މައިންބަފައިންނަކީ ސުވަރުގޭގެ އެންމެ މާތް ދޮރުކޮޅު ކަމަށާއި އެ ދޮރުކޮޅު ނަގައި ނުލުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވައިފައި ވަނީ މައިންބަފައިންނަށް ކަމޭހިތުމުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ މާތް ﷲ އަށާއި ރަސޫލާއަށް އަދާ ކުރަން ޖެހޭ ހައްގުތަކަށް ފަހު ދެން އަދާކުރަން ޖެހޭ އެންމެ އިސް ހައްގަކީ މައިންބަފައިންނަށް އަދާ ކުރަން ޖެހޭ ހައްގު ކަމަށެވެ. އަދި ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ވެސް ބާރު އަޅުއްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ޝަރުއީ ނައްސަތުތަކުގައި ވެސް މައިންބަފައިންނަށް ކިޔަމަން ގަތުމަށް އަމުރުކުރައްވައި އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައިވާ ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވީ މާތް ﷲ ކަމެއް ކަނޑައެޅުއްވުމުގެ މާނައަކީ އެކަމާ ބެހޭ ގޮތުން ނިޔާ އިއްވުން ކަމަށެވެ. އެހެންކަމުން އެ ނިޔާއަށް އަމަލުކުރުން ވާޖިބުވާނެ ކަމަށާއި އަދި އެކަމެއް ނުކޮށްފިނަމަ ފާފަވެރިވެސް ވާނެ ކަމަށެވެ.

"މާތް ﷲއަށް އަޅުކަން ކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ބަނދެލައްވާފައި ވަނީ އެއް ވާފަށަކުންނެވެ. މިކަމުން އެނގެނީ މައިންބަފައިންނަށް އަޅާލުމާއި އެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އަދި އެ މީހުންނަށް އުރެދުމަކީ މާތް ﷲ ހަރާން ކުރައްވާފައިވާ ކަމެވެ.", ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ކީރިތި ރަސޫލާގެ ހަދީސްއަކަށް ރިއާޔަތްކޮށް ހުތުބާގައި ވިދާޅުވީ މައިންބަފައިންނަކީ ސުވަރުގޭގެ އެންމެ މާތް ދޮރުކޮޅު ކަމަށެވެ. އެހެންކަމުން އެ ދޮރުކޮޅަށް ރައްކާތެރިވެ އެ ދޮރުކޮޅު ނަގައި ނުލުމަށް ވެސް ގޮވާލައިފައި ވެއެވެ. އަދި މައިންފައިންނަށް ހައްގުތަކަށް ރައްކާތެރި ނުވާނަމަ ސުވަރުގޭގެ މަތިވެރި އެ ނިއުމަތުން މަހުރޫމުވާނެ ކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.

"މުސްކުޅިވެފައިވާ މައިންބަފައިންނަށް ހިދުމަތް ކުރާނެ ފުރުސަތު ލިބުނު މީހާ އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވާށެވެ. އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުވައި ދެއްވީތީ އެވެެ. މައިންބަފައިންނަށް އުރެދުމަކީ ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެކެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.