(ޕްކެޓް، ތައިލެންޑް) ތައިލެންޑްގެ ޕްކެޓަކީ އެގައުމުގެ އުތުރުގައި އޮންނަ އެންމެ ރީތި އެއް ސަރަހައްދެވެ. ފަރުބަދަތަކުން އުފެދިފައިވާ ރަށްތަކާއި، ރެއިންފޮރެސްޓްތަކުން ފުރިފައި އޮންނަ މިސަރަހައްދަށް ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. އަހަރެމެން ވެސް ދިިގު ދަތުރެއްގައި ކޮށްފައި މިޝަހަރަށް އައީ މިރީތިކަމުން ކުޑަމިންވަރެއް ނަމަވެސް ތަޖުރިބާ ކޮށްލާށެވެ.

ޕްކެޓްގައި ހިމެނޭ އެންމެ ރީތި އެއް ސަރަހައްދަކީ ކަނޑުގެ މައްޗަށް އުފުލިފައިވާ ފަރުބަދަ ތަކެވެ. މިފަރުބަދަތަކަށް އެކި ރަށްރަށުގެ ނަމުން ނަން ދީފައިވެއެވެ. އަންޑަމަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ މިރަށްތައް ހިމެނޭ ސަރަހައްދަށް ކިޔައި އުޅެނީ ޕަންގް ނާ ބޭއެވެ. 400 ކިލޯމީޓަރުގެ ސަރަހައްދަށް ފެތުރިފައިވާ ރަށްތައް ހިމެނޭ ސަރަހައްދަކީ މިހާރު އައޯ ޕަންގް ނާ ނޭޝަނަލް ޕާކެވެ. މިސަރަހައްދު ހިމާޔަތްކޮށްފައި ވަނީ 1981 ވަނަ އަހަރުއެވެ.

އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގެ ރަށެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފަރުބަދަތަކުގެ އިތުރުން އެންމެ ހާއްސަ އަނެއް ކަމަކީ މިސަރަހައްދުގައި ހުރި ހޮހޮޅަތަކެވެ. ފަރުބަދަތަކުގައި މޫދު އަޑީގައި އަދި ފެންމަތީގައި ވެސް އެތައް ހޮހޮޅައެއް އެބަހުއްޓެވެ. ބުނެވޭ ގޮތުގައި މީގެ 10000 އަހަރު ކުރިން މިސަރަހައްދުގެ މޫދު އޮތީ ހިކިފައެވެ. އެއް ފަރުބަދަ އިން އަނެއް ފަރުބަދަ އަށް ފައިމަގުގައި ހިނގާފައި ދެވެއެވެ. ނަމަވެސް މިހާރު އެއީ ފުދޭވަރަކަށް ފުން މޫދެކެވެ. އެއް ރަށުން އަނެއް ރަށަށް ނުވަތަ އެއް ފަރުބަދަ އިން އަނެއް ފަރުބަދަ އަށް ދަތުރުކުރަން އެންމެ ބޮޑެތި ބޯޓުފަހަރާއި ލޯންޗް ބޭނުން ކުރެއެވެ.

ތާރީޚީ މައުލޫމާތުތަކަށް ބަލާއިރު މި ފަރުބަދަތައްހިމާޔަތް ކުރަން 1824 ވަނަ އަހަރު އޭރު މިސަރަހައްދުގެ ސިފައިން ހަނގުރާމައެއް ވެސް ކޮށްފައިވެއެވެ. އޭރު މިސަރަހައްދުގެ ރަސްކަމުގައި ހުންނެވީ ރަމާ ތިނެއް ނަމަކަށް ކިޔާ ރަސްކަލެކެވެ.

އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގެ ރަށެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގައި ޖުމްލަ 42 ރަށް ހިމެނެއެވެ. ދުނިޔޭގެ އެހެން ސަރަހައްދުތަކުން ވަރަށް މަދުން ނޫނީ ނުފެންނަ 82 ބާވަތެއްގެ މަސް މިސަރަހައްދުގައި ގިނައިން އުޅޭކަމަށް ވެއެވެ. އޭގެ އިތުރުން ތަފާތު ކަނޑޫގަސްތަކާއި، މޫދުވިނަތައް ވެސް މިސަރަހައްދުގައި އެބަހުއްޓެވެ. މިސަރަހައްދުގެ ފަރުތަކަކީ ވެސް ވަރަށް ރީތި، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ފަރުތަކެކެވެ.

ފަރުބަދަތަކުން އުފެދިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ހާއްސަ ސިފައެއް ލިބިފައިވާ އެއް ރަށަކީ "ކޮ ޓާ ޕޫ" ނަމަކަށް ކިޔާ ރަށެވެ. 66 ފޫޓް އުސް މިފަރުބަދައިގެ އެންމެ މަތީގެ ފުޅާމިނުގައި 26 ފޫޓް ހުރެއެވެ. މޫދުން ފެނުގެ މައްޗަށް އުފުލުނު ދިމާލުގެ ފުޅާމިނުގައި ހުންނަނީ 13 ފޫޓެވެ.

ކޮ ޓާ ޕޫ ނުވަތަ ޖޭމްސް ބޮންޑް އައިލެންޑް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ތައިލެންޑްގެ ތާރީޚީ ވާހަކައެއްގައި މިރަށް އުފެދުނު ގޮތާއި ބެހޭގޮތުން ވަރަށް ތަފާތު ވާހަކައެއް ދައްކާ އުޅެއެވެ. އެވާހަކައިގައި ބުނީ އެއް ދުވަސްވަރެއްގައި ވަރަށް ގިނައިން މަސް ހިފާ މީހަކު މިސަރަހައްދުގައި އުޅުނެވެ. އޭނާ މަހަށްދާ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނައަދަދެއްގެ މަސް ހިފައެވެ. ނަމަވެސް އެއް ދުވަހަކު މަހަށް ގޮސްގެން އޭނާ އަށް އެންމެ މަހެއް ވެސް ނުހިފުނެވެ.

އެދުވަހު އޭނާ މަސް ހިފަން ގެންގުޅުނު ދަލުގެ ތެރެއަށް މުޅިން ވެސް އެރެނީ ހިޔަމައެވެ.(1) އުޅުއުޅެ ވެސް އޭނާ އަށް އެހެން އެއްޗެއް ހިފޭ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ކުރިކަމަކީ އޭނާގެ އަތުގައި އޮތް ކަނޑިއަކުން އެ ހިޔަމަތައް ފަޅަން ފެށީއެވެ. އެކަން ކުރަމުން ގެންދަނިކޮށް އެއް ހިޔަމަ ފުއްމައިގެން ގޮސް މިރަށް އުފެދުނީއެވެ.

އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގެ ރަށެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި ކޮ ޓާ ޕޫ އުފެދުނީ މިސަރަހައްދުގެ ކަނޑުގެ ޕްލޭޓްތަކަށް އައި ބަދަލެއްގެ ސަބަބުންނެވެ. މިސަރަހައްދުގެ އެހެން ރަށްތައް ވެސް ފަރުބަދަތަކެއްގެ ގޮތުގައި އުފެދިފައި ވަނީ އެހެންވެގެންނެވެ. ބައެއް ރަށްރަށުގެ ސިފަ އާދަޔާއި ހިލާފު ގޮތަކަށްހުރީ ވަރަށް ބާރަށް އެއް ދުވަސްވަރެއްގެ އޮއެ ގަދަވެފައިވުމުން ކަމަށް ސައިންސްވެރިން ބުނެއެވެ.

މިސަރަހައްދުގައި ދެން އޮތް އެންމެ ރީތި އަދި އެންމެ މަޝްހޫރު ރަށަކީ ހައޯ ޕިންގް ކަން ނަމަކަށް ކިޔާ ރަށެކެވެ. އެ ރަށް މަޝްހޫރުވެފައި ވަނީ ޖޭމްސް ބޮންޑް އައިލެންޑްގެ ނަމުންނެވެ. މިސަރަހައްދުގެ އެހެން ރަށްތަކެކޭ އެއް ފަދައިން މިއީ ވެސް ފަރުބަދައެކެވެ. މި ރަށަށް ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔައީ 1974 ވަނަ އަހަރު ނިކުތް ޖޭމްސް ބޮންޑްގެ ފިލްމް "ދަ މޭން ވިތް ދަ ގޯލްޑެން ގަން" ގެ މަންޒަރުތަކެއް މިރަށުގައި ނަގާފައި ވާތީ އެވެ. އެފިލްމްގެ މަންޒަރުތައް މިރަށުގައި ނަގާފައި ވާތީ ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މިރަށް ބަލާލަން ޒިޔާރަތް ކުރެއެވެ.

އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގައި ހިމެނޭ ރަށެއްގެ ހޮހޮޅައެއްގެ އެތެރެ – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އަހަރެމެން މިރަށަށް ދިޔައިރު ވެސް ކިއު ހަދައިގެން އެތައް ބަޔަކު މިރަށަށް އަރަމުން ދިޔައެވެ. އޭރު ވެސް ރަށުގައި ދެތިން ސަތޭކައެއްހާ މީހުން ތިއްބެވެ. ކުދިކުދި ދޯނިތަކުން މިރަށަށް ފަތުރުވެރިން ބޭލުމުގެ މަސައްކަތަކާއި، މިރަށުން ފަތުރުވެރިން ފުރުމުގެ ކަންކަން ހުއްޓުމެއް ނެތި އަބަދުވެސް ހިނގަހިނގާ އޮވެއެވެ.

މިސަރަހައްދުގެ މޫސުމަކީ ރާއްޖޭގެ މޫސުމާއި ދާދި އެއްގޮތް މޫސުމެކެވެ. މުޅި އަހަރު ދުވަހު ވެސް އެވްރެޖްކޮށް ފިނިހޫނުމިން ހުންނަނީ 26 ޑިގްރީ އާއި 33 ޑިގްރީ އާއި ދެމެދުގެ މިނެއްގައެވެ. ޕްކެޓަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ބެންކް މަގުން ޕްކެޓަށް ފްލައިޓްގައި އާދެވޭނެއެވެ. އެއްގަމު މަގުން ދަތުރު ކުރުމަށް ވުރެ ވައިގެ މަގުން ދަތުރު ކުރުމުގެ އަގު ހެޔޮވެފައި މާބޮޑަށް ދަތުރު އަވަސްވެސް ވެއެވެ. ދުރާލައި ތައްޔާރުވާނަމަ ބެންކޮކުން ޕްކެޓަށް ޑޮމެސްޓިކް ފްލައިޓެއްގައި 50 ޑޮލަރަށް ޓިކެޓް ލިބޭނެއެވެ. ނަމަވެސް ފަހުވަގުތު ޓިކެޓް ނަގާނަމަ 190 ޑޮލަރަށް ވެސް ޓިކެޓް ގަންނަން ޖެހިދާނެއެވެ. ފްލައިޓްގައި މިދަތުރު ކުރަން ދޮޅުގަޑިއިރު ވަރު ނަގާނެއެވެ.

ޕްކެޓް އެއާޕޯޓް ކައިރިން އައޯ ޕަންގް ނާ ނޭޝަނަލް ޕާކް ހިމެނޭ ސަރަހައްދަށް ވޭނެއްގައި ދަތުރު ކުރެވޭނެއެވެ. އެދަތުރަށް ދެގަޑިއެއްހާއިރު ތެރޭގައި ކުރެވޭނެއެވެ.

އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގައި ހިމެނޭ ރަށެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އައޯ ޕަންގް ނާ ނޭޝަނަލް ޕާކްގައި ހިމެނޭ ރަށެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އައޯ ޕަންގް ނާ ނޭޝަނަލް ޕާކަށް ޒިޔާރަތްކުރަން ބޭނުންވާނަމަ އެކަން ކުރަން ޖެހޭނީ ފަތުރުވެރިން އެސަރަހައްދަށް އުފުލާ އެޖެންސީ އަކާއި ގުޅިގެންނެވެ. އެއް ދުވަހުގެ ދަތުރަކަށް ކޮންމެ މީހެއްގެ އަތުން 50 ޑޮލަރުގެ ޗާޖެއް އެންމެ އަގުހެޔޮ އެޖެންސީތަކުން ވެސް ނަގާނެ ކަމަށް އަހަރެމެން ހޯދި މައުލޫމާތު އެނގުނެވެ. އެކި ދުވަސްވަރު މިއަގަށް ބަދަލެއް އައުން ވެސް އެކަށީގެންވެއެވެ.

ތައިލެންޑްގެ އައްސޭރިފަށުގައި އައޯ ޕަންގް ނާ ނޭޝަނަލް ޕާކް ފަދަ ރީތި އެތައް ތަނެއް އެބަހުއްޓެވެ. ޕްކެޓަކީ ޗުއްޓީ ހޭދަކޮށްލުމަށް އޭޝިއާ ސަރަހައްދުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު މަންޒިލެކެވެ. އަގުގެ ގޮތުންނާއި ހޮޓާތަކުގެ ފެންވަރަށް ބަލާއިރު މިއީ އަތްފޮރާފަށުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ފުރިހަމަ މަންޒިލަކަށް ވާނެއެވެ.

(1) ހިޔަމައަކީ ބަނޑުދައް ނޫން ހުރިހާތަނެއްގައި ވަރަށް މުރަނަ ތޫނު ދިގު ކަށިތަކެއް ފަޅާފައިވާ މޫދުގެ ދިރޭ އެއްޗެކެވެ. ހިޔަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން ކިޔައިއުޅޭ ނަން ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. އާމިނަ

  ﷲ ސުބްޙާނަހޫ ވަތަޢާގެ ކުޅަދުންވަންތަކަން ނިކަން ދެކެބަލާށެވެ ޤުރްއާނުގައި ބިންހިފަހައްޓަވާ
  ކަޑަތަކެއް ކަމުގައި އަދި އެކި ކުލަތައް ފަރުބަދައިގަ ހުންނަކަމަށް އައިސްފާވެއެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ފަރުބަދަ ތައް ލައްވާފައި
  ވާއިރު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އެންމެ ފަރުބަދަ އެއްވެސް ނެތެވެ. ޝަހިންދާމެން ގޮންޖަހަން މިއުޅެނީ އެކަލާނގެ މަތިވެރި ފޮތަށެވެ.
  ކޮންމެވެސް ޢިލްމުވެރި އަކު ެ
  ޤުރްއާނުގައިވާ ފަރުބަދަތަކާއި ބެހޭ ތަފްޞީލީ ލިޔުމެއް މިނޫހުގައި ގެނެސް ދެއްވުން ކީއްތޯއެވެ.

  58
  6