ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ.

ބީއެމްއެލުން ބުނީ ފިއްލަދޫ އަދި ވަށަފަރުގައި މިއަދު ހުޅުވުނު ދެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗަރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ، އެބޭފުޅުންގެ ބޭންކިންގ ވިއުގަ ފުޅާ ކުރުމަށާއި ބޭންކިންގ ހިދުމަތްތައް ފަސޭހަކާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފިއްލަދޫ އަދި ވަށަފަރުގައި ރައްޔިތުންނަށް އެހީތެރިވެދެވޭކަމީ އެބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށެވެ.

"އަލަށް މި ހުޅުވުނު އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް މިދެރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެ." ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.