ދިިވެހިންގެ މި ކުޑަކުޑަ މުޖުތަމައު ތެރޭގައި މަދުން ނަމަވެސް ގަބޫލުކުރަން ދަތި ހާދިސާތައް ބައެއް ފަހަރު ހިނގައެވެ. މިއީ ގދ. ތިނަދޫ އަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ހުސައިން އަލީ (އަސްލު ނަމެއް ނޫން) ކުޑައިރު އަމިއްލަ މައި މީހާގެ ފަރާތުން ތަހައްމަލު ކުރަން ޖެހުނު ލާއިންސާނީ އަމަލުތަކާއި މިހާރު ވެސް އެ މައި މީހާގެ ފަރާތުން ކުރިމަތިވަމުން އަންނަ ދުއްތުރާ ތަކުގެ ވާހަކައެވެ.

ހުސައިން އެންމެ ކުޑައިރުން ފެށިގެން ހަނދާންވާ ގޮތުގައި ބަލަމުން އައީ ގދ. ފަރެސްމާތޮޑާ އަށް ނިސްބަތްވާ އޭނާގެ މަންމައެވެ. އެއްބަނޑު އެއްބަފާ ދައްތަމެން މާލޭގައި ދިރިއުޅެމުން ދިޔައިރު ހުސައިން އާއި އޭނާގެ ދޮއްޓަށް ތިބި 2 ބޭބެ ވެސް އުޅެމުން ދިޔައީ މަންމަގެ ބެލުމުގެ ދަށުގައި ފަރެސްމާތޮޑާގައެވެ. ހުސައިން ބުނާގޮތުން އެއީ އޭނާ ހަނދާން ހުންނަ އެންމެ ކުރިއެވެ. އުމުރުން 6 ވަރަކަށް އަހަރުގައި އެކުގައި އުޅޭ ކުދިންގެ ބައްޕަ ފެންނާތީ މަންމަ ކައިރީ ތަކުރާރުކޮށް އޭނާގެ ބައްޕަ ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާގެ މަންމަ ބުނެފައި ވަނީ ހުސައިންގެ ބައްޕަ މަރުވެއްޖެ ކަމަށާއި ދެން ދުވަހަކުވެސް ބައްޕަ އެއް ނުފެންނާނެ ކަމަށެވެ. އަދި މި ސުވާލު ތަކުރާރު ކުރާތީ މަންމަ ރުޅިގަދަ ވާ ކަމަށްވެސް ހުސައިން ކިޔައިދިނެވެ.

"އޭރު އުމުރުން 6 ވަރަކަށް އަހަރު ވާނީ ކިރިޔާ ހަނދާން ހުންނައިރު އެއީ. ތިނަދޫގަ އުޅެފަ މަންމަ އާ ބައްޕަ ޑިވޯސް ވެގެން ދައްތަމެން މާލެ ދިޔައީ ބައްޕަ ކާރިއަށް. އަޅުގަނޑާ 2 ބޭބެ އާ ދިޔައީ މަންމަ ކާރިޔަށް ފަރެސްމާތޮޑާ އަށް. އޭރު ނޭނގޭ ވާނުވާ އެއް, ބައްޕަ ދުވަހަކު ފެނުން ކަމުގެ ހަނދާނެއް ވެސް ނުހުރޭ އޭރަކު. ބައްޕަ ބައްޕަ ކިޔާފަ އެހެން ކުދިން ވާހަކަ ދައްކާތީ އަޅުގަނޑު ވެސް ސުވާލު ކުރިން އަޅުގަނޑު ވެސް ބައްޕަ އެއް ހުންނާނެހޭ ކޮބާހެއްޔޭ ބައްޕަ ކިޔާފަ. އެހީމަ ބުނީ ބައްޕަ ވީ މަރުވެފައޭ ދުވަހަކު ވެސް ދެނެއް ނުފެންނާނޭ. އޭރު ދެން ނޭނގޭ ގާތް މީހަކު މަރުވުމަކީ ކިހާ ވަރެއްގެ ކަމެއްކަން ވެސް. މަންމަ ރުޅިވެސް އާދޭ ބައްޕަގެ ވާހަކަ ދައްކާތީ"

އެހެން ކުދިންނާއި ޙިލާފަށް ހުސައިންގެ ދިރިއުޅުން އޭނާގެ އެއްފުރާ ކުދިންނާއި އަޅާކިޔާއިރު ތަފާތުކަމުގެ އިހުސާސު އޭނާ އަށް ކުރެވުނު ނަމަވެސް އެކަމާއި މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި މަންމަގެ ފުރާޅުގެ ދަށުގަ އޭރު އުޅެމުން ދިޔައީ 2 ބޭބެ ފިޔަވައި އަޅާލާނެ އިތުރު އެއްވެސް ބަޔަކު ނެތިއެވެ. ހުސައިންގެ މަންމަ އޭނާ އާއި މެދު ކަންތައް ކުރީ ވަރަށް ވެސް އިހާނެތި ކޮށްކަން ހުސައިން އަށް ރޭކާލަން ފެށީ އޭގެ އެތައް އަހަރެއް ފާއިތުވި ފަހުންނެވެ.

ފިޓު ޖެހުނު ވަގުތު ވެސް ކުރީ އަނިޔާ!

މާތޮޑާގައި އުޅުނު އިރު އެއް ދުވަހަކު ހަވީރު ހުސައިން ވަނީ ގޭ ކުރިމަތީގައި އަވަށްޓެރި ކުދިންނާއި އެކު އާދައިގެ މަތިން ކުޅުމާއި ޝާމިލުވެގެންނެވެ. ކުއްލިއަކަށް އޭނާގެ މެއަށް އުނދަގޫތަކެއް ވާތީ ގެއަށް ވަދެ މަންމަގެ އެހީއަށް އެދުނު ނަމަވެސް މަންމަ ވަނީ އޭނާ އަށް އެއްޗެހި ކިޔައި އަނބުރައި ކުޅެން ފޮނުވާލާފައެވެ. އޭގެ އިރުކޮޅެއް ފަހުން އުނދަގޫތައް އިތުރުވުމާއި އެކު ހުސައިން ގެއަށް ވަދެ ކާނާ އަށް އެދުމުން އަނެއްކާވެސް މަންމަ ވަނީ ހުސައިން ފޮނުވާލާފައެވެ. އިރުކޮޅެއް ފަހުން ހުސައިން އަށް ވަނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ފިޓެއް ޖެހިފައެވެ.

"އެއް ދުވަހު ކުޅެން ހުރެފަ މެޔަށް އުނދަގޫތަކެއް ވާތީ ގެއަށް ވަދެ މަންމަގެ އެހީ އަށް އެދުނީމާ ބުނީ ކިހިނެއް ވެގެން ހެއްޔޭ ތި އުޅެނީ. ކުޅެން ދާށޭ. ބުނީމަ ކުޅެން ގޮސް ހުއްޓާ އިރުކޮޅެއް ފަހުން މާބޮޑަށް އުނދަގުވާތީ ދެވަނަ ފަހަރަށް ގެއަށް ވަނީ. އޭރު މަންމަ އިނީ ކާން އެހެންވެ ކާ އެތިކޮޅެއް ދޭން އެދުނީ. އެކަމަކު ވަރަށް ވަރަށް ރުޅި އައިސް ބުނީ ކާގެންނޭ ތިހުރީ ނުލިބޭނޭ ކާކައް. ދެން ކިހިނެތް ހަދާނީ އަޅުގަނޑަކަށް ނޭނގުނު ހަދާނެ އެއްޗެއް އަނެއްކާވެސް ކުޅެން ދިޔައީ. އޭރު ކިޔާދޭން ވެސް ނޭނގޭހާ އުނދަގޫތަކެއް ދިޔައީ ވަމުން. އެފަހުން ނޭނގެ ވީގޮތެއް. ފަހުން ހޭޖެހުނު އިރު އޮތީ ސިއްހީ މަރުކަޒުގަ އެއީ އަލަށް ފިޓު ޖެހުނު ފަހަރު. އެކަމަކު ފިޓު ޖެހުން ގަޑީވެސް މަންމަ ބުނި ކަމަށް ވަނީ މީނަ ކޮން ސަކަރާތެއް ހޭ މި ޖަހަނީ ކިޔާފަ އެގަޑީގަ ވެސް އަޅުގަނޑު ގައިގަ ތެޅިކަމަށް ބޭބެމެންނާ މަންޒަރު ދުށް މީހުން ބުނޭ. އެންމެ ފަހުން އަވަށްޓެރިއަކު އައިސް ބުނިކަމަށް ވަނީ އޭނާ ސަކަރާތް ޖަހަނީކީ ނޫނޭ ފިޓު ޖެހިފައޭ އެ އޮތީ" ވަރަށް އަސަރާއި އެކު ހުސައިން ކިޔައިދިނެވެ.

ހުސައިން ބުނާގޮތުން އެ މަންޒަރު ހިނގި ވަގުތު ހުސައިން ގައިގައި ތެޅިތަން ހަމަލޮލުން ފެނި, އެކަމަށް ހެކި ވާނެ އަވަށްޓެރިން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ. އަދި ދަރިން ގައިގަ ނުތަޅަން އަވަަށްޓެރިންނާއި ހުސައިން އަށް ވުރެން 3,4 ވަރަކަށް އަހަރުން ދޮށީ ދެ ބޭބެއިން ބުނާ ކޮންމެ ފަހަރަކު އެ 3 ކުދިން ކޮޓަރި ތެރެއަށް ވައްދައި އިލޮށިފަތިން ތަނެއް ދޮރެއް ނުބަލައި ތަޅައެވެ. އޭރު އެ ކުދިންގެ ހަށިގަނޑުގައި އަނިޔާތަކުގެ ނިޝާންތައް ދުވަހަކު ވެސް ރަނގަޅު ވެފައި ހުންނަ ވަރެއް ނުވެއެވެ.

ވާ ފަށަކުން ބަނދެ, މަގުމަތީގައި ވަނީ ދަމާ ކޫއްތާފަ!

ހުސައިންގެ އުމުރުން އެހައި ކުޑައިރު ތަހައްމަލު ކުރަމުން ގެންދިޔަ ކަންތައް ތަކަކީ އަޅުގަނޑަށް އަޑުއަހަން ފަސޭހަ ވާހަކަ ތަކަކަށް ވެސް ނުވިއިރު އޭނާގެ މަންމަ ދެމުން ގެންދިޔަ އަނިޔާތައް އެހިސާބުން ނިމުނީ އެއް ނޫނެވެ. އެއް ދުވަހު ހުސައިން ގެއާއި ތަންކޮޅެއް ދުރުގައި އިރު އޮއްސުނު ވަގުތު ހުއްޓައި އޭނާގެ މަންމަ ވަނީ ވާފަށެއް ހިފައިގެން އައިސް ހުރިހާ ކުދިންގެ ތެރޭގައި ހުސައިންގެ ދެ އަތުގައި ވާފަށަކުން ބަނދެ އެނބުރި ގެއާ ދިމާލަށް މިސްރާބު ޖަހާފައެވެ. އޭނާގެ މަންމަ ހިނގާފައި ދިޔައީ ވަރަށް ބާރަށް ކަމުން ހުސައިން އަށް މަންމަ އާއި އެއްވަރަށް ހިނގާފައި ނުދެވި, އެ ވާ ފަށަށް ވާންވެ އޭނާ ބިންމައްޗައް ވެއްޓުނެވެ. ނަމަވެސް އެހިސާބުން ވެސް ހުސައިންގެ މަންމަ އޭނާގެ ދުވެލި އެއްވެސް ވަރަކަށް މަޑުނުކޮށް ދަމާ ކޫއްތާފައި ހުސައިން ގެއަށް ގެންދިޔަ އިރު އޭނާގެ ހަށިގަނޑުން އެތައް ތަނެއް ވަނީ މަށައިގެން ގޮސްފައެވެ.

" އަޅުގަނޑު ހަނދާންވޭ. އޭރު އަޅުގަނޑު ހުރި ހަނދާންތައް މި ކިޔަނީ. މަންމަ އަޅުގަނޑު އަތުގަ ފަށެއް ޖަހާފަ ބިންމަތީގަ ކާއްތަމުން ކާއްތަމުން ގެއަށް ގެންދިޔައީ. ފުރަތަމަ އަޅުގަނޑު ވަލަށް ދަމަން ފެއްޓީ. ދެން އަޅުގަނޑު ކުޑަވީމަ މަންމަ އާ އެއްވަރަކަށް ނުއެއް ހިނގޭނެތާ އެހާ ބާރަށް ދާއިރު. އެހެންވެ އަޅުގަނޑު ވެއްޓުނީ ބިންމައްޗައް. އެކަމަކު ވެއްޓުނީމަވެސް ބިންމަތީގަވެސް ކާއްތަމުން ކާއްތަމުން ކާއްތަމުން އަޅުގަނޑު ގެއާ ހަމައަށް ގެންދިޔައީ. ގެއަށް ދެވުނު އިރު ފަށް ޖަހާފަ ހުރިތަންވެސް އަތުގަ ހުރީ ވަރަށް ބޮޑަށް ރަތްވެފަ. މަގުމަތީގަ ދަމަމުން އައީމަ ގައިގެ އެތައް ތަނެއް ހުރި މަށައިގެން ގޮސް ލޭ އައިސައް ވެސް އެހާ ބާރަށް ދަމަމުން އައީމަ. މިއީ ހަމަ އަޅުގަނޑު މަންމަ ފަރާތުން ލިބިފަ ހުރި އަނިޔާތައް"

އަނގަޔަށް ފޮތި ކޮއްޕައި މަރާލަން މަސައްކަތް ކުރި!

ދަރިން ގެންގުޅޭއިރު އެކުދިންގެ ފަރާތުން ކުޅެން އުޅުމުގެ ތެރޭގައި ތަކެއްޗައް ގެއްލުން ވުމަކީ އާއްމު ކަމެކެވެ. އަޅުގަނޑުމެން ކުޑައިރު ވެސް މިގޮތަށް އެތައް ތަކެއްޗެއް ވާނީ ހަލާކު ކުރެވިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ މައިންބަފައިން އެފަދަ ހާލަތެއްގައި މަދުފަހަރު ބާރަށް އެއްޗެކޭ ބުނި ނަމަވެސް ގަޔަކު އަތެއް ނުލައެވެ. އިވެނީ ނަސޭހަތެވެ. އެހެނަސް ހުސައިން އަށް ކަންތައްވީ ފަހުމުކުރަން ވެސް ދަތި ގޮތަކަށެވެ. ގޭތެރޭގައި ކުޅެން އުޅެނިކޮށް މަންމަގެ އަލަމާރި އަށް ގެއްލުމެއް ވުމުން މަރުގެ އިންޒާރާއި އެކު އޭނާގެ މަންމަ މަސައްކަތް ކުރީ ސީދާ އޭނަ މަރާލުމަށެވެ. ހުސައިންގެ އަނގައިގެ އެންމެ އެތެރެއަށް ފޮތިގަނޑެއް ކޮއްޕައި ހަޅޭލެވުން ހުއްޓުވައި ތަޅާ އަނިޔާ ކުރަނިކޮށް އޭނާގެ ފުރާނަ ސަލާމަތްވީ އެ މަންޒަރު އެހެން މީހަކަށް އެވަގުތު ފެނުމުންނެވެ.

"އެއް ދުވަހަކު އަޅުގަނޑު ގޭތެރޭ ކުޅެން އުޅެނިކޮށް މަންމަގެ އަލަމާރި އަށް ގެއްލުމެއްވީ. އެކަން މަންމަ އަށް އެނގިގެން މިފަހަރު މަރަޔޭ ލާނީ ކިޔާފަ, އެހެން ބުނީ. މިފަހަރު މަރާލާނީ އޭ. މީނަގެ އުނދަގޫ މާ ބޮޑު ވެއްޖެޔޭ. ކިޔާފަ އަޅުގަނޑު ކަރު ބުޑަށް, އެންމެ އެންމެ އެތެރެއަށް ފޮތިގަނޑު ކޮއްޕީ. އަޅުގަނޑަށް އެގަޑީ ދެން ނުވެސް ގޮވޭނެތާ. ތަދުވެޔޭ ވެސް, ނޭވާ ނުވެލެޔޭ ވެސް އެއްވެސް އެއްޗެއް ނުބުނެވޭ ހާލުގަ ހުއްޓާ އަނިޔާ ކޮށްފަ އެތައް އިރެއް ވަންދެން ބެހެއްޓި އެގޮތަށް. ނަސީބަކުން އެގަޑީ ގެއަށް ވަތް މީހަކަށް އެތަން ފެނިގެން އޭނަ އައިސް އަޅުގަނޑު ކަރުން ފޮތިގަނޑު ނައްޓާލީ"

މި އަނިޔާތަކަށް ހުސައިން ކެތްކުރަމުން ދިޔައިރު މިއީ ގެވެށި އަނިޔާ ކަމެއް ހުސައިން އަކަށް ނޭނގެއެވެ. އޭނާ އަށް އެނގިފައި އޮތް ގޮތުން ހުރިހާ މައިން ވެސް ދަރިންނާއި މެދު ބަސްނާހާތީ ކަންތައް ކުރަނީ އެގޮތަށެވެ. މިގޮތުގައި އަހަރުތަކެއް ފާއިތުވި ފަހުން ހުސައިންގެ މަންމަ ވަނީ އިތުރު ކައިވެންޏެއް ކުރަން ތައްޔާރުވެ ދަރިން ގޮވައިގެން ތިނަދޫ އަށް ގޮސްފައެވެ. އަދި ހުސައިން އާއި އޭނާގެ ދެ ބޭބެ ކައިރީ ވަރަށް ރަނގަޅު ރަށަކަށް ދެވެން އޮތް ކަމާއި އެރަށަށް ދިއުމުން އެރަށުގެ ތިމާގެ މީހުން ރަނގަޅަށް ބަލައި, ކާންދީ ހަދާނެ ކަމަށް ވެސް ބުންޏެވެ. މިހެން ކިޔައި އެކުދިން ފޮނުވަން އުޅުނީ ފ.ދަރަނބޫދޫ އަށެވެ. އެރަށަށް ކުދިން ފޮނުވާލުމަށް ހުރިރާ ތައްޔާރީތަކެއް ވެ, ހަފްތާ އެއް ވަންދެން އެ ކުދިން ގެއިން ބޭރަށް ނުނެރި ބޭތިއްބީ ތިނަދޫ އާއިލާ ބަޔަކު ކައިރީ އެ ކުދިން އެވާހަކަ ދައްކަފާނެތީއެވެ. ކަން ވީވެސް އެހެންނެވެ.

ފުރަން އޮތް ދުވަހުގެ ކުރީ ރޭ ހުސައިންގެ އެންމެ ދޮއްޓަށް ހުރި ބޭބެ ވަނީ ގެއިން ފިލައިގެން ގޮސް އާއިލާ މީހެއްގެ ކައިރީ ކޮންމެވެސް ރަށަކަށް ފޮނުވާލަން އުޅޭ ވާހަކަ ބުނެފައެވެ. އެއާއިއެކު ފުލުހުން ގޮވައިގެން ގޮސް އޭނާގެ ތިމާގެ ދައްޔަތަކު ވަނީ އޭނާގެ ހިމާޔަތުގެ ދަށަށް ކުދިން ގެނެސް މަންމަގެ ޕްލޭން ފެއިލް ކޮށްލާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހުސައިން ވަނީ އޭނާގެ ބައްޕަ އާއި ހަވާލު ކޮށްފައެވެ. އެއީ ހުސައިންގެ ބައްޕަ ދުނިޔޭގައި ހުރި ކަމާއި ހުސައިންގެ ބައްޕަ އޭނާގެ ހަމަ ލޮލަށް ވެސް ފެނުނު ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން ހުސައިން ބަލަމުން އައީ އޭނާގެ ދޮއްޓަށް ތިބި ކުދިންނާއި އޭނާގެ ބައްޕައެވެ. ކައްކައި ކައި ހެދީ އެ ކުދިން އަމިއްލަ އަށެވެ. ބައްޕަ މަސައްކަތުގައި އަބަދު ބޭރުގައި އުޅޭކަމުން ސްކޫލަށް ގޮސް އައިސް ހަދަނީވެސް އެކަނިމާ އެކަންޏެވެ. މިއީ ތިނަދޫގައި މި އާއިލާ އެނގޭ މީހުން ހެކިވާނެ ކަމެކެވެ. އުމުރުން އެންމެ 7,8 ވަރަކަށް އަހަރުން ފެށިގެން އެއްބަނޑު ކުދިންގެ އެހީގައި އުޅެމުން އައީ ވަރަށް ވެސް ހިތްވަރު ހުރެގެންނެވެ.

ތިނަދޫ އަށް ދިރިއުޅުން ބަދަލުކޮށްގެން އުޅުނު ދުވަސްވަރު ހުސައިން އަށް ދެވަނަ ފަހަރަށް ފިޓެއް ޖެހި އައިސީޔޫގައި އޮންނަން ޖެހުނެވެ. ތިނަދޫ ހޮސްޕިޓަލުން ބެލި ޑޮކްޓަރު އެންގީ ކުރިން ދިން ބޭސް ސިޓީ ނުބަލައި އިތުރު ބޭހެއް ދިނުން ރަނގަޅު ނޫން ކަމަށެވެ. މިއާއިއެކު ހުސައިންގެ އާއިލާ މީހުން އޭނާގެ މަންމަ ކާރިޔަށް ދިއުމުން ބުނީ ހުސައިންގެ ބޭސް ސިޓީ އަށް ވަރަށް ލާރި ހަރަދު ކޮށްފައި ވާނެ ކަމަށާއި އެއަށް ހޭދަވި ފައިސާ ދިނުމުން ނޫނީ ބޭސް ސިޓީ ނުދޭނެ ކަމަށެވެ. ބޭސް ސިޓީއަށް އެރި ވަރަށް ވުރެން މާ ބޮޑު އަގެއް ކިޔަމުން އޭނާގެ މަންމަ އިތުރަށް ބުނެފައި ވަނީ ހުސައިން މަރުވިޔަސް އެ ފައިސާ ދިނުމުން މެނުވީ ބޭސް ސިޓީ ނުލިބޭނެ ކަމަށެވެ.

"ފިޓު ޖެހިގެން އައިސީޔޫގަ އޮތީ. ދޭނެ ބޭހެއް ވެސް ނޭނގިފަ ޑޮކްޓަރު ހުރީ ކުރިން ބޭހެއް ދީފަ ހުރީމަ. ދެން އެއްބަނޑު ދައްތައެއް ދިޔައީ ތިނަދޫން ފުރާގެން މާތޮޑާ އަށް މަންމަ ކާރިއަށް ބޭސް ސިޓީ ހޯދަން. ދިޔާމަ ބުނީ އެ ލިޔެކިޔުންތައް ހޯދީ ވަރަށް ފައިސާ ހަރަދުކޮށްގެނޭ އޭނަ މަރުވިޔަސް ފައިސާ ނުދެނީސް އެ ލިޔެކިޔުންތަކެއް ނުލިބޭނެޔޭ. ކިޔާފަ ނުދިން އެ ބޭސް ސިޓީ އެއް" ހުސައިން ކިޔައިދިނެވެ.

ސިހުރު ހަދާ ކަމުގެ ޝައްކުތައެއް!

މިހިސާބުން ހުސައިން އަށް އޭނާގެ މަންމަގެ ފަރާތުން ކުރިމަތިވަމުން އައި ދުއްތުރާތަކަށް ނިމުމެއް އައީކީ އެއް ނޫނެވެ. ހުސައިންގެ މަންމަ އާއި ދެކޮޅަށް އެންމެ ބޮޑަށް ނިކުމެ, މަންމަގެ ނިންމުންތަކަށް އެންމެ ގިނައިން ދެކޮޅު ހަދައި ގޮންޖަހަނީ ހުސައިންގެ އެންމެ ދޮއްޓަށް ހުންނަ ބޭބެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ޒަވާޖީ ހަޔާތެއް ފަށައިގެން ތިނަދޫގައި ނޫޅެވޭ ވަރު ވެގެން ވަނީ މާލެ ބަދަލުވެފައެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން އެ ބޭބެ ވަނީ މާލޭގައި ނުރައްކާތެރި އެކްސިޑެންޓަކާއި ކުރިމަތިވެ, ކިރިޔައި ފުރާނަ ސަލާމަތް ވެފައެވެ. ކަންތައް ވީ ގޮތް ބަލައިލިއިރު އޭނާގެ މަންމަ ވަނީ އޭނާ އަށް ތިނަދޫގައި ހަމަޖެހިލައިގެން ނޫޅެވޭވަރަށް ސިހުރު ހަދައި, އެނާގެ ހުރިހާ ދަރިންނަށް ވެސް ގޯނާ ކުރުމަށް ސިހުރު ހަދާފައެވެ.

އަދި މީގެ އިތުރުން ހުސައިންގެ ބައްޕަ އަށް ވެސް ސިހުރު ހަދާފައިވާ ކަމަށް ޝައްކު ކުރެވޭއިރު މިހެން ޝައްކު ކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ މިހައި ނުބައިކޮށް ކަންތައް ގޮސްފައި އޮތް އިރުވެސް ހުސައިންގެ ބައްޕަ އޭނާގެ މަންމަ އަދިވެސް ބޭނުންވާތީ ކަމަށް ވެއެވެ.

މަންމަގެ އަނިޔާތަކަށް އަދިވެސް ނިމުމެއް ނާދޭ!

ހުސައިންގެ މަންމަ ފަރެސްމާތޮޑާގައި އޭރު ކައިވެނި ރޫޅި, މިފަހުން ވަނީ ތިނަދޫ އަށް ދިރިއުޅުން ބަދަލުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި ކައިވެނި ކޮށްފައެވެ. ހުސައިން އަށް މިހާރު 22 އަހަރުވެފައި ވާއިރު އޭނާ މިފަހުން ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅެމުން އައީ ބައްޕަގެ ގޭގައެވެ. ނަމަވެސް އެއް ދުވަހު މަންމަ ވަނީ ގެއަށް އައިސް އެގޭގައި ތިބި އެންމެން ގެއިން ނެރެލައި މިއީ ކޯޓުން އޭނާގެ މަންމަ އަށް ދީފައިވާ ގެއެއް ކަމަށް ބުނެފައެވެ. އެ ގޯތީގައި ނުރާނައި އޮތް ހުސް ބިމަކީ ދަރިންނާއި ބައްޕަގެ ބައި ކަމަށް މަންމަ ވަނީ ބުނެފައެވެ. ނަމަވެސް ހަގީގަތުގައި ކޯޓުން ނުރާނާ ބައި ދީފައި އޮތީ ހުސައިންގެ މަންމަ އަށެވެ. އަދި ރާނާފައި އިން ބަޔަކީ ހުސައިންގެ ބައްޕަ އަށް ކޯޓުން ދީފައިވާ ބައެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ބޮޑެތިވެފަ. ތިއްބާ ކުރިން ދުވަހު މަންމަ އައިސް ގެއިން ނެރެލަމުން ކޯޓު އަމުރާ އެއްޗެހި މި ދައްކަނީ. އޭގަ ބައްޕަ ބުނެފަ އޮތް ގެ ބަހަން ބޭނުން ނުވާ ކަމަށާ 7 ދަރިން ބޮޑެތިވެ އެ ކުދިން ކަމަށް އޭގަ ގޮތެއް ނިންމާނީ. އެކަމު ނޭނގެ ކިހިނެތް ކަމެއް, ކޯޓުން އެއްބައި ދީފަ އޮތީ މަންމަ އަށް. ގެއިން ނިކުތީ ނިކުންނާށޭ ބުނީމަ. އެކަމަކު އެއީ މަންމަގެ ބައެއް ވެސް ނޫން އަސްލު. އޭގެ ފަހުން އެއް ދުވަހު މަންމަ އާ އެ ވާހަކަ ދައްކަން ދިޔާމަ ކުޑައިރު ތަޅާ އަނިޔާ ކުރި ގޮތަށް މަންމަ ވަނީ އަޅުގަނޑު ގައިގަ ތަޅާފަ އެދުވަހު. އަދި މަންމަ މަރު ވަންދެން އެތާ އުޅޭނީ އޭނަ އާއި އޭނާގެ ފިރިމީހާ ކަމަށްވެސް ބުނި. އެތާ ތެރޭ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ވެސް ކުރޭ މަންމަގެ ފިރިމީހާ. މަންމަވެސް އެތަކެތި ބޭނުން ނުކުރާ ކަމަށް މިހާރު ގަބޫލުކުރަން އުނދަގޫ އަސްލު. އަދި އަޅުގަނޑު ގައިގަ އެދުވަހު ތަޅާފަ މަންމަ ގެ ކައިރި މީހުން ކައިރީ ބުނީ އަޅުގަނޑު އެގެއަށް ވަދެ މަންމަ މަރާލަން އުޅެފިޔޭ. އެމީހުން އައިސް އަޅުގަނޑު ކައިރީ އެވާހަކަ ބުނި. އެމީހުންނަށް ވެސް އެނގޭނެ ކަންތައް ހިނގަމުން އައި ގޮތް"

ނަފްސާނީ ބައްޔަށް ފަރުވާ ކުރަން ޖެހިފައި!

ގެވެށި އަނިޔާ ލިބިފައިވާ އެންމެންވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމައި ވިސްނައި ފެށި, އޭގެ ސަބަބުން މީހާގެ މެންޓަލް ފިޓްނަސް ދަށްވެ, ހާސްކަމެއްގެ ތެރެއަށް މީހާ ވެއްޓެއެވެ. ހުސައިން ވެސް މިހާރު ހުރީ އެފަދަ ހާލަތެއްގައި. މިގޮތަށް ކަންތައްވީ ކިހެނެތް ކަމެއް ހުސައިން އަކަށް ނޭނގެއެވެ. މަންމަގެ ސަބަބުން މިހާރު ހުސައިން އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ. މީގެ ކުރިން ކުޑައިރު ޖެންޑާ އާއި ފުލުހުންނަށް ވެސް މައްސަލަ ޖައްސައިގެން އެކަމަށް ހައްލެއް ލިބިފައި ނުވާކަމަށް ހުސައިން މައުލޫމާތު ދޭއިރު މިހާރު އޭނާ އުޅެމުން އަންނަނީ އަމިއްލަ ރަށުގައި ތަނެއް ކުއްޔަށް ނަގައިގެންނެވެ. މަންމަ މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި އެކު އުޅޭ ކަމުން އެކަމާއި ގުޅިގެން ވެސް މީހުން ދައްކަމުން އަންނަ ވާހަކަތަކާއި ކުރިމަތިލައި ހުސައިން ވަނީ ބޮޑު ލަތުވެތިކަމަކާއި ކުރިމަތިލާން ޖެހިފައެވެ. މީގެ ކުރިން މިވާހަކަތައް ވީހައިވެސް ނުދައްކައި ވޭތޯ ހުސައިން މަސައްކަތް ކުރި ނަމަވެސް މިހާރު ހުސައިން ބޭނުންވަނީ އޭނާގެ މަންމަ އަކީ ކޮން ކަހަލަ މީހެއްކަން މީހުންނަށް އެނގޭށެވެ. ހުސައިން އާއި އެއްބަނޑު ކުދިންވެސް މަންމަ އާއި މަންމަގެ ދުއްތުރާ ތަކާއި މަރުގެ އިންޒާރުތަކާއި ހެދި ހަމަޖެހިލައިގެން އަމިއްލަ ވަޒަނުގައި އުޅުމަށް ވަނީ ނުކުޅެދިފައެވެ.

މިއީ ވަރަށްވެސް ހިތާމަ ހުރި ހަމެކެވެ. ދަރިންނަކީ އަޅަމެންނަށް ދެއްވާފައިވާ އަމާނާތެއް ކަމުގައިވާއިރު ދަރިން ރަނގަޅު ގޮތުގައި ނުބެލޭ ކަމުގައި ވަނީނަމަ ދަރިން ހޯދުމުގެ ބޭނުމެއް ނެތެވެ. އެ ކުދިންނަށް އަނިޔާކޮށް ފަޞީހަތް ކުރުމުގެ މާނަ އެއް ނެތެވެ. އެކަން ކުރާ މީހުންނަށް އޭގެ ލިބޭނެ ހެވެއް ނޯންނާނެއެވެ. މިފަދަ މީހުންނަކީ އަހަރެމެންގެ ކުޑަކުޑަ ދިވެހި މުޖުތަމައު އިން އެއްފަރާތް ކޮށް މުޖުތަމައު އަށް ވިހަ ލިއުން ހުއްޓުވަން ޖެހޭ ފަދަ މީހުންނެވެ. ހުސައިންގެ އަސްލު ނަން މި ވާހަކަ ތަކުގައި ބޭނުން ކޮށްފައި ނުވި ނަމަވެސް އެއީ ކާކުކަން ވަރަށް ގިނަ ބަޔަކަށް މި ރިޕޯޓު ކިޔާލުމާއި އެކު އެނގުން އެކަށީގެން ވެއެވެ. މިއީ އެފަރާތްތަކާއި މި ރިޕޯޓު ކިޔާ އެންމެނަށް ލިބޭނެ އިބްރަތެއް ކަމުގައި އުއްމީދު ކުރަމެވެ. އަދި ހުސައިން އާއި އޭނާގެ އާއިލާ އަށް މިއަށް ވުރެން ރަނގަޅު ފާގަތި ދުވަސްތަކެއް މާތްالله ދައްކަވާނެ ކަމަށް ދުއާ ކުރަމުއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހާމާނު

    ކޮބާތަ ކަލޭގެ ނުލަފާ މަންމަ، މިހާރު ޕޮލިހައް މައްސަލަ ޖައްސާ، ހެން ސަލާމަތެއް ނިވެވޭނެ،

    134
  2. ސޔޜ

    ތިޔަ މީހާއަށް ހައްޤު އަދަބު ލިބެން ޖެހޭނެ

    140
    2
  3. ކަމަނަ

    އެއްބަޔަކު ދަރިން ނުލިބިގެން ހިތްދަތި ކަމުގަ. އަނެއް ބަޔަކު ދަރިން ގިމަ ވެގެން ދަރިން މަދަނީ.

    162
    1
  4. Anonymous

    ފުރަމާލޭ މެދުތެރޭގައި ހުންނަ މުރުތައްދު ގެއެއްގެ އަންހެނަކު ވެސް އެބައުޅޭ އޭނާގެ ދަރިންގެ ގައިގައި އަލިފާންޖައްސާ އަތްފައި ފިހެ، އެކުދިން ވައިގޮޅިއަށް ވައްޓައި މަރާލަން. މައްސަލަ ބަލާނެ މުއައްސަސާއެއް މިގައުމަކު ނެތް. މިގައުމުގެ އަންހެންވެރިންނަށް އޮތީ ލާރިއާހެދި ބޫތުކައިގެން ހިލޭ ފިރިހެނުން ފަހަތުން ދުވުން. މިގައުމުގެ ފިރިހެނުންނަށް އޮތީ މަކުނުކުޅި ކުޅުން.

    101
    2
    • ނާ

      ވަރަށް ރަނގަޅު ވާހަކައެއް

      53
      3
    • ޝާން

      އެފަދަ އަމަލެއް ކުރަނިކޮއް ފެނިއްޖެއިޔާ ހުއްޓުވާ.. އެއްގޮތަކަށްވެސް ބަލަހައްޓައިގެން ތިބެގެން ނުވާނެ.. އެއީ ފާފަވެރިވާނެކަމެއް..

      40
  5. އަހްމަދު

    މިވާހަކަ ގަބޫލުކުރަން ދަތިވެދާނެ ، މަންމައަކު ދަރިންނަށް ކުރި ލާއިންސާނީ އަމަލަކަށް ވުމުން ، ނަމަވެސް މިފަދަ ދެތިން މައިން ވަރަށް އަނިޔާވެރިކޮށް މަގުމަތީގައި ދަރިންގައި ގައި ތަޅާ އަނިޔާކުރި މަންޒަރު ދެކުނިން ، ކޮޅުފައިންނާއި ލަކުޑި ފަތިޖަނޑަކުން ތަޅާ އަނިޔާ ކުރަމުން ދިޔައީ ، އެއްދުވަހަކު ނޫން އަހަރު ތަކެއްވަންދެން ، ރުޅިއައީމާ ޖަހަން ވަކިތަނެއް ނުބަލާ ، އެއްފަހަރަކު ކަންފަތްމަތީ ޖަހާގެން ކަންފަތުން ލޭއައިސް އެފަހުން އެކަންފަތުން އަޑެއްނީވެ ވެސް އެކުއްޖާ އުޅުނު ،

    81
    2
  6. ާއަހަންމަދު

    މައްސަލަ ޖައްސަން ފެނޭ، އަދި ދޫ ނުކުރޭ ލިބުނު އަނިޔާ ތަކަށް ހައްލެއް ހޯދާ.

    66
    1
  7. Anonymous

    ހަގީގަތަކީ މި ޖެނެރޭޝަން ގަ އެވަރަށް ނަފްސާނީ ބަލި މީހުން ގިނަ ވެފަ ތިބީ މައިންބަފައިންނާ ހެދި ކަން. ގިނަ އީ ފަރުވާ ބޭނުންވާ މީހުން.
    ޢަހަރުމެން ތަރުބިއްޔަތު ކުރި މައިންނަކީ އެތައް ކަމެއް ތަހައްމަލު ކޮށްފަ ތިބި ބައެއް. ނަފްސާނީ ގޮތުން ފަރުވާ ހޯދަން ޖެހިފަ ނުހޯދި ތިބި މީހުން. ގިނަ މީހުން ނަށް ނުވެސް ޢިނގޭ އެމީހުންގެ މައްސަލަ އުޅޭ ކަމެއް. ދެން ވިސްނާ އެމީހުން ބަލާ ބޮޑު ކުރާ ދަރިންނަށް ނަފްސާނީ ގޮތުން ކުރާނެ އަސަރު. އެކަން ވިސްނާ ބަޔަކު މަދު އެކަމަކު. ތިމާމެން ގެ މައްސަލަ ހުންނަކަން އެނގި ހުރެ އެއަށް ފަރުވާ ނުހޯދާ ދަރިން ދުނިޔެއަށް ގެންނަ މީހުން ގިނައީ މި ޖެނެރޭޝަން ގަ. އަމިއްލަ ނަފްސަށް ނުބެލޭ މީހަކަށް ދަރިން ރަނގަޅަށް ބެލޭނެތަ.

    88
    3
  8. އަލީ

    ހަދީސްގަ ވަނީ ގިޔާމަތް ދުވަހުން ބޮޑެތި އިމްތިހާނުތައް ދުނިޔޭގަ ތަހައްމަލު ނުކުރާ މީހުން ހިތަށް އަރާނެ ކަމަށް ދުނިޔެ މަތީ އެމީހުންގެ ހަންގަނޑު 1000 ތަނުން ކަނޑާލި ނަމަ ކޮންފަދަ ހެއްޔޭ. އެއީ އިމްތިހާނުތައް ކުރިމަތި ކުރުވައި އެ އިމްތިހާނު ތަކުން ފާސްވަ މީހުންނަށް ހުރި ނިއުމަތާއި ސަވާބު ފެނިފަ އެހެން ހިތަށް އަރާނީ.

    72
    2
    • މީ

      މާތްﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި

      10
      1
  9. މަނިކު

    ޞަރުކަަރުން ބަދަލު ދޭން ފެނޭ

    29
    2
  10. ޕޮގުބާ

    ދޮގެއް

    3
    25
  11. ޙަނދުކޭތަ

    ގޮތެއްވެސް ނެތް އަންހެނެއް އަހަރެން އަޑުއަހަނީ ދަރިއަކައް ކަމެއްވެއްޖެއްޔާ މައިލަގޮނޑިއައް ކެތްނުވާވާހަކަ ތިޔަ އަންހެނަކީ ހިތެއްވެސް ލަގޮނޑިއެއްވެސް ނެތް ފުރޭތައެއްނު މަށައް ތީއްޗަކު ދައްކާލަބަލަ ކުޅިދައްކާލާނަން

    36
    1
  12. ސަނީ

    މަނަމަ އެވަރު ކުރާއިރު ކޮންމެމީހަކަސް މަށައްވެސް ވިވަރެއް ކުރާނަން. މައެއް އެވަރު ނުކުރާނެ. ކުރާނަމަ އެއީ މައެއް ނޫން

    28
    2
  13. ދެރައީ

    މިއީވެސް ތިފަދަ ކަންކަމާ އަޅާނުކިޔޭވަރު ކަންކަމެއްނޫން،
    މިއަދު ވަޒީފާގެ މާހައުލުގަ ބުލީކުރުމާ އެކިވަރުގެ އަތްނުލާ ދެވޭ އަނިޔާތައް އިންތިހާއަށް ވަނީ އިތުރުވެފަ.

    21
  14. ހުސެންް

    އެކަމަކު ދީނީމީހުނާއި މިގައުމުގެ ކޯޓުތަކުން އަމުރުކުރާނެ ކިތައްމެ ނުލަފާ މަންމައަކު ކަމުގައި ވިޔަސް ކުދިން ދާންޖެހޭނީ މަންމަގެ ކައިރިއަށް ކަމަށް. މަންމައިންގެ ތޔެރޭގައިވެސް ރަނގަޅުމީހުނާއި ވަރަށް އަނިޔާވެރި މީހުންވެސް އުޅޭ. އެކަމަކުވެސް މިގައުމުގެ ކޯޓަކަށް ގޮއްސިއްޔާ އަބަދުވެސް އިސްކަންދޭނީ މަންމައަށް. ކޯޓުތަކުން ދެކެނީ ފިރިހެނުންނަކީ ޖެއްސުންކުރާ ބައެއްގޮތަށް. މިއީ މިގައުމުގައި ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް.

    20
    4
  15. Anonymous

    އަދާކޮށްފައިވާ ވަޒީފާގެ ގޮތުން ތަކުރާރުކޮށްފެނިފަ ހުރި ކަމެއް ހޮއްސާކޮށްލަން،..މަންމައެއްގެ ލޯބި ނުލިބި، އަނިޔާލިބިފަ ތިބި އެތައް ކުދިންނެއް ބޮޑުވެ އަވަހަށް ގޭންބޭރަށް ގޮސް އެހެންމީހުންގާތުން ރުހުން ހޯދާ ނަތީޖާ އަކަށް ވަނީ ގިނަ ކުދިބް ކުށްކުރުމުގެ ތެރެއަށްދިއުން..

    11
  16. ހަވަރު ތިނަދޫ ބިގަރުކައުންސިލްގެ ރައީސް ރޯނުއެދުރު ސައުދު އަލީ

    ގދ.ހަވަރު ތިނަދޫގެ އަގުވެއްޓޭގޮތަށް ވަގުތު ނޫހުން ފާޑުފާޑުގެ ލިޔުންތަށް ލިޔާނެކަމެއް ނެތް. ހަވަރު ތިނަދޫއަކީ ޑްރަގްސް ވިއްކާ ބޮއެހަދާ ބަޔަކު އުޅޭ ރަށެއްނޫނެވެ އަދި ވައްކަމަކީ އެއްވެސް ވަރަކަށް ހަވަރު ތިނަދޫގައު ކުރާކަމެއް ނޫނެވެ. ގޭންގްރޭޕާއި ސިހުރު ހެދުމާއު އެއްޖިންސުން ގުޅުން ހިންގުމާއި ބްލެކްމެއިލް ކުރުން އެއީ ހަވަރު ތިނަދޫ ދަންނަކަންތަކެއް ވެސް ނޫނެވެ. މިހާރު ހަވަރު ތިނަދޫ ސިޓީއެއްގެ ދަރަޖަ ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ތިކަހަލަ ފިތުނަފަސާދަ އުފެދޭ ވާހަކަ މި ވަގުތު ނޫހުން ރިޕޯޓު ކުރުމަކީ ތިނަދޫ ދަފްތަރަށް ބަދަލުވާންބޭނުންވާ މީހުން އެކަން ހުއްޓާލުމެވެ. މިކަމުގެ ސަބަބުން ތިނަދޫ ސިޓީއަކަށް ނުވެ ސިޓީ މޭޔަރަށް ލިބޭ މުސާރަ ނުލިބުމެވެ

    2
    18
  17. އޭނާ

    އިހުސާސް ކުރެވޭ. ތި ހަާލު ތަހައްމަލު ކުރިން. އަދިވެސް ހަމަ ތިކަހަލަ މަންމަ މެން އެބަ އުޅޭ

  18. މާތޮޑާ މީހާ

    ގދ.ފަރެސްމާތޮޑާ މާތޮޑާއަވަށް ކާރުމަތީގެ އައިޝަތު އަކީ ގދ.ތިނަދޫއަށް ދިރިއުޅުން ބަދަލުކޮށް، ގދ.އަތޮޅުގަ އުޅޭ ހުރިހާ ބިދޭސީމީހުންނަށް ހަށިވިއްކަން އުޅޭމިހެއް. ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތު މީހަކައްވެސް އެއްދުވަސް ވަރެއްގަ އުޅުނު.

  19. ޢަލިފު

    ޢަހަރެން ތިޔަވާހަކަ ހިތުގެއަޑިން ގަބޫލުކުރަން ތިކަހަލަ ދެމަންމައިން މަށަށްވެސް ފެނިފަ މިހިރީ ތިޔައީ މަދުން ނަމަވެސް ހިނގާ ކަންކަން އެމަންމައިންނަށް ދުނިޔެމަތީގަވެސް އެކަންފެނިފަ ނިމިގެންދާނީ މަށަށް ފެނުނު އެއް މަންމަ އަށް އެކަންފެނި ނިމިއްޖެ އަލްހަމްދުލިއްލާހިޟުކުރު