ނ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 70,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 311 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 3,789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 75.42 މިލިއަން ރުފިޔާ އެވެ.