"އައްޑޫގެ މައްސަލަތައް ފުނި ޖެހެމުން އައިސް ހައްލު ކުރެވޭ ވަރަށް ވުރެ މައްސަލަތައް ގިނަވެފައި މިއޮތީ. ވަކި ކަމެއް ނެތް. އައްޑޫއަކީ ޕްލޭން ނުކުރެވި ކަންކަން ހިނގާ ތަނެއް. ތަރައްގީގެ ކަމެއް ކުރިއަސް މާ ބޮޑު ޕްލޭނެއް ނޯންނާނެ،" އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލީ ނިޒާރު އެ ސިޓީގެ ހާލަތު ކިޔައިދެއްވީ މިގޮތަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ކަން ކުރެއްވި ނިޒާރަކީ އައްޑޫ ރައްޔިތުންނަށް އާ މޫނެއް ނޫނެވެ. މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ހިމެނިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް މެމްބަރަކަށް ނިޒާރު ވެވަޑައިގަންނަވާނެއެވެ. މަޖިލިހުގައި އޭރު ތިއްބެވި އެމްޑީޕީގެ މަދު މެމްބަރުންނާ އެކުގައި ވެސް ނިޒާރުގެ އަޑު މަޖިލިހުގައި ވަކި "މަޑެއް" ނޫނެވެ.
އެކަމަކު، އެމްޑީޕީން އެންމެ ފަހުން ބޭއްވި މަޖިލިސް ޕްރައިމަރީގައި އޭނާ އަށް ނާކާމިޔާބުވެވަޑައިގެންނެވީ މިހާރުގެ މެމްބަރު އިބްރާހިމް ނާޒިލްއާ ވާދަ ކުރައްވައެވެ. ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް، އެމްޑީޕީއާ "ފެއަށް" އޭނާ ޖެހިވަޑައިނުގަންނަވައެވެ. ނާޒިލް މަޖިލިހުގެ ގޮނޑިއަށް އިންތިހާބުކޮށް ދެއްވުމަށް ނިޒާރު ވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ޕާޓީގެ މަސައްކަތުގައި އުޅުއްވަމުން އަމިއްލަ ވިޔަފާރީގައި އުޅުއްވިއެވެ.
އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ ވިސްނުން ވެސް ނިޒާރުގެ ހުންނެވިއެވެ. ސަރުކާރުގެ ފަރާތުން ރަނގަޅު "އޮފާ" އެއް ވެސް އޭނާ އަށް ލިބިވަޑައިގަތެވެ. އެކަމަކު ކައުންސިލަށް ވަޑައިގަތުމުގެ ވިސްނުން އޭނާ ގެންގުޅުއްވަން ފެއްޓެވީ ސިޓީ ކައުންސިލަށް މޭޔަރުން ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަން ނިންމި ހިސާބުންނެވެ.
އޭރު އައްޑޫގެ މައްސަލަތައް ހުރީ އިންތިހާ އަށް ބޮޑުވެފައެވެ. ރައްޔިތުންގެ ޝަކުވާތަކަށް އެއްވެސް ވަރަކަށް ހައްލެއް ނުލިބެއެވެ. އެހެންވެ، ގާތް ރައްޓެހިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް އަލުން ނިންމެވީއެވެ.
"މިއީ އަޅުގަނޑު އުޅޭ ތަން. ވިހެއި ބޮޑުވި ތަން. މަސައްކަތް ކުރާ ތަން. އުޅެން ވެސް ވިސްނާ ތަނަކީ މިއީ. މި މައްސަލަތައް އައްޑޫގައި ހުންނަ ހުރުމަކީ ކަންބޮޑުވާ ކަމެއް،" އައްޑޫގެ ހާލަތު ދަށް ކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫއަކީ އިޖުތިމާއީ މައްސަލަތައް ބޮޑު ތަނެކެވެ. މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާ އަށް ގިނަ ކަމަށާއި ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތައް ވެސް އައްޑޫގައި ހިނގަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށް ނިޒާރު ވިދާޅުވިއެވެ. އަސާސީ ކަންކަމަށް ބަލާ އިރު އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އަދިވެސް މުޅިން އެއްކޮށް ނުނިމޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.
މީގެއިތުރުން މަގުތަކުގެ ފެންވަރު ވަރަށް ދަށް ކަމަށާއި އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކެއް ވެސް އައްޑޫ އަށް އޮތް ކަމަށް ވިދާޅުވިއެވެ.
"އިގްތިސާދެއް ނެތް ތަނެކޭ ބުނެވިދާނެ. ދަނޑުވެރިކަމުގެ މާ ބޮޑު ޕްލޭނެއް އޮވެގެން ކުރަނީކީ ނޫން. މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަނގަޅު ވާނެ. މި ހުރިހާ ގޮންޖެހުންތަކެއް ގިނަ. މިކަންކަން ހައްލު ކުރުމަށް ކޮންމެ ސަރުކާރަށް ވެސް ގޮންޖެހުންތައް އެބައާދޭ،" ނިޒާރު ވިދާޅުވިއެވެ.
Addu City ge maguthah hedhumah Sarukaarun hingaa project ge there in India ge GKD aai havaalu kurevigen Hithadhoo gai hadhaa maguthakuge masakkai baarah kuriyah eba dhey. pic.twitter.com/zMKKkjOden
— Ali Nizar (@DhekunuNizar) March 1, 2021
"ސަރުކާރުތަކުގެ އިހުމާލު އައްޑު އަށް ބޮޑު"
ނިޒާރު ގަބޫލު ކުރައްވާ ގޮތުގައި އައްޑޫއަކީ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައި އޮތް ސިޓީއެކެވެ. އެކަމަކު، އެމްޑީޕީގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު ހައްލު ކުރުމަށްޓަކައި 45 މިލިއަން ރުފިޔާގެ މަޝްރޫއެއް އައްޑޫ އާއި ފުވައްމުލަކުގައި ހިންގުމަށް އިނގިރޭސި ވިލާތުގެ ކުންފުންޏަކާ ހަވާލު ކުރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. "އެ ކުންފުނިން ހިތަދޫގައި އެކަނި ވެސް 40 އިންސައްތަ މަސައްކަތް ނިންމި،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އައްޑުގައި ތަރައްގީ އަށް ކަމެއް ކުރެވުނުސް، އެކަމެއް ކުރެވިފައި އޮތުމުގެ ސަބަބުން ނުކުންނަނީ އިތުރު މައްސަލަތަކެކެވެ. މިސާލެއްގެ ގޮތުގައި އައްޑޫ ލިންކް ރޯޑާއި އައްޑޫ އާއި މަރަދޫއާ ދޭތެރޭގައި އަޅާފައި އޮތް ބޮޑު މަގު ދެއްކެވިއެވެ.
"އެކަމުގެ ހެއްކަކަށް ފެންނާނެ އައްޑޫ އާއި މަރަދޫއާ ދޭތެރޭގައި އަޅާފައި އޮތް ބޮޑު މަގު. އަޅުގަނޑު ހަނދާން ވަނީ އެއީ 59 މިލިއަން ރުފިޔާ ވަރު ހަރަދުކޮށްގެން ހަދާފައި ހުރި ބޮޑު މަގެއް. އެ މަގު އެ އޮތީ އެއްކޮށް ހަލާކުވެފައި. އެއީ ރީތި ރާއްޖޭގެ ރަށެއްގައި ހެދި އެންމެ ރީތި މަގު. 4.5 ކިލޯ މީޓަރުގެ މަގެއް. ކުޑަ ކުޑަ މަގެއް ނޫން. ރާއްޖޭގެ ރަށެއްގައި އެއްކޮޅުން އަނެއް ކޮޅަށް އަޅާލެވޭ މަގެއް. މުޅި މަގު އެއްކޮށް ހަލާކުވެފައި އޮތީ،" އައްޑޫގައި ހިންގި މަޝްރޫއެއްގެ ސަބަބުން ނުކުތް އިތުރު މައްސަލައެއް ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވިއެވެ.
"އެ މަގު ހަލާކުވާން ދިމާވި ސަބަބަކީ ފެނާއި ނަރުދަމާ އަޅަންވެގެން މައި ހޮޅި އެ މަގުން ނޫން ގޮތަކަށް ގެނެވެން އޮތް އިރު ވެސް އެ މަގު ހަލާކުކޮށްލައިގެން ހޮޅި އެޅީ. އެކަމަށް ބަސް ކިޔާނެ މީހެއް ނެތް. މި ޕްރޮޖެކްޓް މަސައްކަތް ކުރި މީހުން ޖެހޭނެ މަގު މަރާމާތު ކުރަން. އެކަމަކު އެކަމެއް ނުކުރޭ. އިތުރަށް 109 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަގު ހަދަން މި ޖެހެނީ"
އިންޑިޔާގެ ސޫތުކުޅިއާއި އައްޑޫ ސިޓީއާއި ދޭތެރޭ ފެށިގެން މިދިޔަ ޝެޑިއުލް ކާރގޯ ދަތުރުތަކުގެ ސަބަބުން އައްޑޫ ހިމެނޭހެން މިސަރަހައްދުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. މިއަދު މިއައި ބޯޓުންގައި އައްޑޫ ވިޔަފާރިވެރިންގެ މުދާ ހިމެނޭ. މީ އުއްމީދީ ރަގަޅު ފެށުމެއް. pic.twitter.com/VlGuNdk3Cc
— Ali Nizar (@DhekunuNizar) December 10, 2020
މި ސަރުކާރުން ވިސްނާފައި އޮތީ ސިޓީ ކައުންސިލާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން އައްޑޫގެ މަގުތަކަށް ޖުމްލަ ހައްލެއް ގެނައުމަށެވެ. އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިފައިޒްޑް ބޭސް (ސީއެސްބީ) ވެޔަ އެޅުމަށް އިންޑިއާ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
އައްޑޫ އަށް އެކަނި ވެސް 400 މިލިއަނެއްހާ ޑޮލަރު!
އައްޑޫގެ މަގުތަކަށް ހައްލެއް ގެނައުމަކުން އަދި ނިމުނީކީ ނޫނެވެ. މަރަދޫ އާއި މަރަދޫ ފޭދޫ އޮތީ "ފުރިފަ"އެވެ. ހުޅުމީދޫ ވެސް އޮތީ އެ ހާލަތެއްގައެވެ. ރަނގަޅު ސިއްހީ ހިދުމަތްތަކެއް ނުލިބެއެވެ. އައްޑޫގައި ހުރި މައްސަލަތައް ހައްލު ކުރަން ސަރުކާރުން ގާތްގަނޑަކަށް 400 މިލިއަނެއްހާ ޑޮލަރު ހަރަދު ކުރަން ވަނީ ހަމަޖެހިފައެވެ. މި މައްސަލަތައް ހައްލު ކުރަން ނިންމާފައި އޮތީ ސަރުކާރުން ލޯން ނަގައިގެންނެވެ.
މިހާ ބޮޑު ލޯނެއް ސަރުކާރުން ހިންގަނީ އައްޑޫގައި "މެގަ ޕްރޮޖެކްޓް" ތަކެއް ހިންގުމަށެވެ.
"238 ހެކްޓަރުގެ ބިން ހިއްކުމާއި 44.3 ކިލޯ މީޓަރުގެ މަގު ހެދުން އެބައޮތް. މަރަދޫ އާއި ފޭދޫގެ ބިން ހިއްކާ އިރު، މަރަދޫ އަށް ވުރެ ބޮޑު ބިމެއް އެ ހިއްކަނީ. މި ސަރުކާރުން އިސްކަމެއް ދީގެން އެބަ ހިންގާ މަޝްރޫއުތައް. ފެނާއި ނަރުދަމާ ވެސް ހިތަދޫގެ ބޮޑު ބަޔަކަށް ހިދުމަތްދެވޭ އެބަ. ފޭދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫގެ ނަރުދަމާ ނިމި ގޭގެއަށް ކަނެކްޝަން ދޭން ޖެހެނީ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ހެޔޮ ނިޔަތެއްގައި ކޮށްފި ނަމަ، އައްޑޫގެ މައްސަލަތައް ހައްލު ވާނެ ކަމަށެވެ. އަދި މިހާ ބޮޑު އަދަދެއް ހަރަދުކޮށްގެން ކުރާ މަސައްކަތުން އައްޑު އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވި ގޮތުގައި އައްޑު އަށް ފުރިހަމަކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމަކޮށް ދިނުމުން އައްޑޫ ރައްޔިތުން އެކަން ބަލައިގަންނާނެއެވެ.
އައްޑޫގައި ހިންގުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ އެ ސިޓީ އަށް 8،000 އެނދު ގެނައުމުގެ މަސައްކަތެވެ. ބިން ހިއްކުމާއެކު އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ތެރެއިން ހަންކެޑެ ތަރައްގީ ކުރުމުގެ ޕްލޭން ސަރުކާރުގެ އެބައޮތެވެ. ޕްރައިވެޓްކޮށް އައްޑޫކޮށް ވަކި ޒޯންތަކެއް ކަނޑައެޅިގެން ޓޫރިޒަމް ފުޅާ ކުުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.
"އެހެންވީމަ އައްޑޫ އަށް މުސްތަގުބަލް އެބަ ފެނޭ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ ވިސްނުން ބޮޑަށް ހުޅުމީދޫ އަށް
ނިޒާރު ވިދާޅުވި ގޮތުގައި މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއް ކަމަކީ ހުޅުމީދޫގެ ހާލަތު ރަނގަޅު ކުރުމެވެ. އެމީހުން ވަކިން ރަށެއްގައި ތިބެން ޖެހުމުން އެ ދިމާވާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ މެއިން ފޯކަސްއަކަށް ވާނީ ހުޅުދޫ މީދޫ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް އުފުލާ ތަކުލީފް ކުޑަ ކުރުމަށް ކަންތައްތަކެއް ކޮށްދިނުން. އައްޑޫގެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވޭނެ އެމްޑީޕީ ކައުންސިލެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޕްލޭންތަކެއް ހުރިކަމާއި އެކަންކަން ފެނިގެންދާނެ ކަމުގެ ޔަގީން ކަން ދެއްވައި ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ކައުންސިލެއްގައި އައްޑޫގައި ޓޫރިޒަމް ޒޯންތައް ކަނޑައަޅައި، ބިންތައް ކަނޑައަޅަން ޖެހެނީ ކައުންސިލުންނެވެ. އައްޑޫގެ ޕްލޭންތައް ހަދައި ބިންތައް ބޭނުން ކުރާނެ ގޮތް ނިންމަން ޖެހޭނީ ވެސް ކައުންސިލުންނެވެ. އައްޑޫ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފޯރުކޮށްދިނުމަށް ކުރެވޭ ޕްލޭންތައް ފަހުގެ ބަސް ބުނަން ޖެހޭނީ ކައުންސިލުންނެވެ. މަގުތަކާ ބެހޭ ގޮތުން ގޮތް ނިންމަން ވާނީ އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކޮށްފައެވެ. ސަރުކާރާ ނުގުޅި ކައުންސިލްތައް ނުހިންގޭނެ ކަމަށް ނިޒާރު ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ގަބޫލު ކުރައްވައެވެ.
"މިސްކިތެއްގެ ފަންކާ ހަލާކުވީމަ، ބޮތްކެއް ހަލާކުވީމަ އިސްލާމިކް މިނިސްޓްރީ އަށް ލިޔެގެން އެ އެއްޗެހި ހޯދަން ޖެހިއްޖެއްޔާ އެއީ ވަރަށް އުނދަގޫ ބޮޑު ކަމެއް. މިސްކިތުގެ ފަންކާ ހަލާކުވެގެން ފެންނަ ކޮންމެ މީހަކު ބުނާނެ ކައުންސިލަށް މިކަން ނުވެގެންނޭ. އެކަމަކު ކައުންސިލަށް ނުލިބޭނަމަ އުނދަގޫވާނެ. މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ބަޖެޓެއް ކައުންސިލަށް ދޭން ޖެހޭނެ،" ނިޒާރު ވިދާޅުވިއެވެ.
ކައުންސިލްގެ ކުރީގެ ދެ ދައުރުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިދޭ ބާރުތައް އެކި ފަހަރު މަތިން ހަނިކުރުމުންނެވެ. އަދި ކުރީގެ ސަރުކާރުން ކައުންސިލްތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު މިހާރު ލާމަރުކަޒީ ގާނޫނުގެ ބާރު ކައުންސިލްތަކަށް ލިބިފައިވުމަކީ، އައްޑޫގެ ތަރައްގީއަށް ވެސް އާ ކައުންސިލަށް މަސައްކަތްކުރަން އޮތް ފުރުސަތެއް ކަމަށް ނިޒާރު ވިދާޅުވިއެވެ. އެކަމަކު އެ ގާނޫނުގައި އަދިވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެއް ކަމެއްގެ ގޮތުގައި ނިޒާރު ފާހަގަ ކުރެއްވީ ދައުލަތުގެ ބަޖެޓުން ފަސް އިންސައްތަ އަތޮޅުތަކުގެ ކައުންސިލްތަކަށް ދޭން ނިންމުމެވެ. ނިޒާރު ވިދާޅުވީ އާބާދީގެ ނިސްބަތުން ކައުންސިލްތަކަށް އެއަށް ވުރެ ބޮޑު ބަޖެޓެއް ލިބިގެން ދިޔައީމަ ވަރަށް ބޮޑު މިނިވަންކަމެއް ލިބޭނެ ކަމަށެވެ.
"ކައުންސިލަށް ކަންކަން ނުކުރެވި ދިޔައީމަ ވަރަށް ބޮޑު މާޔޫސް ކަމެއް އަންނާނެ ފައިސާ ނެތިގެން. ލާރިއެއް ނުލިބިގެން އުޅެން ޖެހިއްޖެ ނަމަ ވަރަށް ބޮޑު މާޔޫސް ކަމެއް އަންނާނެ. އެ މިނިވަންކަން ލިބެން ވާނެ ކައުންސިލްތަކަށް،" ނިޒާރު ވިދާޅުވިއެވެ.
"އައްޑޫއަކީ ކޮމަން މޯލްޑިވްސްއެއް ނޫން"
އައްޑޫއަކީ ރާއްޖޭގެ އެހެން ރަށްތަކާ ހިލާފު ސިޓީއެކެވެ. ބޭރުގެ ފަތުރުވެރިއަކު ރާއްޖެއޭ ބުނުމުން ސިފަކޮށްދޭ ރީތި ގޮނޑުދޮށާއި ކަނޑު އަޑީގެ މާ ބޮޑު ރީތި ކަމެއް ނެތެވެ. އެކަމަކު، އައްޑޫއަކީ އޭގެ ޒާތުގައި ތަފާތު ސިޓީއެއް ކަމާއި "ވިއްކޭނެ" އެއްޗެހި ހުރި ކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އެބައޮތް ކިޔައި ދޭނެ ވާހަކައެއް. އަޅުގަނޑުމެންގެ ޖިއޮގްރަފިކަލް ފޯމޭޝަން ތަފާތު. ޓޫރިސްޓަކު ގެނެސް ހަފްތާއަކަށް އޮކިއުޕައި ކުރެވިދާނެ ހަރަކާތްތައް އުފެއްދިދާނެ ހާލަތެއް އެބައޮތް. ރާއްޖޭގެ އެހެން ތަންތަނާ ތަފާތު ކަންކަން އައްޑޫގައި އެބަހުރި،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫ "ވިއްކަން" ފަސޭހަ ވާނީ އައްޑޫގެ ގޮތުގައެވެ. އަދި ސަން އައިލެންޑް ރިސޯޓާއި ކުރުނބާ މޯލްޑިވްސް ވިއްކާ ގޮތަށް އައްޑޫ ނުވިއްކޭނެ ކަމަށް ނިޒާރު ގަބޫލު ކުރައްވައެވެ. އައްޑޫ ވިއްކޭނެ ތަފާތު ކަންކަން ހުރި އިރު އެކަންކަން ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކައުންސިލަށް ހޮވިވަޑައިގެންފި ނަމަ އެކަމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ ހުރިހާ އެންމެންނަކީ މޫދާއި އިރުގެ އަލިކަމާއި ރީތި ބީޗަށް ދަތުރު ކުރާ ބައެއް ނޫން. ރާއްޖެ އަށް ވެސް އަންނަހާ ބަޔަކު އަންނަނީ އެކަމަކަށް ނޫން. އަޅުގަނޑުމެންނަށް އެހެން ރަހައެއް ވިއްކައިގެން އެހެން ވާހަކައެއް ދައްކައިގެން ޓޫރިސްޓުން ގެނެވޭނެ. އެއީ ސަތޭކަ ޕަސަންޓު ޔަގީން ކަމެއް،" އައްޑޫގައި 8،000 އެނދު ތަރައްގީ ކުރެވިއްޖެ ނަމަ، އެ ސިޓީގެ އެއާޕޯޓު ހިނގައިގަންނަން ފަށާނެ ކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވިއެވެ.
މީގެއިތުރުން ނިޒާރު ވިދާޅުވީ އައްޑޫގައި ވަރަށް ރީތި ޑައިވިން ޕޮއިންޓްތަކެއް ހުރި ކަމަށެވެ. އައްޑޫގައި ހުރި ތަންތަން ދައްކާލުމަކީ ވެސް އެ ފަތުރުވެރިއަކަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ނިޒާރު ދެކެވަޑައިގަންނަވައެވެ.
"ރިސޯޓަކަށްވެއްޖެ ނަމަ އަބަދު އެއް ކަމެއް ކުރަން ޖެހެނީ. އައްޑޫގައި ތަފާތު ކަންކަން ކުރެވެން އެބަހުރި. ބިން އެބައޮތް. ކިޔައިދޭނެ ވާހަކަ އެބައޮތް. ދާނެ ތަންތަން އެބަހުރި. ދައްކާނެ ތަންތަން އެބަހުރި. މި ހުރިހާ ކަމަކަށް ބަލާއިރު އައްޑޫން ތަފާތު މަންޒަރެއް ދެއްކޭނެ،" ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންފި ނަމަ، މި ސަރުކާރާ އެކީގައި އައްޑޫ އަށް ތަރައްގީ ގެނެވޭނެ ކަމާ މެދު ނިޒާރު ޝައްކެއް ނުކުރައްވައެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ "ބިޒީ" އެއާޕޯޓަކަށް ހެދުމަށް ނިޒާރު ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ. ނިޒާރު ގަބޫލު ކުރައްވާ ގޮތުގައި އައްޑޫ އަށް ފަތުރުވެރިން އަންނަން ޖެހޭ ސަބަބެއް އޮންނަން ޖެހެއެވެ. މި ހުރިހާ ސަބަބުތަކާ ހުރެ ނިޒާރު ހުންނެވީ އައްޑޫ "ކޮޅަށް" ޖަހައި އެ ސިޓީ އަށް "ދިރުން" ގެނެސް ދެއްވުމުގެ އުންމީދުގައެވެ.
ކަލޭނޭ ކަލޭނޭ އައްޑޫ ލޮބުވެތި ރައްޔިތުންނޭ ނަމަ ނަމަ މިސޮރައް ވޯޓްނުދޭތި އައްޑޫގެ ކުށުގެ ވެށީގެ ބޮޑުމީހަކީ މިނިޒާރު.
ސަރުކާރާ އެންމެ ޤާތުން މަސައްކަތް ކުރަން ލިބުނު ފުރުސަތު ނާގާލީ މީހަކަށް އެއަށްވުރެ ދުރުގައި ހުރެގެން ކުރެވޭނެ މާބޮޑު ކަމެއް އޮތްކަމެއް ނުދެކެން! ވޯޓާ ދިމާކޮށް މިހާރު ފެށިފައި ހުރި މަޝްރޫއުތަށް ނިމިއްޖެއިޔާ މެޑެލް ޖެހިދާނެ! އަޑުގަދަ މީހާގެ ރުއްގަސް ގިނަވީ ދުވަސް އެއީ މާޒީ! މީހުންނަށް އިޙްތިރާމް ކޮށް ގާތުން މަސައްކަތްކޮށްގެން ނޫނީ ކާމިޔާބީއެއް ނުވާނެ! ކިބުރުވެރިކަމާއި ބޮނޑާކަން އިސްކޮށްގެން ވާނެކަމެއް އޮތްނަމަ މިދައުރުގައި މަޖްލީސް ގޮނޑީގައި އިންނާނީ ނިޒާރު!
5 އަހަރު މަޖިލީހުގެ ހުރެގެން އައްޑޫ އަށް،އަމިއްލަ ދާއިރާޔަށް ކަމެއްކޮށް ނުދެވުނު މީހަކަށް މޭޔަރަކަށް ހޮވުނަސް ކަމެއް ކޮށެއް ނުދެވޭނެ. ވަރަށް ސަލާމް
މޭޔަރުކަން ، ހަތަރުސްކަން، ހަމަވީ މި.
މޭޔަރުންވާންޖެހޭނީ ކަރާ އުފެއްދުމުގައި ނަމޫނާ މީހަކަށް. ސާބަސް. ހޮވޭނެ/ނޮހޮވޭން.
ތިޔަ އައްޑޫ ވިއްކާލަބް އިންޑިއާއަށް ތިޔަހ ހާ މީހ ހުން ނުބައިތަނަކު ދިވެލޮޕްމަންޓެއް ނުލިބޭނެ..ލާރި ބޭކާރު ނުކުރޭ ތިޔަތާ އެއންމެން އުޅޭނީ މާލޭގަ
މަސްތުގެ ފައިސާއިން ފުމެމުންދާ މިނައު ވަރަށްއަވަހަށް މަސްތުގެ ކަނޑަށް އަރަގުވެދާނެ
އައްޑޫގެ ލޮބުވެތި ރައްޔިތުން. އައްޑޫ ސިތީގެ މޭޔަރު ކަމަށް ކުރިމަތީ ލާފެއި ހިށި ލަތީފް އަކީ މާސްޓާސް އޮފް ބިޒްނަސް މެނޭޖްމެންޓް ހަދަލައި ހިށި އަދި މަސައްކަތުގެ އަމަލީ ތަޖުރިބާ ހިށި އައްޑޫ ދާރަށް.
ވީމެއި ޕާޓީ ވިސްނުން ދޫކޮށްލައި މަގޮމައްތެ އަޑޮ ލަވާއް ހިށި ނިޒާރު އަކު ކޭ ކަލޯ އަކާ ނިހޮވައި ކުރިއެރުނ ބޭނުން ފެހޭ ލަތީފު ހޮވަލައު މިފަހަރަ. 13 އަހަރަ ދީގެ. ސޯދިގުގެ ވެރިކަން ރިޕީޓް ކެރާއް ނިހިނގައު. ދިމާވި މައްސަލާކީ ހަމަ ތަޖުރިބާ ނެތުން ހިންގުމުގެ. ނިޒާރުގައި އަސް ނެތް އެކަމަށް. ވަރަށް ފުންކޮށް މިކަމޢި މެދެ ވިސްނައު. ކެނެރީގެ ނަޝީދުގެ މަޅިޔެ ނިޖެހި އައްޑޫއެއި މެދެ ފުންކޮށް ވިސްނައު. ބޭނުން ވެނީ ލީޑަރަކާ. އެކްޓިވިސްޓަކާ ނުން. އާދޭސް މިކެރަނީ ނިޡަރު ހޮވަގެން ވޭނެއި ހުސް ގެއްލުން އަދި ބައިބައިވެ ނިކަމެތި ވޭނެއި. ތައުލީމާއި ތަޖުރިބާ ނެތި އޯގަނައިޒޭޝަނަށް ނިހިންގޭހެއް. ޕުލީޒް އައްޑޫ ރައްޔިތުން. 13 އަހަރަވީ. މިސާލަކަށް ރިނބިދޫ ބަލާއްވެނީ. ސޯދިގުމެން ކެރިކަމަކީ ބައިބައި ކެރުމާއި އޮޅޮވަލުން. ކިޔެން ކެރާއް؟؟ ވެރިކަން ކެރާއް ދިގި މުއްދަތަށް. އެކަން އެވެރިން އެކެރަނީ.
އެމް އެމް ޕީއާރ ގެ މަތިން އަދިވެސް ހަނދާންވޭ