އޭރު ހީކޮށްގެން ތިބީ ފުރަބަންދާ އެކުގައި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. ކަމާބެހޭ އިދާރާތަކުގެ ވެރިންވެސް ތިބީ އެގޮތަށް ނިންމައިގެންނެވެ. ތެދަށް ބުނާ ނަމަ އޭރު ކޮންމެ ރެއަކު ބާއްވަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފަހަކަށް އައިސް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށާއި އެގޮތުގައި ހިފަހައްޓާ ލެވިއްޖެ ނަމަ ރާއްޖެއިން މިބަލި ފިލައިގެން ހިނގައިދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވުނެވެ.

ސަރުކާރުން މިބަލި ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅިއެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފުރަބަންދުކޮށް ރާއްޖޭގެ ބޯޑަރު ބަންދުކޮށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވާލިއެވެ. މިފަދަ އެތައް ފިޔަވަޅެއް އެޅިގެން ދިޔަތަން ފެނުނެވެ. އެއާއެކު ރާއްޖެއިން މިބައްޔަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެ ސަރުކާރުން ވެސް އިގްތިސޯދީ ހަރަކާތްތައް ހުޅުވާލުމަށް ނިންމާ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމިއެވެ. އާ އާންމު ހާލަތުގެ ދަށުން ކަންކަން ކުރުމަށް ސަރުކާރުން ތައްޔާރުވި ނަމަވެސް ރައްޔިތުން ނިކުތީ ހަމަ "ނޯމަލް" ދިރިއުޅުމަށެވެ.

ކަމެއްވީ ހެނެއްވެސް ހިއެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް ދިވެހިންގެ އާދައިގެ ދިރިއުޅުމައިގެން ދިވެހިން މަސްއޫލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ނަތީޖާއަކީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އިން މައްޗަށް އެރުމެވެ. ޖުލައި މަހުގެ 28ވަނަ ދުވަހު 100 އިން މައްޗަށް ކޮވިޑްގެ ނަންބަރުތައް އެރިގޮތަށް އަދިވެސް މިއުޅެނީ އެ ނަންބަރު ތިރިވާ ގޮތް ނުވެގެންނެވެ. ސުވާލަކީ މިއީއެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ. ފިޔަވަޅުތައް ނޭޅެނީ ހެއްޔެވެ.

އެހެން ގައުމުތަކާއި އެއްގޮތަށް ރާއްޖެއިން ވެސް ވަނީ މިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް "ފަހަރުގައި" ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް އުޅެދާނެއެވެ. އެކަމަކު ވެރިރަށް މާލެ އިން ބައްޔަށް މީހަކު ފައްސިވުމާއި ހަމައަށް ރާއްޖެއިން މިބަލި ނައްތާލެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަމާބެހޭ އިދާރާތަކުގައި އޮތެވެ. ނަމަވެސް މިއަދު ފެންނަ ނަންބަރުތަކަށް ބަލާނަމަ އަދިވެސް ކޮޅެއް މެދެއް ނުފެނެއެވެ. ރާއްޖޭގެ މަތީގައި ކޮވިޑް-19 ގެ ބޯ ވިލާގަނޑު އަދިވެސް ދަނީ އިތުރަށް ބަނަކަން ގަދަކުރަމުންނެވެ.

"މި ފެންނަ ކޭސްތަކުގެ އަދަދު އެހާ މަތިކޮށް ފެންނަ އިރު، އަދި ވީކްލީ ކޮންޓެކްޓްސް ޕާ ކޭސް މަދުވި ކަމުގައި ވިޔަސް، އެއީ ބަލި ފެތުރުން ކޮންޓްރޯލްވީ ކަމަކަށް ނުބެލެވޭނެ،" ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

މިހާ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ފައްސިވުމާއެކު މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން ފިޔަވަޅުތަކެއް މީގެކުރިން ވަރުގަދަކުރިއެވެ. އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު މާލެ ސަރަހައްދުގައި [ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ ސަރަހައްދު] މާސްކު އެޅުން މަޖުބޫރު ކުރުވިއެވެ. މިމަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާކުރިއެވެ. އުއްމީދު ކޮށްގެން ތިބީ ދެ ހަފްތާއެއްގެ ތެރޭގައި ކޮވިޑް ނަންބަރުތައް ވެއްޓިގެން ދާނެ ކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. ނަންބަރުތައް ވެއްޓޭ ގޮތެއް ނުވިއެވެ. ދެން އޮތް ސުވާލަކީ މިއީއެވެ. ފިޔަވަޅުތައް އެޅިއްޖެއެވެ. އެކަމަކު ކޮންޓްރޯލް ނުވަނީ ކީއްވެގެން ހެއްޔެވެ.

އެކަމުގައި އާއްމު ރައްޔިތުންގެ އިހުމާލު އޮތޭ ބުނާކަށް ނެތީމެވެ. ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށެވެ. ދިވެހިންގެ ތެރެއިން އެތަކެއް ބަޔަކު ތައުލީމު ހާސިލު ކުރަން ގޮސް އުޅޭ މެލޭޝިޔާ ބަލާލަމާ ހެއްޔެވެ. އެގައުމަކީ 33 މިލިއަން މީހުންގެ އާބާދީ އޮތް ގައުމެކެވެ. އެގައުމުގައި ވެސް ކޮވިޑް-19 ފެނުމާއި އެކުގައި އެގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. ރާއްޖޭގައި އެޅި ފަދަ ކާފިއު ހިންގުން ފަދަ ފިޔަވަޅުތައް އެޅިއެވެ. އެގޮތުން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 6:00 އާއި ހަމައަށް މަގުތަކަށް ނިކުތުމާއި އެއްގަމު އުޅަނދުތައް ދުއްވުމަކީ މަނާ ކަމެކެވެ.

އެގައުމުންވެސް ދުވާލެއްގެ މައްޗަށް އެތައް 100 ބަޔަކު ފުރަތަމަ ދުވަސްކޮޅު ފައްސިވަމުން ދިޔައެވެ. ނަމަވެސް ފިޔަވަޅުތަކާއި އެކުގައި މިއަދު އެގައުމުގެ ހާލަތަކީ ކޮބާ ހެއްޔެވެ. މުޅި ޖުމްލަ 9,257 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެތެރެއިން 125 މީހަކު މަރުވެފައިވާއިރު ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 8,949 އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 183 މީހަކަށެވެ. ނަންބަރުތައް ތިރި ކުރެވުނީ އާއްމުންގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައެވެ. އެގައުމުގައި އެޅި ފިޔަވަޅުތަކަށް އާއްމުންގެ ބޮޑު އެހީތެރިކަމެއް ސަރުކާރަށް ލިބިގެން ދިޔައެވެ. ކާފިއުގެ ވަގުތުގައި ބޭރަށް ނިކުމެ އުޅޭ މީހުންގެ އަދަދު އާބާދީއާ ބަލާނަމަ ބޮޑުތަނުން މަދެވެ. ބައެއް ސިޓީތަކުގައި ކާފިއުގެ ވަގުތުތަކުގައި އިންސާނަކު ނުފެނެއޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

ރާއްޖެއަކީ ހަތަރުލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމަކަށްވާއިރު ރާއްޖެއިން އަދިވެސް މި ނަންބަރުތައް ނުވެއްޓޭ މައިގަނޑު އެއް ސަބަބަކަށް އާއްމު ރައްޔިތުންގެ އަމަލުތައްވެސް ވަކި ކުޑައެއް ނޫނެވެ. ހަތް ދުވަހުގެ ތެރޭގައި 387 މީހަކު ޖޫރިމަނާ ކުރެވިފައިވެއެވެ. ދުވާލެއްގެ މައްޗަށް ބަލާ ނަމަ 55 މީހުން އެވަނީ ޖޫރިމަނާ ކުރެވިފައެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އާއްމުންގެ އެހީއަކީ ކަމާބެހޭ އިދާރާތަކަށް ވަރަށް މުހިއްމު ކަމެކެވެ. އެ އިދާރާތަކުން ކުރާ މަސައްކަތަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދާނެއެވެ. އެހެން ނޫން ނަމަ ކިތަންމެ ގިނަ އަދި ކިތަންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް މި ބަލި ރާއްޖެއިން ކޮންޓްރޯލް ކުރުމަށް ދަތިވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަރީ

    ފޫނެއްފަޔަކަށް ފެންފުރަނީ ގަޅިކަމުންނެއްނޫންތަ. މާލެއަކީ އޭގެ ޒާތުގަ އައިސޮލޭށަން ރަށެއްގެ ގޮތުގަ ކަޑަ އަޅާފަ 14 ދުވަސް ވަންދެކަ އެންމެން މާސްކު ނާޅާ ގައިދުރު ނުކޮއް އުޅެން ދޫކޮއްލާފަ. އަދި އިތުރު 14 ދުވަސް ގުނާ އެއީ ފަރުވާގެ 14 ދުވަސް ގޮތުގަ 28 ދުވަސް ވާއިރު އެއްމެން ތިބޭނީ ތިޔަކިޔާ ފައްސިވެފަ ނައްސިވެފައެއްނޫން

  2. އަހްމަދު

    އަދި އިތު 14 ދުވަހަށް މާލޭގެ ހޮޓާ ކެފޭ، ރެސްޓޯރެންޓްތަށް ބަނަދުކޮށް ސައުކާރުގެ އިސްވެރިން މަޖްލީސް ހިމެނޭގޮތަށް ޒިންމާދާރު ކުރުވަބަލަ! އެރުން ފެންނާނީ ކޮން ނަތީޖާއެއްތޯބަލަން! ޙާއްސަކޮށް މަޖްލީސް ޒިންމާދާރުވެގެން ނޫނީ އެއްވެސް ކަމެއް ޙައްލެއްް ނުވާނޭ! މަޖްލީހުގައި ތިބީ މާލޭގެ އެކިދާއިރާގެ ތަކުގެ މެންބަރުން ނިކުމެ މާލޭ ހަމަޔަކަށް އެޅުވެންޖެހޭނެ! ނަމަވެސް ކޮފީ ބޯތަންތަނުންނާއި ވިޔަފާރިވެރިންގެ އަތުން ހަދިޔާ ނަގަންޏާ މިކަމެއް ޙައްލެއް ނުކުރެވޭ!

  3. މޫސަ

    މި ކަމުގަ އި އާއ އްމު ރަ އްޔިތުން ވެސް ރަނގަޅެ އް ނޫން. ސަރުކާރުން ވެސް ފިޔަވޅުތަ އް އަޅާ. އެކަމަކު ސަރުކާރުން ފިޔަވަޅު އަޅަނީ އެންމެ ބޮޑުވަރުވީމަ. ކުޑަކޮށް އޮންނަ އިރު ދޫކޮށްލާފަ ތިބީ ވާގޮތް ބަލަން. ލު އިތަ އް ދޭ އިރު ދިވެހި ރަ އްޔިތުން ދިވެހި ސަރުކާރަށް އެނގެން ޖެހޭނެ.

    4
    1
  4. މިއަދު

    ރާއްޖެއިން ކޮވިޑް 19 ކޮންޓްރޯލް ނުވެގެން އުޅެނީ ސަރުކާރުން އެކަން ކޮންޓްރޯލްކުރަން ބޭނުންނުވާތީ ސަރުކާރުންބޭނުންވަނީ ކޮވިޑް 19 ރަޢިއްޔަތުންނަށްދައްކާ ސަރުކާރުގެ ވެރިން ބޭނުންވާޖަރީމާތަކެއް ހިންގަން އެގޮތުން ރޔ ޖަލުގައި ބޭއްވުމާއި ދައުލަތުގެ މާލިއްޔަތު ކައިހުސްކުރުން ހިމެނޭ

    8
    1
  5. ޗާޗު

    ސަރުކާރު ސުމެއޯ ?

  6. އަބްދޫ

    މިގަުއުމު ނިއުނޯމަލް ކިޔާ ހުޅުވާޅި އިރު މުޖްތަމައުގާ ބަލިޖެހިފަ ތިބީ ކޮން ބަޔަކަށްތޯ ބެލިފައއްނުވޭ.
    ތަންތާގަ ކަރަންޓީނު އުވާލަނީ އެންމެންޓެސްޓް ކޮށް ބަލިޖެހިފައިވާ މީހުން އެކަހެރި ކުރުށްފަހު އޭގެފަހުން ހުރިހާ ތަނެއް ދޮވެ ސާފުކުރޭ. ވީމާ މިއަޅާ ފިޔަވަޅު ތަކުން ލުޔެއް އަންނާނެ ކަމަކަށް ނުބެލެވޭ.

  7. ސަރުބަތު

    އަދިވެސް މާލެއައް ތޮއްޖައްސާ. ޙަގީގަތުގަ މާލޭގައި އުޅޭ މީހުންނާ ބަލާފަ ޖެހޭ މީހުން ވަރައްމަދު.

  8. ޝަރުމީލް

    ވެރިން ފެއިލްވީ...ދެން ހުރިހާ ކަމެއް ރައްޔިތުން ބޮލުގައި އަޅުވާފައި...ވެރިން ފިލީމަ ނިމުނީ

  9. މަދިހާ

    ތިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ރައްޔިތުންގެ މަޖްލިސް މެއްބަރުން އެޗްޕީއޭއަށް ދެއްވި ހުރިހާ ބާރެއް މަޖްލިސްގެ ރައީސް ވަނީ ނުހައްޤުއް ފޭރި ގަނެފަ އެހެއްވުމުގެ ސަބަބުން އެޗްޗީއޭއަށް ވަނީ ހަދާނެގޮތް ހުސްވެ ހަނުހުއްނަންޖެހިފަ އެހެއް ވުުގެ ސަބަބުން މިހާލަތަށް މި ޤައުމުދައްޖެހުނީ

  10. ޥާނުވާ

    މިހާަރު އަޅަފައި މިހުރީ ފިޔަވަޅުތަ

    • ާއަހުމަދު

      ފިހާރައަކަށް ވަދެވެނީ ދެތިންމީހުންނަށް ގައިދުރުކުރަންޖެހޭ
      ހޮޓާކެފޭބަލާ 2ފޫޓު 2ފޫޓު މޭޒެއްގަ 4މީހުން އެއަށްވުރެބޮޑިއްޔާ 6މީހުން
      ގެކާރީގައި ހުންނަސއިކަލާއި ހަމަޔައް މާސްކުނައަޅާ ގޮސްފިއްޔާ ޖޫރިމަނާ ކެފޭ ފިހާރަ ކާރީ ދިހަ ބާރަމީހުން ކޮފީ ސިގިރެޓު ބޯން ތިބޭ އިރު ފެންނަ ބަޔަކުނެއް
      ފިޔަވަޅު މަތީ ފިޔަވަޅު ނޫންތަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިމއޮތީ