ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ވައުދުވި އެއް ކަމަކީ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެކަމުގައި ބައިވެރިވާ އެންމެންގެ މައްޗަށް އިންސާފު އަރާ ހަމަކުރާނެ ކަމުގެ ވައުދެވެ. ކުރީގެ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް މަޝްރޫއުތަކެއް ހިންގި ކަމަށް ބުނެ މިސާލު ދެއްކިއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ވަނަ ބުރި އާއި ނަސަންދުރާ ހުރި ބިމެވެ. ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން ކަމަށް ވިޔަސް، އެކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ކަމަށް ގަބޫލު ކުރިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ، ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލުމުގެ އުންމީދާ ވެސް އެކީގައެވެ.

ކުރީގެ ސަރުކާރުގައި ހިނގި ކަންކަން ތަކުރާރު ނުކުރާނެ ކަމުގެ ޔަގީން ކަން ދީފައެވެ. އެފަދަ ކަމެއް އެއްވެސް ވުޒާރާއެއް ނުވަތަ މުއައްސަސާއެއްގެ ތެރޭގައި ހިނގި ނަމަވެސް ބަލަން ނުތިބެ އެކަމުގައި ބައިވެރިވާ މީހުންނާ މެދުގައި ފިޔަވަޅު އަޅާނެ ކަމުގެ އުންމީދު ދެމުންނެވެ. ކޮރަޕްޝަންގެ މޫތައް ލުހެލައި، ރައްޔިތުން ހައްގުވާ މިންވަރު ހޯދައި ދިނުމުގެ މަތިވެރި އަޒުމުގައެވެ. ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށްދިނުމުގެ ރޫހުގައެވެ.

އެ ރޫހުގައި ސަރުކާރުން ފެށި މަސައްކަތް ކިތަންމެހާ ވެސް ގިނައެވެ. އެކަމަކު، އެ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުުކުތްތޯ މިއީ ކުރެވޭ ސުވާލެވެ.

ކޮރަޕްޝަންގެ ތަހުގީގުތައް ފެށީ އިސްލާހީ ބަދަލުތަކާއެކު!

ކޮރަޕްޝަން ހުއްޓުވުމުގެ ބޭނުމުގައި މި ސަރުކާރުގެ ފުރަތަމަ ދުވަހު ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތަކެއް އިއުލާން ކުރިއެވެ. އެއް ކަމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރޭގައި، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ހާމަކުރައްވަން ފެއްޓެވުމެވެ. ރައީސް އޮފީހުގެ ވެބްސައިޓުން އާންމުންނަށް ފެންނާނެހެން މި މައުލޫމާތުތައް އާންމުކުރެއްވުމަކީ ރާއްޖޭގެ ތާރީޚުގައި ވެސް އަލަށް ކުރައްވަން ފެއްޓެވި މަސައްކަތެކެވެ.

ވެރިކަމަށް ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފެއްޓެވިއެވެ. އަދި ޚިޔާނާތާއި މަނީ ލޯންޑަރިންގެ ސަބަބުން، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތް މެކުހަށް ޖެއްސެވުމަށް ރައީސް ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަވައި އެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ހޯއްދަވައި ދެއްވައިފައެވެ.

މީގެއިތުރުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ގާނޫނުލްއުގޫބާތަށް އިތުރު ކުރުމުގެ ބިލް އޮތީ މަޖިލިހުގައެވެ. މި ބިލް ކޮމިޓީ މަރުޙަލާގައި ކުރިއަށްދާ އިރު އެ ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން، ކުށް ކުރާ ހާލަތުގައި ލިބޭ އަދަބު ބޮޑުވާ ގޮތަށެވެ. އަދި ހަމައެހެންމެ ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުންނަށް ގާނޫނީ ހިމާޔަތް ދިނުމަށް އެކުލަވާލި ބިލް މަޖިލީހުން ފާސްކޮށް، ގާނޫނަކަށް ވެސް ވަނީ ހަދައިފައެވެ. މިއީ ވެސް ކޮރަޕްޝަން އަމަލުތައް ހުއްޓުވަން އެޅި ހަރުދަނާ ފިޔަވަޅެކެވެ.

ކޮރަޕްޝަން ހުއްޓުވުމުގައި، ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމަށްޓަކައި، ސަރުކާރުން ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ވެބްޕޯޓަލްއެއް ގާއިމުކޮށްފައެވެ. މައްސަލަ ހުށަހަޅާ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް ވެސް މި ޕޯޓަލް އަށް ހުށަހެޅުމުގެ ފުރުސަތު ލިބުމަކީ ކޮރަޕްޝަނާއި ހިޔާނާތުގެ ނޭއްގާނީ އަމަލުތައް ފަޅާއަރުވާލަން ހުޅުވުނު ދޮރެކެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު: ކޮނުނު ވަރަކަށް ގިނަ ވަނީ ފަސް!

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ފެށި މަސައްކަތަކީ މާ ފަސޭހަ މަސައްކަތަކަށް އެކަމަކު އަދި ނުވެއެވެ. ތަހުގީގު މަރުހަލާގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ތާށިވެފައި ހުރި އިރު، ތަހުގީގު ނިންމާ ދައުވާ ކުރާ ހިސާބަށް ގެންދެވިފައި ވަނީ އިނގިލިން ގުނާލެވޭހާ މަދު މައްސަލަތަކެކެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ، ދައުވާ ކުރަން ތިބި ކޮންމެ މުއައްސަސާއަކުންވެސް ކިޔަނީ އެއް "ލަވަ"އެކެވެ. އެއީ އެެފަދަ މައްސަލަތައް ބެލުމުގެ މަރުހަލާގެ އުނދަގޫކަމާއި، ދަތިކަމުގެ ވާހަކައެވެ. ކޮަރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެންމަތިވި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކައެވެ. އެހެންކަމުން މިއަދާ ހަމައަށް އައި އިރު ވެސް މި މައްސަލައިގެ ނިވާފަތްގަނޑުގައި ތިބީ ކޮންބައެއް ކަމާއި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހި ކިލަނބުވެފައި ވަނީ ކިތައް މީހުންގެ ފަސް ބައިކަން ސާފުވާކަށް ނެތެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ގިނަ މުއައްސާސަތަކެއް ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި އެންމެ ފުރަތަމަ ކަމަކަށް ބެލީ ހިޔާނާތް ހިންގާފައިވާ ގޮތް ކަމަށެވެ. ދާދި ފަހުން ބޭއްވި މަޖިލީހުގެ ކޮމިޓީއެއްގައި އަސްއަދު ވިދާޅުވީ މި މައްސަލައިގެ ތެރެއިން ދައުލަތުން ވަގަށް ނެގި ކަމަށް ބުނާ 77 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން، ގާނޫނާ ހިލާފަށް ދޫކޮށްފައިވާ 37 ރަށަކާއި 12 ފަޅަކީ މިހާރުވެސް ހިނގަމުންދާ މައްސަލައެއް ކަމަށެވެ.

އޭނާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާގެ ގޮތުގައި ދައުރުކޮށް، ގޯތި ގަތުން ފަދަ ހަރު މުދަލަށް ބަދަލުކޮށްފައިވުމުން، އެފަދަ ކަންތައްތައް ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަން ފާހަގަކުރައްވާފައެވެ. އަދި ނަގުދު ފައިސާ ދައުރުކުރެވޭ މިންވަރުގެ ހައްދެތް ނެތުމާއި، ގޯތި ގެދޮރުގެ އެކަށީގެންވާ ދަފްތަރެއް ނެތުމާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ސާފުކޮށް އެނގޭނެ ނެޝަނަލް ރެޖިސްޓްރީއެއް ނެތުން ފަދަ ކަންކަމުގެ ސަބަބުން އެ މައްސަލަ ބެލުމަށް އިތުރު ތަކުލީފުތަކާއި ކުރިމަތިވާކަން އައްސަދު ފާހަގަކުރެއްވިއެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑު ހިޔާނާތާ ގުޅޭ އިތުރު ފަސް މައްސަލައެއް ދައުވާ ކުރަން ފޮނުވާނެ ކަމަށް އައްސަދު ވިދާޅުވި ހިސާބުން ހުރިހާ އާއްމުން ތިބީ އެ ޚިޔާނާތުގެ މައްސަލަތައް ޚުލާސާވެގެން ދާނެ ގޮތެއް ހޯދަން ކެތްމަދުވެފައެވެ. ނަމަވެސް އެކަން ވެސް ދިޔައީ އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގަށް ހޯދުނު އިތުރު ކަންތައްތަކާއެކު، މުޅިން އާ ކޮރަޕްޝަންގެ ހާއްޔެއް "ފަޅާއެރި" ހިސާބުންނެވެ.

" ޓޫރިޒަމް މިނިސްޓްރީ ތެރެއިން ދާދިފަހުން އެތަނުގެ މެއިލް ސާވާ އަށް އެކްސެސް ލިބިގެން ހޯދި ހޯދުމުގައި އޭގެ ތެރެއިން އެއް ކޭސްގެ މުޅި ޑިރެކްޝަން ބަދަލު ކުރަން އެބަޖެހޭ. އަޅުގަނޑުމެން ދައުވާކުރަން ގަސްދުކުރި މީހާއަށް ދައުވާ ކުރެވޭނެ، ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކީމެކޭ އޭގެ ތެރެއިން،" ދައުވާކުރަން ފޮނުވުން ތަރުތީބު ކުރުމަށް ދިމާވާ ދަތިތައް ފާހަގަކުރައްވަމުން އަސްއަދު ވިދާޅުވި އެވެ.

އެހެން އިދާރާތައް ވެސް ހިމެނޭހެން، އިތުރު ބޭފުޅުންގެ އެހީތެރިކަމާއި އެކު މިހާރުވެސް ކުރިއަށްދާ މި ތަހުގީގަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބަލާއިރު މި މައްސަލައިގައި ދައުވާ ކުރަން ފޮނުވުން ލަސްވެއްޖެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ޤަބޫލެއް ނުކުރައްވައެވެ. ނަމަވެސް އައްސަދު ހުންނެވީ ދާދި އަވަހަށް، ރައްޔިތުން އުއްމީދު ކުރައްވާ ވަރުގެ ބޮޑު މައްސަލަތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ ކަމުގެ ޔަގީންކަމުގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތައް ތަރުތީބު ކުރެވިގެން، ހާއްސަ އިސްކަމެއް ދީގެން 20 މައްސަލައެއް މިހާރުވެސް ކުރިއަށް ދާއިރު، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަ ޔުނިޓެއް އުފައްދާ އެ އޮފީހުގެ ހަ ވަކީލަކު މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މައްސަލަތައް ދިގުލައިގެންދާކަމުގެ ޝަކުވާ އާންމުންގެ ކިބައިން ކޮންމެވެސް ވަރަކަށް އިވުނު ނަމަވެސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ސަރުކާރަށް ކަމެއް ނުކުރެވޭ ކަމެއް ބުނަން އަދި މާ އަވަސް ކަމަށް ވިދާޅުވެފައެވެ.

"މިސަރުކާރުން އެބަ މަސައްކަތް ކުރޭ އެހެން ސަރުކާރުން ނުކުރާ ވަރަށް. މި ސަރުކާރުން ކުރާ ކަންކަން ވެސް އެހެން ކަންކަންވެސް ބަލަން. އަދި ސަރުކާރަށްވީ ކުޑަ ދުވަސްކޮޅެއް. ދެ އަހަރު ވެސް ނުފުރޭ. އެހެންވީމަ ކަމެއް ނުވެއޭ ބުނަން އަވަސް. އިރާދަކުރެއްވިއްޔާ މައްސަލަތައް ނިމޭނީ ރަނގަޅަށް. އެމްޑީޕީގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް،" އާޒިމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ވާހަކަ" - އިމެއް ނެތް، ސިޔާސީ ހަތިޔާރަކަށް!

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ އިރު، ކުރީގެ ނައިބް ރައީސް އަހުމަަދު އަދީބު ކްރިމިނަލް ކޯޓްގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާ ކަން ވަނީ ހާމަކުރައްވައިފައެވެ. އަދި މި ފައިސާގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާކުގެ މީހުންނާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރިކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

މިފަދަ ވާހަކަތަކާއެކު، ކޮންމެ ފަހަރަކުވެސް އެމްއެމްޕީއާރުސީގެ ތަހުގީގުގެ، ނޫނީ ޝަރީއަތުގެ އާ ސޮފްހާއެއް ފުރޮޅާލާ ކޮންމެ ފަހަރަކު އެ މައްސަލަ އާއި ގުޅިގެން ކުރެވޭ ތުހުމަތުތައް ވަނީ އިތުރެވެ. މި މައްސަލަ ނުނިމި ދިގުލައިގެން ދިއުމުން މިހާރު މި މައްސަލައަކީ ސިޔާސީ ކޮންމެ ހަޑިމުޑުދާރު ކަމެއް އޮއްބާލަން، ދެބޯގެރި ދުއްވަން ބޭނުން ކުރާ ވާހަކައަށް އޮންނަނީ ވެފައެވެ.

އެހެންކަމުން މިހާރު އެމްއެމްޕީއާރުސީގެ ވާހަކައަކީ ނުރުހޭ މީހުންނާއި ދިމާ އަށް އޮށްގާ އުކަން ބޭނުންކުރާ ހަތިޔާރަކަށް އޮންނަނީ ވެފައެވެ. ދައުވާ ކުރެވުނީ ހަމައެކަނި މި ހިޔާނާތުގެ އިސް ތިން މޭސްތިރިން ކަމުގައި ބުނާާ ތިން ބޭފުޅުންނަށް އެކަންޏެވެ. ތިން ބޭޭފުޅުންނަށް ކުރާ ދައުވާގައި ވެސް ތަފާތު ކުރުން ބޮޑެވެ. މިހާރު މި މައްސަލަ ފެންނަނީ ސަރުކާރަށް ފާޑުކިޔާ ނޫނީ ސަރުކާރާ ދެކޮޅަށް ނުކުންނަ ބަޔަކަށް އަމާޒުކޮށް ހިންގާ ކަމެއްގެ ގޮތުގައެެވެ. ސަރުކާރުގެ ތެރެއިިން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަހުގީގެއް ހިންގޭ މަންޒަރެއް ނުފެނެއެވެ.

ކޮރަޕްޝަންގެ މަޅިއަކީ، ވަކި ބަޔަކު ޖައްސާ ދަންތުރައެއްބާ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރު މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުވާ އުފުލައި ޖަލު ހުކުމްތައް ކުރި ނަމަވެސް ފަހުން އެ ހުރިހާ ހުކުމެއް މަތީ ކޯޓުތަކުން ބާތިލުކުރިއެވެ. އޭގެ ފަހުން އަލުން ވަނީ އެ ބޭފުޅުންގެ މައްޗަށް ދައުވާތަކެއް އުފުލައިފައެވެ.

މީގެ އިތުރުން މި ހިޔާނާތުގައި ކުރީގެ ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތުވުމުން އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމްގެ އިސްތިއުނާފު ޝަރީއަތްތައް ހައި ކޯޓުގައި ވެސް ފެށިއެވެ. މިހާލަތުގައި އެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ވަނީ މެދުކެނޑިފައެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ހިންގާ އަމަލުތަކަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު "ވަގުތަށް" ވިދާޅުވީ ހަގީގަތުގައި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ.

" ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކޮރަޕްޝަން ފެތުރުމުގައި، އެކަމަށް މަގުފަހިކުރުމުގައި މި ސަރުކާރުގެ އިސް މީހުންގެ ދައުރު ބޮޑޭ. ރައީސް ޔާމީން ސަރުކާރުގައި އެ މައްސަލަ ބަލަން ފެށީ. މި ސަރުކާރުގައި އިތުރު ކުރިއެރުމެއް ނުލިބޭ. އަދި މިކަމަށް ފަސްއަޅަން އުޅޭ ބައެއްވެސް އެބަ ތިބި. އަދި ކޮވިޑްގެ މިހާލަތުގައި ވެންޓިލޭޓަރުން ވައްކަން ކުރީމަވެސް އެނގޭ މިއީ ހަމަ ވައްކަން ކުރަން ފުރުސަތެއް ނުލިބިފައި ތިބި ބައެއްކަން." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީއިން ކޮރަޕްޝަން ނައްތާލާ، އިންސާފު ގާއިމްކުރެވޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

" ކޮބާތޯ ރައީސް ޔާމީން ފިޔަވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ފައިދާވި މީހުން. ހަމައެކަނި ބަދަލު ހިފުމުގެ ގޮތުން މިހާރު މިކަން މި ކުރަނީ. ސިޔާސީ ވާދަވެރިން ޖަަލަށް ލުން ނޫން ކަމެއް ނުކުރެވޭ." އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެގޮތަށް ދެކުނަސް، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި މި ސަރުކާރުގެ ދުވެލި މަޑު ކަމަށް ބުނެވޭނެ ޖާގައެއް އަދި ނެތެވެ. ސަރުކާރަށް އަދި ލިބުނީ އެންމެ ދެ އަހަރެވެ. އިސްލާހީ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ކޮރަޕްޝަންގެ ދޮރުތައް ބަންދު ކުރުމުގެ ނިޔަތުގައެވެ. އެއްވެސް ވުޒާރާއެއްގެ ކޮރަޕްޝަންގެ މައްސަލައެއް ހިނގައިފި ނަމަ، ތަހުގީގު ހިނގައެވެ. މިސާލެއްގެ ގޮތުގައި ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލު ކުރި ގޮތާ މެދު ހިންގި ތަހުގީގު ފުދެއެވެ. ދުވެލި ކިތަންމެ މަޑަސް، ފެންނަނީ އުންމީދީ މަންޒަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ފެންފޯއް ސަރުކާރު

  މިސް ރާބު ބަ ރާބަ ރު...37މިލިޔަން ނެގިމީހާ ޒީ ރޯ ޓޮލަ ރެންސްގެ ބޯޑުއަޅުވައިގެން ވެ ރިކަމުގަ....ބާކީ އެއްމެން މަޖުލިހާ ދައުލަތުގެ މަތީ މަގާމުތަކުގަ...މާމުގުލު ބޮޑު ވަގުން ގޭގަ އަ ރާމުގަ.. ކުށެއް ނެތް މައުސޫމަކު ޖަލުގަ ...

  72
  1
  • ޢުނބުޝޭމް

   މިޔަށް ކިޔަނީ އަންދާ ގާނޫން. ތަށަށް ކިޔަނީ މަ ރިޔަބުހޭވެސް އަހާނުލާނެ. ޖީބު ފު ރޭ މީހުންގެ ފު ރޭނެ. ޙައްގު ނުހައްގު ބަލާނީ ގިޔާމަތް ދުވަހުން. ެ

   23
   1
  • ސްނޭޕް

   ކުށެއް ނުތް މައުސޫމެކޭތޯ؟؟ އެ ކޮން މައުސޫމެއްބާ؟؟ ޅެން ހަދާ މައުސޫމް ޝާކިރު ތަ؟؟؟؟

   30
  • ޔާގުންޑޭ

   ފެންފޯއް ސަރުކާރު މިކަހަލަ ވާހަކަ ދެއްކީމަ ހިނި އަންނަނީ... މިއޮއް ހުރިހާ ދުހު އެންމެ ވަފާތެރިކޮށް ހުރި ބައިވެރިޔާ ވެސް ދޯކާތަ އަޅުގަނޑަށް ތިދެނީ؟

   17
   2
 2. ރިސޯޓް ބޯއީގެ އޫރު ކަފަ

  ކޮރަޕް ޝަނޭ ނުކިޔަބަލަ ބޮޑު ދެގެރި ތަޅާ ވާހަކަ ދައްކަން ހެޔޮނުވާނެ ފަސްމާމުލުންގެ ފަސްވަގުގެ އޭތި ފެނުނީމާ ލަދުން ބޯހަލާކު

  28
  5
 3. ކާފަގެ ރިސޯޓް ބޯއީ

  ދީގެން ކަންޏާ އޯކޭ ނުީދީކަންޏާ ކަޑަޔޭ ބްރިޖް އޯކޭ ފެންފޯއްޕާކް ކަޑަ ތެޔޮ ބޯޓް އޯކޭ މަހާޖައްރާފާ ވެސް އޯކޭ ޗޮކުންފެރީ ކަޑަ ނަޒާހަތްތެރިކަމާ ޑިމޮކްރަސީ އެއޮތީ މާބޮޑަށްވެސް އެލިފަ ލަދުން ހަލާކު

  19
 4. ާއަހުމަދު

  ކަރަ ޕުށަނުން ލާރިބުނުމީހުންކޮބާ ކުޑަކުދިން ނާބެހުނު މީހަކުއެބަހުރިތަ ޑުރގުބުއި ކައުންސިލަރުން އުޅޭތަ
  ޚޮންމެމީހަކު ވެސް ވެރިކަމަށް އަރާ ހިންގާ މަށްރޫއު އާބާދީއަށް ވުރެގިނަ ހިންގާ ތަނެއް އެގޭމީހަކު އުޅޭތަ

  16
 5. ފާއިޒް

  މިވެރިކަމުގެ ކިރަޕްޝަން ގިނަކަމުން އެހެން ކަމެއް ބެލޭކައް ނެތް މިމީހުން ބޭނުންވި ކަމަކީ ރައީސް ޔާމިން ޖަލައް ލުން އެކަން ކޮއްފި ދެން އަންނަ ވެރިކަމެއްގަ ކެނެރީގެ ނަޝީދު އާއި އިބޭ ޖަލައް ލީމަ އަހަރެމެން ތިބޭނަން އަތްޖަހަން....

  26
 6. މިއަދު

  ކޮރަޕްސަން މައްސަލަ ލަސްކުރަނީ މަޖިލިހުން އިތުރު ޤާނޫނެއްފާސްކުރަންދެންކަމަށް ޤަބޫކުރެވޭ 2018 ނޮވެމަރ 19 އިން 2023 ނޮވެމްބަރ 18 އާއި ދެމެދުގެ ތާރީޚުގައި ހިނގާފައިވާ ހިޔާނާތުގެ އެއްވެސް މައްސަލައެއް ނުބެލޭނެ ޤާނޫނެއް މަޖިލިހުން ފާސްކުރުމުން އެކޮމިޝަންގެ މައްސަލަތައް އަވަސްވާނެ

  20
 7. ލޫތް

  ވަރަށް ވެސް ރަނގަޅަށް ދަނީ... ދެން ރުޅި އައިސްގެން އެސްފީނާ ޖައްސަން ޑިސްލައިކް ނުކުރިޔަސް ހެޔޮ...

  1
  21
 8. ކެޔޮޅުމި

  މިސަރުކާރުން ކުރާވަށްކަން މާގިނަ ނިމިދިޔަ ސަރުކާރުން ވަށްކަމެއްނުކުރޭ ވަށްކަން ކުރިނަމަ ގައުމު ތަރަށްގީއެއް ނުކުރެވޭނެ މިހާރުގެ ސަރުކާރުން ގައުމަށް ކޮށްދެވުނު ކަމެއް ފެންނަން އެބަހުރިބާ ހަމަ ރައީސް ޔާމީންވަރުގެ ބާނީއެއް އަދިވެސް މިގައުމަކުނެތް.

  34
 9. ފެންފޯއް ފަޒުނާ

  ބަލަ މި ސަ ރުކާ ރުން އެމްއެމްޕީއާ ރުސީގެ ޚިޔާނާތަށްވު ރެ 8 ގުނަ ބޮޑު ޚިޔާނާތް ހިންގައިފި. ވެންޓިލޭޓަ ރު، ބަދަލުދިނުން، ކޮވިޑް ވައްކަން، ފެނަކަ ދަވާލުން، ކޮ ރަޕްޝަން ޕާކު، ގައުމު އިންޑިއާއަށް ވިއްކާލުން މިކަހަލަ ކިތަންމެ ކަމެއް. ލިސްޓް ވަ ރަށް ދިގު.

  23
 10. އަނގަ

  ލިޔުންތެރިޔާގެ ލިޔުން ނިންމާލަމުން ބުނެފައެބައޮތް ދުވެލި ކިތަންމެ މަޑަސް ފެންނަނީ އުއްމީދީ މަންޒަރަކެވެ ބޮތްގެ އަލި ނުފެންނަމީހަޖައް ފާނޫޒެއްގެއަލި ފެނުނަސް އެމީހާބުނާނީ ހަމަތިހެން އައްދެއެއީ ހާދަގަދައައްޔެކޭ ބުނަން މިސަރުކާރަކައް ނުކެރޭނެ ކޮރަޕްޝަން މައްސަލަބަލާކައް އެހެންނޫން ރިޔާސީވަޢުދުތެރޭގަބުނިހެން ރައީސްޔާމީން ޖަލައްލެވިއްޖެ އެކަންކޮއްފި ދެންއެހެންކަމެއްނުކުރެވޭނެ

  12
 11. Anonymous

  ތަހުގީގުތަކުގެ މިސްރާބުރަގަލައް ދާނަމަ ދެމީހުންގެ ފޭސްފޭސް ދިމާވާނެ