(ހއ. ވަށަފަރު) އެއީ 1993 އާއި 1945 އާ ދެމެދުގެ އަހަރުތަކެވެ. ދުވަސްވަރަކީ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ. އޭރު ދުނިޔޭގެ މަޝްރަހު އޮތް ގޮތަށް ބަލާނަމަ ރާއްޖެ އެ ސަަރަހައްދެއްގައި ހިމެނޭ އޭޝިއާގެ ބޮޑު ބައެއް އޮތީ ޖަޕާންގެ އަސްކަރީ އަދި ކަނޑުގެ ސިފައިންގެ އިސްތިއުމާރުގެ ވަކިދަށުވެފައެވެ. އެގޮތުން 1941 އާއި 1942 ގައި ބަރުމާ މެލޭޝިޔާ އަދި ސިންގަޕޫރު ޖަމާނުގެ މުށުތެރެއަށް ލިއެވެ. ކަންދިމާކުރި ގޮތުން އެ ދުވަސްވަރު އިސްތިއުމާރުތަކުގެ މެދުގައި ހިނގި ބޮޑު ހަނގުރާމައިގެ ހިޔަނި އެޅި ދުނިޔޭގެ އެތައް މިތަނުގައި މީހުން ބަނޑަށް ޖެހުން އާއްމުވިއެވެ. ލަސްނުވެ މުޅިދުނިޔެއައް ކުރިމަތިވި ތަދުމަޑުކަން ދިވެހި ކަނޑު އޮޅިތައް ގިރާކޮށް އައިސް ދިވެހިންނާ ވެސް ބައްދަލު ކުރިއެވެ.

ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުން ޖަރުމަންވިލާތުން ފެށި މި ހަނގުރާމައިގެ ހަބަރު ރާއްޖެއާ ހަމައަށް ފޯރީ އޭރު ކޮޅުނބުގައި ހުންނެވި އިނގިރޭސީ ސަފީރުގެ ފަރާތްޕުޅުންނެވެ. އެއީ މުހައްމަދު އަމީނުގެ ވެރިކަމުގައެވެ. ދެ ވަަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެ ކަމާއި އެ ހަނގުރާމައިގެ އަސަރު ރާއްޖެ އަށް އޮތްކަން ހާމަވުމާއެކު ރާއްޖޭގެ ރަށްތަކުން ކާބޯތަކެތި އިގުތިސާދު ކުރުމަށް ސަރުކާރުގެ މަންދޫބުން ރަށްރަށް ފޮނުއްވައިގެން ނަސޭހަތްދެއްވިކަން ތާރީހީ އެކި ލިޔުންތަކުން ހާމަވެއެވެ.

ރާއްޖެ އަށް ކާބޯތަކެތީގެ ދަތުމަޑުކަން އަޔަ ނުދިނުމަށް ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބި ދިވެހިންގެ ތެރެއިން ބަޔަކު ބަނޑަށް ޖެހެން މާ ގިނަ ދުވަހެއް ނުނެގިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ކެރީގެ އަސަރު ރާއްޖެއާ ހަމައަށް ފޯރީ ބަނޑުހައިހޫނުކަމުގެ ސިފައިގައެވެ. އެގޮތުން މަގޫފަތާއި، ގަހު ތޮއްޓަށް ދާންދެން ކާން ދިވެހި ތަކުންނަށް މަޖުބޫރުވި ކަމީ ތުންތުން މަތިން ވާރިދުވެފައިވާ ވާހަކަތަކާއި ތާރީޙީ ލިޔުންތެރިންގެ ގަލަމުން ގެނެސްދީފައިވާ ވާހަކަތަކުން އެނގޭ ކަންކަމެވެ.

މައުމޫން އިބްރާހިމް/ގއ.ދެއްވަދޫ، ދޭލިޔާގެ އޭނާގެ ބްލޮގައި ލިޔުއްވާފައިވާ ގޮތުން އެ ދުވަސްވަރު ރާއްޖެއަށް ކާބޯތަކެތި ގެންނާނެ ގޮތެއް ނެތި ވަނިކޮށް، އައްޑު އަތޮޅުގައި އޮތް އިނގިރޭސީންގެ ބޯޓަކަށް ބޮން އެޅުން ވެގެން ދިޔައީ ދިވެހިންގެ ރިހޭފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ. ދިވެހިންގެ ބޮޑުތަދުގެ ފެށުން އައި ހިސާބަކީ ވެސް އެއީއެވެ. ދުނިޔޭގެ މަޝްރަހު އޭރު އޮތްގޮތުން އެ ދުވަސްވަރަކީ ދިވެހި އޮޑިވެރިންނަށް ރައްކަލެއް އޮތް ދުވަސްވަރަކަށް ނުވެއެވެ. މައުމޫންގެ ލިޔުމުގައި ވަނީ އެ ދުވަސްވަރާ ދިމާކޮށް 39 މީހުންނާއިގެން ކޮޅުބަށް ދަތުރުކުރި އައްޑުއަތޮޅު 'ޔާހުންބަރާސް' އޮޑި ޖަޕާންގެ ކަނޑުގެ ސިފައިން ފައްތާލައި އޮޑިން ދަތުރުކުރި 37 މީހުން ކަނޑުފައްތާލައި ބޯޓްގެ ކެޕްޓަންއާއި އިތުރު މީހަކު ރަހީންކޮށް ސިންގަޕޫރު ޖަލުގައި އާއި މެލޭޝިޔާ ޖަލުގައި ގަނަތެޅެން މަޖުބޫރުވިކަން ފާހަގަކުރައްވައިފައެވެ.

ހއ. ވަށަފަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހާލަތު ގޯސްވެ ދިވެހި ކަނޑުން ބާނާ މަސްކޮޅާއި، ދިވެހި ދަނޑުގައި ގޮވާން ކުރި ތަރުކާރީކޮޅު ވިއްކޭނެ މަގުވެސް އިސާހިތަކު ބަންދުވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ބަނޑަށް ޖެހި މީހުން ބަނޑުހައި ހޫނުކަމުގައި މި ދުނިޔެ އާއި އަލްވަދާއު ކިޔަން ފެށި ހިސާބަކީ އެއީއެވެ. ލޯ ކުރިމަތިން ގާތް މީހުން ބަނޑުހައިކަމުގައި މަރަށް ތެޅުނު ބަލަން އެތައް ބަޔަކަށް މަޖުބުރިވިއެވެ.

ދިވެހިންގެ އެކިޔާ "ބޮޑު ތަދު"އަކީ މިއީއެވެ. ޒަމާން ދައުރުވެ ބޮޑުތަދުގެ ވާހަކަ ކިޔާދޭން އެނގޭ މީހުން މިއަދު ކޮންމެ ރަށެއްގައި ވެސް އިނގިލިން ގުނާލެވޭހާ މަދުވެއްޖެއެވެ. މިއަދު ބޮޑުތަދުގެ ވާހަކަ ހަނދާނުގެ ފަތްފުއްތަކުގައި ފުރޮޅާލުމަށް ފަހު ކިޔައި ދޭން އެނގޭ މީހުން މަދަކުން ނޫނީ މިހާރަކު ނެތެވެ. އެ ވާހަކަތައް ހަނދާން ހުރި މީހުން މަދެވެ. އެ ވާހަކަ އަކީ މި ޒަމާނުގައި މާ ގިނަ ބަޔަކު ފަރިތަ ވާހަކަތަކެއް ނޫނެވެ.

ކޮންމެއަކަސް ބޮޑުތަދުގެ "ދިލަ" އިހުސާސް ކުރި ރަށްތަކުގެ ތެރޭގައި ހއ.ވަށަފަރުވެސް ހިމެނެއެވެ. މިހާރު މި ވާހަކަތައް ގެނެސްދެވެން އޮތީ އިސްރަށްވެހިން ކިޔައިދޭ ގޮތަށެވެ. މިރަށުގެ އުމުރުން ދުވަސްވީ މީހުންގެ ހަނދާނުން ބޮޑުތަދު ދުވަހަކު ވެސް ފިލައިގެން ދާނެހެން ހިޔެއް ނުވެއެވެ. މި ރަށުގައި މީހުން ބަނޑަށް ޖެހިގެން މަގޫފަތާއި ފަޅޯ ގަސް ކޭ ހަނދާން ފިލުވާލާނީ ވެސް ކިހިނެތް ހެއްޔެވެ؟

ރަށުގެ އުމުރުން ދުވަސްވީ މީހަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި އެ ދުވަސްތަކަކީ ދުވަހަކުވެސް ހަނދާނުން ފިލާނެ ހަނދާނެއް ނޫނެވެ. އެއީ އެއަށް ވުރެ ހިތި އަދި ހިތްދަތި ތަޖުރިބާއެކެވެ.

ހއ. ވަށަފަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

" ފަޅޯ ގަސް ހަދާ ގޮތަކީ ބުރިކޮށްލަނީ. ކޮށްލާފައި ވަރަށް ތުނިކޮށް ކޮށަނީ. ފަޅޯގަސް މި ރަށުގައި އޮވޭ. އެކަމަކު ރަށުން ބޭރުން ގެންނަނީ ގިނައިން. ތެލުވެސް ލާ. ފެނުވެސް ކައްކާ. އަހަރުމެން ކެއީ ގިނައިން ކައްކައިގެން. ދެން ރުނބާ ރުނބާ އަށް އަރައިގެން އެއާ ކަނީ،" އޭނާ ކިޔާދިނެވެ.

މި ރަށު އިތުރު މީހަކު ކިޔައި ދިން ގޮތުގައި ކޮންމެ ދުވަހަކު ވެސް ހޭލުމަށް ފަހު ކާބޯތަކެތި ހޯދަން އުޅޭ އިރު އެންމެ ބޮޑު އަސަރެއް ކުރަނީ ރަށުން މީހަކު މަރުވި ޚަބަރު އިވުމުންނެވެ. މާދަމާ މަރުވާނީ ކާކުތޯ، މާަދަމާގެ ހާލަކީ ކޮބައިތޯ ނޭނގޭ ތަނުގައި ފަޅޯ ގަހާއި މަގޫފަތް ވެސް ކާން ނުލިބިދާނެ ދުވަހެއް އައިސްދާނެތީ ވަރަށް ބޮޑަށް ބިރުހީވި ކަމަށް އޭނާ ކިޔައި ދިނެވެ. އަދި ރަށުން މީހަކު މަރުވާ ކޮންމެ ފަހަރަކު މުޅި ރަށަށް ފުންމިން ނޭނގޭ ހިތާމަ އާއި މޮޅިވެރިކަން ވެރިވާ ކަމަށް އޭނާ ކިޔައި ދިނެވެ.

"މީހުންވެސް މަރުވޭ. އެކަމަކު ދިއްދޫ އިން މަރުވި ވަރަކަށް މަރެއް ނުވޭ. ދިއްދޫ އިން ދުވާލަކު ހަ ކުދިން ވެސް މަރުވި. އެވަރެއް ނޫން. ދިއްދޫ އަށް ވެސް ދޭ. ކާބޯ އެއްޗެހި ވެސް ގެނޭ. ދެން ފިއްލަދޫ އިން ބޯކަށިކެޔޮ ވެސް ގެނޭ. ބަނބުކެޔޮ ތޮށި ވެސް ކެއި. ކާން ކަމުދާ މަގޫފަތެއް ވެސް ނުލިބޭ ރަށަކުން. އޭރު މަހަށް ވެސް ދޭ މީހުން އެކަމަކު ވެސް ހަމަ ތަދު." އޭނާ ކިޔައި ދިނެވެ.

އެ ތަދާއި ވޭނުގައި ހަތަރު އުދަރެސް ފެނު ޖެހިފައި ހަ ވަރަކަށް މަސްދުވަހު މި ރަށު މީހުން ތިބެން ޖެހުނެވެ. މިއަދު ވެސް މި ވާހަކަތައް މި ރަށުގެ މުސްކުޅިން ކިޔައި ދެނީ އެ ވޭނާއި އާހުގައެވެ. ބޮޑުތަދުގައި ވަކިވެދިޔަ މީހުންގެ ޒިކުރާ މިއަދުވެސް އެ މީހުން އާކުރެއެވެ. އަދި އެ ދުވަސްވަރު ދެވަނަ ފަހަރު އިއާދަ ނުވުމަކީ އެ ދުވަސްވަރުގެ ތަދާއި ވޭން ތަހައްމަލު ކުރި އެއްވެސް މީހަކު އަލުން އިއާދަވާން އެދޭނެ ދުވަހެއް ނޫނެވެ. އެ ދުވަސް އެއީ އެއަށް ވުރެ ކަޅު ދުވަސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ......

    އޭރުވެސް މިހާރުވެސް ބޭރަށް ބަރޯސާވާންޖެހޭގޮތަށް އޮތްއޮތުން ބަދަލު ކުރަން ވީ އެންމެން އެކީގަ....މާދަންވެސް އެފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރޔވާންވީ

  2. ޜަނާ

    ޥަށަފަރު އެކަންޏެއްނޫން އެ ހާލަތަށް ދިޔައީކީ މުޅިރާއްޖެ ކަ ހަލަ ގޮތަކަށް ދިޔަ ކަމަށްވަނީ