ދުވަހުގެ އިރު، މި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އަނދިރިކަމަށް ދަޢުވަތުދެމުންނެވެ. މުޅި ރަށުތެރެވަނީ ރަމަތަވެފައެވެ. ހޭލަމޭލައަށް އުޅުނު އިންސާނުންގެ އަސަރުތައް، ގޭގޭގައްޔާއި މިސްކިތްތަކުގެ ތެރޭގައި ޤަރާރުވެއްޖެއެވެ.

އަޑެއްބަޑެއްނީވި އޮވެފައި..... އާދެ! ވޭނީ އަޑެއް އިވެން ފަށައިފިއެވެ. އެ އަޑު އިވެނީ، ޖެހިގެންހުރި ކާސިމްބޭގެ ގެއިން ކަމުގައި ހީވެއެވެ. ޚަބަރު ބަލައިލާނަމޭ ހިތައި، އެ ގެއާ ދިމާއަށް މިސްރާބުޖަހައިފީމެވެ. އެ ގެއަށް ދިޔައިރު ކަމަކުދާކަށްނެތެވެ. އެތެރެގޭގައި ހުރި އެނދެއްގައި އޮތް، ކާސިމްބެގެ ހަގު މަންޖެ ތެޅިފޮޅެނީއެވެ. އެނދުގެ ފަޑީގައި ލެގިލައިގެން އިން ހަރީރާ، އެ މަންޖެގެ ބޮލުގައި ފެންހާކަމުންދެއެވެ. ފަންޑިތަ ހުސްވެފައި ހުރި އެދުރުބޭކަލެއްހެން، ކާސިމްބެ ދެކޮޅަށް ހިނގައިލަ ހިނގައިލާ ހުއްޓެވެ.

އަޅުގަނޑު: އައްސަލާމް ޢަލައިކުމް
ކާސިމްބެ: ވަޢަލައިކުމުއްސަލާމް
އަޅުގަނޑު: ކާސިމްބޭ! އެ މަންޖެއަށް ވީ ކިހިނެއްތޯ؟
ކާސިމްބެ: ( މޮޅިވެލައިފައި ) މެއަށް ތަދުވަނީ، ހެއަށް ގޮތްވަނީ، ބޮލުގައި ރިއްސަނީ، ހޮޑު ލެވެނީ، ގަބުވެފައި އިންނަނީ.. ނުވާކަމެއް ނެތް!
އަޅުގަނޑު: ދެން ޑޮކުޓަރަށް ދައްކަވައިފިންތޯ؟
ކާސިމްބެ: ޑޮކުޓަރަށް ދެއްކުނު ޢަދަދެއް ވެސް ނޭނގެ! އެކަމު ވެސް، ބުނުއްވަނީ ކަމެއްވެފައި ހުރިކަމަކަށް ފާހަގައެއް ނުކުރެވެއޭ.. ޓެސްޓުތަކުގެ ނަތީޖާގައި ވެސް މައްސަލައެއްނެތޯ.. ދެން މިހެން އުޅެނިކޮށް އެއްކަލަ ބަކުރާ ދިމާވެގެން ބުނެފި "ތި ވާނީ ކޮންމެވެސް، ސިޙުރެއްޖެހިފައިހުރި ކަމަށޭ، ނޫނީ ރޫޙާނީ ކަމަކަށޭ. ތި ކަހަލަ ކަންތައްތަކަށް ވަރަށް މޮޅު، އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އެބަހުއްޓޭ. އޭނާ ގާތު ބުނެގެން، އެ މަންޖެއަށް، ތި ވާގޮތެއް ބަލައިލަންވީނޫންހޭ." ދެން މި ގޮތް މަތިން، އެ ބުނާ މީހަކު ކައިރިއަށް ގޮސް، މި މަންޖެ ދައްކައިލުމުން ބުނެފި.. "ތި މަންޖެއަށް ތި ހުރީ ހަމަ ރަނގަޅަށް ވެސް ސިޙުރުޖެހިފައޭ.. ކާސިމްބޭގެ ގެވަޅު ފުރެންދެން އެ އޮތީ ސިޙުރުތައް ވަޅުލައިފައޭ.. އެކަމަކު ވަޅުލައިފައި ހުރި ތަކެތި ނަގާކަމަށްވާނަމަ ހަތްހާސް ރުފިޔާ ދޭންވާނޭ.. އަސްލު މިކަހަލަ ކަންތައް ކޮށްދެނީ މި އަގަކު ނޫނޭ. ކާސިމްބޭ ވީމަ އަގު ކުޑަކޮށްލީއޭ.." ދެން އަޅުގަނޑު ބުނެފިން، އެންމެ ރަނގަޅޭ. އެންމެ ރަނގަޅޭ. އަޅުގަނޑު ބޭނުންވަނީ އެ މަންޖެ ސަލާމަތްކުރާށޭ." މިހެން ބުނެފައި ގެއަށް ދާން، ހިނގައިގަތްތަނާ ބުނެފި.. "ކާސިމްބޭ! ތި މަންޖެއަށް ކަމެއްވެފައި ހުރިތޯ ބެލުމަށްވާ، ފަ..ފަ..ފަސްސަތޭކަ ރުފިޔާ ކޮބާ...؟" އޭނާ އެހެންބުނުމާއެކު އަޅުގަނޑުގެ އަނގައިގަހުރި ދުފާއެތިކޮޅު ވެސް ބޭރުނުވީ ކިރިޔާ. އެހެންޏާ ފަހެ! ލާރިއަށް ބޫތުކައިފަ ހުއްޓަސް އެއީ ދެން ބޮޑުވަރެއްތާ!
އަޅުގަނޑު: ކާސިމްބޭ! ވިސްނައިގެން ކަންކަން ކުރިއަށް ގެންދާތި! ތި ރުޤްޔާކުރާ މީހުންގެ ތެރޭގައި ވެސް، އެބައުޅޭ ތިން ވައްތަރެއްގެ މީހުން.
ކާސިމްބެ: (އިރުކޮޅަކު ހުއްޓުންއަރައިފައި ހުރެފައި) ނާ ހަމަ ތެދެއް! އެޔޯ އަނެއްކާ ކޮން ވައްތަރުތަކެއް!

އެއްވެސް ޝައްކެއްނެތެވެ. ރުޤްޔާކުރުމުގެ ނަމުގައި ތިން ވައްތަރެއްގެ ބަޔަކު އެބައުޅެއެވެ. އޭގެތެރެއިން ދެ ވައްތަރެއްގެ ބަޔަކު ފެނުމުން ހީވަނީ، ދިހަބާރަ ފޮތުން އުނގެނިގެން އުޅޭހެންނެވެ. އެބައިމީހުންނަކީ، ވަރަށް ތަޤުވާވެރި ބަޔަކުކަމުގައި، ތިބާއަށް ހީވެދާނެއެވެ. އެހެންނަމަވެސްތޯއެވެ. އާދެ! އޭގެތެރެއިން ފުރަތަމަ ވައްތަރަކީ، ފައިސާއަށް ރުޤްޔާކުރާ މީހުންނެވެ.

އެބައިމީހުން ގާތަށް، ތިބާ ދިއުމުން ބުނާނީ، ކާސިމްބެ ގާތުގައި ބުނިހެންނެވެ. އެންމެ ފުރަތަމަ ވެސް....އާދެ! ސިޙުރުޖެހިފައިހުރި މީހާއަށް، ދިމާވެގެން އެ އުޅެނީ ކީއްތޯ ބެލުމުގެ އަގެއްގެ ގޮތުން، ފަސްސަތޭކަ ރުފިޔާ އަންބޮނޑިއަށް ޖަހާނެއެވެ. އެއަށްފަހު ދެން ބުނާނެހައި ވެސް އެއްޗަކީ އެވެނިމިވެނި ތަނަކު ސިޙުރުވަޅުލައިފައި އެބަހުރިކަމެވެ. އެ ނެގުމުގެ އަގެއްގެ ގޮތުން، މިހައި މިހައި އަގެއްދޭންވާނެ ކަމުގައެވެ. އަދި އެ ސިޙުރުތައް ބާޠިލުކުރުމުގެ މަސައްކަތްކުރެވޭނީ މިވެނި އަގަކަށް ކަމުގައެވެ. އޭގެ އިތުރުން، ކިޔެވުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ޓަކައި، ދުވާލު ދެ ދަޅަޔަށް، މިވެނި ގެއަކަށް އަންނަންވާނެކަމުގައެވެ. އެއިން ކޮންމެ ވަގުތަކަށް ވެސް، ފައިސާ ހޭދަކުރަންޖެހޭނޭ ކަމުގައެވެ.

ދެވަނަ ވައްތަރޭތޯއެވެ. އާދެ! އެބައިމީހުންނަކީ، ހެނދުނެއް ހަވީރެއް، އިރާދަމެއް މެންދަމެއް، އުތުރެއް ދެކުނެއް، އިރުމައްޗެއް ހުޅަނގެއް ވަކިކުރަން ނޭނގޭ ރޯނުއެދުރުންނެވެ. އެބައިމީހުންނަކީ، ރުޤްޔާކުރުމުގެ ނަމުގައި، ކަނބަލުންގެ ގަޔަށް އަތްފޯރުވަން މަސައްކަތްކުރާ މީހުންނެވެ. އެބައިމީހުންގެ ޝިޢާރެއްކަމުގައިވާނީ، "ސަމުސަލަށް އަރައިފިއްޔާ ބޯލާނަމެވެ." އާދޭހެވެ. ވޮށިމަސް މިޔަރު މަސްބުރިއަށް ބަލަހައްޓައިގެން އޮންނަހެން އިނދެފައި އެބައިމީހުންގެ ކިޔެވެލި ފަށާނެއެވެ. އަބަފިއްޔެއް އިބިފިއްޔެއް، އުބުފިއްޔެއް އެބެފިއްޔެއް ނޭނގޭ ޙާލުގައި، އެ ކިޔާ ފަތިވަރުތައް ގޮވާއިރު ހީވާނީ، ބަހުރު ފެނަށް ވަންދެން ކިޔަވައިފާނެހެންނެވެ. ދެން ބުނާނެތެވެ. ތިޔަ މަންޖެއާއި އަވަލައިފައިވަނީ، ވަރަށް ނުބައި ޖިންނިއެކެވެ. ރުޤްޔާކުރާ ވަގުތުގައި، ބަލިމީހާ ފިޔަވައި އިތުރުމީހަކު އެ ތަނުގައި ހުރުމަކީ އެދެވިގެންވާކަމެއް ނޫނެވެ.

ބައެއްފަހަރު ބުނާނެތެވެ. ތިޔަ އަވަލައިފައިހުރީ، ޖިންނީންގެ ތެރެއިން އިފުރީތެކެވެ. ތިޔަ ކަމަށް އޮތް އެންމެ މޮޅު ފަންޑިތައަކީ، އަންހެންކުއްޖާގެ ކަކުލުހުޅާއި އުކުޅުވަޅާއިދެމެދުގައި އިލޮށިކޮޅަކުން ލިޔުމެވެ. ނުވަތަ މޭމަތީގައި އިލޮށިކޮޅަކުން މިވެނި އެއްޗެއް ކުރެހުމެވެ. އާދޭހެވެ. ވަސްވާހެއްނެތެވެ. އިސްވެ މި ދެންނެވި ބީދައިން، ރުޤްޔާކުރާމީހާ ލިޔެ، ކުރަހައި ނިމޭއިރު އޮންނަނީ، ކުލަޖައްސައި ވެސް ނިމިފައެވެ. ކުލަޖެއްސި ޖެއްސީނުން، އަންހެންކުއްޖާގެ ހަށިގަނޑު ކުލައިން ފޯވެ، ކުލަތިކިތައް ދިމަދިމާއަށް ފާއްދައިލައިފައެވެ.

ތިންވަނަ ވައްތަރޭތޯއެވެ. އާދޭހެވެ. އެއީ ޙަޤީޤީ ރާޤީންނެވެ. ރުޤްޔާގެ އަސްލު މާނައިގައި، އެ ކަން ކުރައްވާ ބޭފުޅުންނެވެ. އާދޭހެވެ. ތަޤުވާވެރިންނެވެ. އިޚުލާސްތެރިންނެވެ. އިޙުސާންތެރިންމެއެވެ. އެ ފަދަ ބޭފުޅުންނަކީ، އެދުމެއް އޮވެގެން ރުޤްޔާކުރައްވާ ބޭފުޅުންނެއްނޫނެވެ. ޝިފާދެއްވުންވަނީ މާތް ރައްބުގެ ޙަޟްރަތުންކަން، އެ ފަދަ ބޭފުޅުން ޤަބޫލުކުރައްވާނެއެވެ. އެ ފަދަ ބޭފުޅުން ރުޤްޔާ ކުރައްވާނީ، ހަމައެކަނި ސަވާބަށް އެދިގެންނެވެ.

އަދި ކީއްތޯއެވެ. އެ ފަދަ ބޭފުޅުންގެ ގާތުގައި ދުނިޔެއަކީ، އެއްވެސް އަގެއްހުރި އެއްޗެއްނޫންމެއެވެ. މިހާ ހިސާބުން، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ނަޒަރެއް ދެއްވެވުން ކީއްތޯއެވެ.

އާދެ! މީގެ ދެތިންހަތަރު އަހަރު ކުރިއެވެ. ތަނަކީ، ރާއްޖޭގެ ދެކުނުގެ ބޮޑު ރަށެކެވެ. ހެނދުނުގެ ވަގުތެވެ. މިޝްކާއަށް ވީ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. މި ކަމާއި އޭނާގެ ޢާއިލާގެ މީހުން ކަންބޮޑުވެއްޖެއެވެ. އޭނާ ވީ ތަނެއް ނޭނގިގެން، ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މިވެނި މީހަކު ބުނެތޭ، އެވެނި ގޯޅިއަކުން ދަނިކޮށް ތިމަންނާއަށް ފެނުނެވެ. ދެންހުރި މީހާ ބުނެތޭ، މިވެނި މަގަކުންލައިފައި ދަނިކޮށް އަހަރެންނަށް ފެނުނެވެ. މިކަހަލަ ޔަޤީންކަމެއްނެތް ޚަބަރުތަކާއިގެން، އެކި މީހުން އެކި ދިމާއަށްގޮސް ބަލައި ހަދަތެވެ. އާދެ! އެކި ހިސާބުތަކުގައި އަތްފުނާއަޅައި ބެލިއިރު މިޝްކާ އޮތީ، ހުޅަނގު ފަރާތު ހޭޅިފަށުގައި ޚަބަރު ހުސްވެފައެވެ.

މިޝްކާ ހޯދަން ދިޔަ މީހުންގެ ތެރޭގައި، މި ރާއްޖެއަށް މަޝްހޫރު ރާޤީއެއް ވެސް ހިމެނެއެވެ. އެ ޙާލަތުގައި މިޝްކާ އޮއްވައި، އެންމެ ކުރިން އެ ތަނަށް ދެވުނު އެއްބޭފުޅަކީ، މި ދެންނެވި ރާޤީއެވެ. މިޝްކާ އޮތް ޙާލަތު، ރާޤީއަށް ފެނުނު ހިނދު ޤުރުއާން ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. އެ ހިނދު، މިޝްކާ ތެޅިފޮޅެން ފެށިއެވެ. އެ ވަގުތުގައި ފުލުހުން ވެސް، އެ ތަނުގައި ތިއްބެވެ. އެ ބޭކަލުންގެ އެހީތެރިކަމާއެކު، މިޝްކާ ގެއަށް ގެންދެވުނެވެ. ގެއަށް ގެންދިޔުމަށް ފަހު، މިޝްކާ ބާއްވައިފައި އޮތީ ސިޓިންރޫމުގައި ހުރި އެނދެއްގައެވެ. އެ ތަނުގައި ރާޤީ ވެސް، ހުންނެވިއެވެ. މިޝްކާގެ ޢާއިލާގެ މެންބަރުން ވެސް ތިއްބެވެ.

"ރުޤްޔާ ކުރާއިރު މިޝްކާގެ މަޙްރަމުން މިތާ ތިބެންވާނެ!" ރާޤީ ވިދާޅުވިއެވެ. މި ގޮތް މަތިން، މިޝްކާގެ މަޙްރަމުންގެ ހާޒިރުގައި، ރާޤީ އޭނާގެ ރީތި އަޑުން ޤުރުއާން ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. ދަންނައެ! އެއީ ޤާރީއެކެވެ. ޙާފިޒެކެވެ.

ރާޤީ ކުރެއްވި ރުޤްޔާގެ އަލީގައި އެނގިގެންދިޔައ،ީ މިޝްކާއާއި އަޅައިގެންފައި ހުރީ ހިންދޫ ދީނުގެ ބަގުވާނަށް އަޅުކަންކުރާ ޖިންނިއެއްކަމެވެ. އެ ޖިންނީގެ ނަމަކީ، " އަބިޔަލް" ކަމެވެ. އާދޭހެވެ. ރާޤީ، ރުޤްޔާކުރެއްވީ ކުޑަ ދުވަސްކޮޅަކުއެވެ. އިސާހިތަކު މިޝްކާއަށް ޝިފާ ލިބިއްޖެއެވެ. މިޝްކާއަށް ޝިފާ ލިބުމާއެކު، އޭނާގެ ޢާއިލާގެ ފަރާތުން ރާޤީއަށް ހަދިޔާއެއްދޭން ނިންމިއެވެ.

އެހެންކަމުން، މިޝްކާގެ ދެބޭންގެ ދެދަރި ކުއްޖެއްގެ އަތަށް ސިޓީއުރައެއްދީފައި، ރާޤީއާއި ހަވާލުކުރަން ފޮނުވިއެވެ. މި ދެންނެވި ކުއްޖާ ސިޓީއުރަ ހިފައިގެން ރާޤީގެ ގާތަށްގޮސް، މި އޮތީ ބޮޑުދައިތަ ދިން ސިޓީއުރައެކޭ ނަންގަނެފައި، ރާޤީގެ އަތަށް ދިނުމަށްޓަކައި ސިޓީއުރަ ދިއްކޮށްލިއެވެ. ތިޔައީ ކޯއްޗެއްހޭ، އެ ހިނދު ރާޤީ އެއްސެވިއެވެ. މިއީ، މިޝްކާއަށް ޝިފާލިބުމުގެ އުފަލުގައި، ރާޤީއާއި ހަވާލުކުރަން ބޮޑުދައިތަ ދިން ހަދިޔާއެއްކަމާއި، ހީވާ ގޮތުން ސިޓީއުރައިގެ ތެރޭގައި ހުރީ ފައިސާކަމަށް، އެ ކުއްޖާ ބުންޏެވެ. އެ ހިނދު ރާޤީ ބުނުއްވީ ކީކޭކަމަށްތޯއެވެ.

އާދޭހެވެ. ޝިފާ ދެއްވަނީ އަހަރެންނެއް ނޫންކަމާއި، ޝިފާލިބުންވަނީ މާތް ﷲގެ ޙަޟްރަތުންކަމެވެ. އަދި ތި ފައިސާ އަނބުރައި ބޮޑުދައިތައާ ހަވާލުކުރުމަށެވެ.

އާދެ! އިސްވެ މި ބަޔާންކުރީ، ޙަޤީޤީ ރާޤީންގެ ވާހަކައެވެ. އިސްވެ ދެންނެވި ފަދައިން، އެ ބޭފުޅުންނަކީ، އެދުމެއް އޮވެގެން ރުޤްޔާ ކުރައްވާ ބޭފުޅުންނެއް ނޫނެވެ. އޮޅުމެއްބޮޅުމެއް ނެތެވެ. ރުޤްޔާއަކީ ވިޔަފާރިއަކަށް ވެއްޖެއެވެ. އިޚުލާސްތެރިކަމާއެކު ރުޤްޔާ ކުރައްވާ ބޭފުޅުން މަދުވެއްޖެއެވެ. ރާޤީންގެ ނަމުގައި ތިބެގެން، ތަނެއްދޮރެއް ނޭނގި ތިބެ ރުޤްޔާކުރާ މީހުން ގިނަވެއްޖެއެވެ. ބަހުސަކަށް ޖާގައެއްނެތެވެ. ފުރަތަމަ ރުޤްޔާ ކުރަންވީ، އިސްވެ ދެންނެވި ފަދަ ރޯނުއެދުރުންނަށެވެ. އިންސާނުންގެ ތެރޭގައި ތިބި އެ ފަދަ ޝައިޠާނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަގުރޭޓް ޖިންނިރަޝީދު

  އާދެ ބުނާނެ އެކަށްޗެއްވެސް ނެތް. މަހަލާކުވެދާނެ. ދުނިޔެއެއް ބޭނުމެއްނޫންމަވެސް. އެކަމު ސަޅިކޮށް ރަށުގަ ނެތްފަދަ ގެއެއް ބޭނުން. ކަންނެލި ދޯންޏެއް ބޭނުން. އެންމެފަހުގެ ފޯނާއި މޮޅެތި އަގުބޮޑު ބްރޭންޑްސްގެ ގަމީހާ ފަޓުލޫނުވެސް ބޭނުން.
  މަށަށްވުރެން މޮޅުއެއްގޮލާވެސް ނުހުންނާނެ، އަހާބަލަ ރީފްސޭޑް ބަނަސް ނޫނީ ބޭންހާމެންގާތު. އެމީހުންނަށް ނޭވާވެސް ނުލެވޭނެ މަށާނުލާ. ދޮގެއްތޯ؟

  10
 2. ވާނުވާ

  ރުޤްޔާ ކުރުމަކީ ވެސް ވަގުތު ތަކެއް ހޭދަވާ ކަމެއް! މި ލިޔުމުގައި ވާ ގޮތުން ހީވަނީ އެކަމަށް އަގެއް ނެގުމަކީ މައްސަލަ އެއް ހެން.

  8
  9
 3. ކަހަނބު ވިތްޓޯ ޓޯ

  ތިބުނި ކަހަލަ ހެޔޮލަފާ ރާގީ އެއް ރާއްޖޭގައި އުޅޭ ކަމެއްނުދަނެ ހުރިން އެންމެ ރަނގަޅު މީހެއްކަމަށްވެސް އަޅުގަނޑު ހީ ކުރަނީ ޝުއައިބް ސަބަބަކީ ދީނީ ބޭފުޅެއްވީމަ

  6
  2
 4. ދުނާމަ

  މަށަށް ރުޤުޔާ ކޮށްދިން ރާޤީ ބުނީ ރުޤުޔާގެ އެންމެ ފައިދާބޮޑު ގޮތަކީ އަމިއްލަ އަށް ކުރުމޭ. ތިމަންނާ ކުރަންޏާ ތިމަންނާ ތިޔަކަމަށް ހޭދަކުރާ ވަގުތާ ކުރާ މަސައްކަތަށް އުޖޫރަ ދޭންވާނޭ. އެގޮތުން ކިޔަވަން އައިސް ހޭދަކުރާ ކޮންމެ ގަޑިއަކަށް ފަންސާސް ދިނަސް ބޮޑު އެއްޗެއް ހޭދަވާނޭ. އެހެންވީމަ އަމިއްލަ އަށް ކުރީމަ ބޮޑު އެއްޗެއް ސަލާމަތްވާނޭ. އަމިއްލައަށް ނުވާނަމަ ބަލަދުވެރިންގެ ތެރެއިން އެންމެ ގާތް މީހަކު އެންމެ ތަޤުވާވެރި މީހަކު އެކަން ކުރުމޭ. ކަލެޔަށް އަމިއްލައަށްވެސް ވާނޭ. މީގަ ހުރިގޮތަށް ހަދާށޭ ކިޔާފަ ދިނީ ގަނޑުތަކެއް. އޭގައި ހުރީ ޤުރުއާނުގެ އާޔަތްތަކެއް ފެނާ ތެލާ ކިރަށް ކިޔަވާފަ އެ ކިރާ ފެން ބޮއެފަ އެ ފެނުން ފެންވަރައިގެން ތުވާލިން ފެން ނުހިއްކާ ފެން ތޮޅިލީމަ ތެޔޮލާން. މިކަން ޤަވާޢިދުން ކޮށްލި އިރަށް ދާދި އަވަހަށް ރަނގަޅު ވެއްޖެ. މިކަމާ ވީ އުފަލުން އެ ރާޤީއަށް ކެއުމެއް ދިނީމާ އެކަން ޤަބޫލު ނުކޮށް ބިލުވެސް ކެނޑީ އޭނާ. އަދި އޭނާ ބުނީ އޭގަ އޮންނާނީ ހަތް ގަނޑު ކަމަށާ މައިތިރި ވެބްސައިޓަކުން އެ ލިޔުން ޕްރިންޓް ކުރަން ހޭދަވާނީ އެންމެ ހަތް ރުފިޔާ ކަމަށް. އެވެސް ތެދެއްދޯ؟

  22
 5. ސޮނިފުހޭ

  ކިީރިތި ގުރްއާން އަކީ ޝިފާ އެކެވެ

  22
  2