ށ. މިލަންދޫ ކައިރީގައި އޮންނަ ނަލަންދޫ ރިސޯޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

މިލަންދޫގައި ބޭއްވި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ނަލަންދޫ ރިސޯޓަކަށް ހެދުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުވާ ކޮންމެ ފަހަރަކު އެ ބޭފުޅުން ވާހަކަ ދައްކަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ތަނަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ބަދަލު ދިނުމުގެ މަރުހަލާ އަޅުގަނޑުމެން މިހާރު ކުރިއަށް މި ގެންދަނީ. އެއްބަސްވުމަކަށް ދާދި އަވަހަށް އާދެވި ނަލަންދޫ ރިސޯޓަކަށް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ. އެ ތަނަށް އިންވެސްޓް ކުރާނެ މީހުން ތިބީ ތައްޔާރުވެ ލިބިފައި." ރައީސް ވިދާޅުވިއެވެ.

ނަލަންދޫ ރިސޯޓަކަށް ހެދުމަކީ މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ. އެ ތަން ރިސޯޓަކަށް ނުހެދި ލަސްވީ އެ ރަށަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ބަދަލު ނުދެވި އެ ރަށް އަދިވެސް އަތުލެވިފައި ނުވާތީއެވެ.

"އެ ތަނަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް ބަދަލު ދިނުމުގެ ބައި މިހާރު ކުރިއަށް މި ގެންދަނީ." ރޭގެ ޖަލްސާ ނިންމާލަން އުޅެނިކޮށް ދެވަނަ ފަހަރަށް ސްޓޭޖަށް އަރާ ވަޑައިގެން ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިލަންދޫ ރައްޔިތުން ބޭނުންވާ ހޮސްޕިޓަލް މަސައްކަތް ފެށުމަށް ބަޔަކާ ހަވާލު ކުރެވި، ހޮސްޕިޓަލް އަޅާ ސަރަހައްދު މޮބިލައިޒް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ލަސްތަކެއް ނުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަސް ދޮޅަސް ހެކްޓަރުގެ ނަލަންދޫއަކީ އެކުއަކަލްޗަ މަސައްކަތަށް ބޭނުން ކުރާ ރަށެކެވެ. އެ ތަނުގައި އާންމު ގޮތެއްގައި ކުރަނީ ހުއިފިލަނޑާ ދިރުވައި އާލާ ކުރުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރާއްޖޭގައި އޮތް ހަމައެކަނި ގުދުރަތީ ގިނަ ސިފަތަކެއް އެކުލެވިފައިވާ ރަށް. މީގެ ކުރިންވެސް މިރަށަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައި. މިއީ ރީތި ހުދު ބީތް، ކުޅި، ޕޮންޑް، ކަނޑޫފާ، ގިނަ ވައްތަރުތަކުގެ ދޫނި އުޅޭ ވަރަށް ރީތި ރަށެއް. މިރަށް ހިމާޔަތްކޮށްފަ ބޭއްވުމަކީ ވަރަށް މުހިންމުކަމެއް.

  2. އަހްމަދު

    މިދިޔަ ހުރިހާ އިންތިހާބެއްގަވެސްކީ ތިހެން

    11
  3. Anonymous

    2 ވަނަ ދައުރެއް ބޭނުމެއްނުވޭ.

  4. ވެކާ

    ހުސް ދޮގު ވައުދު ވަނީ މިދިޔަ ދައުރު ވީ ވައުދު ތަކުން ފުއްދުނީ %10 ވައުރު

  5. ޔާ ސީ ނު

    ހައްތާވެސް ފަށާވާހަކަ ނިމޭނެ ދުވަހެއް ނޭގެ.ދޮގުވައުދު