ށ. މިލަންދޫގައި ތަރައްގީ ކުރި އާ ފުޓްބޯޅަ ދަނޑާއި ފެނަކަ އާ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސޯލިހު އެ ތަންތަން ހުޅުވައިދެއްވީ އެމަނިކުފާނު އިއްޔެ އެ ރަށަށް ކުރެއްވި ރިޔާާސީ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެެވެ.

ރައީސް ހުޅުއްވައިދެއްވި ފެނަކަ އާ އޮފީސް އިމާރާތަކީވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތުގައި، 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭއިރު، މިއީ ތިން ބުރީގެ އޮފީސް އިމާރާތެކެވެ.

ރައީސް މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގެ ކައުންސިލާއި ރައްޔިތުން ވެސް ހުށަހެޅި އެންމެ މުހިންމު ކަމަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެއާޕޯޓު އެޅުމަށްޓަކައި ޓެކްނިކަލް ސާވޭއެއް ހަދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އެއާޕޯޓެއް އެޅޭނެ ތަނެއްތޯ އަޅާ ނަމަ، ކޮން ކަމެއްތޯ ކުރަން ޖެހޭނީ. އަޅުގަނޑު އެކަން އަސްލަމްއާ ހަވާލު ކުރާނަން. އެއަށް ފަހު، އެއީ ކުރެވޭ ވަރު ކަމެއްތޯ ބެލުމަށް ފަހުގައި އެއާ ބެހޭ ގޮތުން އަޅުގަނޑު ނިންމުމެއް ނިންމާނަން." ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސް ސޯލިހު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިންނަބެ

    ފުޓް ބޯޅަ ދަޑެއް ހުޅުވަންވިޔަސް ބޮޑު ޚަރަދުގައި ރައީސް ގެނައުން ހުއްޓަން ގޮވާލަން ކިޔެއްވެގެންތަ ދަރުމަވަންތަ ފަދަ ބިޔަ ބޮޑެތި ތަންތަން ރަސްމީކޮއް އެމަނިކުފާނަށް ނުހުޅިވިގެން އުޅެނީ