967 މީހުންގެ އާބާދީއެއް އޮންނަ އުތީމުގެ މަލަމަތީގައި އެއްވެސް ސިޔާސީ ކުލަވަރެއް ފެންނަން ނެތް ނަމަވެސް މި ރަށުގައި ސިޔާސީ ފިކުރު ފަނޑެއް ނޫނެވެ. އަދި ކުރިމަގާއި މެދު ކުރާ އުންމީދުވެސް މަދެއް ނުނެވެ. މާދަމާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދެވެނީ އާބާދީގެ 70 އިންސައްތައަށެވެ. އެއީ 682 މީހުންނަށް ކަމަށް ވާއިރު އޭގެ ތެރެއިން މިވަގުތު ރަށުގައި ތިބީ 387 މީހުންނެވެ. އެއީ ވޯޓު ދެވޭ އާބާދީގެ 40 އިންސައްތަ މީހުންނެވެ. އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަށް ވާދަކުރާ ކަނބަލުންގެ ހިތްވަރާއި ފަންވަރު ހުރީ އުތީމު މުޅިން އާ އުސްމިނަކަށް ގެންދިއުމާއި ދިމާލަށެވެ.

ރަށަށް ކުރިއެރުމާއި ތަމައްދުން އެދި ތިބި ޓީމެއް

ޕީޕީއެމްގެ ޓިކެޓުގައި އުތީމު ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ މުހައްމަދު އާދަމް: ފޮޓޯ ވަގުތު /އަހުމަދު މަމްދޫހު

ޕީޕީއެމްގެ ޓިކެޓުގައި އުތީމު ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ މުހައްމަދު އާދަމް އަކީ ދެ ދައުރު ކައުންސިލްގައި ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ސިޔާސީ ފިކުރާއި ކުލަ އަށް ބެލުމެއް ނެތި ޚިދުމަތް ދެއްވުން ކަމަށެވެ. އަދި ދެވަނަކަމަކީ އިޚުލާސްތެރި ޚިދުމަތްތަކެއް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އުތީމުގެ ތަރައްްޤީ އަށް އޭނާ ކައުންސިލްގައި ހުންނަވައިގެން ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

" އެންމެ ބޮޑަށް ބަލަނީ މަސްލަހަތަށް. ރައްޔިތުންގެ މަސްލަހަތު އޮންނަ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ބަސްބުނާނަން. ވަރަށް ގިނަ ގޮންޖެހުންތައް ވެސް އެބަ ހުރި. ކައުންސިލްގައި ދެ ދައުރު ނިމުނު އިރު އުތީމު ބަނދަރުން ފެންނާނެ ކުރި މަސައްކަތް. ދެފަރާތު ޕާކު ހަދާ ކަޅުއޮށްފުންމި ބަހައްޓާ، އުތީމު ހަނދާނީ މަރުކަޒު މަރާމާތުކުރަން އެހީވެ، ސްކޫލް ގޭޓު ހަދަން ފައިސާ ދިން. ކައުންސިލަށް ދިޔަފަހުން ހިނަވާގެއެއް ވެސް ހެދި. މިގޮތަށް ފަށާފަ ހުރިކަންކަން ވެސް އެބަހުރި. ނަރުދަމާ އާއި ފެނަކަ ކަހަލަ ކަންކަން. އެބަހުރި. މި ހުރިހާ ކަމެއް ނިމޭ އިރު އަޅުގަނޑުމެން ބޭނުން ޚިދުމަތުގައި ތިބެން." އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް އިން މިފަހަރު ރަށު ކައުންސިލަށް ވާދަކުރައްވާ ހުސެއިން ނަސީރު އަކީ ކުރިން ދެ ދައުރު އަތޮޅު ކައުންސިލްގައި އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. އޭނާ އަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑު މެމްބަރުކަން ވެސް އަދާކުރައްވާފައިވާ ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާ ހުރި ފާޑުވެރި ބޭފުޅެކެވެ. ލާމަރުކަޒީ ނިޒާމް އެންމެ ރަނގަޅަށް ހިންގާނެ ގޮތާއި، އެ ނިޒާމު ދޯހަޅި ނުވެ ހިންގާނެ ގޮތަކީ އޭނާ ވަރަށް ބޮޑަށް ފަރިތަ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ރަށުގެ ތަރަައްްޤީ އާއި ކުރިއެރުމާއި މެދު ޕީޕީއެމްގެ ތަސައްވުރު ހުސެއިން ވަނީ ހިއްސާކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ރަށުގެ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުމާއި، ރަށުން ލިބޭ އާމްދަނީގެ ފައިދާ ރަށަށް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ. އަދި އުތީމުގެ ތާރީޚީ ތަރިކަ ބޭނުންކޮށްގެން ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަކީ ޕީޕީއެމްގެ އުންމީދެއްކަން ހުސެއިން ފާހަގަކުރެއްވިއެވެ.

" ކުރިން އަޅުގަނޑު ފަތުރުވެރިކަމުގައި މަސައްކަތް ކުރިން. ޕަރސަނަލް ބަޓްލަރަކަށް ވެސް މަސައްކަތްކުރިން. ކައުންސިލްގައި ހުރި އިރުވެސް ރަށަށް ބޭނުންވާވަރަށް ނުގެނެވޭ ފަތުރުވެރިން. އެކަމަކު މިހާރު ރިސޯޓްތަކާއި ރަނގަޅު ގުޅުމެއް އުފެދިއްޖެ ނަމަ އެކަން ކުރެވޭނެ. މަނަފަރުވެސް މާދުރެއް ނޫން. މި ރަށަކީ ވަރަށް މަސައްކަތްތެރިން ގިނަ ރަށެއް. އާމްދަނީ ހޯދަން މިހާރަށް ވުރެ އިތުރު ގޮތްތަކެއް ހޯދަން މަސަައްކަތް ކުރާނަން އަޅުގަނޑުމެން. އެ ޔަޤީންކަން ދެން." އޭނާ ވިދާޅުވިއެވެ.

ކައުންސިލާއި ޑަބްލިއުޑީސީ އަށް ނުކުންނަ ކަނބަލުން ތިބީ ފިސާރި ވަތަނީ ރޫހެއްގައި

ޕީޕިއެމް ޓިކެޓުގައި ކައުންސިލަށް ވާދަކުރައްވާ ފާތިމަތު ނުޒުހާ (ކ)، ފާތުމަތު ރަހުޝާ (ވ) : ފޮޓޯ ވަގުތު/ އަހުމަދު މަމްދޫހު

ޕީޕިއެމް ޓިކެޓުގައި ކައުންސިލަށް ވާދަކުރައްވާ ފާތުމަތު ރަހުޝާ ވިދާޅުވާ ގޮތުން އޭނާ ކައުންސިލަށް ކުރިމަތިލާން ނިންމެވީ ރަަށަށް ހިދުމަތްކުރުމުގައި އޭނާ އަށް ވެވުނު އެހީއެއް ވެދެއްވުމަށެވެ. އޭނާ އަކީ ސިޔާސީ ދާއިރާ އަށް ތާޒާ މޫނަކަށް ވީ ނަމަވެސް އޭނާ އަކީ ޒުވާން ޖޯޝާއި ފިކުރާއި އެކު، ކުޅިވަރާއި ރަށުގެ ތަރައްޤީ ކުރިއަރުވާ މެކުހަށް ޖެހުމުގެ ފޮނި އުންމީދުގައި ހުންނެވި ކަނބަލެކެވެ. ރަށުގެ ވަތަނިއްޔަތާއި އެކުވެރި ރޫހު އަލުން ދިރުވުމަކީ އޭނާ ދެކެލައްވާ ފޮނި ހުވަފެނެކެވެ. ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ފާތިމަތު ނުޒުހާ ވެސް ވަނީ ރަށުގެ ރަށްވަންތަކަން ދިރުވަން އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ރަށުގެ އެކުވެރި ރޫހު އަލުން ގެނެސް އިޖުތިމާއީ ފެންވަރުގައި މިހާރަށް ވުރެ ފޯރި އާއި ޖޯޝުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތް ރައްޔިތަކު ބިނާކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހއ.އުތީމުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ވާދަކުރައްވާ ކަނބަލުން : ފޮޓޯ ވަގުތު/ އަހުމަދު މަމްދޫހު

މީގެ އިތުރުން ޕީޕިއެމްގެ ޓިކެޓުގައި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ވާދަކުރަނީ ވެސް އެހާމެ ކެރޭ ޖޯޝު ހުރި ޓީމެކެެވެ. ޕީޕީއެމް ޓިކެޓުގައި މި ކޮމިޓީ އަށް ވާދަކުރައްވާ ކަނބަލުންނަކީ އައިޝަތު ޒަބީނާ އާއި ފައިޒާ އަބްދުﷲ އަދި ނަޖުމާ ޔޫސުފް އިތުރުން، އައިޝަތު އަހުމީމާ އަދި އަޒީމާ އަބްދުއް ސަމަދުއެވެ. މި އިން ކޮންމެ ކަނބަލެއްގެ ވެސް އުންމީދަކީ ރަށުގެ ތަރައްްޤީގައި އަންހެނުންގެ ދައުރު އިހުނަށް ވުރެ ފުޅާކޮށް ބާރުވެރިކުރުވުމާއި، ހަވާސާވެފައިވާ ފަރާތްތަކަށް ފާގަތި ކުރިމަގެއް ހޯދާ ދިނުމަކީ މި ކަނބަލުން ކުރައްވާ އުންމީދެކެވެ. އަދި ރަށަށްޓަކާ ރަށް ކުރިއެރުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން މި ކަނބަލުން ތިއްބެވީ ފިސާރި ކެރިގެންނެވެ.