ރަހިމުގެ ގުޅުން ދެމެހެއްޓުމުން އުމުރު ދިގު ކުރައްވައި ނުބައި މަރަކުން މަރުވުން ދުރުކުރައްވާނެ ކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލައްވައިފައި ވަނީ ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މާތް ﷲގެ ހަޒްރަތާ ތިމާ ކުށްތަންކޮށްދޭނެ ހެޔޮ އަމަލެއް ކަމަށެވެ.

ހަމަ އެހެންމެ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭނެ ކަމެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

އޭގެ އިތުރުން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"މުސްލިމް އަހުންނޭވެ! ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގު ކުރައްވައި ރިޒުގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނެ ކަމެކެވެ.". ހުތުބާގައި ވެއެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ފާފަ ފުއްސަވާ ކަމެއް ކަމަށް ވެސް ހުުތުބާގައި ވިދާޅުވެފައި ވެއެވެ. އަދި އޭގެ ދަލީލަކަށް ހަދީސެއްވެސް ވިދާޅުވެފައި ވެއެވެ.

"އެއް ދުވަހަކު ކީރިތި ރަސޫލާގެ ކައިރިއަށް މީހަކު އައިސް ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. އަޅުގަނޑަށް ވަރަށް ބޮޑު ފާފައެއް ކުރެވިއްޖެ އެވެ. އެ ފާފައިން އަޅުގަނޑަށް ތައުބާ ވެވިދާނެތޯ އެވެ. ދެން ރަސޫލާ ހަދީސް ކުރެއްވި އެވެ. އެ ފާފައިން އަޅުގަނޑަށް ތައުބާ ވެވިދާނެތޯ އެވެ. ތިބާގެ މަންމަ ދުނިޔޭގައި އެބަ އިންނެވި ހެއްޔެވެ؟ އޭނާގެ މަންމަ ދުނިޔޭގައި ނެތޭ ދެންވެވުމުން ހަދީސް ކުރެެއްވި އެވެ. ތިބާގެ މައިފުށުގެ ބޮޑު ދައިތަޔަކު ދުނިޔޭގައި އެބަ އިން ހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން ހަދީސް ކުރެއްވި އެވެ. ތިބާ އޭނާއަށް ހެޔޮކޮށް ހިތާށެވެ.". ހުތުބާގައި ވެއެވެ.

ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް ﷲ ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައި ވެސް އުގޫބާތް ލިބޭނެކަން ހުތުބާގައި ހަނދާން ކޮށްދެއްވާފައި ވެއެވެ.