މީގެ ތިން ދުވަސް ކުރިއެވެ. މުޅި ހއ.ފިއްލަދޫ ސިއްސުވާލީ، އުމުރުން 31 އަހަރުގެ މުހައްމަދު ހަލީމްގެ ކުއްލި މަރުންނެވެ. ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް މެއަށް ތަދެއް އަރައިގަތީއެވެ. އިތުރު ފަރުވާއަށް ސައިކަލުގައި ހޮސްޕިޓަލަށް ގެންދިޔަފަހުން، ނިޔާވީ އެވެ. އެންމެންނާއި ގާތްކޮށް އުޅުނު އެ ޒުވާނާގެ މަރާއެކު، މުޅި ރަށަށް މޮޅިވެރިކަން ވެރިވިއެވެ. ޒުވާނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ސިއްހީ މަރުކަޒުން ނިންމިއެވެ. ހަލީމް ނިޔާވިއިރު، އަންބަކާއި ދެ ދަރިން ތިބެވެ.

އެ މަރަށް ދެ ދުވަސް ވެފައި ވަނިކޮށް، އިއްޔެ މެންދުރު ފަހު އިވިގެން ދިޔަ ޚަބަރަކީ ށ.މިލަންދޫގައި މޫދަށް ދިޔަ އަންހެނަކު ކުއްލި ގޮތަކަށް ނިޔާވި ޚަބަރެވެ. އެރަށުން ނިޔާވީ ސާމިޔާ އިބްރާހިމް، 33އ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ނިޔާވީ އަސްރު ނަމާދުގެ ކުރިންނެވެ.

ރަށުގައި އާއްމުކޮށް ގިނަ ބަޔަކު މޫދަށް އެރާ ބީޗް ސަރަހައްދަށް އޭނާ މޫދަށް ދިޔައީ މަންމަ އާއި އެކުގައެވެ. އެއިރު އެތަނުގައި އެހެން ބަޔަކުވެސް މޫދުގައި ތިއްބެވެ.

މަންމާ ގެއަށް ދާން ހިނގާށޭ، ކިޔާފައި ގޮސް ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނީ!

"ބަނދަރާއި ދިމާލުން ބީޗްގައި ވަރަށް ގިނަ އަންހެން ވެރިންތަކެއް މޫދަށް އެރިފައި އައިސް ސައިކަލެއް ކައިރީގައި ތިއްބާ ފެނުނީ، އަޅުގަނޑުވެސް އެތަނަށް ވަރަށް އެމާޖެންސީކޮށް ގޮސްފިން، ދިޔައިރު، އޭނާ އޮތީ ވެއްޓިފައި، އޭނާ ކައިރީގައި ވަަރަށް ބައިވަރު އަންހެންވެރިން ތިބި، އޭނާގެ މަންމަވެސް ހުރި." އެރަށު ކައުންސިލް ރައީސް އަބްދުﷲ ފާއިޒް "ވަގުތު"އަށް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، އޭނާ އެންމެ ފުރަތަމަވެސް އެ މަންޒަރު ފެނުމުން ގުޅީ އެމްބިއުލާންސްއަށް ކަމަށެވެ. އެމްބިއުލާންސް އައުމުން، ސާމިޔާ އެމްބިއުލާންސްގައި ފޮނުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑު އެތަނުގައި ތިބި މީހުންގެ ގާތުން އެހީ، އެހީމަ ބުނީ މޫދުން އަރައިގެން އައިސް މަންމަ ކައިރީގައި ބުންޏޭ ގެއަށް ދާން ހިނގާށޭ، ކިޔާފައި ސައިކަލަށް އަރަން އައިސް ހޮޑުލައިލައިފަ، ބޯ އަނބުރައިގެން ކަހަލަ ގޮތަކަށް ވެއްޓުނީ" ފާއިޒް ވިދާޅުވިއެވެ.

ސާމިޔާ ނިޔާވީ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުންނެވެ. އޭނާ ނިޔާވި ހަބަރު ފާއިޒްއަށް ލިބުނީ ގޭގައި ހުއްޓާއެވެ. ފާއިޒް ވިދާޅުވީ، ސާމިޔާ ނިޔާވި ޚަބަރު ލިބުނީ އޭނާ ސިއްހީ މަރުކަޒަށް ގޮސް އެތަނުގައި މަޑު ކުރުމަށްފަހު ގެއަށް ދިޔަ ފަހުން ކަމަށެވެ.

ސާމިޔާގެ މަރު، މުޅި ރަށް މާޔޫސްވެފައި!

ސާމިޔާގެ މަރާއެކު 2500 މީހުންގެ އާބާދީއެއް އޮންނަ މުޅި މިލަންދޫން ފެނިގެން ދަނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ. އޭނާގެ މަރާއެކު އެތައް ބަޔަކަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

"2500 މީހުންގެ އާބާދީއެއް އުޅޭ މިރަށުގައި ލައްކަ ބަޔަކު ނިޔާވެއްޖެތާ، އެކަމަކު މި ކޭސްއާ ގުޅިގެން މުޅި މިލަންދޫގެ ބޮޑު ކަންބޮޑުވުމެއް ގައި މިއޮތީ. ކުޑައެއް ބޮޑެއް ނުބަލާ، މިލަންދޫ ގިނަ ރައްޔިތުން ސިއްހީ މަރުކަޒު ތެރޭގައިވެސް އުޅުނު، އެންމެ ފަހުން ކަށުނަމާދަށް އެރޭ ހާލަތުގައި ތިބި އެންމެން ކަށުނަމާދަށްވެސް ދިޔަ، އަދި ސަހަރާއަށްވެސް ދިޔަ" ފާއިޒް ވިދާޅުވިއެވެ.

ސާމިޔާ ވަޅުލާފައި ވަނީ ރޭ އިޝާ ނަމާދަށް ފަހު އެވެ.

ފާއިޒް ވިދާޅުވިގޮތުގައި، ސާމިޔާގެ މަރާއެކު ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަން އެނގެ އެވެ.

"އަސްލު ވީގޮތް ކިޔާދޭންވެސް ނޭނގެ، އަހަރެންނަކަށް ނޭނގެ މިކަން ސިފަ ކުރަންވެސް" ފާއިޒް ވިދާޅުވިއެވެ.

އެންމެންގެ ސުވާލަކީ ކިހިނެއްތޯ ވީ!

ފާއިޒް ވިދާޅުވީ، އެ މަރާއި ގުޅޭގޮތުން ރަށު ތެރޭގައި ގިނަބަޔަކު ކުރަމުން ދަނީ ސުވާލެއް ކަމަށެވެ. އެއީ އޭނާގެ މަރުގެ ހަގީގަތް ބެލުމަށެވެ. އޭނާއަށް ވީ ކިހިނެއްތޯ ބެލުމަށެވެ.

"ރައްޔިތުންގެ ސުވާލަކީ ކިހިނެއްތޯވީ، މިއީ ސްޓްރޯކެއް ތޯ، ނޫނީ މޫދުން އަރައިގެން އައުމުގެ ތެރޭގައި ވީ ކަމެއްތޯ، މިއީ ނޭނގޭ އެއްޗަކީ." ފާއިޒު ވިދާޅުވިއެވެ.

ސާމިޔާއަކީ ގޭގެ ވިޔަފާރީގައި އުޅޭ، އެންމެންނާއި ގުޅޭ އަންހެނެއް!

ސާމިޔާއަކީ އެންމެންނާއި ގުޅޭ މީހެކެވެ. އާއްމުކޮށް އާއިލީ ވިޔަފާރީގެ ކަންކަމުގައި އުޅެ އެވެ. ގޭގައި ހުންނަ ފިހާރައިގެ މަސައްކަތުގައިވެސް އުޅެއެވެ. ރަށުގެ ގިނަބަަަޔަކަށް އޭނާ އާއި އޮންނަނީ ގާތް ގުޅުމެކެވެ. އޭނާ އަކީ އަހުލާގު ރަނގަޅު، މީހުންނަށް ހެޔޮ، އެންމެންނަށްވެސް ވަރަށް ކަމުދާ މީހެކެވެ. އޭނާ ރުޅި އައިސްގެން މީހަކާއި ދިމާލަށް އެއްޗެއް ބުނިތަން އަޑުވެސް ނާހާ ކަމަށް އަވައްޓެރިއަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ. ސާމިޔާއަކީ ވަރަށް މަޖާ މީހެއް ކަމަށާއި، ފުޓްސެލް ކުޅެންވެސް މޮޅު މީހެއް ކަމަށް އަވައްޓެރިޔާ ބުންޏެވެ.

ކައުންސިލްގެ ރައީސް ފާއިޒް ވެސް ވިދާޅުވީ ސާމިޔާ އަކީ ވަރަށް ރަނގަޅު ހިނގުންތެރި ޒުވާނެއް ކަމަށެވެ.

"އަޅުގަނޑު އިއްޔެ (ހޮނިހިރު ދުވަހު) އެ މަންޖެ ކައިރިއަށް ފިހާރައަށް ގޮސްވެސް ވާހަކަދެއްކިން. ހިންގުންތެރި ހިތްހެޔޮ، އަނެއްހެން ރުޅިއައިސްގެން މީހަކު އެއްޗެއް ބުންޏަސް، ރައްދުދީީ ކަންކަން ނުކުރާނެ، ވަރަށް ކެއާކޮށްގެން، ވަރަށް ރެސްޕެކްޓްވެސް އޮންނަ، ވަރަށް ޑިސިޕްލިން، ވިޔާނުދާ ކަމެއް ކޮށްގެން އުޅޭ ކަމުގެ އަޑެއްވެސް ނީވޭނެ އެ މަންޖެއާ ގުޅޭގޮތުން،" ފާއިޒް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މޫދަށް ދޭ!

ސާމިޔާ ދޭތެރެދޭތެރެއިން އޭނާގެ މަންމަ ގޮވައިގެން މޫދަށް ދާ ކަަމަށް ވެއެވެ. އޭނާއަކީ ސައިކަލު ދުއްވާ ވެސް އުޅޭ ވަރަށް ފިޓްކޮށް ހުންނަ މީހެކެވެ.

"މިއަދު (އިއްޔެ) މަންމަ ގޮވައިގެން ސައިކަލަށް އަރުވައިގެން ގޮސް މޫދަށް، އެރިފައި ވަރަށް ބައިވަރު މީހުންނާއެއްކޮށް އުޅެފައި އެ ދިޔައީ" ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވިގޮތުގައި، އެ ޒުވާނާ އެމްބިއުލާންސްއަށް އެރުވިއިރުވެސް ނޭވާ ލައެވެ.

ސާމިޔާގެ ކައިވެންޏަށް ދެ އަހަރު!

ސާމިޔާގެ ކުއްލި ވަކިވުމާއެކު މުޅި އާއިލާ ތިބީ ހިތާމައިގައެވެ. އޭނާ ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެ ކައިވެންޏަށް އަދި ވާނީ ދެ އަހަރެވެ. ސާމިޔާގެ ވަކިވުމާއެކު ފިރިމީހާ، އިބްރާހިމް ޒުހޫރީއަށް ވެސް ލިބިގެން ދިޔައީ ބޮޑު ހިތާމައެކެވެ. މުޅި މީހާ އެކަނިވެރިވީ އެވެ. އެ ކައިވެންޏަށް ދަރިއަކު ނުލިބެ އެވެ.

ސިއްހީ މަރުކަޒުގެ އޮފިޝަލެއްގެ ބަސް!

ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެ ޒުވާނާ ނިޔާވީ ކުއްލި ގޮތަކަށް ކަމަށާއި، ސާމިޔާ މޫދަށް ދިޔައީ ކަސްރަތު ކުރަން ކަމަށެވެ. މޫދުގައި ކަސްރަތު ކުރަން އުޅެފައި އޭނާގެ މެއަށް ތަދެއް އެރިކަމަށް މައުލޫމާތު ލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ކަސްރަތު ކުރަން އުޅެފައި މެއަށް ތަދެއް އަަރައިގެން އުޅެފައި، ނޭވާލާން އުނދަގޫވެގެން އުޅުނު. ސިއްހީ މަރުކަޒަށް ގެނައިއިރުވެސް ނޭވާއެއް ނާދޭ، އެކަމަކު އެންބިއުލާންސް ތެރޭގައި ނޭވާ ލިޔޯ ނަރުސް ކުއްޖަކު ބުނީ" ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކައިރި ކައިރީގައި ކުއްލި ދެ މަރު، ދިވެހި ޑޮކްޓަރެއްގެ ނަސޭހަތް!

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރަކު ވަނީ މިފަދަ ހާލަތްތަކުން ސަލާމަތް ވުމަށް ދިރިއުމަށް ގެނެވިދާނެ ބައެއް ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

  • އަހަރުން އަހަރަށް މީހާގެ ހާލަތު ބަލަން ޑޮކްޓަރަަށް ދެއްކުން
  • ހަކުރާއި ލޭ ހުންނަ މިންވަރު ބެލުން
  • ހެލްތީ ލައިފް ސްޓައިލްއެއް ގެންގުޅުން، ނިދުން، ކެއުން
  • ޑިޕްރެޝަން ފަދަ ހާލަތެއް ދިމާވެއްޖެނަމަ ފަރުވާ ހޯދުން
  • ބަލިތަކަށް ބޭސް ކާ މީހުން ގަޑިގަޑިއަށް ބޭސް ކައި ހެދުން
  • ޑޮކްޓަރަކު ދެވަނަ ފަހަރަށް ދައްކަން ބުނެއްޖެނަމަ އެކަމަށް ސަމާލުކަން ދިނުން

ރާއްޖޭގައި ކުއްލި މަރުތައް ނިސްބަތުން ގިނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޏަންމަ

    ޑޮކްޓަރުވެސް މެއައް ތަދު އެރީ މަ ދެން ކަންތައް ކުރާނެގޮތް ބުނެލަދިން ނަ މަ....ލިޔުން ފުރިހަ މަވީސް

    46
    2
  2. ހިޔާލު

    انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    83
    1
  3. އެމަންޖެ

    މިއޮތީ ފަހުޒަމާން ފެށިފަ ، ކުއްލިމަރުތައް ގިނަވާނެ ވެރިންގެ ގޮތުގައި ތިބޭނީ ކުފޫ ހަމަނުވާ ލާދީނީ މީހުން.

    75
    3
  4. ޒީރޯ ޓޮަލަރަންސް

    އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ދުޅަހެޔޮ ސިއްހަތެއްގަ ހުރުމަށް ދިރިއުމަށް ގެނެވިދާނެ ބައެއް ބަދަލުތަކާއި ގުޅޭގޮތުން ވާހަކަ ނުދަށްކާ. އައިޖީއެމްއެޗްގެ ޑޮކްޓަރަށް ނުދެއްކި، ނަންބަރެއް ނުލިބި ކިތައްމަހު މަޑުކުރަންޖެހޭކަން އެގޭބާ؟ ސަރުކާރުގެ އެއްވެސް ބޮޑަކު، އެއްދުވަހަށްވެސް މަޑުކޮށްލާކަށް ނުޖެހޭނެ. އަޅުގަނޑުމެން އާއްމު ރައްޔިތުންނަކީ ވޯޓުދޭން ހަމައެކަނި ތިބިބައެއް. ވޯޓެއްލާން ކައިރިވީމަ ރައްޔިތުމީހާ ވަރަށް ފެންނާނެ. ލޯބިވާނެ. އޯގާތެރިވާނެ. ތިބޭބައެއްކަން އެގެނީ ޥޯޓެއްލާން ކައިރިވީމަ.

    28
    1
  5. ދިއްގާ އައިސަ

    ވަރަށް ދެރަވެއްޖެ ޑޮކްޓަރެއްގެ ލަފަޔާ ނުލާ މޫދުގަ ކަސްރަތު ކުރާކަށް ނުވާނެ

    13
    1
  6. ޢާމާލްކުލޫނީ

    މޑޕ ބައިގަނޑު ފަންޑިތަ ސިހުރު ހަދާވަރުން ދިމާވާކަންތައް މިއޮތީގައުމައް ޖެހިފައޮތް ބޮޑު ބލ ވެރިކަމެއް

    2
    2