އިދިކޮޅު އެމްޑީޕީގެ 2018 ވަނަ އަހަރު ވެރިކަމަށް އައީ "އަނިޔާވެރި" ވެރިކަމެއް ނިމުމަކަށް ގެނެސް "އޯގާތެރި ވެރިކަމެއް" ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނެގެންނެވެ. އެހެންނަމަވެސް، އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފެނުނު މަންޒަރުތަކާ ހެދި ދިވެހި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނުމުން، މިހާރު އިދިކޮޅުގައި ތިބެ އެމްޑީޕީއިން އަނެއްކާ ވެސް ވަނީ "އަނިޔާވެރި" ލޭބަލް އަދުގެ ސަރުކާރާ ދެކޮޅަށް ބޭނުންކުރަން ފަށައިފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރު އިމްތިހާނު ކުރާނެ މާ ގިނަ ކަންތައްތަކެއް އަދި ނުހިނގާ ނަމަވެސް، އެމްޑީޕީން މަޖިލީހުގެ ކެމްޕެއިން ޖަލްސާތަކުގައި ބުނަމުންދަނީ މިއީ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއް ކަމަށެވެ. އެއީ ހަގީގަތް ކަމަށް ގަބޫލުކުރަން އެމްޑީޕީން ބޭނުންވެއެވެ. އެ ޕާޓީން ބުނަނީ ނިމިގެންދިޔަ އެމްޑީޕީ ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނެސްދީ، ނޫސްވެރިންނާއި ސިޔާސީ އިދިކޮޅު ލީޑަރުންނަށް އެންމެ މިނިވަންކަމާއެކު ހިޔާލު ފާޅުކުރަން ފުރުސަތު ދިން ނަމަވެސް، މިއަދު އެކަން ބަދަލުވަމުންދާ ކަމަށެވެ.
"އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންގެ އަސާސީ ހައްގުތައް، ވަކިން ޚާއްސަކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނު. ސަރުކާރާއި ދެކޮޅަށް ރޭވިގެން އިންތިޒާމުވެގެން ދޮގު ޚަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ،" 2023 ވަނަ އަހަރު ޑިސެމްބަރ 22 ވަނަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރ. އުނގޫފާރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ދީނީ އިލްމުވެރިންނަށާއި ނޫސްވެރިންނަށް އަދި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ބަސް ބުނުމުގެ ފުރުސަތުދީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ކަމަށެވެ.
"ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމަ ފުރުސަތު ލިބިގެން ދިޔަ، ބަސް ބުނުމުގެ. ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް ފުޅާ ކުރެވިއްޖެ. ސިޔާސި ލީޑަރުންނަށް ބަސް ބުނުމުގެ ފުރުސަތު އެ އޮތީ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގައި ތަފާތެއް ނެތް، އެންމެނަށް އެ ފުރުސަތު ލިބިފައި އެ އޮތީ،" ސޯލިހު ވިދާޅުވިއެވެ.
އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ހުރަސް އެޅި އެއް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މިމަހު 11 ވަނަ ދުވަހު ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެ ދުވަހު ބޮޑެތި ގަނޑުތަކުގައި ފޮޓޯޓައް ޕްރިންޓުކޮށްގެން ހީނާ ކިޔައިދެއްވީ އެމްޑީޕީ ސަރުކާރުގެ އަނިޔާވެރިކަމެވެ. ރައްޔިތުންނާއި ސިޔާސީ ލީޑަރުންނަށް އަދި ނޫސްވެރިންނަށް ނިމިދިޔަ ސަރުކާރުން ކުރި ފުރައްސާރައެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ހިސާބު: ވަކި މީހެއް ނުބަލައި އަނިޔާކުރުން
ވޭތުވެ ދިޔަ ފަސްއަހަރަކީ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ ސަރުކާރެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައިއެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި ފުލުހުން ބެރިކޭޑް ޖަހައި، ޕާޓީ އޮފީސް ދޮރުމަތި ބަންދުކޮށް ފުލުހުން އެތަންތަނަށް ހުރަސް އަޅައި އިދާރީ މުވައްޒަފުންނަށްވެސް ޕާޓީ އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައި އެތައް ދުވަހަކު ތިބިކަން ހީނާވަނީ ފާހަގަކޮށްފައެވެ.
"މިވޭތުވެ ދިޔަ 5 އަހަރުތެރޭ އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އެއްވެސް ގޮތަކަށް އެބޭފުޅުން އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު ނުދިންތައް އަޅުގަނޑުމެންނަށް ފެނިގެންދިޔަ.'' ހީނާ ވިދާޅުވިއެވެ.
ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ފުލުހުން ސީދާ އިދިކޮޅު ފަރާތްތަކުގެ ލޮލަށާއި ނޫސްވެރިންގެ ލޮލަށް އަދި އަންހެނުންގެ ލަދުވެތި ގުނަވަންތަކަށްވެސް ޓާގެޓްކޮށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. އަދި މުޒާހަރާތައް ކަވަރ ކުރި ބައެއް ނޫސްވެރިންނަށް އަނިޔާ ލިބި ބިންމައްޗަށް ވެއްޓި، ބޭނުންކުރި ކެމެރާފަދަ ތަކެތިވެސް ވަނީ ހަލާކުކޮށްލާފައެވެ.
"މުޒާހަރާތަކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ފުލުހުން ހަމަ އަނިޔާކުރަމުން ދިޔަތަން. އަންހެނުންނަށް ހާއްސަކޮށްގެން ޓާގެޓްކޮށްގެން ފުލުހުންގެ އަނިޔާތައް ކުރަމުންދިޔަތަން. އަދި ބައެއް ފަރާތްތައް ފަހައި ދުވެ މަގުމަތީގައި ނަގަމުން ދިޔަތަން އެއީ އެންމެން ލޯ ކުރިމަތިން ފެނުނު މަންޒަރުތައް." ހީނާ ވިދާޅުވިއެވެ.
"ވަގުތު"އަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އޭރު އިދިކޮޅުން މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމުން ހަލަބޮލިކަން ކޮންޓްރޯލް ކުރުމަށް ފުލުހުން ނުކުތް ނަމަވެސް އެއީ މުޅި އިންތިހާބަށް ހުރަސް އެޅުމެއް ނޫން ކަމަށެވެ.
"މާލެތެރެ ސިޔާސީ ހަރަކާތެއްގައި ހަލަބޮލިވީމާ ކޮންޓްރޯލްކުރަން ފުލުހުން ނުކުމެ ފުލުހުން ހިންގާ ކަންކަން، މިސާލަކަށް އެންމެ ރެޔަކު މަގުބަންދުކުރުން ނޫނީ ހަމަނުޖެހުމެއް ހުއްޓުވުން، އޮފީހަށް މުވައްޒަފުން ނުވެއްދުން އެއީ މުޅި އިންތިހާބަށް ހުރަސްއެޅީ ކަމަކަށް ބުނާނެ ޖާގައެއް އޮތް ކަމެއް ނޫންތާ." އީސަ ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރި ރަސްމިއްޔާތުން ފެށިގެން އެމްޑީޕީ ސަރުކާރުން ދިޔައީ ނޫސްވެރިންގެ އަޑު ކަނޑުވާލައި މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންނެވެ. އެގޮތުން ނޮވެމްބަރ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވައި ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ނޫސްވެރިން ނުވައްދައެވެ. އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނޫސްވެރިންނަށް ބަންދު ކުރިއިރު އެމްޑީޕީއިން ވެރިކަމަށް އައިސްފައި ވަނީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަންދީ، ނޫސްވެރިން ބޭނުންވާ ފުރުސަތުތައް ފަހިކޮށްދޭނެ ކަމުގެ ވައުދާއި އެކުގައެވެ.
އެ ވެރިކަމުގެ ދައުރުގެ ތެރޭގައި ނޫސްވެރިންނަށް، ހާއްސަކޮށް އިދިކޮޅުގެ ހަރަކާތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް އެކި ހަކަލަ އުނދަގޫތަކާ ކުރިތިލާން ޖެހުނެވެ. އޭގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލަތައް ހިމެނެއެވެ. އަދި ނޫސްވެރިންނަށް ފުރައްސާރަކޮށް އަނިޔާއާއި މަރުގެ އިންޒާރު ދިނުން ފަދަ ކަންތައްތައް ހިނގައިިދިޔަ އިރު އެކަށީގެންވާ ގޮތެއްގައި އެފަދަ ކަންކަމުގައި ފިޔަވަޅު އެޅިފައި ނެތެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަޑު އުފުލައި، ޝަކުވާތައް ރައީސް އޮފީހަށް
މިދިޔަ ފަސް އަހަރު ނޫސްވެރިންނަށް އިންސާފު ނުލިބުނު ބައެއް މައްސަލަތައް:
- (ފެބްރުއަރީ 2021) - "ކޮބާ މަގޭ ފްލެޓް" ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުން ގެންދިޔަ ޗެނަލް 13 ގެ ކެމެރާމަންއަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު އަދި އެޗެނަލްގެ ނޫސްވެރިންތަކަކަށް "ލެސޫކް ކެފޭ" ގައި ހިނގާދިޔަ ހާދިސާއެއް ކަވަރުކުރުމުގެ ތެރެއިން ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވޭ
- (ޖެނުއަރީ 2023) - މީސްމީޑިޔާ މެދުވެރިކޮށާއި އަދި އެނޫންވެސް ގޮތްގޮތުން، "މިހާރު" ނޫހުގެ އެކި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބަދުނާމުކޮށް، އަބުރު ގެއްލޭ ފަދަ ވާހަކަތައް ފެތުރުން
- (ފެބްރުއަރީ 2023) - "ވަގުތު 26" އިން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު އައްޑޫގައި ކުރިއަށް ގެންދިޔަ ތަހްގީގަކަށް ފަހު އާއްމުކުރި"އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" ރިޕޯޓާއި ގުޅިގެން "ވަގުތު" ނޫސްވެރިން ގަތުލް ކުރާނެކަމަށް ބުނެ ބަޔަކު ފޭސްބުކްގައި އިންޒާރު ދިނުން
- (މާރޗް 2023) - "ފައިހު ފޮރުވައިގެން އުޅޭ މައްސަލައެއްގައި ހައްޔަރުކުރި އެކަކީ މީގެ ކުރިން ސީރިއާ ބޯޑަރުން އަތުލައިގަތް މީހެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުގައި އިއްޔެ ޚަބަރެއް ޝާއިއުކުރުމާއި ގުޅިގެން އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާ އާއި، އެނޫހުގެ ނޫސްވެރިންނަށް ކާކުކަން ނޭނގޭ ފަރާތްތަކުން މަރުގެ އިންޒާރު ދިނުން
- (އޭޕްރީލް 2023) - ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއާ ގުޅޭ ގޮތުން "ދައުރު" ނޫހުގައި ޝާއިއުކުރި ލިއުމަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ އަހުމަދު ނާއިފަށާއި ސީނިއާ އެޑިޓަރަށް އެކި ނަންބަރުތަކުން ގުޅައި މެސެޖްކޮށް މަރުގެ އިންޒާރު ދިން
މީގެއިތުރުން އޭރު އިދިކޮޅު އެންމެ ބޮޑު ކޯލިޝަން ޕީޕީއެމް/ޕީއެންސީން 2021 ވަނަ އަހަރު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަން ރާއްޖޭގެ ގިނަ މީޑިއާތަކުން ނޫސްވެރިންނާއި ފޮޓޯގްރާޕަރުންނަށް އެސްއޯ ފުލުހުން ވަނީ އަނިޔާކޮށްފައެވެ. އޭރު މީސްމީޑީޔާގައި ދައުރުވަމުންދިޔަ ވީޑިޔޯތަކުން ފެންނަ ގޮތުން އެތަނުގައި ތިބި ޗެނަލް 13 ގެ ކެމެރާމަނަކާއި ސަންގު ޓީވީގެ ނޫސްވެރިން ކޮށްޕައި ބިންމައްޗަށް ވައްޓާލައެވެ.
އެމްޑީޕީ ސަރުކާރުން ނޫސްވެރިންނަށް ކުރަމުންދިޔަ އަނިޔާތަކާއި ދެކޮޅަށް 2021 ވަނަ އަހަރު ފެބްރުއަރީ މަހު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ އިދާރާ ކުރިމަތީގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާ ގުޅޭ ގޮތުން އަޑު އުފުލައި އެކަން ކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި މިދިޔަ އަހަރު މެއި މަހު ރައީސް އޮފީހަށް ޝަކުވާވެސް ހުށަހެޅިއެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމާއި، މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަކަށްވާ އިރު، ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އޭރު ދިޔައީ ބުނަމުންނެވެ. އަދި ހަމައެއާއެކު ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިންވެސް ވަނީ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުމާއި އަނިޔާކުރުން ކުށްވެރިކޮށްފއެވެ.
ކެމްޕެއިނަށް ހުރަސް އެޅުން
އެމްޑީޕީން ތުހުމަތުކުރާ ގޮތުން މިމަހު 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ނެގުމަށް ސަރުކާރުން ދަނީ ބާރުގެ ބޭނުންކޮށްގެން ކެމްޕެއިނަށްވެސް ހުރަސް އަޅަމުންނެވެ. ސިޔާސީ ޕާޓީތަކުން މިނިވަން ކަމާއެކީ ކެމްޕެއިން ކުރުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭ ކަމަށް ބުނެއެވެ. އެގޮތުން ކުރީގެ ރައީސް އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންއެފް ޖަލްސާ ބާއްވަން ފުލުހުން ހުރަސް އެޅިކަން އީސަ ފާހަގަކޮށްލިއެވެ.
އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީންކަން ދެއްވަމުން ދަނީ އެމަނިކުފާނުގެ ސަރުކާރު އަނިޔާވެރި ނުވާނެ ކަމަށެވެ. އަދި އެއްވުންތައް ކޮންޓްރޯލު ކުރުމުގައި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ސިލްސިލާ ނިމުމަކަށް ގެންނާނެ ސަރުކާރު ކަމަށް ވިދާޅުވެއެވެ.
ޕީއެންއެފްގެ ޖަސްލާ ހުއްޓުވަން މި ފަހުން ފުލުހުން ބާރުގެ ބޭނުންކުރި ހާދިސާގައި އަމަލު ކުރި ގޮތް ބަލަން ވެސް ރައީސް މުއިއްޒު ވަނީ އަންގަވައިފައެވެ. އެކަމާ ގުޅިގެން ފުލުހުންގެ އެތެރޭގެ ރިޕޯޓެއް ތައްޔާރު ކުރުމުން އެއަށް ބިނާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަން ރައީސް ވަނީ މިހާރު އަންގަވައިފައެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ވެރިކަމުގައި ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމަތި ބަންދުކޮށް ޕީޕީއެމް/ޕީއެންސީން ކުރަމުންދިޔަ އިހުތިޖާޖުތަކަށް ހުރަސް އަޅައި، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފުރުުސަތު ދީފައި ސްޕޯކްސްޕާސަން ހީނާ ފާހަގަކުރައްވާފައިވެއެވެ.
ކެމްޕެއިނަށް ހުރަސް އަޅާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، ވެރިކަންކުރާ ކޯލިޝަނުގެ ކެނޑިޑޭޓާއި ދެކޮޅަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހޯރަފުށީ ކައުންސިލުން އެންޓި ކެމްޕޭން ކުރުމުގެ އިތުރުން، އެ ކައުސިލްގެ ވަސީލަތްތައް އެމްޑީޕީގެ ކެމްޕޭނުގައި ބޭނުންކުރާކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ވަނީ ތުހުމަތުކޮށްފައެވެ. އަދި ކައުންސިލުގެ ނުފޫޒު އޮތް ކަންކަމުގައި އެހީވާނެ ކަމަށް ނުފޫޒު ފޯރުވައިގެން ބާރު އަޅާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެހެންކަމުން ހޯރަފުށީ ކައުންސިލްގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ބެލުމަށް ކަމަބެހޭ އިދާރާތަކަށްވެސް ޕީއެންސީ އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ވަޒީފާ ބެހުމާއި ބިރު ދެއްކުން
އެމްޑީޕީ ސަރުކާރަށް ނަޒަރެއް ހިންގާލާއިރު ސަރުކާރުގެ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއަށްވެސް ކުންފުނިތަކުގެ މުވައްޒަފުން ނެރެނީ އިތުރު ގަޑި ދީގެންނެވެ. ނުކުންނަން މަޖުބޫރުވެސް ކުރެއެވެ. ވޯޓު ދޭން ބުނެފިނަމަ ނެތް ވަޒީފާތައް އުފައްދައިގެންވެސް އެ އާއިލާގެ މީހުންނަށް ވަޒީފާ ދީފައިވެއެވެ. އެގޮތުން ފެނަކަ އާއި އެމްޓީސީސީއަށް ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަން ފާހަގަކުރެވެއެވެ.
އީސާ "ވަގުތު"އަށް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި އަދި އޭގެ ކުރިން ނިމިދިޔަ ކައުންސިލް އިންތިހާބާއި، މިދިޔަ މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީ ކެނޑިޑޭޓުންނާ ދެކޮޅަށް ނުކުމެ ފާޅުގައި ސޯޝަލް މީޑީއާގައި ދެކޮޅަށް ލިޔުނު ހުރިހާ ކުދިންވެސް ވަޒީފާގައި ތިބި ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރާ ފަރާތްތައް ވަޒީފާއިން ކަނޑާ އަދަދު ގިނަ ވެއްޖެ ކަމަށް އީސާ ވިދާޅުވިއެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ނުކުތްއިރު އަޅުގަނޑު ދާއިރާގައި ކުޑަފަރީގައި ސްޓޭޝަން މެނޭޖަރަކަށް ހުރި ފައިސަލް، އޭރު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު. އަޅުގަނޑު ކެމްޕެއިން ދަތުރުގައި ކުޑަފަރީއަށް ގޮސް ރައްޔިތުންނާއި ބައްދަލުކޮށްފައި އަޅުގަނޑުވެސް އިންދާ ކެމްޕެއިނުގައި ބައިވެރިވާން އެދުނީމާ ފައިސަލް ފާޅުގައި ބުނި ކުރިމަތީގައި ތިމަންނަ މީ އިދިކޮޅު ކެނޑިޑޭޓުގެ ކެމްޕެއިން މެނޭޖަރޭ. ތިމަންނައަށް ކުރެވުނު މަސައްކަތެއް ކުރާނަމޭ އެމްޑީޕީއަށް ގޮނޑި ނުދޭން. އަޅުގަނޑުމެންގެ ވެރިކަން ނިމިދިޔައިރުވެސް އޭނާ ހުރީ ފެނަކައިގެ ސްޓޭޝަން މެނޭޖަރަކަށް. އަޅުގަނޑުމެން އޭނަގެ މަޤާމު ދަށްކޮށް އެކަހަލަ އެއްވެސް ކަމެއް ނުކުރަން." އީސަ ވިދާޅުވިއެވެ.
މިދިޔަ ފަސް މަސް ދުވަސްތެރޭގައި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ފެށިގެން މިދާ ދެ މަސް ދުވަސްތެރޭގައި ފެނަކައާއި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި މީހުން އަދަދު މިހާރު ގާތްގަނޑަކަށް 2،000 އަށް އަރާފައިވާ ކަމަށް އީސާ ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު ރިޔާސީ އިންތިހާބާއި ދިމާކޮށް ފެނަކައަށް މުވައްޒަފުން ނަގާފައިވަނީ އެއްވެސް ހަމައެއް ލަމައެއް ނެތިއެވެ. އެއީވެސް ކޮންޓްރެކްޓު މުވައްޒަފުންނެވެ. އެހެންކަމުން އެ މުވައްޒަފުންގެ ކޮންޓްރެކްޓު ހަމަވުމުން ވަޒީފާއިން ވަކިވިޔަސް އިދިކޮޅުން ބުނަމުން ދަނީ އެއީ މިހާރުގެ ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އަދި އެ މީހުން ވަޒީފާއިން ވަކިކުރަނީ ކަމަށެވެ.
މި ސަރުކާރުގައި މިވީ ކުޑަ ދުވަސްކޮޅުގައި އެމްޑީޕީން މަޖިލިސް ތެރެއިން ސަރުކާރަށް ހުރަސް އަޅާތަންވެސް ފެނިގެންދެއެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތަކުގެ އިތުރުން ސަރުކާރުން ހުށަހަޅާ މުހިންމު ބިލްތައް ބޭރުކޮށްލުން ފަދަ ކަންތައް ވަނީ މަޖިލިސް ތެރެއިން ފެންމަންދެއެވެ. އެމްޑީޕީއިން މަސައްކަތް ކުރަމުންދަނީ އެ ޕާޓީއަށް ރައްޔިތުން ނޫނެކޭ ބުނި ސަބަބުތައް އަދުގެ ސަރުކާރުގެ ބޮލުގައި އެޅުވުމަށް ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނޮވެންބަރު 3 ގަ އިބޫގެ ބަފާބެ ބާގީން މިތަނަށް ގެނެސް ހިފަން އުޅެފަވާއިރު، އެހެން މީހުންނަށް ބާގީންނޭ، ހުދުމުހުތާރޭ ގޮވުން ވަރަށް ހުތުރު. ހުދުމުހުތާރު ވެރިން ގައުމުގެ ހަޒާނާ ހުސްކޮއްލާ، ގާތް މީހުން މަތީ މަގާމުތަކުގަ ބަހައްޓާ، ބޭރުގެ ނުފޫޒުތަކަށް ގައުމު ވިއްކާ ހަދަނީ. އިބޫގެ ވަރިކަމުގަ މި ހުރިހާ ސިފައެއް ހުރި
ތިޔަ ސުވާލުގެ ޖަވާބުގައި ބުނާނީ، ހަރާމް ފައިސާއެއް، އެފައިސާ ހަލާލުކުރަން ސަދަގާތް ކޮށް ބެހިޔަސް އެފައިސާއަކީ ހަރާމް ފައިސާއޭ. މައުނައަކީ، މިވެރިކަން އައީ ރައީސް ޔާމީނު މިނިވަން ކުރުމަށާއި، ޔާމީނުގެ ފޮޓޯ ވިއްކައިގެންނާއި، ހަރާމް ހުކުމް ބާތިލު ކުރަން ކަމަށްވާތީ. މި ހަގީގަތް ރައްޔިތުންނެއް ހަނދާނެއް ނުނެތޭނެ.
ތިޔައީ ކުށްހީއެއް. އެއްވެސް ޕާޓީއަކަށް އަދި ހަމައެކަނި އެޕާޓީ މެމްބަރުން ވޯޓް ލައިގެން ވެރިކަމަށް އާދެވޭވަރުގެ ޤާބިލުކަމެއް ނެތް. ވެރިމީހާ ހޮވެނީ ޕާޓީ މެންބަރުންގެ ވޯޓަށްވުރެ ނިއުޓްރަލް ވޯޓް ގިނައިން ހޯދައިގެން. ނިއުޓްރަލް ވޯޓް ދިން މީހުންގެ މާބޮޑު ޕަސެންޓެއް ނޯންނާނެ ޔާމީނު މިނިވަން ކުރާކަށް.
ޝަރީއަތުގައޮ އޮތް މައްސަލައަކަށް ރައީސްމީހާއަކަށް ބާރެއް ނުފޯރުވޭނެ.
ނިޔާ ކަނޑައެޅުމަކީ ކޯޓުގެ ކަމެއް އެކަން ކުރީމަ އޭގެ ފަހުގަ ރައީސް މީހާއަށް ކަމެއް ކޮށްދެވޭނީ. ބޮލުގެ ބަދަލުގަ ހުރީ އުނބެއްތަ
ބަލަ މިގޮތް ރީދޫ ގައުމައްވީބޮޑުހިޔާނާތުގައިތިބިމީހުން މަޖުލީހައްކުރިމަތިލާގެން އަދި ޖިންސީފުރައްސާރަމީހުންނާ މިކަން ގާނޫނުން ބާރުލިބިފައިވާމީހުންކޮބައިތަ؟؟ ދެންކޮންއިންސާފޭ ކިޔާގެން ތިޔަ މިނިވަންމުއައްސިސާޔޭކިޔާގެން ހަޅޭލަވަމުން ކޮބައިތިޔަބުނާ ޓްރާސްޕޭރަންސީ؟؟ އޭސީސީކޮބައިތަ؟ ނިދާފަތަ ؟ގައުމެގެ މުދާ ނަހައްގުގޮތުގާ ބޭނުންކުރި ކުރީގެސަރުކާރުގެނުހައްގުންދޫކުރިގޯތިތަކުގެމައްސަލަކޮބައިތަ؟ގޯތިދޭނަމޭކިޔާގެން ނެގިފައިސާތައްކޮބައިތަ؟؟ ގިމީހުން މުއްސަދިންގޮތުގާއުޅޭއިރު އެމްޓީސީސީގެ ހިޔާނަތްކޮބައިތަ؟؟ ކޮވިޑްގެ ހިޔާނާތްކޮބައިތަ؟ ރައްޔަތުންމިގޮތައްތިބެންވީތަ މަގުމައްޗައްނުނުކުމެ؟؟ މިކަން ބެލުމަންފުލުހުނައްގޮވާލަން މިއީރައްޔަތުންގެފައިސާއެއްވެސްރައީސެއްގެފައިސާއެއނޫންމިއީ؟؟
އެމުޑީޕީ އަކީ ހުދުމުހުތާރު ޕާޓީ އެއް ހާއްސަކޮއް އިބޫ ވެރިކަމުގަ
ސޭހު ދަރިފުޅާ އެއްކޮއް ނަމާދައް ދަނިކޮއް ދަރިފުޅު މަގުމައްޗައް އެއްލާލުމައް ފަހު އިބޫގެ އަމުރައް ސޭހު ހައްޔަރުކުރި ކައިރި ގައުމެއް ރުއްސަން
ކުރީގެ ރައީސްކަން ކުރި މީހަކު 5 އަހަރުގެ ދައުރެއް ނިމެއންދެން ޖަލުގަ ބަހައްޓައިގެން އަނިޔާކުރި ހަމައެކަނި ވެރިކަން ސުލޯލިހުގެ ވެރިކަން
ފާޓީގެ ލީޑާސިފު ފެއިލުވެއްޖެ އެމުޑީޕީ އުވުމާ ގާތައް ދެން ކުރި އަރާނީ ޑިމެކުރެޓުސް އަދި ޕީއެންއެފު
ސަރު ކާރަށް ފާޑު ކިޔާވަރުގެ ވެރިކަމެއް ކުރިބަޔަކު އަދި ނެތް އެހެން ވީމަ ސަރު ކާރުން ކުރަން ރަވާފަ ހުރި ކަންކަން ބަލައިގަނެ އެކަންކަން ކުރެވޭނެ ގޮތަށް ވާހަ ދައްކާ އެއްބާރު ލާން ވީ. އަހަރުމެން ކުރީގެ ވެރިކަން ކަން ދެކެފިން.
އިބޫއަށް ސުޕަމެޖޯރިޓީ ދިނީމަ ފައިދާވީ ކައިރި ގައުމަކަށް ދިވެހިން ހިފާހައްޔަރުކުރީ އެގައުމާ ދެކޮޅައް އެއްޗެއް ބުންޖަސް
ސަފީރު ބުނާ ގޮތައް ހިންގަން ޖެހުނީމަ ވާނީ އެެހެންތާ ސަފީރު ރުޅީއަާންނަާނެ ސޭހުންދެކެ
ސިޔާސީ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން، ރައީސު އިބޫ ގެ ވެރިކަމުގައި އެމްޑީޕީއަށް މަޖިލިސް ދިނީމާ އިބޫއަށް ބިރުދައްކާފަ މެމްބަރުން މާލިއްޔަތު ލޫޓުވީ، ކޮންމެ މެމްބަރަކަށް ހުޅުމާލެއިން ގޯތިވެސް ފޭރިގަތީ ! ސިޔާސީ ޗޯރުން ހައްތާވެސް މިއުޅެނީ !
އެމްޑީޕީ އަކައް މިސަރުކާރު ޚޮދުމުޚުތާރެކޭ ބުނެވޭކައްނޯންނާނެ އިބްރާހިމް ސޯލިހުގެ ސަރުކާރަކީ މިހާތަނައް މިދިވެހިރާއްޖޭގަ ވެރިކަންކުރި އެންމެ ޚޮދުމުޚުތާރު ސަރުކާރު ތިންބާރު އެއްކޮއްލައިގެން މިހާރުވެސް މަޖްލިހާ ފަނޑިޔާރުގެއާ ލިބިފައޮތީ އެމީހުންނައް އޭގެ އަސަރު މިހާރުވެސް އެބަފެނޭ
ޢަގަ އޮވެ ދޫ ހެލެންޏާ ކޮންމެ އެއްޗެކޭ ވެސް ކިއިދާނެ މުއިއްޒު ހުވާކުރިތާ މަސް ދުވަސް ނުވަނީސް ވެރިކަމުން ދުރު ކުރު މުގެ ވާހަކަ ފެށީ ކޮން އަނިޔާވެރި ކަމެއް ދައްކައިގެން. މުއިއްޒު ހެޔޮ ވެރިކަމެއް ކޮށްފާނެހެން ހީވީމަ އެކަން ކުރިޔަނުދޭން ބައިގަނޑު ތެޅިބާލަނީ. ޙރޔޮ ވެރިކަމެއް ކޮށްްފިއްޔާ މިބައި ގަނޑަށް ވެރިކަމާ ކައިރިވެސް ނުވެވޭނެކަން ޔަގީންވާތީ.