އެއީ ރާއްޖޭގެ 16 އަތޮޅެއްގެ 34 ރަށެއްގެ ރައްޔިތުންނާ ގުޅިލާމެހިފައި އޮތް ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދެވެ. ދިވެހިންނަށް ބޭނުން ޖެހިފައި އޮތް އެންމެ މުހިންމު އަސާސީ ހިދުމަތެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް މިއަދު "ސަލާން" ޖަހަމުން އަންނަ އެންމެ ބޭނުން އެއް ވަސީލަތެވެ؛

ގުޅިފައިވާ ޕާޓީތައް ހިމެނޭ ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމެވެ. ސަރުކާރަށް ދެ އަހަރުވާން ގާތްވެފައި އޮއްވައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ. ރާއްޖޭގެ ފިނޭންސް މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ މަޝްރޫއުގެ ޓެންޑަރިން މަރުހަލާއެވެ.

އިންޑިއާ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ "ލައިން އޮފް ކްރެޑިޓް"ގެ ދަށުން ހިންގާ މި މަޝްރޫއަށް ގާތްގަނޑަކަށް 79 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ. މި މަޝްރޫއު އަންނަ ނޮވެމްބަރު ނޫނީ ޑިސެމްބަރު މަހު ފެށުމަށް ރޭވި އިރު، މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ދެ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ 35،000 އަށް ވުރެ ގިނަ ރައްޔިތުންގެ އުންމީދާ ގުޅިފައި އޮތް މަޝްރޫއެކެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާ ރަށްތައް.

މި މަޝްރޫއުގެ ދަށުން ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ރަށްރަށަށް ވާރޭ ފެން ފޯރުކޮށްދިނުމެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި ވަނީ ލޮނު ފެން ރީތި ފެނަށް ބަދަލުކޮށް ގޭބިސީތަކަށާއި ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ތަންތަނަށް ފޯރުކޮށްދިނުމެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި މަޝްރޫއުގައި ހިމެނެނީ ނަޖިސް އެއްކޮށް، ރައްކާތެރިކަމާ އެކީގައި މޫދަށް ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.

އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫއުގައި ހިމެނޭ ރަށްތައް ކަނޑައެޅީ ދިވެހި ސަރުކާރުން ކަމަށެވެ. މި މަޝްރޫއަކީ ހަ ފިޔަވައްސަކަށް ބަހާލައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާ ރަށްތައް.

އެގޮތުން ރަށްތައް ގްރޫޕްތަކަކަށް ބަހާލާފައި އޮންނަ އިރު، އެއް ގްރޫޕްގައި ހިމެނެނީ އެންމެ އުތުރުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށެވެ. ދެ ވަނަ ގްރޫޕްގައި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅު ހިމެނޭ އިރު، ތިން ވަނަ ގްރޫޕްގައި އދ. އަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ. ހަތަރު ވަނަ ގްރޫޕްގައި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ. ފަސް ވަނަ ގްރޫޕްގައި ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކެވެ. އަދި ހަ ވަނަ ގްރޫޕްގައި ހިމެނެނީ އެންމެ ދެކުނުން ގއ. އަދި ގދ. އަތޮޅުގެ ބައެއް ރަށްތަކެވެ.

މި ހުރިހާ އަތޮޅެއްގައި ހިމެނޭ ރަށްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 35،000 އަށް އަރައެވެ.

ބޯ ފެނަން ކުރަން ޖެހޭ އެތައް ހަރަދެއް ކުޑަވޭ!

މި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަކީ ބައެއް ދުވަސްތަކުގައި ބޯ ފެނަށް ޖެހިގެން އެހީ ވެސް ހޯދަން ޖެހޭ ރަށްތަކެވެ. މި މަޝްރޫއު ނިމުމާ އެކީގައި ކައިރި ރަށްތަކުން ބޯ ފެނަން ޖެހިއްޖެ ނަމަ، ވެސް އެހީތެރިވުމަށް މަގުފަހިވާނެއެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ބޯ ފެން ގަތުމަށް ކުރާ ހޭދަ އެތައް ހަރަދެއް ކުޑަވެގެން ދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވެސް ފާހަގަ ކުރެއެވެ.

ހައި ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުގައި ފަސް މީހުން ދިރިއުޅޭ ގެއެއްގައި އެއް ލީޓަރުގެ ފެން ފުޅި ތިން ރުފިޔާ އަށް ބޯން ގަންނަ ނަމަ، މަހެއްގެ މައްޗަށް އާންމުކޮށް ހިނގާނެ ކަމަށް ހަރަދު ކުރެވެނީ 450ރ. އެވެ. އެކަމަކު، ފެނުގެ ނިޒާމު ގާއިމު ކުރުމުން ގޭބިސީތަކުން ހަރަދު ކުރަން ޖެހޭ އަދަދު ބޮޑު ތަން ކުޑަވާނެއެވެ. މިއީ ހަމަ ގައިމުވެސް ރައްޔިތުންގެ ޖީބުތަކަށް އެތައް ލުޔެއް ލިބޭނެ ކަމެކެވެ.

ހޫނު ގަދަ ބައެއް ދުވަސްވަރާއި އިރުވައި މޫސުމުގައި ބައެއް ރަށްރަށުގެ ރައްޔިތުން ފެނަށް ޖެހިގެން ރިޕޯޓު ކުރެއެވެ. ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) ގެ ރިކޯޑުތައް ދައްކާ ގޮތުން އާންމުކޮށް އަހަރެއްގެ މައްޗަށް ތިން މަސް ދުވަހު ބައެއް ރަށްތަކުން ފެނަށް ޖެހެއެވެ. ފެނުގެ ނިޒާމު ގާއިމުކުރެވުމާ އެކު، އިމަޖެންސީ ހާލަތްތަކުގައި ފެން ފޯރުކޮށްދޭން ކޮންމެހެން ނުޖެހޭނެއެވެ.

އެންޑީއެމްއޭގެ ރިކޯޑުތައް ދައްކާ ގޮތުގައި ރާއްޖޭގެ ރަށްތަކަށް އިމަޖެންސީ ހާލަތްތަކުގައި ރަށްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި 1،000 ލީޓަރުގެ މަގުން 80 ޑޮލަރު (1،233ރ.) ހަރަދު ކުރެއެވެ. އެއީ ފަސް މީހުން އުޅޭ ގެއެއް ނަމަ، ދުވާލެއްގެ މައްޗަށް 20 ލީޓަރުގެ ފެން ބޭނުންވާ އިރު، ސަރުކާރުން މަހެއްގެ މައްޗަށް 925ރ. ހަރަދު ކުރަން ޖެހޭނެއެވެ. އެކަމަކު، މި މަޝްރޫއު ނިމުމާ އެކު، ސަރުކާރުން ކުރަން ޖެހޭ ހަރަދު ވެސް ކުޑަވެއެވެ.

ހައި ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް ސިއްހީ ގޮތުން ވެސް އެތައް ފައިދާއެއް ކުރުވަނިވި މަޝްރޫއެކެވެ. ބައެއް ރަށްރަށުގައި ރަނގަޅު ކޮލިޓީގެ ފެން ލިބިގެން ނުދާ އިރު، އަލަށް ހިންގާ މަޝްރޫއު ނިމުމާ އެކު، ރައްޔިތުން ޝައްކު ކުރާނެ ޖާގައެއް ނޯންނެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އަތޮޅު ތެރޭގެ ރަށްރަށުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 14،000 އެއްހާ ރުފިޔާ ލިބެއެވެ. މިސާލަކަށް މުސާރައިގެ ފަސް އިންސައްތަ ނުވަތަ މަހެއްގެ މައްޗަށް 698ރ. ހަރަދުކޮށްލައިގެން ގޭގައި އުޅޭ މީހުންނަށް ރައްކާތެރި ގޮތުގައި ބޯ ފެން ލިބުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވާނެއެވެ.

ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ މި މަޝްރޫއުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ ޝާހް ޓެކްނިކަލްގެ ފަރާތުން ކަމަށެވެ. މި ކުންފުނި ކަނޑައަޅާފައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ޓެންޑަރިން މަރުހަލާގެ ތެރެއިންނެވެ. އިންޑިއާގެ ކްރެޑިޓް ލައިންއާ ގުޅޭ ހުރިހާ މައުލޫމާތެއް ހެން އިންޑިއާގެ އެގްޒިމް ބޭންކްގެ ރަސްމީ ވެބްސައިޓުގައި ފެންނަން އެބަހުއްޓެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާނުކުރެވުނު 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑު ހަތް މަޝްރޫއުއެއް ހިމެނެއެވެ. މި ހުރިހާ މަޝްރޫއުތަކަކީ ރައްޔިތުންނާ ގުޅިފައި އޮތް މަޝްރޫއުތަކެކެވެ. ރައްޔިތުންނަށް އެތައް ފައިދާއެއް ކުރުވަނިވި މަޝްރޫއުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހިރިލަންދޫ މީހާ

  ބިން ހިއްކަން ރައީސް އަދި މަޖިލިސް މެންބަރު ވީ ވަޢުދު ނުފުއްދަންޏާ، ދެން މި ސަރުކާރުން ކިޔާ އެއްޗެއް ޤަބޫލު ކުރާނެކަން އެއީ ހަތްހަރާމުން ޙަރާމްކަމެއް.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް އަހަރެން ބުނާނީ ކޮބާހޭ! ކޮބާހޭ! ކޮބާހޭ! ބިންހިއްކަދޭނަމޭ ބުނެ ވީ ވަޢުދު. ބިންހިއްކުމުގެ ވަޢުދަށް ކުޑަވެސް ބަދަލެއް ނާންނާނެކަން ހަނދާން ކުރާތި.

  10
 2. ލަބީބު

  ޔާމީންގެ ދައުރުގައި މި މަސައްކަތް ފަށާ މި ސަރުކާރު އާސް މަސައްކަތްހުއްޓުވާފައޮތް ރަށްތަކާ މިހާރުވެސް މަސައްކަތް ކުރިޔަށްދާ ރަށްތައްވެސް މި ލިސްޓުގައި އެބަހުރި! ކަށަވަރުކަމާއެކު ބުނަންއޮތީ މިއީ ކުރިޔަށް އޮތް ދިހަ އަހަރުންވެސް ނުނިންމޭނޭ މަސައްކަތެއްކަމުގައެވެ. އަނދުން އަޅުވާ އޮޅުވައިލުމަށްޓަކައި ޓެންޑާވެސް ކޮށްފާނެއެވެ. މަސައްކަތް ފަށާވެސްފާނެއެވެ. ނިމޭތަނެއް ނާންނާނެއެވެ.

  15
  2
 3. އައްޔުބެ އައްޔުބެ

  "ލިސްޓެއް ނެރުނަސް މިވެރިން ހަރާމް ވާކަމެއް އަދު، ލިސްޓަށް ޢަމަލެއް ނުކުރޭ ވަޢުދޭ ވީި ފެނަށް އަދު."
  " ނެތޭ ދޭނެ ވޯޓެއް ހެދީ ހުސް ދޮގޭ އަދު،
  ގުނބޯ ހެއްދި ބައިގަނޑު ވިބޭޒާރެކޭ އަދު." ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
  " ފޮޑިއަށް ވެއްޖޭ ޖަމަލުގެ ވަހެއްވެސް ނެތޭ އަދު، ގޮނޑިއެއް ލިބުނަސް "ސޯޓޭ" ބޭލޭ ގޮތް ވަނީ އަދު."

 4. ަސާޖީ

  ރ. އިނގުރައިދޫ ގަވެސް ވ ބާރު ސްޕީޑުގައި ފެނާ ނަރުދަމާގެ ކަންކަން ކުރިއައްއެބަދޭ.... އެކަމް ލިސްޓަކު ނަމެއް ނެތް.... ހުރި ހިތާމައެެއްގެ ބޮޑުކަމާއޭ....

 5. މަގޭ

  މިއަހަރުގެ ބަޖެޓުގަ ށ.ނޫމަރާ އިން. އެރަށުގަ ފެނާއި ނަރުދަމާ އަޅާ ނިމުނީތަ. ކޮބާ އެމްޑީޕީ މޮޔައިންތައް

 6. ޗަކޮޔާ

  ތި ލިސްޓުގައި ނައިފަރު ނަމެއް ނެތް ދޯ. ނައިފަރުގައި އޮންނަ އެމްޑީޕީ ކައުންސިލަރުން މަސައްކަތްކުރާ މީހުންނަށް އަންނަ މުސާރަވެސް ހިފަގައްޓައި މަސައްކަތު އެއްބައި ނިމުމުން އެ މަސަކަތްކުރި މީހުންވެސް ފަހާލާފި. ދެން އަހަރެމެން ހީކޮށްގެން މިތިބީ ކައުންސިލުން ނުކުމެ މަސައްކަތް ފުރިހަމަކުރާނެކަމަށް. މިހާރު ސާފުވެއްޖެ. ތި ލިސްޓުގައި ނައިފަރު ނަން ނެތީމާ މަސައްކަތް ހުއްޓާލާފައި ލާރިކޮޅުވެސް ދިރުވާލީ.

 7. ކަނބުލޮ

  ކޮބާ ކުމުންދޫ ލައްވައެއް ނުލިދޯ ގައިމު ވައިކަރަދޫ އަށްވުރެން މީހުން މަދެއްނޫން .. ކޮބާތަ މާވެފަ އުޅޭ ކައުންސިލު މީހުން...

 8. ކުރަމްޕް

  ސަހާދެއްފަދަ ތެދެއް މިބުނީ މަ މެންނަށް ލިބުނު ރަންގަނޑެއް މިއޮތީ ފަކީރާ ހިފައގެން..އޯގާތެރި ކަންބަލާބަލަ ...އިބުރާހި މް ކޮއްކޯ ސާބަހޭ...ރަންއިލޮށިން ދިވެހި ރައްޔަތުންނަށް ކަދުރު ކާންދީފަ ބަހައްޓާ ދަރިޔާ..ޔަގީނޭ މި 5 އަރު ދުނިޔޭގެ ސްޕަރ ޕަވަރަކަށް މިކުޑަކުޑަ ރާއްޖެ ހަދާނެ...ރައްޔަތުންނޭ ދެންއަތްޖަހާ..

  3
  1
 9. ރާއްޖެ

  މަތީގަ އޮތް ލިސްޓްގެ 19 ރަށުގެ އާބާދީ އެވްރެޖް 1000 އަށް ނާރާ. ތި ކުދި އާބާދީތައް އެއްފަސް ކުރަން ޖެހޭ. ބޭކާރު ޚަރަދު ނުކޮށް.

 10. ޔާން

  ސާބަހޭ .މުޙައްމަދު ޔާމީން. ކިހާ ފައިސާއެއް ހޯދައިގެން ތި ލިޔަނީ. ނޫސްވެރިން ހައްދައިގެންވެސް ވެރިކަން ކުރެވޭތޯ މިބަލަނީ.

 11. ޣ

  10👮👮👮ޕޮލިސް

 12. ބަންޓީ

  އަހަންނަށް އެނގޭ މިންވަރަކީ ހުވަދުއަތޮޅުން ވިލިނގިއްޔާއި ތިނަދުއާއި ގައްދޫ ފިޔަވައި އެއްވެސް ރަށެއްގައި މިދައުރުގައި ފެނާއި ނަރުދަމާ އަޅާން ނުފަށާނޭކަން. އެކަމަކު ޓެންޑަރ ކޮށްފާނެ.