ހަނިހަނި ގޯޅިއެއްގެ ތެރެއިންލާފައި ގޮސް، ވަކަރު ސިޑިތަކެއްގެ އެހީގައި މައްޗަށް އެރޭ މި އިމާރާތުގައި ހަތަރު ފަންގިފިލާއެއް ހުރެއެވެ. ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑު ނިންވާލަން ޕްރެޝަރުގައި ޖެހި ފެނާއެކު ސިޑިތައް ހުރި ހަމަ ކިރިޔަކިރިޔާއެވެ. މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ފަންގިފިލާ ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައެވެ. ތޮއްޖެހިގެން އެތައް ބަޔަކު ދިރިއުޅެމުންދާ މާލޭގައި ހިނގާ އަލިފާނުގެ މިފަދަ ހާދިސާއަކުން ވެސް އެތައް ބައެއްގެ ދިރިއުޅުން ވިއްސިވިހާލިވެއެވެ. ދިރިއުޅުން އެފުށް މިފުށަށް ޖަހާލަނީ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ދިރިއުޅުމަށް ވަރަށް ބޮޑު އަސަރުކޮށްފި، އުމުރު ދުވަހު ހޯދާފައި ހުރި އެއްޗެހި އެ ދިޔައީ،" އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި އާއިލާއާއެކު ދިރިއުޅުމުން އައި މުހައްމަދު އަޝްފާގް ކިޔައިދިނެވެ.

އަލިފާން ރޯވިކަން އެނގުމާ އެކު އާއިލާ ގޮވައިގެން އަޝްފާގު ވެސް ދުއްވައިގަތީ ބޭރަށެވެ. ރޯވީ އިމާރާތުގެ އެންމެ މަތީ ހުރި ގުދަނެއްގައި ކަމަށްވެއެވެ. އަޝްފާގު ހުރީ ދެވަނަ ފަންގިފިލާގައެވެ. ގުދަނުގެ ތިރިން ހުރި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ވެސް ތިބީ އޭނާގެ އާއިލާގެ ބަޔެކެވެ. އަޝްފާގްގެ އަނބިމީހާގެ ކޮއްކޮގެ ދެމަފިރިންނެވެ. މި ހާދިސާގައި އަނިޔާވީ ވެސް އެ ދެމަފިރިންނަށެވެ. ހަރުގަނޑުން ފައިބަން އުޅުމުގެ ތެރޭގައި ދެ މީހުންގެ ފަޔަށް ވެސް އަނިޔާވިއެވެ.

މއ.މޯނިންވިއު ގައި އަލިފާން ރޯވެފައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހަތަރު ވަނަ ފަންގިފިލާއިން ފެތުރެން ފެށި އަލިފާންގަނޑު ނިއްވާލަން ކުރިމަތީގައި ހުރި އިމާރާތުގައި ތިބި މީހުން ވެސް މަސައްކަތް ކުރިއެވެ.

ލަސްވިކަމުގެ ޝަކުވާ

މޯނިންވިއުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ އެ ދުވަހުގެ ރޭ ފަތިހު 5:00 ގައެވެ. އަލިފާން ނިއްވާލަން ފަޔާ އެންޑް ރެސްކިއުގެ ލޮރީ ހާދިސާ ހިނގި ސަރަހައްދަށް ގޮސްފައިވަނީ 5:04 ގައެވެ.

އަޝްފާގް ކިޔައިދިން ގޮތުން ނަމަ، އެ ލޮރީ ހާދިސާ ހިނގި ސަރަހައްދަށް އަވަހަށް އައި ނަމަވެސް ފެން ޖަހަން ފެށުނީ އަދި މާ ލަހުންނެވެ.

"އެމްއެންޑީއެފްގެ ވެހިކަލްތައް އައިސްފައި ހުރި ވަގުތަށް. އެކަމަކު އެބޭފުޅުންނަށް އަމަލީ ގޮތުން މަސައްކަތް ފެށިފައި ވަނީ 25 މިނިޓް ފަހުން،" އަޝްފާގު ބުންޏެވެ.

 

މއ.މޯނިންވިއު ގައި ހިނގިއަލިފާން ނިންވާލަން ފަޔާލޮރީ ހަރަކާތްތެރިވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭގެ ސަބަބުން ލިބުނު ގެއްލުންތައް ބޮޑުވި ކަމަށް، ސަރުކާރުން ވަގުތީ ގޮތުން ހަމަޖެއްސި ގެސްޓު ހައުސްގައި ހުރެ ވާހަކަ ދެއްކި އަޝްފާގު ބުންޏެވެ.

މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީވެ އެމްއެންޑީއެފުން މިކަމާ އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ލަސްވުމުގެ ޝަކުވާ ކުރަމުންދާއިރު އެކަމަށް ވެސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަފްސާނީ އެތައް އުނދަގުލެއް

ގާތްގަނޑަކަށް 60 މީހުން އުޅެމުންދާ އިމާރާތުގައި ރޯވި އަލިފާނުގެ ނަތީޖާއަކަށްވީ ނަފްސާނީ އަސަރުތައް ކުރުމެވެ. ގޭސްފުޅި ގޮވާ އަޑުތަކާއި ފެނުނު މަންޒަރުތަކުގެ ސަބަބުން ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ނަފްސާނީ އަސަރުކޮށްފައިވެއެވެ.

"އަންހެނުން އަދިވެސް ހަމަޔަކަށް ނޭޅޭ. ރަނގަޅަކަށް ނުވެސް ކެވޭ. މެންޓަލީ ވެސް އަންހެނުން ހުރީ ރަނގަޅު ހާލަތުގައެއް ނޫން" ހާދިސާގެ ސަބަބުން އަނބިމީހާއަށް ކުރި އަސަރު ހިއްސާކުރަމުން އަޝްފާގް ބުންޏެވެ. އާއިލާގެ ކުޑަ ތިން ކުދިންނަށް ނަފްސާނީ ގޮތުން އަސަރުތަކެއްކޮށް އެއް ކުއްޖަކަށް ކައުންސިލިންވެސް ދޭން ޖެހުނެވެ.

މއ. މޯނިންވިއުގެ ދެވަނަފަންގިފިލާގައި ދިރިއުޅޭ އަޝްފާގު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: ހުސައިން އަރުބާން ފައްވާޒް

"ކައުންސިލިން ދޭން ޖެހުނީ އެންމެ ކުއްޖަކަށް. މަންޒަރު ފެނުމުން ކުޑަ ކުއްޖެއްވީމަ ވަރަށް ބޮޑަށް އަސަރުކުރި،" އަޝްފާގު ބުންޏެވެ.

އަޝްފާގު ބުނީ، ބައެއް ކުދިންނަށް ވީގޮތް ކިޔައިދިނުމުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކުދިން ތިބީ "ޝޮކެއް" ތެރޭގައެވެ.

ލިބުނު ގެއްލުން ވަޒަން ކުރަން ވެސް ދަތި

އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުނު ލިބުނު ހަތަރު ވަނަ ފަންގިފިލާގެ 95 އިންސައްތަ ވަނީ އިތުރަށް ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

އަޝްފާގް ދިރިއުޅެމުންދާ ދެވަނަ ފަންގިފިލާގައި ހުރި ހިފައި ގެންގުޅޭ ތަކެތި ވަނީ ފެނުގެ އަސަރު ކުރުމުގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ޓިވީ، ފްރިޖް އަދި އޭސީވެސް ދެން އިތުރަށް ބޭނުމެއް ނުކުރެވޭނެއެވެ. ދެވަނަ ފަންގިފިލާއާ ހަމަޔަށް އަލިފާން ނުފެތުރެނީސް ވަނީ ނިއްވާލާފައެވެ.

އަލިފާނުގެ ހާދިސާ ގައި އިތުރަށް ބޭނުންނުކުރެވޭ ވަރަށް އިމާރާތް ވަނީ އަނދާފައި؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ ސުވާލުކުރުން އަޝްފާގު ބުނީ، ހަމައެކަނި ދެވަނަ ފަންގިފިލާއަށް ލިބުނު ގެއްލުމުގެ އަދަދު ދެ ލައްކައާ ގާތް ކުރާނެ ކަމަށެވެ. ހަތަރުވަނަ ފަންގިފިލާއަށް ލިބުނު ގެއްލުން ވަޒަން ކުރަން ވެސް ދަތިވާނެ ކަމުގައި އޭނާ ބުންޏެވެ.

"ލަފާކުރެވޭ ގޮތުގައި ދެން އެ ތަން ރިލޮކޭޓް ކޮށްގެން ވަދެވޭ އިރުގައި ވެސް ދެލައްކަ ރުފިޔާ ބޭނުންވާނެ. އެތަނަށް ވަންނަން. އެސްޓިމޭޓެއް ހެދީމަ އެނގޭނީ ސީދާ ގެއްލުން ލިބުނުވަރު" އަޝްފާގު ބުންޏެވެ.

މަރާމާތު ކުރުމަށްފަހު ނޫނީ އެތަނަށް ނުވަދެވޭނެ ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަން ވެސް އޭނާ ފާހަގަކުރިއެވެ.

ކުއްލިއަކަށް ދިރިއުޅުމަށް އައި ނިކަމެތިކަމާ އެކު އަޝްފާގު، ސަރުކާރުގައި އެދެނީ އެތަން މަރާމަތުކޮށްގެން ވިޔަސް އަނބުރާ ދެވެނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ. "ރައީސް މިކަން ގާތުން ބަލައި ދިނުމަށް އަޅުގަނޑުމެން އެދެން" އަޝްފާގު ބުންޏެވެ.

މއ. މޯނިންވިއުގެ ދެވަނަފަންގިފިލާގައި ދިރިއުޅޭ އަޝްފާގު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: ހުސައިން އަރުބާން ފައްވާޒް

ރޯވި ގޮތެއް ނޭނގެ، ރަނގަޅު ތަހުގީގަކަށް އާއިލާއިން އެދޭ

ހާދިސަ ހިނގައި ދިޔަ ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހަތަރު ވަނަ ފަންގިފިލާގައި ރޯވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރަމުން އަޝްފާގު ބުނީ، އަލިފާން ރޯވީ އެ ފަންގިފިލާގެ މަތީގައި ހުރި ގުދަނެއްގައި ކަމަށެވެ. އެކަމަކު އެކަން ހިނގަން މެދުވެރިވި އެއްވެސް ސަބަބެއް ބުނަން ނޭނގެ ކަމަށް އަޝްފާގު ބުންޏެވެ.

"ގޭސް ފުޅިއެއް އެއްޗެއް ގޮވާފައެއް ނެތް، ކަރަންޓު ޝޯޓެއްވި ކަމެއް ފާހަގަކުރެވިފައެއް ނެތް،" އަޝްފާގު ބުންޏެވެ.

މި ފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ހިނގައިފާނެ ކަމަށް ބަލައި އެކަން ރަނގަޅަށް ތަހުގީގުކުރުމަށް އޭނާ ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިފައެވެ. އެންމެ އިމާރާތެއްގައި ގަޑިއިރިއަކަށް ހުޅު ޖެހިފައި އޮތުމުން އެތައް ހާހެއްހާ އާއިލާއަކަށް އެބަ އަސަރު ކުރެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގައި އުޅޭ މީހުން، ޑިފެންސް މިނިސްޓަރު މާރިޔާ އަރިހުގައި؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

ފުރަމާލޭގައި އޮތް ތޮއްޖެހިފައިވާ ހާލަތުގައި، އާއިލާތައް ދިރިއުޅެމުންދާ ހާސް ދިރިއުޅުމަށް ކުޑަ ތަސައްލީއެއް ވެސް އަންނަނީ ކުރެވޭ ރަނގަޅު ދިރާސާއެއްގެ މައްޗަށް އަލިފާނުގެ ހާދިސާތަކުގައި ސަލާމަތީ ޚިދުމަތްތަށް އަވަހަށް ލިބޭނެ ގޮތެއް ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޔޫތު

  މާލޭ ގައި ކަރަންޓު އުނދުން ގެންގުޅުން ގޭސް އުނދުން ގެންގުޅުމަށް ވުރެ ބުއްދިވެރި. އަހަރެން ހިތަށް އަރާ ހިޔާފްލެޓެއްގަ އުޅެނިކޮށް މިކަހަލަ ކަމެއް ވެއްޖެޔާކިހިނެއްބާއޭ ވާނީ. ﷲ އެ ފަދަ ދުވަހެއް ނުދައްކަވާށި

  37
 2. ހަގީގަތަކީ ބަދަލް ކުރެވޭނެ

  ރައްޔިތުންނައް ހުވަފެން ދައްކައިގެން ވެރިކަމައް އާދެވުނީމާ މިބަލަނީ އެކިނަންނަމުގަ ކޯޕަރޭޝަންތައް ހަދައިގެން ބޭރުގައުމުތަކުގެ ކުންފުނިތަކައް ދީގެން ސަލާންޖަހައިގެންލޯން ހޯދައިގެން ބިންތައް ހިސޯރުކޮއް ނުދީ ދަތިކޮއްގެން ނިކަމެތި ރައްޔިރުންނައ ބޮޑުއަގުގައި ކުއްޔައްއުޅެން މިޖައްސަނީ ވޯޓްހޯދަންވީމަ ބިންމިހިއްކަނީ ރައްޔިތުންނައް ގޯދިދޭށޭކިޔާފައި ވޯޓްލާނިމުނީ މިދަލްވަނީ އެއްކަލަބިންތައް ތަރިކަމުދަލައް އެހެންވީމަ ތިޔަކަހަލަ ހާދިސާއެއް ހިނގިޔަސް ކުރެވޭނެ ކަމެއް ނެތް މިމާލޭން ފެންނާނީ ތިޔަކަހަލަ ހޮރުތަކުގަ މީހުން ގަނަތެޅޭތަން އެކަމަކު ބިންތައް ފަޅައްބާއްވައިގެން ނުދީ އެބަލަނީ އަޅުވެތިކޮއްގެން ފަސޭހަކަމާއެކް ވޯޓްހޯދަން ފުލެޓްގެ އަވާގައި ރައްޔިތުން ޖައްސާފައި

  14
  4
 3. ބެއްޔާ

  އަދިވެސް މާލެ ތޮއްޖެސޭތޯ ސަރުކަާރު ތަކުން ބަލަނީ. މާލެއަކީ ކިރިޔަ ކިރިޔާއޮތްތަނެއް. ކޮވިޑުންވެސް އަރައި ނުގަނެވިގެން އެހާ ދުވަސް ވާން މިޖެހުނީ މާލެ ތޮއްޖައްސާފަ އޮތީމަ. ގަނެތެޅެންވެސް މިޖެހެނީ ތަނަކަށް ނުވާކަހަަލަ ތަނެއްގަ.

  19
  3
 4. ސަލްމާނު

  ތިހެން ކުދިކުދިކޮށް ތޮއްޖެހޭގޮތަށް ހަދާފައި ހުންނަތަންތަނަށް ދިރިއުޅުމުގެ ހުއްދަ ނުދޭން ފެންނަނީ، އެބައެއްގެ އަމިއްލަގެދޮރުގައި އުޅުނުކަމުގައި ވިޔަށް ކުއްޔަށް ނުދެވޭގޮތަށް ނިންމަންވީ. މިގޮތަށް ރައްކާތެރިކަން ކުޑަކޮށް އެތައްތަނެއް އެބަހުރި، ގިނައީ ބިދޭސީންގެ ހާލިތައް، ބިދޭސީންގެ ހާލިތަކުންވެސް ވަރަށްގިނަ ހާދިސާހިނގައިފި، އެކަމަކު ހައްލުކުރެވުނުކަމެއް އެޅުނު ފިޔަވަޅެއްނެތް.

  7
  1
 5. ާހއސ

  އެކައުންޓ ނަމބްރެއް ޖަހާލިނަމަ

 6. ފާތުމަ

  4 ވަނަ ފަންގިފިލާގައި އުޅުނުމީހުން ބުނެފައޮތީ ތިރިންނޭ އަލިފާން ގަނޑު ފެނުނީ. ޑެގު އަޅައިގެން ހަދާފަހުރި ތަނެއް.ފަރުނީ ޗަރަށް އެކަނިވެސް 4 ވަނަ ފަންގިފިލާއިން ދެލައްކައަށް ވުރެގިނައިން ގެއްލުނަވީ ކަމަށް ބުނޭ.4 ވަނަ ފަންގިފިލާގައި އުޅެނީ 3 މީހުން.ދެވަނަ ފަންގިފިލާޡގައި އަޝްފާގުއާ އަންހެނުންނާ 3 ކުދިން. ޢަނެއް ދެފުލޯގެމީހުން ލައިގެން 60 އަރާ.މީ ކިހިނެއްވާކަމެއް؟ ޢެއްވެސްމީހަކަށް އަލިފާނުގެ އެއްވެސް އަސަރެއް ދުމުގެ އަސަރެއް ނުކޮށް ނޮދާފަ ތިބި ގަޑިއެއްގައި ލަކުޑި ސިޑި މަތިން ތިރިއަށް ރޯޗެފަހުރި އިރު ސަލާމަތް ވި.ﷲ ކުޅަދުންވަންތަކަން. މިހުރިހަާ ކަމަކަށް ބަލާ ބޮޑަށް ބެލެވެނީ ގަސްތުގައި ރޯކޮއްލީ ކަމަށް.

 7. ޑިމޮކަރަސީ

  ދިވެހިންނަށް ޙައްޤު މިންވަރަކީ މަރުވަންދެންވެސް ސަންދޯކެއްގަ ދިރިއުޅުން މަރުވީމަވެސ ް ލާނީ ސަންދޯކަކަށް އެވަރުން ދިވެހިންނަށް ދުދޭނަކަމަށް ބަލާ ބަޔަކު އަބަދުވެސް ބަލަނީ އެހެންވެތާ މިކުޑަ ކުޑަ އާބާދީ އެއް އޮންނަ މިޤަވްމުގެ ގިނަ ރައްޔިތުން އެހާލުގަ ތިބެންމިޖެހެނި

 8. މިތުރާ

  ކުޑަ ކުޑަ ރަށެއް، މީހުން ތޮއްޖެހެނީ،،،