އަޅުގަނޑުމެންގެ މި ދިވެހި ދީބަށް ބޭރުގެ ފަރާތްތަކުން އަތްގަދަ ކުރާ ވާހަކަ އަކީ ދޫދޫ މަތީން އިއްޔެ އަކު މިއަދަކު ދެކެވެމުން އަންނަން ފެށި ވާހަކަ އެއް ނޫނެވެ. އެއީ މީގެ އަހަރުތަކެއް ކުރީން ސުރެވެސް، ހޮޅުއަށި ތަކުގެ ހޫނު ހަބަރު ތަކުގެ ގޮތުގައި ދޭދޭ ފަރުދުންގެ މެދުގައި ދެކެވެމުން އައި ހަޤީޤީ ވާހަކަ އެކެވެ. ކޮންމެއަކަސް، އަޅުގަނޑުމެންގެ މި ދިވެހި ވަތަނަށް އެހެން ބައެއްގެ ނުފޫޒު ފޯރާ ވާހަކަ އަނގަ ފުޅާ ކޮށްފައި ދައްކާއިރު، އެ ފަދަ ބޭރު މީހުން ރާއްޖެ އެތެރެ ވަނީ ކިހިނެކުންތޯ ސުވާލު އުފައްދަން އެބަ ޖެހެއެވެ. ވަކީން ހާއްސަ ގޮތެއްގައި، ބަނގުލަދޭޝް ރައްޔިތުން ނުވަތަ އަޅުގަނޑުމެންގެ އާންމު ނަމުން ނަމަ، "ބިދޭސީން" ރާއްޖޭގައި އުޅޭ ނިސްބަތް އަތުފަތު ކިޔާފައި މައްޗަށް އަރަމުން ދާ ކަމީ އެންމެންނަށްވެސް އެނގޭ، ދެބަސް ވެވެން ނެތް ހަޤީޤަތެކެވެ. ހަމަ ޔަޤީނުން ވެސް، ގިނަ ބިދޭސީންނަކީ ދިވެހި ކޮންމެވެސް ފަރުދެއްގެ ހިއްސާގެ މަތީން ރާއްޖެ އެތެރެ ވެފައިވާ މީހުންނެވެ. ދިވެހީންގެ އަތެއް އެކަމުގައި ނުވާނަމަ، އެހާ "ކަން ފަސޭހަ" ކޮށް އެމީހުންނަށް މި ރާއްޖޭގައި ނޫޅެވޭނެ ކަން ބުއްދި ޤަބޫލު ކުރެވޭ ނޫންތޯއެވެ؟

މެހުމާންދާރީ އަދާކުރުމާއި ކަމޭހިތުމުގެ ދާއިރާގައި ދުނިޔޭގެ އެންމެންގެ މަޤްބޫލްކަން ހޯދައިފައިވާ ދިވެހި ރާއްޖޭން، މިއަދު ފެންނަމުން މިދަނީ މުޅީން ތަފާތު، ހިތްދަތި މަންޒަރެކެވެ. ވަޒީފާ އަދާކުރުވުމުގެ ބޭނުމުގައި ބޭރު މީހުން ރާއްޖެ އެތެރެ ކުރަނީ އެމީހުންގެ ހުރިހާ ޒިންމާ ތަކެއް ކޮނޑުގައި އަޅައި، އެ ޒިންމާތަށް އަދާކުރާނެ ކަމަށް ބުނެ "ފޮނި ހުވަފެން" ތަށް ދައްކަމުންނެވެ. ފުރަތަމަ ދުވަސް ކޮޅު، ބޭނުންތައް ފުއްދައިދީ، ބަލި ވެއްޖެ ނަމަ ބޭސް ފަރުވާގެ އިންތިޒާމް ވެސް ހަމަ ޖައްސައިދެއެވެ. ބަރާބަރަށް މުސާރަ ވެސް ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ދީ އުޅެއެވެ. ނަމަވެސް ކުރީން ބުނެވި ދިޔަ ފަދައިން، އެއީ ފުރަތަމަ ދުވަސް ކޮޅެވެ. މަންޒަރު ބަދަލު ވާން ފަށަނީ މަހެއް ދެމަހެއްވެ، ފައި ދަށު ލެވޭހައި ބިދޭސީންގެ ބާރު ކުޑަކަން ސިކުނޑިއަށް ނަގައިގަނެވެން ފެށީމައެވެ.

އެއްގޮތަކަށް ވެސް ބިދޭސީން ރަނގަޅު ކޮށްފައި ވާހަކަ ދައްކަނީކީ ނޫނެވެ. އެމީހުން ވެސް އަޅުގަނޑުމެންނާ މެދު ކަންތައް ކުރަނީކީ އެންމެ އެދެވޭ ގޮތަށް ނޫންކަން ޚުދު އަޅުގަނޑު ވެސް ޤަބޫލު ކުރަމެވެ. ނަމަވެސް އެއްބަސް ވުމެއްގެ ދަށުން ރާއްޖެ މަސަކަތު ގެނެސް، "ޖަނަވާރު" އުސޫލުން އެމީހުންނާއި މެދު ކަންތަށް ކުރެވެމުން ދާއިރު، ހައްލެއް ހޯދުމުގެ ބަދަލުގައި އަޅާނުލާ ތިބެން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އިންސާނީ ހައްޤުތަކަކީ ވަކި ޖިންސަކަށް، ކުލަޔަކަށް، އުފަންވީ ޤައުމަކަށް، ވަކި ނަސްލަކަށް ބެލުމެއްނެތި ހުރިހާ އިންސާނުންނަށް ވެސް ހަމަހަމަ ގޮތުގައި ލިބެން ޖެހޭ އެއްޗެކެވެ. އެހެން ކަމަށް ވާ ނަމަ، މިއަދުގެ މުޖުތަމައުގައި މި އުޅޭ ބިދޭސީންނަށް އެމީހުންގެ އިންސާނީ ހައްޤުތަށް އެދެވޭ ގޮތަކަށް ލިބޭ ކަމަށް ޤަބޫލު ކުރަން ހެއްޔެވެ؟

މ ހިނގާ ފެބުރުއަރީ މަސް ވެސް ނިމި، އަޅުގަނޑުމެންގެ މުސާރަ "އަތަށް" ލިބެން މިވަނީ ނުލާހިކު ކައިރި ވެފައެވެ. އަޅުގަނޑުމެންގެ ތެރޭން ގިނަ ބަޔަކު މިހާރު ވެސް މުސާރައަށް އިންތިޒާރު ކުރަމުންދާނީ ދުވަހާއި ސިކުންތު ވެސް ގުނަމުންކަން ޔަޤީނެވެ. މުސާރަ ލިބޭ ހައި އަވަހަކަށް ކާން ދާނެ ތަނަކާއި ބާޒާރުކޮށް ގަނެލާނެ އެއްޗެހި ހިތުގައި ރާވާލަނީ ފޮނި ފޮނި އުންމީދެއްގައެވެ. މަހެއްހާ ދުވަހުގެ މިން ނެތް މަސައްކަތުން ހޯދާ އާމްދަނީ "އަަތަށް" އަރާނެ ދުވަހަކަށް އަޅުގަނޑުމެން ދިވެހީން މިހާ އިންތިޒާރު ކުރާއިރު، އެތައް ދުރު ރާސްތާއެއް ކަޑައްތުކޮށް، ކުޑަކުޑަ އާމްދަނީ އެއް ނަމަވެސް ހޯދުމުގެ ބޭނުމުގައި ރާއްޖެ އައިސް އެއުޅޭ ބިދޭސީން އަދި ކިހާ އިންތިޒާރެއް ކުރާނެ ކަން ތަސައްވަރު ކޮށްލާށެވެ. އަޅުގަނޑުމެން ލިބޭހާ ލާރި ބޭކާރު ކަންކަމަށް ޚަރަދުކޮށް ހުސްކޮށްލިޔަސް، ބިދޭސީން އެމީހުންގެ މުސާރައިގެ ބޮޑު ބައި ފޮނުވަނީ އަނބި ދަރީންނަށާއި އާއިލާ އަށްށެވެ. ކެއުމަށްށާއި އަމިއްލަ ބޭނުންތަކަށް ހޭދަ ކުރަނީ މުސާރައިގެ މަދު މިންވަރެކެވެ. އަނެއްކޮޅުން "ވީޑިއޯ ކޮންފަރެސް" ހަދަން އެ އަޅާ ޑޭޓާ އަށްވެސް ނުލާހިކު ގިނަ ރުފިޔާ އެމީހުން ހަރަދުކުރަން ޖެހެއެވެ. މި ހުރިހާ ކަމަކަށް ޚަރަދުކޮށްފައި ވެސް، އަތުގައި ބައި ލާރި ނެތްކަމުގައި ވިޔަސް، ކަނޑައެޅިފައިވާ މުސާރައަށް މަސައްކަތްކޮށް އެބަ އުޅެއެވެ. ވީއިރު، އެމީހުންގެ ލާރި ކޮޅު ފޭރި ގަންނަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

އަޅުގަނޑުމެން ދިވެހީންގެ ކަންނެތްކަން ހައްދު ފަހަނައަޅައި ގޮސްފައި ވާއިރު، ގިނަ ދިވެހީންނަށް ކައި ބޮއެ އުޅެވެނީ ވެސް ބިދޭސީން އެމީހުންގެ ކަންތައްތައް ކޮށްދޭތީއެވެ. އަމިއްލަ އަންނައުނު ގަނޑުވެސް ގިނަ ފަހަރު ދޮންނަނީ ގޭގައި ގެންގުޅޭ ބިދޭސީ މީހާ ލައްވައެވެ. ގޭތެރެ ފޮޅާ ސާފުކުރުމުން ފެށިގެން ގޮސް، އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު ވެސް ބަލަނީ ހަމަ އެ ބިދޭސީ މީހާއެވެ. އެހެން ކަމަށް ވާނަމަ، އެމީހުން އެ ކޮށްދޭ ކަންތައްތަކުގެ އަގުވަޒަން ކުރަންވާނެ ނޫންހެއްޔެވެ؟ މާ ބައިވަރު ތަކެއް އަތުން ދޭން ނުލިބުނަސް ހިތްހެޔޮ ކަމާ، އޯގާތެރިކަމާ އެކީ އެމީހުނަަށް ކަންތައްތައް ކޮށްދެވޭނެ ނޫން ހެއްޔެވެ؟ ތިމާގެ ދަރިފުޅު ބަލިވީމައި އަޅާލާ ލޯބި ދޭ ފަދައިން އެމީހުން ވެސް ބަލިވީމައި ކުލުނުގެ އަތެއް ދިއްކޮށް ލެވޭނެ ނޫންހެއްޔެވެ؟

އަވަގުރާނަ ގޮވައި، ހަޑި ހުތުރު ބަހުން ތިމާއާއި މުޚާތަބު ކުރީމައި ތިިމާ އެވާ ދެރަ ތިމާފަދަ އެހެން އިންސާނުންވެސް ވާނެކަން މި މުޖުތަމައުގެ ބައެއް މީހުންނަށް ނުވިސްނޭ ކަމީ ދެރަވެ، ލަދު ގަންނަން ޖެހޭ ވަރު ކަމެކެވެ. ތިމާ ވަރު "ގައްޑާ" މީހެއް ނެތްކަމަށް އެހެން މީހުންނަށް ދެއްކުމުގެ ނިޔަތުގައި ވިޔަސް، އަޅުގަނޑުމެންގެ ތެރޭން ބައެއް ދިވެހީން ބިދޭސީންނާއި ދިމާއަށް ހަޑި ހުތުރު ބަހުން މުޢާމަލާތު ކުރާތަން ފެނުމުން އަޖައިބުވެ އަންތަރީސް ވާހައި ވެއެވެ. ގައިމު އެއީ، އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދިން ރިވެތި އަޙްލާޤެއް ނޫންވީއްޔާއެވެ. ކުރީން ސުރެވެސް، ރާއްޖެއަށް ލިބިފައި އޮތް މެހުމާންދާރީ އަދާކުރުމުގެ ރީތި ނަން މިއަދު ފުނޑު ފުނޑުކޮށް ޗިސްޗިސް މިކޮށްލެވެނީ އަޅުގަނޑުމެންގެ އަމިއްލަ ފައިން އަރާފައި ނޫންހެއްޔެވެ؟

އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު ކުރި އެރުމެއް ރާއްޖެއަށް ލިބެމުން ދިޔަނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައިވާ މިފަދަ ބޭއަދަބީ ގޮތްގަނޑު ނުކެނޑޭ ކަމަށް ވާނަމަ، އިޖްތިމާއީ ގޮތުން ކުރިއަރައިފައިވާ ބަޔަކަށް އަޅުގަނޑުމެން ނުވާނެކަން ގައިމެވެ. އިންސާނުންނާ މެދު ހައިިވާނުންނާ މެދު ކަަންތައް ކުރާ ގޮތަށް ކަަންތައް ކޮށްގެން ނުވާނެކަން އެއީ އެންމެން ވެސް ޤަބޫލު ކުރާ ވާހަކަ އެކެވެ. ކަން މިހެން އޮތް އިރު، "ބިދޭސީން"ނޭ ކިޔާ އެއްފަރާތް ކޮށްލުމުގެ ބަދަލުގައި އެމީހުންނަށް ވެސް އެކަށޭނަ ގޮތަކަށް ކަންތައް ކޮށްދޭން އެބަ ޖެހެއެވެ. އަދި ހަމަ އެހެންމެ، ދިވެހި ބިމަށް އެމީހުންގެ އަތްގަދަ ކުރާ ވާހަކަ ދައްކާއިރު، އެމީހުން މަސައްކަތު ގެންނަން ޖެހެނީ ވެސް ދިވެހީންގެ "ކަންނެތް" ކަމުންކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ވީމާ، އެމީހުންނަކީ ވެސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުން ކަން ދަނެ، އިންސާނީ ސަފުން އެއްފަރާތް ކޮށްނުލާށެވެ.