މަރުގެ ތުންފަތް މަތީގައި ކަމަށާއި، ދިރިހުރުމާއި މަރާ ދެމެދު، މި އޮތް ވަގުތުކޮޅުގެ ތެރޭގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

އެއްކައުވަންތަކާއި ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާވެފައި ވަނީ، އަހަރެމެން އެންމެން، މި ތިބެނީ މަރުގެ ތުންފަތް މަތީގައި ކަމަށެވެ. އެހެންކަމުން ބޭނުންހައި މަގެއް ޚިޔާރުކޮށްގެން ނުވާނެ ކަަމަށް ހުތުބާގައި ވެއެވެ.

އެ ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ، ލާ ކޮންމެ ނޭވާ އަކީ، ﷲގެ އެއްކައުވަންތަ ކުރުން ރަމްޒުކޮށްދޭ ޢަމަލެއް ކަމުގައި ހެދުމަށް ނުހަނު ގަދައަޅާ މަސައްކަތް ކުރަން ޖެހެ އެވެ. އޭރުން، ސަލާމަތާއި ރައްކާތެރިކަން ލިބި، އަމަން އަމާންކަން ޤާއިމުވާނެ ކަމަަށް ހުތުބާގައި ވެއެވެ.

"ސިލްމާއި ސަލާމަތްކަން ޢާއްމުވާނެއެވެ. ސާދާ ސީދާ ދިރިއުޅުމަކަށް މުޖުތަމަޢު މިސްރާބު ޖަހާނެއެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އުފެދޭނެ އެވެ. އަނބިންނާއި ފިރިންގެ މެދުގައި އުލްފަތާއި ކުލުނު އުފެދޭނެ އެވެ. އަދި މައިންބަފައިންނާއި ދަރިންގެ މެދުގައި ރަޙުމާއި ލޯބި އުފެދި، އެންމެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ކަމަކުން ބަނދެވިގެންދާނެއެވެ". ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރި އަސާސަކީ ﷲ ޤަهل އެއްކައުވަންތަ ކުރުން ކަަމށެވެ. އަދި ޙައްޤު ގޮތުގައި، އިޚްލާޞްތެރިކަމާ އެކު، ޝިރުކުން އެއްކިބާވެ، އެކަމުން މުޅިން ބަރީއަ ވުން ކަމަށެވެ. އަދި އެއީ އެ މަޤްޞަދަކަށް ޓަކާ އިންސާނުން ދުނިޔެއަށް ފޮނުއްވިގެންވާ މަޤްޞަދު ކަމަށްވެސް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ފެށުމެއް ވީފަދައިން، ނިމުމެއް އޮންނާނެ އެވެ. އެ ނިމުމާ އަޅުގަނޑުމެންނާ ބައްދަލުވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، ދިރިހުރިހައި ހިނދަކު މިވަނީ، ޢަމަލުކުރުމުގެ ފުރުޞަތު ލިބިފައިވާ ވެއްޓެއްގައެވެ". ހުތުބާގައި ވެއެވެ.

"ބަދަލުގައި، ގަދައަޅައި މަސައްކަތްކުރަން ޖެހޭނީ، ﷲ ޤަهلاގެ ރުއްސެވުމާއި ފުއްސެވުން ޙާޞިލު ކުރުމަށެވެ. މިއީ އިމްތިޙާނުގެ ޙަޔާތެއްކަން ދަނެ، ޢަމަލުތައް ސީދާ ކުރުމަށެވެ. އިޢްތިޤާދާއި، ބަހާއި، ޢަމަލުތައް ﷲއަށް ޚާލިޞް ކުރުމަށެވެ". ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވެފައިވާގޮތުގައި، ދިމާވާ މުޞީބާތްތަކާއި ކާރިސާތަކުގައި ވެސް މުއުމިނު އަޅުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ، ﷲ އަށް އެއްކައުވަންތަކޮށް، އެކަލާނގެ ޙަޟްރަތުން ވާތްގަށް އެދި ދެންނެވުން ކަމަށެވެ.