ނ. ވެލިދޫއަކީ ޓޫރިޒަމް ދާއިރާ ފުޅާވަމުން އަންނަ ސަރަހައްދެއް ނަމަވެސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް މަދެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ޒުވާނުން ހަލާކުވަމުންދާއިރު އެކަމަށް އެއްވެސް ހައްލެއް އަދި ހޯދިފައި ނެތެވެ. އިޖުތިމާއި ގިނަ މައްސަލަތައް އުފެދިފައިވާއިރު، އެކަމަށް ހައްލު ގެނެސްދީ ޒުވާނުންނަށް ފުރުސަތު ފަހި ކުރަން މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެއެވެ. ސަރުކާރު ތެރެއިން މައްސަލަތައް ހައްލުކޮށް ދާއިރާއަށް ތަރައްޤީ ގެނެސްދެވޭނެ ކެނޑިޑޭޓެއްގެ މުހިންމުކަން އޮތީ ބޮޑުވެފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް މުހައްމަދު ނަވީޒު ވެލިދޫ ދާއިރާއަށް ކުރިމަތިލައްވައިގެން އެ ހުންނެވީ އެ މައްސަލަތަކަށް ހައްލު ހޯދުމަށެވެ. ދާއިރާ ކުރިއަރުވައި ޒުވާނުންގެ މުސްތަޤުބަލް އުޖާލާކޮށް ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމަށެވެ.

ނަވީޒަކީ ވެލިދޫއަށް އުފަން ޒުވާން ލީޑަރެކެވެ. ކިޔެވުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތުމާއެކު ސްކޫލް ތެރޭގައި ހަރަކާތްތެރިކޮށް އުޅޭތީ، ކުލާހުން ބޭރުގައި ގިނަ ދުވަހު ހުންނަން ޖެހުނަސް، ވަރަށް ހިތްވަރާއެކީ 2002 ވަނަ އަހަރު އޭނާ ތައުލީމީ ހަޔާތް ނިންމާލިއެވެ. އޭރުވެސް ނަވީޒުއަކީ ވަރަށް ދޫހެލޭ ވާހަކަ ދެއްކުންތެރިއެކެވެ. ކުލާސް ކުރިއަށްގެންދާ އިރުވެސް އޭނާ ވާހަކަ ހުއްޓާނުލައްވާތީ ކިޔަވައިދޭ ޓީޗަރުންނަށް އުނދަގޫވާ ހިސާބަށް ދިޔުމުން ކޮންމެ ދުވަހަކުހެން ކުލާހުން ބޭރުކޮށްލައެވެ. ނަވީޒު ވިދާޅުވި ގޮތުން، އޭރުވެސް އިސްލާމް މާއްދާ ކިޔައިވައި ދިން ޓީޗަރުގެ ވަރަށް ބޮޑު ސަޕޯޓެއް ދިޔައީ ލިބެމުންނެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެލިދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް މުހައްމަދު ނަވީޒު

ތައުލީމީ ހަޔާތް ނިންމަވާލެއްވުމަށްފަހު ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން އޭނާގެ އިސްލާމް ޓީޗަރުގެ ލަފާ އެކަމުގައިވެސް ހޯއްދެވިއެވެ. އޭރު ރައްޔިތުންގެ މަޖިލިސް ސިފަކުރެވިފައި އޮންނަނީ "ޖަނަވާރު ކޮއްޓެއް"ގެ ސިފައިގައެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް އޭނައަށް ކުރިމަތިވި ސުވާލަކީ "މަޖިލީހަށް ވަދެ ވާހަކަ ދައްކާނެ ހިތްވަރު ހުންނާނެހޭ" އެވެ.

"އޭނާއަށް ގުޅާފައި މިބުނީ، ސާރއޭ ވިސްނުން އެބަހުއްޓޭ މަޖިލީހަށް ކުރިމަތިލާން. ބުނީމާ ބުނަނީ ނަވީޒުއޭ ޖަނަވާރު ކޮއްޓަށް ވަންނަން ދޯ އޭ ތިއުޅެނީ. އެތަނަށް ވަދެ ވާހަކަ ދައްކާނޭ ހިތްވަރު ހުންނާނެ ހޭ. ބުނީމަ ބުނިން، ސާރއެއް ނޫންހޭ އަޅުގަނޑު ވާހަކަ ގިނަވެގެން ކުލާހުން ބޭރުގައި ބަހައްޓަނީ." ނަވީޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެލިދޫ ދާއިރާއަށް ފަސް ކެނޑިޑޭޓުން ވާދަކުރެއްވިނަމަވެސް ދާއިރާގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިފަހަރު މަޖިލީހުގެ ތެރެއިން ތަފާތު ދައްކައި ދާއިރާ ކުރިއެރުވޭނެ ކެންޑިޑޭޓަކީ ނަވީޒެވެ. އެހެންކަމުން އެ ދާއިރާގައި ނަވީޒަށް ވަރަށް ލޯތްބާއި ތާއީދު އެބައޮތެވެ.

މަޖިލިހަށް ކުރިމަތިލީ ކީއްވެ؟

ނަވީޒު ސިޔާސީ ދާއިރާގައި އުޅޭތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް އޭނާ ހުންނަވަނީ ފަރުދާގެ ފުރަގަހުގައެވެ. އެގޮތުން ކެންޑިޑޭޓުންނަށް މެނިފެސްޓޯ ތައްޔާރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ހިންގެވުމުގައި ނަވީޒުގެ ދައުރު ބޮޑެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނަވީޒު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދާއިރާގެ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވައިފައެވެ. ރައްޔިތުން ބޭނުންވީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އެޅޭ ފާލަމަކަށް ނަވީޒު ވުމަށެވެ. އެހެންކަމުން ރައްޔިތުންނަށާއި ގައުމަށް ޚިދުމަތްކުރަން ގައުމަށްޓަކައި ލޭ އޮހޮރުވާން ހުރި ނަވީޒު ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ އަޑު ސަރުކާރާ ހަމައަށް އުފުލައިދޭން މަޖިލީހަށް ކުރިމަތިލާން ނިންމީއެވެ.

"ރިޔާސީ އިންތިހާބުގައި ކުރި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ވަރަށް ގާތުން ޕާޓީގެ މެމްބަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު. ދެން އެކުރެވުނު މަސައްކަތުގައި ވަރަށް ގިނަ ބަޔަކު އެދުނު ތިމަންނަމެންނަށް ސަރުކާރާ ދެމެދު އެޅޭ ފާލަމެއްގެ ގޮތުގައި މަސައްކަތްކޮށްދޭން ތިމަންނަމެން ބޭނުމޭ މީހަކު. ތިމަންނަމެން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ރަނގަޅު ފުރުސަތެކޭ އެ ބަދަލު ގެންނަން." ނަވީޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެލިދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް މުހައްމަދު ނަވީޒު

ދާއިރާގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުނިމި ދިގުލައިގެންދާކަން ފާހަގަކުރައްވަމުން ނަވީޒު ވިދާޅުވަނީ، އޭނާ އެ ދާއިރާއަށް ކުރިމަތިލެއްވީ ސަރުކާރު ތެރެއިން ވީހާވެސް އަވަސް ހައްލެއް އެ މައްސަލަތަކަށް ހޯއްދަވަން ކަމަށެވެ. އެގޮތުން ސިއްޚީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމާއި އާރުޓީއެލް ފެރީ ފެށުން ކަހަލަ ގިނަ މަޝްރޫއުތައް ދާއިރާއަށް ގެންނައުމަކީ ނަވީޒުގެ ތަސައްވުރެކެވެ.

"ހަޤީގަތުގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި. އިޖުތިމާއީ ގޮތުން ވަރަށް ބައިވަރު މައްސަލަތައް އެބަހުރި، ތަރައްޤީގެ ގޮތުން ފެށިފައިވާ މަސައްކަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަވެސް އެބަހުރި، އެ ހުރިހާ ކަމެއް ސަރުކާރުގެ ތެރެއިން ވީހާވެސް އަވަސް ހައްލެއް ހޯދައި އެކަންކަން ނިންމައި ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުން." ނަވީޒު ވިދާޅުވިއެވެ.

ނަވީޒު ވިދާޅުވި ގޮތުގައި، ވެލިދޫ ދާއިރާގައި ޒުވާން ޖީލު މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެގެންދާއިރު އެ ޒުވާނުން މަސްތުގެ ދުނިޔެއިން ނެރެ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ އޭނާގެ އަޒުމެކެވެ.

ނަވީޒުގެ ވިސްނުމަކީ ޓޫރިޒަމް އިތުރަށް ފުޅާ ކުރުން

ނ. އަތޮޅަކީ ޓޫރިޒަމްގެ ދާއިރާގައި ކުރިއަރަމުން އަންނަ ސަރަހައްދެކެވެ. ނަމަވެސް އެ ދާއިރާގައިވެސް ޒުވާނުންނަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. ކައިރި ރިސޯޓްތަކުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބި ރަށާއި މާދުރުގައި ވަޒީފާ އަދާކުރަން ޖެހުމާއި ވަޒީފާއެއް ނެތި ރަށުގައި ޒުވާނުން ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ އޭނާ އިސްކަން ދެއްވާނެ ކަމެކެވެ.

ނަވީޒު ވިިދާޅުވީ، އަތޮޅުގައި އެއާޕޯޓެއް އެޅިގެންދިޔުމުން ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމަށާއި މަސައްކަތް ފަށައި އާމްދަނީ ލިބޭނެ ގޮތްތައް ޒުވާނުންނަށް ހޯދައިދޭން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ލޯކަލް ޓޫރިޒަމްގެ ފައިދާ ޒުވާނުންނަށް ކުރާނެ ގޮތްތައް ވެސް އެބަ ހުރި ކަމަށާއި އެކަން ހާސިލުކުރަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރިސޯޓުތައް އެބަހުރި އެކަމަކު ޒުވާނުންނަށް ހުރި ފުރުސަތުތައް ކުޑަ، ދެން އޭގަ ކުރެވިދާނެ ކަންތައްތައްވެސް އެބަހުރި. ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާކޮށް ރަށުގެ ޒުވާނުންނަށް ސީދާ އޭގެ ނަފާ ލިބޭ ގޮތަށް މަސައްކަތްކުރާނެ ގޮތްތައް އެބަހުރި." ނަވީޒު ވިދާޅުވިއެވެ.

ސަރުކާރަށް މަޖިލީހުގެ އަޤުލަބިއްޔަތު ލިބުމަކީ ކިހާ މުހިންމު ކަމެއްތޯ؟

މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު އެމްޑީއަށެވެ. އެހެންކަމުން އެ ބާރުގެ ބޭނުންކޮށް ސަރުކާރު ވައްޓާލަން އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށް ދާއިރާގެ މެންބަރުން ޤަބޫލުކުރެއެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ ސަރުކާރުގެ ކެނޑިޑޭޓެއް ދާއިރަށް ހޮވައި މެޖޯރިޓީ ސަރުކާރަށް ލިބުމުން ކަމަށް ނަވީޒު ޤަބޫލުކުރައްވައެވެ.

"ސަރުކާރު ރަނގަޅަށް ހިނގައިނުގަނެވިގެން އުޅެނިކޮށް ރައީސަކު އަޒުލުކުރާ ވާހަކަ މިދައްކަނީ. އެހެންވީމަ އެކަހަލަ ކަންތައްތަކަކީ ގައުމު ހިނގުން ހުއްޓާލުމަށް ކަނޑައެޅިގެން ކުރެވޭ ކަންތައްތައް. ދައުލަތު ހުއްޓާލުމަށް އިދިކޮޅުން އެކުރާ މަސައްކަތަށް ބާރު ނުދިނުމުގެ ގޮތުންވެސް ރައްޔިތުން އެ ނިންމުން ނިންމަން އެބަޖެހޭ." ނަވީޒު ވިދާޅުވިއެވެ.

މަޖިލީހުގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންތައްތަކަށް ރިޔާއަތްކޮށް އޭނާ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުން ސަރުކާރަށް މެޖޯރިޓީ ލިބިގެން ނޫނީ އެމްޑީޕީން ދައުލަތަށް އަޅަމުންދާ ހުރަސްތައް ނައްތާލައި ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖެއަށް ތަރައްޤީ ނުގެނެވޭނެއެވެ. އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ މިހާރު މަޖިލިސް ތެރެއިން ފެނިގެންދާ މަންޒަރުތައް ތަކުރާރުވެ ސަރުރާކު ހިންގަން އެކި ގޮތްގޮތުން ހުރަސް އަޅާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ނިމިގެން މިދާ 19 ވަނަ މަޖިލީހުގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންތައްތައް ނުކޮށްދެވުމުން ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ނަވީޒު ވިދާޅުވިއެވެ. އެގޮތުން، ވަޒީރުންނަށް ރުހުން ނުދީ ލަސްކުރުމާއި ރައީސް އަޒުލުކުރަން އުޅުން ފަދަ ކަންތައްތަކުގެ ސަބަބުން ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ދޭން ބޭނުންވަނީ ކޮން މެސެޖެއް؟

ނަވީޒު ވިދާޅުވި ގޮތުގައި އޭނާ ނުކުންނަވަނީ މާޔޫސްވެފައި ތިބި ވެލިދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށްވެސް އުފާވެރި އަދި ފޮނި އުއްމީދަކާއެކުގައެވެ. އެހެންކަމުން އޭނާ ބަލައިގަނެ އޭނާ ހޮވުމުން ރައްޔިތުންނަށް އޭގެ މަންފާ މުސްތަޤުބަލުގައި ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ ސިޔާސަތުތައް ތަންފީޒުކޮށް ސަރުކާރު ހިންގުމުގައި ބައިވެރިޔަކަށްވާން ނަވީޒު ބޭނުންފުޅުވެއެވެ.

އެހެންކަމުން ނަވީޒުގެ އެދުމަކީ ދާއިރާގެ ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށް ވޯޓުލައިދިނުމެވެ. އެންމެ ވޯޓަކީވެސް އޭނާއަށް ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން ވޯޓުނުލާން ނިންމުމުގެ ބަދަލުގައި ވޯޓު ލައިގެން މިފަހަރު ބަދަލެއް ގެނެސް ސަރުކާރަށް މެޖޯރިޓީ ނަގައިދިނުމަށް ނަވީޒު ވަނީ އެދިވަޑައިގަތެވެ.

ވޯޓުލާން ނުކުމެ ނިންމުން ނިންމުމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކަން ނަވީޒު ފާހަގަކުރެއްވިއެވެ. އެގޮތުން އެތައް ހާސް ބަޔަކު ވޯޓުލާން އޮންނަ ފޮއްޓަކަށް ސަތޭކަ ވަރަކަށް މީހުން ނުކުމެ ވޯޓުލުމުން އޭގެ ނަތީޖާއެއްގެ ގޮތުން ކަންތައް ކޮށްދިނުމަށް ނިންމައިގެން ހުންނަ އެންމެ ރަނގަޅު މީހާއަށްވެސް އެ ފުރުސަތު ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވޯޓުލާން ގިނަ ބަޔަކު ނުކުމެ އެ ނިންމުން ނިންމާއިރު އޭގައި ބައިވެރިވުމަކީ ހަޤީގަތުގައި ވަރަށް މުހިންމު ކަމެއް. ސަބަބަކީ ރާއްޖޭގައި އިންތިހާބުތަކުގައި މިހާރު މިދަނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވެ އެ ނިންމުން ނިންމާ ނިސްބަތް ވަރަށް ބޮޑަށް ދަށްވަމުން." ނަވީޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަން

    މުއިއްޒަށް އެއްބާރުލުން ދޭނެމީހަކު ހަމަ ހޮވަންވީ. މިދިޔަ 5 އަހަރުގެ ނުތަނަވަސްކަމުން ސަލާމަތްވާން މިކން ކުރަން އެބަ ޖެހޭ

    8
    9