3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން ނުރައްކާތެރި ނިރުބަވެރި ޙަމާލާގެ މޭސްތެރިޔާ ހެންވޭރު ހާޖަރާގެ ބާޣީ ލުތުފީ ރާއްޖެ ނުގެނެސް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފޮރުވައިގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ނުބަލާތީ ބައެއް ފަރާތްތަކުން އެ ކޮމެޓީއަށް ފާޑުކިޔަން ފަށައިފިއެވެ.

އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ކަމަށްބުނެ އަވަށްޓެރި ސްރީލަންކާއަށް ލުތުފީ ފޮނުވާލާފައިވަނީ 16 ޖަނަވަރީ 2010 ގައެވެ. އޭރުއްސުރެ މިދިޔަ މޭމަހާ ޖެހެންދެން ލުތުފީ ލަންކާގައި އުޅެމުންދިޔައީ ސަރުކާރަށް ފިލިގެންނެވެ.

އެހެންނަމަވެސް މިދޔަ އެޕްރީލްމަހު ފަހުކޮޅު ލަންކާއަށް ދިން ނިރުބަވެރި ޙަމަލާއަށްފަހު އެޤައުމުގެ ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އެޤައުމުގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދުމަށް މަސައްކަތް ފެށުމާއެކު ލުތުފީ ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާފައެވެ.

ދިވެހި ސަރުކާރުންނާއި އިންޓަޕޯލުންވެސް ހޯދަން އިއުލާން ކޮށްފައިވާ ބާޣީއަށް ދިވެހި އެމްބަސީން ދެމުން އަންނަނީ ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ވެރިންނަށްވެސް ދެމުންދާ ޚިދުމަތްތައްކަން ވަނީ ފަޅާ އަރާފައެވެ.

މިއާއެކު ފުލުހުން ވަނީ އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި 48 ގަޑިއިރުގެ ތެރޭގައި އޭނާ މާލެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ފުލުހުން ވިދާޅުވި މުހުލަތު ފަހަނައަޅައި ދިޔައިރުވެސް ސަރުކާރަށް އޭނާ ރާއްޖެ ނުގެނެވުނެވެ.

މިއާއެކު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަކީ ސަރުކާރުގެ މުވައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެންމެ ހަރަކާތްތެރިކޮށް ފެންނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން މި މައްސަލައިގައި ސަރުކާރުގެ އެއްވެސް އިދާރާއެއް ޖަވާބުދާރީ ކުރުވުމުގައި އަދިވެސް ނިދީގައި އޮތުމުން އެ ކޮމެޓީއަށް އަމާޒު ކުރާ ފާޑުކިއުންތަކެވެ.

ވޭތުވެދިޔަ 2 ހަފްތާއެއްހާ ދުވަހު ވަރަށް ހަރަކާތްތެރިކޮށް ފެނުނު އެ ކޮމެޓީން ވަނީ ޤައުމުގައި ކިތަންމެ ކުޑަ ކަމެއް ހިނގިނަމަވެސް އެ މައްސަލައަށް އަމިއްލަ އަށް ވަދެގެން ނަމަވެސް ގުޅުހުންހުރި މުއައްސަސާތައް ހާޒިރުކޮށް ސުވާލުކޮށް މައްސަލަ ބަލާފައެވެ.

އެހެން ނަމަވެސް ލުތުފީ ރާއްޖެ ނުގެނެސް ސަރުކާރުން ދައްކަމުންދާ ބަހަނާތަކާމެދު އެ ކޮމިޓީން އެއްވެސް އެއްޗެއް ބުނެފައެއް ނުވައެވެ.

މި މައްސަލައިގަ އެކޮމެޓީއަށް ފާޑުކިޔާ ފަރާތްތަކުން ތުޙުމަތު ކުރާ ގޮތުގައި ބާޣީ ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުމަކީ އެމް.ޑީ.ޕީގެ އިސް ފަރާތްތައް ބޭނުން ނުވާ ކަމަކަށްވާތީ އެޕާޓީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން އެކަން ބަލަންވެސް ބޭނުން ނުވާނެއެވެ.

ދާދިފަހު ޖަލުގައި ހިނގައި ދިޔަ ޙަދިސާތަކާއި ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލުމާއި އެނޫންވެސް މައްސަލަތަކުގައި ސަރުކާރުގެ ވެރިން ކޮމެޓީއަށް ހާޒިރުކޮށްފައި ލުތުފީގެ މައްސަލަ އެކޮމެޓީން ނުބަލަންވީ ސަބަބެއް ނެތެވެ.

19 ދިވެހިން ޝަހީދުކޮށްލައި ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ ނާމާން ބިރުވެރި ދުވަސް ރާވައި ހިންގި ބާޣީ އަކަށް ދިވެހި ރައްޔިތުންގެ ފައިސާއިން އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ދެމުން އަންނަ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ބޮޑު ނުވަނީ ކީއްވެގެން ކަމާމެދު ދިވެހިން ސުވާލު އުފައްދައެވެ.

ލުތުފީ ނުގެނެވިގެން އުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކަންބޮޑުވުމެއް ނެތީތޯ ދިވެހިރައްޔިތުން މިއަދު ސުވާލު އުފައްދައެވެ.

ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޚާރިޖީ ވަޒީރުވެސް މި މައްސަލައިގަ ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ވަރަށް ސާފު ދެއްތޯ. ތި މައްސަލަ އެޖެންޑާ ވެސް ނުކުރެވޭނެ

    24
  2. އަލީ

    ވަރަށް ފުރިހަމަ ސުވާލެއް

    18
  3. ފައިސާޔާޒު

    ކޮބާ އެފައިސާ ޔާޒު މިފައިސާ ޔާޒު ނިދީގަތޯ

    13
  4. މުހައްމަދު

    މިސަރުކާރުން ޤަބޫލެއް ނުކުރާނެ އެއީ ކުއްވެރިއެއްކަމަކަށް. ލުތުފީ ގުރޫޕުގެ މީހުން މިހާރު މުޅި ދައުލަތް ހިޞާރު ކޮށްގެން އެތިބީ.. ލުތުފީ އަކީ ބަޠަލެއް، ޣާޒީ އެއް ރީނދޫ ކުދިން ދެކޭގޮތުގަ..

    14
  5. ހޯހޯ

    ބަލަ ތީއެވެރިންގެ ރޭވުން ދެން ތިކަންބަލާނެތަ އެވެރިންގެ ހީރޯ ތިއީ

  6. މުހަންމަދު.

    ބަލަ އެމް.ޑީ.ޕީ އަށް އެއީ ބަތަލެކޭ، މެޖޯރިޓީ ލިބެނީ އެހެން ވެގެންތާ؟

  7. ހ މ ޒ

    ރައީސް ނާސިރުގެ ވެރިކަމުގައި ނާސިރު އަވަހާރަކޮށްލަން ފިސްތޯލަ ގެނެސްގެން 18 އަހަރަށް ޖަލަށްލި މީހެެއް. އެކަމުގައި އަންނިގެ ބަފަޔާއި އިބޫގެ ބަފާކަލޭގެއާއި ދޮންބިލެތް އަހުމަދުގެ ބަފާވެސް ބައިވެރިވެގެން ޖަލަށްލި. އަންނިއާއި އަންނިގެ ޢާއިލާއަކީ އަބަދުވެސް ވެރިކަމާ ތޮޅެ ބަޣާވަތްކުރަމުންދާ ބައެއް. އަންނިގެ މުނިކާފަ ވެސް ކުރިން ބަޣާވާތް ކުރުމުގައި ބައިވެރިވެގެން އަދަބު ލިބުނު ވާހަކަ ކިޔާ އަޑު އެހިން.