ހަނދާން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު މީޑިއާތަކުގައި ދައުރުވި ވާހަކައެކެވެ. "ޓީއެމްއޭއަށް ޓާމިނަލް ވަރަށް އަވަހަށް ދޭނެ" މި ސުރުހީގެ ދަށުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބާއި ހަވާލާދީ މީޑިއާތަކުގެ ފަލަ ސުރުހީއަށް މިކަން އެރިއެވެ. އެންމެ ފުރަތަމަ ޓާމިނަލްގެ ވާހަކަތައް މީޑިއާއަށް ތިލަ ކުރެއްވި މެންބަރު ޔައުގޫބަކީ މި މައްސަލާގައި މުޅި އެމްޑީޕީއާ ދެކޮޅަށް ތެދުވި ފުރަތަމަ މެންބަރެވެ. ނަމަވެސް ކަހާތަން ހިރުވާވެސް ނުލާ އެހެން މެންބަރުން ތިއްބެވީއެވެ.
ސީޕްލޭން ޓާމިނަލްގެ ވާހަކަތައް މީޑިއާއަށް ތިލަވެގެން ދިޔައީވެސް އެ މައްސަލާގައި ޓީއެމްއޭއާ އެކުގައި "ސިއްރު ސިއްރުން" އެއްބަސްވުމުގައި ސޮއިކުރަން އުޅެނިކޮށެވެ. ދިވެހި ރައްޔިތުންގެ ނަސީބު ރަނގަޅު ކަމުން މިކަން ރައްޔިތުންނާއި ހަމައަށް ތިލަވެ ބޮޑު މައްސަލައަކަށް މިކަން ވެގެން ދިޔައީއެވެ. ދެއިރު ދެ ދަޅައަށް މާލިއްޔަތު ކޮމެޓީ ބާއްވައިގެން މިކަމުން ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގޮތެއް އޮވޭތޯ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރުން ދިޔައީ މަސައްކަޔް ކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް އާ ވާހަކަތަކެއް މި މައްސަލާގައި އިވިގެން ދެއެވެ. އެއްވެސް ހާލެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިކަމުގައި ގޯސްތަކެއް ހަދައިގެން އުޅޭ ކަމަކަށް އެއްވެސް އިރެއްގައި މެންބަރަކު ވިދާޅެއްނުވެއެވެ.
މައްސަލަ ގޯސްވެ މި ސަރުކާރަށް ކަމެއް ނުވެގެން ކޮންމެ ފަހަރަކުވެސް ސަރުކާރުގެ އިސްވެރިން ދައްކާ ހުއްޖަތް "ކުރީ ސަރުކާރު" މިބަސް އެންމެ ފަހުން މިއަށް ވަދެއްޖެއެވެ. މި ބަސް މި މައްސަލައިގެ ތެރެއަށް ވަދެގެން ދިޔައީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ވަރަށް ނޫން ގޮތަކަށް އެމަނިކުފާނު ޓްވީޓެއް ކުރެއްވިއެވެ. ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެ ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓު ބާރަށް ހިނގަން ފެށުމަށް ދިވެހި ސަރުކާރާއި ޓީއެމްއޭއާ ދެފަރާތް އެއްބަސްވާ ރަނގަޅު ގޮތަކަށް އެ މައްސަލަ އަވަހަށް ނިންމުން މުހިއްމު ކަމަށެވެ.
މައްސަލައިގެ "ބޮޑު މަންޒަރު" ފެންނަން ފެށީ މިހާ ހިސާބުންނެވެ. އެއްޗެއް ވިދާޅުނުވެ ހުރެވޭތޯ ވަރަށް ބެއްލެވިއެވެ. ފަހަރުގައި ހީފުޅު ކުރެއްވީ މަޖިލިސް ކޮމެޓީ ތެރެއިން އެ މައްސަލަ އަވަހަށް ބަލާ ނިންމާ އެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޓީއެމްއޭއާ އެކުގައި ސޮއި ކުރެވިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތެރެއަށް ވަދެ ވާހަކަ ދައްކަވަން މަޖުބޫރުވީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުން ލަސްވެގެންނެވެ.
ކަންވީވެސް އެ ބީދައިންނެވެ. ޓީއެމްއޭ މައްސަލައިގެ ތެރެއަށް ނަޝީދު ވެންނެވިތާ ހަފްތާއެއްގެ ތެރޭގައި މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިވަނީ ޓީއެމްއޭއަށް ޓާމިނަލް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމެވުމަށް ކަމަށް ބުނެ އެތަން ޓީއެމްއޭއަށް ދިނުމަށް ނިންމާފައެވެ. ކޮމެޓީން އެގޮތަށް ނިންމީ މީގެ ދެ ރޭ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އެދިލެއްވުމަކަށް ބޭއްވި މާލިއްޔަތު ކޮމެޓީގައި ސަރުކާރުގެ ބަސް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުގެ ދަށުން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގާނެ ބަޔަކާ ގުޅޭ ބަހުސް ބޮޑުވެފަައިވަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ޓާމިނާލް ދޫކުރާނެ ގޮތްތަކެއް މިމަހުގެ ފަސް ވަނަ ދުވަހު ކަނޑައަޅައި އެކަން އެމްއޭސީއެލްއަށް އަންގައިފައެވެ.
އެގޮތުން ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް އާ ސީޕްލޭން ޓާމިނަލުން 6300 އަކަމީޓަރު، މިހާރުވެސް ބިން ދީފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ދޫކުރަން ނިންމިއެވެ. އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ތަން ކުއްޔަށް ދޭން ނިންމިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރު ސަރުކާރުން ނިންމާފައި އެވަނީ އެންމެ އިންސާފުވެރިކޮށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް އެމްއޭސީއެލްގެ ބޯޑުން ދެކޮޅު ހަދާނަމަ އެ ކުންފުނީގެ ބޯޑުގެ ބޭފުޅުން ވަކި ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އަމީރު ވިދާވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެން ސަރުކާރުން [ޓާމިނަލް މައްސަލައިގައި] ހުށަހަޅާފައިވާ ހުށަހެޅުމަށް އެމްއޭސީއެލްގެ މިހާރުގެ ބޯޑު ކުރިއަށްދާނެ ކަން. ކުރިއަށް ނުގެންދާނަމަ، ބޯޑު ބަދަލުކޮށްގެންވެސް އެ މަސައްކަތް ކުރާނަން،" އަމީރު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަތަކަށް ބަލާނަމަ އެއީ ސަރުކާރުގެވެސް އަދި ހުދު އެމަނިކުފާނުގެވެސް ފަހުބަހެވެ. ކުރީގެ ސަރުކާރުން އެތައް ކުއްޔަށް ދޭން އުޅުނީ ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން ކަމަށް ވިދާޅުވެ އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އެމައްސަލަވެސް ކުރީގެ ސަރުކާރުގެ ބޮލަށް "ކަނޑާލެވޭތޯއެވެ." މި މައްސަލާގައި ނަޝީދު އަމަލު ކުރައްވާފައިވާ ގޮތުން އެތައް ސުވާލުތަކެއް އެބަ އުފެދެއެވެ.
އެގޮތުން ނަޝީދަކީ ދައުލަތުގެ ހިންގުމުގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންވެސް އެމަނިކުފާނު މި މައްސަލައިގެ ތެރެއަށް ވަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ. ސަރުކާރުން މައްސަލައިގައި ވަކި އެއްޗެއް ބުނުމުގެ ކުރިން އެކަން ވަކި ގޮތަކަށް ނިންމުން ބުއްދިވެރި ކަމަށް ނަޝީދު ވިދާޅުވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.
ކޮންމެއަކަސް ނަޝީދުގެ މި އަމަލުތަކުގެ ސަބަބުން ހަނދާނަށް އަންނަނީ އެމަނިކުފާނު ރާއްޖޭގެ ވެރިިކަމުގައި ހުންނެވިއިރު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިވެހިރާއްޖޭގެ ވައިގެ ބަނދަރު ކުއްޔަށް ދިން ހަނދާނެވެ. ދިވެހިންނަށް ސިއްރުން އެތައް މިލިއަން ޑޮލަރުތަކެއްގެ "ކަޓު" ދައުލަތުގެ ބޮޑުންގެ ޖީބަށް ދާގޮތަށް އެ މައްސަލަ ނިންމިއިރު ޓާމިނަލް މައްސަލާގައިވެސް ނަޝީދު 13 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެމުން އެބަދެއެވެ. ނަމަވެސް އެކަމަށް އިންކާރު ކުރައްވާ ވިދާޅުވީ އެމަނިކުފާނަށް މީހަކު ރިޝްވަތު ދޭން ނޫޅުއްވާ ކަމެވެ.
އޭސީސީގެ ރިޕޯޓުވެސް ސަރުކާރުން ބޮލާލާ ޖެހީ!
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ދައްކަވަމުން ގެންދިޔަ ވާހަކައަކީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބަސް ނާހާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ހިތުހުރި ގޮތަކަށް ކުރަމުންދާ ކަމުގެ ވާހަކައެވެ. އަދި އެކަމުގެ ސަބަބުން މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލޭ ކަމަށް އޭރު މި ސަރުކާރުގެ އިސްވެރިން ދިޔައީ ވިދާޅުވަމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މެންބަރުންނާއި އެކުގައި އޮތް އޭސީސީން ޓާމިނަލް މައްސަލަ ތަހުގީގު ކުރިއެވެ. އެކަމުގައި އޭސީސީގެ ބަސް އިއްވިއެވެ. ބުނެފައި ވަނީ އެމްއޭސީއެލްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްއިން 2017 އަދި 2018 ގައި ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިސޯޓުތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ 314.57 ޑޮލަރަށް ކަމަށެވެ.
އަދި އެންމެ ކުޑަ އަގުގައި އެމްއޭސީއެލްއިން ރިސޯޓަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރުގެ ރޭޓުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، އެމްއޭސީއެލް އިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާކުރެވިފައިވާ، އަކަމީޓަރަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓަކީ، އެމްއޭސީއެލްއިން ވީއައިއޭގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއް ކަމަށް އޭސީސީން ބުންޏެވެ.
މިރޭޓްތަކަށް ރިއާޔަތްކުރާއިރު، އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ކުއްޔަށް ދެވިދާނެކަމަށް ބެލެވޭ އެންމެ ކުޑަ އަގަކީ އަކަ މީޓަރަކަށް 174.92 އެމެރިކާ ޑޮލަރު ކަމަށާއި އަދި ކުއްޔަށް ދެވިދާނެ އެންމެ ބޮޑު އަގަކީ އަކަ މީޓަރަކަށް 314.57 އެމެރިކާ ޑޮލަރު ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މި ރޭޓުތަކުން ޖާގަ ކުއްޔަށް ދީފިނަމަ، ފައިދާގެ ގޮތުގައި 31.66 މިލިއަން ޑޮލަރާއި 56.9 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއް އެމްއޭސީއެލްއަށް ލިބިދާނެކަމަށް އޭސީސީން ހާމަކުރިއެވެ.
އޭސީސީން ބުނީ އެމްއޭސީއެލްއިން އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައި ވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައި ނުވާކަމަށެވެ.
އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން ބިނާކުރާ އެމްއާރްއޯ ފެސިލިޓީއަކީ، 12,746 އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެކެވެ. އަދި އެއީ ސީ ޕްލޭން ޓާމިނަލް ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ ހަމައެކަނި އެމްއާރްއޯ ފެސިލިޓީއަށް ވާއިރު އެއީ 5.4 މިލިއަން ޑޮލަރު ހަރަދުކޮށް ހަދަމުން އަންނަ އިމާރާތެކެވެ.
އާ ސީޕްލޭން ޓާމިނަލްއަކީ މަލްޓި-އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ވާއިރު، އެމްއޭ-ސީއެލް އިން ދުނިޔޭގެ ފެންވަރުގައި އެމްއާރްއޯ ފެސިލިޓީއެއް ގާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އާ ސީޕްލޭން ޓާމިނަލުން، ސީޕްލޭން އޮޕަރޭޓަރުންނަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދޫކުރަން މަޝްވަރާކޮށްފައި ވަނީ 28 ނޮވެންބަރު 2017 ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
ކަން މިހެން ހިނގާފައި ވާއިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
އެންމެ ފުރަތަމަވެސް އޭސީސީއަށް ފާޑު ކިޔާފައިވަނީ މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަށް ބޯލަނބާނެ ކަމަށް ވިދާޅުވި އެމްޑީޕީ މެންބަރުންނެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑުވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި މިހާރުގެ މައްސަލަތައް ބަލަން އިސްކަންދޭ ކަމަށް ވިދާޅުވެއެވެ.
ސަރުކާރުގެ އެތައް ބޮޑުންނަކާއި ޓީއެމްއޭއާ ގުޅުން އޮވޭ!
ޓީއެމްއޭގެ މައްސަލަ ބޮޑުވެ އާއްމު ރައްޔިތުން ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކަތަކުންނާއި އާއްމު ކުރަމުން ދިޔަ ބަޔާންތަކާއި ލިޔެ ކިޔުންތަކުން އެނގިގެން ދިޔައީ ޓީއެމްއޭއާ ސަރުކާރުގެ ބޮޑުންތަކަކާއި ބޮޑު ގުޅުމެއް އޮންނަ ކަމެވެ. އެކަމުގެ ފުރިހަމަ ހެއްކަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މަސްލަހަތު އޮތް ކުންފުންޏަކުން މިހާރުވެސް ޓީއެމްއޭ އަށް ޕީއާރް ލަފާ ދޭ ކަމުގެ ހެއްކެވެ.
ސޯޝަލް މީޑިއާގައި ފުރަތަމަ އާއްމުވި ލިޔުންތަކުން އެ ކުންފުނީގައި މިހާރުވެސް ޝައުނާގެ 50 ޕަސެންޓު ހިއްސާ އޮވެއެވެ. އެހެންނަމަވެސް ޝައުނާ ވިދާޅުވީ އެކަމަނާގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު އަޕްޑޭޓް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެބްސައިޓު އަޕްޑޭޓް ކޮށްދިނުމަށް ޝައުނާ އެދިލެއްވިއެވެ. ޝައުނާގެ އެ ވާހަކަތައް އާއްމުން ގަބޫލު ނުކުރާތީ އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން ޝައުނާގެ ހިއްސާ އެ ކުންފުނީގައި ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ފާހަގަކުރަންޖެހޭ އެއް ކަމަކީ އެ ކުންފުނީގައި ޝައުނާގެ ފިރިކަލުންގެ ހިއްސާ އޮންނަ ކަމެވެ.
އަދި އެ ކުންފުންޏަކީ ޝައުނާއާ ޝައުނާގެ ފިރިކަލުންގެ ހިއްސާ މީގެކުރިން އޮތް ކުންފުންޏެއް ކަމެވެ. އެކަން ހާމަވެގެން ދިޔައީ ޝައުނާ ލޯނެއް ނެގި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް ޝައުނާ ދިން ޖަވާބުންނެވެ. ޝައުނާ ވަނީ އޭނާގެ ފިރިމީހާއާ އެކުގައި ޕީއާރް ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވެފައެވެ.
ކިތަންމެ ވަރަކަށް އެ ކުންފުނީގައި ޝައުނާގެ ހިއްސާ ނެތް ކަމަށް ވިދާޅުވި ނަމަވެސް ޝައުނާގެ ހިއްސާ ކުރިން އޮތް އަދި މިހާރު އެކަަމަނާގެ ފިރިކަލުންގެ ހިއްސާ އެ ކުންފުނީގައި އޮންނަ ކުންފުނިން ޓީއެމްއޭއަށް ޕީއާރް ލަފާ ނުދޭ ކަމަކަށް އަދި އެކަމުން ފައިސާ ނުލިބޭ ކަމަކަށް ނުވާނެއެވެ.
މި ހުރިހާ ކަމެއް ގުޅި ލާމެހެނީ އިއްޔެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުމާއެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކާއި އެމަނިކުފާނުގެ އަމަލުތައް ހުރި ގޮތުން ޓީއެމްއޭއަށް ޓާމިނަލް ދޭން މި ސަރުކާރުން މާކުރިންވެސް ނިންމާފައިވާކަން ދޭހަވެގެން ދިޔައެވެ. ކުރީ ސަރުކާރުގެ ބޮލުގައި އެޅުވުމަށްފަހު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަސައްކަތް ކުރި ނަމަވެސް މިކަމުން އެނގިގެން ދިޔައީ މިއީ މާ ކުރިންވެސް ނިންމާފައިވާ "ސިއްރު ޑީލެއް" ކަމެވެ.
ތި ކުދިން ދެން މާ މޮޅީ..
ސޮނިވަގު
އެއާޕޯޓް ވިއްކައިގެން ކުރިންވެސް ލާރިކޭ މީހުން ދެންވެސް ނުކައި ނުތިބޭނެ. ލާރިގަނޑު ޖީބަށް ލާފައި ވަނީ. އެކަމުގެ ތަހުގީގު ހިންގާ ޖަލަށް ލެވޭ ދުވަސް އަންނާނެ.
ކުރިން ޖީއެމްއާރު މިފަހަރު ޓީއެމްއޭ ހަމަ ރަނގަޅަށް ޤައުމު ދަރުވާލައިފި.
ޓީއެމްއޭ އުވާލާފައި ސަރުކާރުގެ ބޮޑުންނަށް އަތް ނުބޭނޭ ފެންވަރުގެ އައު ކުންފުންޏެއް ވުޖޫދު ކުރަންވެއްޖެއެއްނު.
އެމް.އޭސީއެލް. އިން ހެދީ ހުސްދޮގު. މުއިއްޒުގެ މައްޗަށް މަޖްލީހުގައި ދޮގު ހެދީމަ ދަޢުވާ ކުރެވެންޏާ އެމް.އޭސީއެލް ބޯޑު މީހުނާއި ސޯލިހު ހެދި ދޮގު ތަކަށް ދަޢުވާ ކުރެވެން ޖެހޭ. ކޮމިޓީގައި ސުވާލު ކުރެވެން ޖެހޭ ކާކުތޯ މިދިޔަ އަހަރު މެދުތެރެއިން ފެށިގެން ޓީއެމްއޭ ގެ ހުރިހާ މީޓިންތަކަށް އެމްއޭސީއެލް އިން ދަނީ ކޮންބައެއްތޯ. ކީއްވެހޭ މުޖުތަބާ ވަޒީފާއިން ވަކި ކުރީ. ވަޒީފާއިން ވަކި ކުރުމުގެ ކުރިން ކޮން ވާހަކަ ތަކެއްތޯ ސޯލިހު ދެއްކީ.. މީ ލައްކަ ވާހަކަ
މީގެމިވާގޮތަކީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލެކޭބުނެފަ މިސަރުކާރުން 0ޓޮލަރެންސްގަ ކޮރަޕްޝަން ހިންގަނީ...ނަޝީދު ކޮރަޕްޝަނުގެ ފައިސާއެއްގަ ނު ހިފާނެ އޭނަ ނަގަނީ ދައުލަތުގެ ހަޒާނއަށް އަތްބާނާއިގެން ފާޅުކަންބޮޑުކޮށް އެއްމެންއިގޭގޮތަށް އެގުނަސް ކުރެވޭނެ ކަމެނެތް ރައްޔިތުން ބޭނުންވަނީ ނަޝީދު ހަޒާނާއިން ނަގާނެވަރަކަށް ނަގަން އެނުވޭ ވައްކަމަކަށް އެއީ ހަލާލުބައި ވާރުތަބައި...ރައްޔިތުން ބޭނުންވާގޮތް މިއަށް ބުނާނެބަ ހެއް ނޭގޭ އިގޭކަމަކީ ރައްޔިތުން މިފަ ހަރުވެސް ކައުންސިލުތައްވެސް މެޖޯރިޓީދޭނެ ވޯޓުލާދުވަ ހު ޖީބަށްލާދޭ ރުފިޔާކޮޅަށް ...
ކުރީ ސަރުކާރުން ހުޅުމާލެއިން ގޯތި ވިއްކަންވެސް ނިންމި ކިހ ހިނެއްތަ ފޯމުލީ ފަރާތްތައް ހަދަންވީ. ކުރީ ސަރުކާރުން ނިންމާފައޮތީމަ
ކުރީސަރުކާރުގެ ޒިންމާވެސް އެބައޮތް އެކަމަކު ފެންނަ ފެނުމަށް އިވޭ އަޑުތަކަށް ބުރަވަނީނަމަ ތި ކަމުގައި ޒިންމާ ބޮޑީ މި ސަރުކާރުގެ.
މީ އަމިއްލައަށް ތަނެއް ހަދައިގެން ކަމެއްކުރަން އެނގޭބައެއްނޫން. ކުރިން ހަދާފަހުރިތަނެއްވިއްޔާ ޖީބަށްބޮޑުވާގޮތަށް ލާރިދޭބަޔަކަށް ދެނީ. އޭސީސީ އިން ބުނާއެއްޗެއްވެސް ބެލުމެއްނެތި މާލިއްޔަތު ކާކޮމެޓީން އިތުރަށް ކެވޭގޮތަށް އެނިންމަނީ. މީ މި ދިވެހި ޤައުމަށް ޖެހިފައޮތް ވަރަށްބޮޑުކަމެއް.
ދަވްލަތުގެ މުދަލުން ބެނުން ކުރެވިގެން ކިޔަވަާ ،ދަވްލަތުގެ މުދަ ވިއްކަފަ އަރުތެރޭގަ ރަހަލަފަ ތިބޭ މީހުންއަބަދުވެސް ބަލަނީ ދަވްލަތުންއެއްޗެއް ފޭރިގަނވޭނެ ގޮތެއް އޮތްތޯ މިސާލު ބަހެއްގަ އޮވޭ ވަގަށް ވައްކަން ނުކޮށް ނިދި ނައިމަ އަތިރިމަތިންގާކޮޅެއް ސިއްރުންނަގަގެން ގެނެސް ބޯދަށަށޤ ލައިގެންނޫނި ނުނިދޭ ކަމަށް.
މިއަންނި ހުންނަނީ އެއާރޕޯޓާއި ހިތާވެފަ
ރައްޔިތުން ނުކުމެ.މަޖްލިސް ހުއްޓުވަންވީ. ނޫނީ ޓަރމިނަލަ ޓީއެމްއޭ އަތުން ނަގަންވީ. މަޖްލީހަކާ ބެހޭކަމެއްނޫން ސަރުކާރުގެ ކުންފުނިތަކުގެ ކަންކަމަކީ. ރައީސް ގެ ކަމެއް. އެކަމަކު މަޖްލީހުން މިކަންވެސް މިނިންމީ. ކޮންމެވެސް މީހަކު މަޖްލިސް ގޮވައިގެނަ ކޯޓަށް ދޭބަލަ. ރޫލް އޮފްލޯ ނަގަހައްޓަން ރައްުޔިތުން ނުކުންނަންވެއްޖެ.
މީބަދުނާމު ސަރުކާރެއް އެއްވެ ސްކަމަކާޒިންމާއެއް ވާކައްނުކެރޭނެ ކުރީ. ސަރު ނުރަނގަޅު ކަމެއްގެވާކަކިޔާލަބަލަ ސޮނ،ި