ބޯކޮށުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދިވެހިންގެ ތެރޭގައި ބޯކޮށައިދޭ މީހުން އިނގިލަތަކުން ގުނާލެވޭހާވެސް މަދެވެ. ރާއްޖޭގެ ކޮންމެ ދިމާލަކަށް ދިޔަޔަސް ބޯކޮށައިދޭ ތަންތަނުގައި ތިބެނީ ބޭރު މީހުންނެވެ. ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ މީހުން ބޯ ކޮށައިދޭން އެކި ތަންތަނުގައި ތިބޭ އިރު އެ ކަން ކުރާ ދިވެއްސަކު ހޯދުމަކީ އުނދަގޫ ކަމެކެވެ. ބޯކޮށައިދޭ ތަނެއްގައި ދިވެއްސަކު ބޯކޮށައި ދޭން ހުންނަ ތަން ފެންނާނީ ކޮންތަނަކުން ބާއޭ ހިތަށް މިހާރު އަރާނެއެވެ. އެއީ މިވާހަކަ ދެއްކުމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ މިކަމާ ވިސްނާނޭ މީހަކު ނުވަނީ ކަމަށްވެސް ވެދާނެއެވެ.

ކ. މާލެ އަށް އުފަން 31 އަހަރުގެ މުހައްމަދު މަމްދޫހް އަހްމަދު، (މައިކް) އަކީ ބޯކޮށުމުގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާ މަދު ޒުވާނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެކެކެވެ. ބޯކޮށައިދިނުމާއި ބޮލުގައި ކުލަ ޖައްސައިދިނުމުގައި މައިކް އަކީ ގިނަ ޒުވާން އަންހެން ކުދިންނަށް އަދި ފިރިހެން ކުދިންނަށްވެސް ވަރަށް ކަމުދާ އެކަކެވެ.

ހާއްސަ މުނާސަބާތަކަށް ބޯކޮށައި ރީތި ކުލައެއް ޖައްސާލުމަށް މާލޭގައި ގިނަ ޒުވާނުން މައިކް ކައިރިޔަށް ދާއިރު މި ދާއިރާއަށް މައިކް ޝައުގުވެރިކަން އުފެދުނު ގޮތް އޭނާ ކިޔައި ދީފައިވެއެވެ.

ދެހާސް ބާރަ ވަނަ އަހަރު ބޯކޮށައި ޒީނަތްތެރިކުރުމާއި މޭކަޕް އަދި ބިއުޓީ ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކުރިއެވެ. އޭރު މައިކްގެ ވިސްނުމުގައި މި ދާއިރާ އަކަށް ވަންނަން ހިޔާލެއްވެސް ނެތެވެ. ނަމަވެސް 2014 ވަނަ އަހަރު މައިކްގެ ހަޔާތް ބަދަލުކޮށްލީ ވަޒީފާއެއް ހޯދުމުގައި އުޅުމުގެ ތެރޭގައި ސެލޫންއަކުން ބޯކޮށައިދޭން ލިބުނު ވަޒީފާއެވެ.

މައިކް ވަނީ އޭނާ އަށް ފުރަތަމަ ސެލޫންއަކުން ލިބުނު ވަޒީފާ ފުރިހަމައަށް ޢަދާކޮށްފައެވެ. އޭގެ ނަތީޖާއަކަށްވީ ބޯކޮށައިދިނުމުގައި މައިކްގެ ކުޅަދާނަކަން އަމިއްލައަށް ފެނުނު ހިސާބެވެ. އަދި އޭނާ އަށް އެކަމަށް ލޯބި އުފެދުނެވެ.

ބޯކޮށައިދިނުމަށް ޝައުގުވެރިކަން އުފެދި އެދާއިރާގައި މައިކް އެންމެ އުހަށް ދާން މަސައްކަތް ފެށިއެވެ. ބޯކޮށައިދުނުމުގައި ތާފާތު އުކުޅުތައް ބޭނުންކޮށް އެކަން ކުރާ އެހެން ފަރާތްތަކަށް ނަމޫނާ ދައްކަމުން މައިކް ދިޔައެވެ. އަދި ހެޔާސްޓައިލް ކުރުމާއި މޭކަޕް ކުރުމުގައިވެސް މައިކް ފާހަގަ ކުރެވޭ އާޓިސްޓަކަށް ވިއެވެ.

"ފާއިތުވި އަހަރުތަކުގައި ބޯކޮށައިދިނުމަކީ އަހަންނަށް ވައްތަރެއްގެ އާޓަކަށް ވި. އަދި ފަހުރުވެރިވާ ހުނަރަކަށް އެކަން ވި" މައިކް ބުންޏެވެ.

ރީތިކޮށް ބޯކޮށައިދުނުމުގެ އިތުރުން މައިކް އަކީ ތަފާތު އެހެނިހެން އިތުރު ހުނަރުތައްވެސް ލިބިފައިވާ ޒުވާނެކެވެ. އެގޮތުން އޭނާ އަކީ މޮޑެލް ކުރުމުގެ ދާއިރާގައިވެސް ރާއްޖޭގައި މިހާރު ކުރިއަރަމުންދާ ޒުވާނުންގެ ތެރޭގައި ހިމެނޭ އެއް މޮޑެލްއެވެ. ލިޔުމާއި ޕެއިންޓް ކުރުން އެއީ މައިކްގެ ހުނަރުވެރިކަމުގެ ތެރޭގައި ހިމެނޭ އިތުރު ކަންކަމެވެ.

މިހިސާބަށް އައުމުގައި މައިކް އަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށް މައިކް ބުންޏެވެ. އެގޮތުން ކުރީގައި ވަޒީފާ ޢަދާކުރި ތަންތަނުގެ އިސްވެރިން، ޝްރިޔާ ނަދާ، އަދި މައިކްގެ އެކުވެރިންނާއި ދައްތަ ހިމެނެއެވެ. މިފަރާތްތަކަކީ މައިކްގެ ކެރިއާގައި އެންމެ ބޮޑަށް އެހީތެރިވި ފަރާތްތައް ކަމުގައި މައިކް ބުންޏެވެ.

ކުރިޔަށް އޮތް މުސްތަގުބަލުގައި މައިކްގެ ބޯކޮށައިދިނުމުގެ އާޓް ވާސިލުވުން އެއީ މައިކް ދެކޭ ހުވަފެނެކެވެ. ބޯކޮށައިދިނުމާއި އިސްތަށިގަނޑު ސްޓައިލްކޮށް ދިނުމުގައި އެތައް އަހަރުތަކެއް ހޭދަކޮށްފައިވާ މައިކް އަށް ވަރަށް ގިނަ ފައްސި ފީޑިބެކްތައްވެސް ލިބޭކަމަށް އޭނާ ބުންޏެވެ.

ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތަކާ އެކު ކުރިޔަށް ދިޔުމުގައި ދަތިކަންކަމާއި ކުރިމަތިލާންޖެހޭނެއެވެ. މައިކް ބުނީ އޭނާގެ ކެރިއާ އަކީވެސް ފަސޭހަ ކެރިއާ އެއް ނޫން ކަމަށެވެ. ނަމަވެސް އެމީހަކު ދެކޭ ހުވަފެނެއް ހަގީގަތަކަށް ހަދަން ކަރު ހިއްކައިގަނެފައި ހުރެ އެކަމަށް މަސައްކަތް ކުރުން އެއީ ކުރިޔަށް ދިއުމުގައި މުހިންމު ބައެއް ކަމަށް މައިކް ބުންޏެވެ.

މި ދާއިރާގައި ކުރިޔަށް ދިޔުމުގައި އިތުރަށް ރަނގަޅުކޮށް ފުރިހަމަކުރުމަށް މައިކް ބޭނުންވަނީ ތަޖުރިބާ އާއި ހޯދުންތައްކަމަށް އޭނާ ބުންޏެވެ. އަދި އާ ޓްރެންޑުތައް ދެނެގަނެ އެ ޑްރެންޓުތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި ވަރަށް ފަރުވާތެރިވާ މީހެއްގެ ގޮތުގައި މައިކް ފާހަގަ ކުރިއެވެ.

ރާއްޖޭގައި މި ދާއިރާއަށް ފުރުސަތު އޮތްތޯ ކުރި ސުވާލަށް ޖަވާބުދެމުން މައިކް ބުނީ ބޯކޮށައިދިނުމުގެ ދާއިރާ އަށް ރާއްޖޭގައި ފުރުސަތުތައް އެބައޮތް ކަމަށެވެ. އަދި އެމީހަކު ބޭނުންވާ ދާއިރާ އަކުން ކުރިޔަށް ދިއުމަށް ގަދައަޅައި މަސައްކަތް ކުރުމަށް މައިކް ވަނީ އެދިފައެވެ.

ބޯކޮށައިދިނުމަށް ރާއްޖޭގައި ގިނައިން ތިބެނީ ބިދޭސީންނެވެ. އަދި ފަހުގެ ޓްރެންޑުތަކަށް ބޯކޮށައި ސްޓައިލް ކުރުމަށް ސެލޫންތައް ހޯދުމަކީ އަތޮޅުތެރެއިން އުނދަގޫ ކަމެކެވެ. މާލޭގައިވެސް މަދު ސެލޫން އަކުން ނޫނީ ފިރިހެނުންގެ ބޯ މިޒަމާނުގެ ސްޓައިލަށް ކޮށައި ކުލަޖައްސައި ނުދެއެވެ. މައިކް ފަދަ ޒުވާނުން މި ދާއިރާގައި އުޅުމުން ދާއިރާއަށް ނުކުންނަން ޝައުގުވެރިވެފައި ތިބި މީހުންނަށް ހިތްވަރުލިބޭނެކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖުމައިލް

    ކަންފަތާ ނޭފަތާ ދުލާ ހުރިހާ ތަނެއް ތޮރުފާގެން ތި ވާ ސްޓައިލިސް އަކީ ފިިރިހެންވަންތަ ސްޓައިލެއް ނޫން.

    92
    5
    • ފާތުން

      އަސްލުވެސް ދޯ. މަ އެއްދުވަހު އޭނަ އިން ލައިވްއެއްގަ އެހެން ބުނީމަ އޭނައަށް އެވާހަކަ ހަޖަމެއްނުވި. ވަގުތުން މިއުޓް ކޮށްލީ. ހިތާމައަކީ އޭނަ އަންހެނުންވެސް އެކަހަލަ ކަންކަމަށް ސަަޕޯޓިވް ވީމަ.

      41
  2. އުގުރި

    މި އަހާއައް ހެޔޮ ވިސްނުން ދެއްވާށި އާމީން.

    58
    4
  3. ލލލ

    މައިކް އާ މައުރީން ގެ ގުޅުމެއް ނޯވެ ދޯ މިހާރު؟

    28
    3
  4. ޙަނާން

    ސްޓިލް ވަން އޮފް މައި ފޭވަރިޓް ީީީީީީީީޕޕަލް އޮފް އޯލް ޓައިމް. ލަވް ޔޫ ބާއި.

    5
    32
  5. ާއައަސްތު

    ބޯ ކޮށާ މީހަ ކައް ކިހާވަރެއްގެ މުސާރަަ ލިބޭ،، 4000 ރުފިޔާ ދިވެހިން ކިހިނެއް ކުރާނީ ،މީނަ ވަރަށް ކުދިން ބޯ ކޮށާ ހިއްވާނެ ޔޯ،

    14
    1
  6. ނަޒީރު

    މަމްދޫހައް އިނގޭތަ އިސްލާމް ދީނުގައި ފިރިހެނުން ހިލޭއަންހެނުންގެގަޔާއި އަދި ބޮލާއި އެހެން ތަންތާގައި އަތްބީހުމަކީ ހަރާމް ކަމެއްކަން. އަދި ކިހާވަރެއްގެ ފާފައެއްކަން.

    33
    3
  7. އަލީ

    ބޯކޮށައި ދޭ ތަން ހުންނަނީ ކޮންތާކުކަން ލިޔުނުނަމަ މި އާޓިކަލް ފުރިހަމަ ވީސް

    12
    6
  8. ފާތު

    ބޯކޮށާތަނެގެ ޕިކް އެތް ނެތެންނު މިޙަބަރަކު ދައްކާ ފައެތް.

    8
    2
  9. ފައްސި

    ފައްސި ފީޑްބެކް🙄

    10
  10. Anonymous

    ތިޔަ މައިކް ބޯ ކޮށާދަެ އަގެއްވެސް ޖަހާލިނަމަ