ފަތިސްނަމާދު އިހު ސުންނަތާއި އެ ނަމާދު ޖަމާޢަތުގައިކުރުމާއި ފަތިސްނަމާދު ފަހުން ޒިކުރުކުރަން އިނުމަކީ މަތިވެރި އަޖުރު ލިބެނިވި އަޅުކަންތަކެކެވެ. މި އަޅުކަންތައްތަކަށް ލިބޭ އަޖުރު މަތިން ގިނަގިނައިން ހަނދާންކުރާނަމަ، ފަތިސްނަމާދު ކުރުމަކީ ތިމާގެ ކަށީގައި ހިފާފައިވާ އާދައަކަށްވުމަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. މިފަދަ ބައެއް ޙަދީޘްތައް މި އަރޓިކަލްގެ ފަހު ބައިގައި ގެނެސްދެވޭނެއެވެ.

  • ނިދުމުގެ ކުރިން ވުޟޫކުރުން

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ..))

أخرجه البخاري

މާނައީ: “ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ.”

ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

  • ނިދުމުގެ ކުރިން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކިޔާށެވެ.

މި ދުޢާތަކުގެ އިތުރުން އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއި އިޙްލާސް، ފަލަޤި، ނާސި (މި ތިން ސޫރަތުންކުރެ ކޮންމެ ސޫރަތެއް ތިންފަހަރު) ކިޔަން ހަނދާން ނައްތާނުލާށެވެ.

މި ފަދަ ދުޢާތައް އެކުލެވޭ ޙިޞްނުލް މުސްލިމް(ދިވެހި) އެޕް މި ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ފޮތުގެ ޕީޑީއެފް މި ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

  • ދުޢާކުރުން

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.

ސޫރަތުލް ޣާފިރު 60

ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤްދެއްވަވާތޯ ގިނަގިނައިން ދުޢާކުރާށެވެ.

  • ފާފަތަކުން ދުރުވުން

وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠

ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.

ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤުނުލިބުމަކީ ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ.

”ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟“ ޖަވާބުގައި އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ.

”قيدتكم ذنوبكم“

ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުން ހައްޔަރުކުރީއެވެ.(އެބަހީ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤްނުލިބެނީއެވެ.)

  • ނިދާ ގަޑި އަވަސްކުރުން

ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްވުމަށް ދިމާވާނެ ހަމައެކަނި މަޤްބޫލު ދެ އުޒުރެވެ. އެހެންނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން ބައިގަޑި ނުވަތަ ފަނަރަ މިނިޓަށް ވުމުން ނިދުމަކީ ފާފަވެރިވާނެކަމެކެވެ. އެހެންކަމުން ނިދާގަޑި އާއި ހޭލާގަޑި އަވަސް ކޮށް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލް ބައްޓަންކުރުން ވަރަށް މުހިއްމެވެ. ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމަ ސުންނަތަކީވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އަވަސްކުރުމެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެންވެއެވެ. “كَانَ يَنَامُ أَوَّلَ اللَّيْلِ وَيُحْيِى آخِرَهُ” މާނައީ: “އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.”

 

  • ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދޭށެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وتعاونوا على البر والتقوى) މާނައީ: ” ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމިހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ.”

(اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) متفق عليه.

މާނައަކީ: ”އެއް މުއުމިނަކު އަނެއް މުއުމިނެއްގެ މިޘާލަކީ އެކަތިއަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ“

ފަތިސް ނަމާދާއި ގުޅުން ހުރި ބައެއް ޙަދީސްތައް

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(ركعتا الفجرِ خيرٌ من الدنيا وما فيها)
رَوَاه مسلم
”ފަތިސްނަމާދުގެ ކުރީ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަންބޮޑުވެގެންވެ އެވެ.“

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(من صلى العشاءَ في جماعةٍ فكأنما قام نصفَ الليلِ. ومن صلى الصبحَ في جماعةٍ فكأنما صلى الليلَ كلَّهُ)
رَوَاه مسلم
”ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދަ އެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ.“

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(من صلَّى الغداةَ في جماعةٍ ثم قعد يذكرُ اللهَ حتى تطلعَ الشمسُ ثم صلَّى ركعتيْنِ كانت لهُ كأجرِ حجَّةٍ وعمرةٍ)
رَوَاه الترمذي و صححه الألباني
”ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަޢުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ.“

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(مَن صلَّى الصُّبحَ فَهوَ في ذمَّةِ اللَّهِ تبارَكَ وتعالى فلا تُخفِروا اللَّهَ تبارَكَ وتعالى في ذمَّتِهِ ; فإنَّهُ مَن أخفرَ ذمَّتَهُ طلبَهُ اللَّهُ تبارَكَ وتعالى حتَّى يكُبَّهُ علَى وجهِهِ)
رَوَاه مسلم
”ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، އެމީހާއަށް ލިބިގެންވާ ﷲ ގެ ރައްކާތެރިކަމުގެ މައްޗަށް ތިޔަބައިމީހުން ފަރުވާކުޑަވެ، އިހުމާލު ނުވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ މޫނު ވަތަށް ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ.“

ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

”މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.“ (رواه البيهقي في ”شعب الإيمان“

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ (متفق عليه) ”އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ.“

މިލިޔުން މީސް މީޑިއާގައި ހިއްސާކޮށްލައްވާށެވެ. ހެޔޮ ކަންކަމުގައި އެކަކު އަނެކަކަށް އެހީވުމަށް އޮތް އަމުރުފުޅަށް ޢަމަލުކުރައްވާށެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم, 133 – 1893].

މާނައަކީ: ”ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ހުއްޓެވެ.”

މަސްދަރު: އިލްމް އެމްވީ/ އައްޝެއިޚް މުޙައްމަދު މަޢޫން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަހީ

    ވަރަށް ހިތްހަމަޖެހިއްޖެ
    ތިކަހަލަ ދީނީ އެއޗިސް ގިނަގިނާން ގެނެސްދިނުން އެދެން
    ގިޔާމަތުގެ ވާހަކަވެސް ވީހާވެސް ގިނާން ގެނެސްދިނުންފެނޭ
    މިހާރު ހުރިހާ ކަމެއް ވަނީ ކަމާ ނިމިފަ ކަންހުރީ
    ދެންހުރީ ބޮޑެތި ކަންކަންކަން
    އޭގެ ތެރޭގަވެސް މިހާރު ދުނިޔެ ހިގަނީ މަޑުންކަން ބުނެފި
    ކުއްލިޔަކައް ހުއްޓިފަ ދެން އިރު އަރާނީ އަނެއްފަރާތުން

  2. ހަހާ

    އަވަހަށް ނިދީމަ ހޭލެވޭނެ. ދެން ކުޑައިރުއްސުރެ އާދައަކަށް ހެދީމަ ހޭލެވޭނެ. އަހަރެން ހޭލެވޭ.