ބަސް ދަސްކޮށް ބަހަށް އަހުލުވެރިވުމަކީ މުހިއްމު ކަމެކެވެ. ތިމާގެ މާދަރީ ބަހުގެ އިތުރުން އެހެން ބަސްތައް ދަސްކުރުމަކީ ވެސް ޝައުގުވެރި ކަމެކެވެ. ބައެއް މީހުންނަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. ދުނިޔޭގައި ހައެއްކަ ހާހަށް ވުރެ ގިނަ ބަހާއި ބަހުރުވަ ހުރި އިރު އެއިން ދެތިން ބަސް ނުވަތަ އެއަށް ވުރެ ގިނަ ބަސް ދަސްކޮށް އެ ބަސްބަހުގެ ބަސްދާރުންނާ މުއާމަލާތް ކުރާން ފަރިތަ މީހުން އުޅެއެވެ. އައްޑު އަތޮޅު މީދުއަށް އުފަން އިޔާޒު ޖާދު ﷲ ނަސީމްއަކީ ނުވަތަ އާއްމުނަމުން ނަމަ އިޔާޒު ނަސީމަކީ އެފަދަ ހުނަރުވެރިއެކެވެ. ދިވެހި ބަހުގެ ވެސް ޚިދުމަތްތެރިއެކެވެ. މި ވަގުތު ދިވެހި ބަހުގެ އެކަޑަމީގެ ބޯޑު މެންބަރެއް ވެސްމެއެވެ.

ބަހުގެ ޝައުގުވެރިކަން އޭނާގެ ކިބައިގައި އުފެދުނީ ކުޑައިރު ކިޔުނު ވާހަކަތަކަކުން ކަމުގައި އިޔާޒު ވިދާޅުވެއެވެ. ޚާއްސަކޮށް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި ހުރި ވާހަކަތަކުންނެވެ. އެ ވާހަކަތަކުގައި ޖުމުލަތައް އިބާރާތް ކޮށްފައި ހުންނަ ގޮތް އޭނާއަށް ވަރަށް ބޮޑަށް ކަމުދިޔައީއެވެ. ރީތި ވީއެވެ. އެހެންވެ އަމިއްލައަށް ވެސް އެހާ ފަށުވިކޮށް އިބާރާތް ކުރާ ހިތް ވީއެވެ. އެ ޝައުގުގެ ތެރެއިން އަމިއްލަ މާދަރީ ބަސް ނޫން ބަސްތަކުން ވެސް ވާހަކަ ދައްކައި، ލިޔާން ކިޔާން ދަސްކުރާ ހިތް ވީއެވެ.

"ސައިފް ރަސްގެފާނު ވާހަކަ، އަމީރު ޙަމްޒާ ވާހަކަ، އެ ކަހަލަ ވާހަކަތައް، އޭގައި އިބާރާތް ކޮށްފައި ހުންނަ ގޮތް ރީތި، ބައެއް ޖުމުލަތައް ވަރަށް ރީތި، އަލުން އެ ޖުމުލަތައް ކިޔައިލެވޭ، ދެން ހިތަށް އެރީ. އަމިއްލައަށް ވެސް ލިޔެވޭނެ ނަމައޭ. އަމިއްލައަށް އެއްޗެއް ލިޔާއިރު ވެސް މިހާ ރީތިކޮށް ގެނެވޭނެ ނަމައޭ، އެއީ ބަހުގެ އިލްމަށާއި ލިޔުންތެރިކަމަށް އެހާ ވަރަށް ޝައުގުވެރިކަން އުފެދުނު ގޮތަކީ،" އިޔާޒު ކިޔައިދެއްވިއެވެ.

އިޔާޒު ނަސީމް ދިވެހި ބަހުގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކޮށް ދަސްވެނިވުން

ދިވެހި ބަހަށް އަހުލުވެރި ވުމުގެ ތެރެއިން އޭނާ ދެން ބޭނުން ވީ ދިވެހި ބަހާ ގާތް ގުޅުން އޮންނަ ބަސްތައް ދެނެގަތުމަށެވެ. އެއީ އޭގެ ސަބަބުން ދިވެހި ބަހާ މެދު ވިސްނާ ވިސްނުން އިތުރަށް ފުޅާ ކުރެވޭނެ ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ. ދިވެހި ބަހާއި އިނގިރޭސި ބަހަކީ ސުކޫލުގައި ކިޔަވައި ދޭ ދެ ބަހެވެ. މި ދެ ބަހުގެ އިތުރުން އެންމެ ފުރަތަމައަށް އޭނާ ދަސްކުރާން ފެށީ ޢަރަބި ބަހެވެ. ޢަރަބި ބަހަކީ އެ ބަހަކުން ދިވެހި ބަހުގެ ބަސްކޮށާރަށް ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ބަހެކެވެ. ޢަރަބި ބަހުގެ އިތުރުން ދެން އިޔާޒުގެ ޝައުގުވެރިކަން އަމާޒު ވީ ދިވެހި ބަހާ ގުޅުން ހުރި އެހެން ބަސްތަކާއި ދުނިޔޭގެ ނުފޫޒުގަދަ ބަސްތަކަށެވެ. އަމިއްލައަށް ދަސްވާ ވަރަކުން އެ ބަސްތައް ދިވެހީންނަށް ދަސްކުރެވޭނެ ގޮތަށް ތަފާތު އެކި ފޮތްފޮތް ލިޔުއްވިއެވެ. މިހާރު ޖުމުލަ 7 ބަހެއް ވަރަށް ފުރިހަމައަށް އަދި އިތުރު 11 ބަހަކާ އެކު ދިވެހި ބަސް ވެސް ހިމެނޭހެން 18 ބަހެއް އެނގޭ އިޔާޒު ނަސީމް މިހާރުވެސް އިތުރު ހަތަރު ބަހެއް ދަސްކުރައްވަނީއެވެ. އަދި މިއިން ކޮންމެ ބަހަކަށް ވެސް ފުރިހަމައަށް އަހުލުވެރިވުމުގެ ޝައުގުގައެވެ.

އިޔާޒް ލިޔުއްވާފައިވާ ފޮތްތައް

  • ބަންގާޅު ބަހާ ގުޅޭ ދެ ފޮތެއް
  • އިޓަލީ ބަހާ ގުޅޭ ހަތް ފޮތެއް
  • ފަރަންސޭސި ބަހާ ގުޅޭ ހަތް ފޮތެއް
  • އުރުދޫ، ދިވެހި، އިނގިރޭސި، ޢަރަބި ތަރުޖަމާ ޢިބާރާތް ހިމެނޭ 15 ފޮތެއް
  • ޢަރަބި ބަސް ކިޔަވާ ދަރިވަރުންގެ އަތްމަތީ ފޮތެއް (މަގޭ ޢަރަބި މުދައްރިސް)

ބަސްތައް ދަސްކުރަން ކުރި މަސައްކަތް

އަރަބި ބަސް

އަރަބި ބަސް ދަސްކުރުމުގެ މަސައްކަތް އިޔާޒު އޭނާގެ އެންމެ ކުޑައިރުގައި ފަށައިފިއެވެ. ގްރޭޑް 3 ގައި އުޅުނު އިރު ރަށުން ދިމާވި އަރަބި ބަސް ދަންނަ މީހެއް ކައިރިންނާއި ފޮތްފޮތުން އަރަބި ލަފްޒުތައް ދަސް ކުރާން ފެށިއެވެ. ރާއްޖޭގެ ތައުލީމީ ނިޒާމުގެ މައިގަނޑު ބަސްކަމުގައިވާ އިނގިރޭސި ބަހާއި ދިވެހި ގައުމިއްޔަތުގެ ބިންގާ ކަމުގައިވާ ދިވެހި ބަހުގެ އިތުރުން، ސައްތައިން ސައްތަ މުސްލިމު މި ދިވެހިރާއްޖޭގެ އަހުލުވެރީން ދަސްކުރާން އެންމެ ރަނގަޅު އަދި އެންމެ މުހިއްމު ބަހަކީ ޢަރަބި ބަސް ކަމަށް ވެސް އިޔާޒް ގަބޫލު ކުރައްވައެވެ.

"އޭރު އެކަމަކު ކަމުގެ ލަފްޒުތައް އަރަބި ބަހުން އެ ވަރަށް ދަހެއް ނުވޭ، ވަރަށް ގިނަ ނަމުގެ ލަފްޒުތައް ދަސްވެފައި ހުރީ، އޭރު ހިތަށް އަރާ މިހާ ގިނަ ލަފްޒު ދަސްވިއިރުވެސް ކީއްވެބާއޭ އަރަބި ބަހުން ވާހަކަ ދައްކާން އުނދަގޫ ވަނީ، ފަހުން ދެން ކަމުގެ ލަފްޒުތައް ދަސް ވާން ފެށީމަ މި ވިސްނުނީ، ކަމުގެ ލަފްޒުތައް ދަސް ނުވެ ވާހަކަ ނުދެއްކޭނެ ކަން. ޖުމުލައެއްގައި ނަމުގެ އިތުރުން ކަންކަން ވެސް ހިމެނޭނެތާ،" އިޔާޒު ތަފްސީލުކޮށްދެއްވިއެވެ.

އޮމާނުގައި ކުރިޔަށް ގެންދިޔަ ޢަރަބި ބަހުގެ ލޭންގްވިޖް އިމަރޝަން ކޭމްޕެއްގައި އިޔާޒު ނަސީމާއި ކޭމްޕުގެ ބައެއް ބައިވެރީން

އެ ފަހުން މާލެ ބަދަލުވެ އީޕީއެސްގައި ކިޔަވަމުން ދަނިކޮށް އައްޝައިޚް އިމްރާން އަބްދުﷲ (މިހާރުގެ ހޯމް މިނިސްޓަރު)އާ އިޔާޒާ ބައްދަލުވިއެވެ. އަރަބި ބަހުގެ ހަމަތަކާ އެކު ރަނގަޅަށް އަރަބި ބަސް ދަސް ކުރާން ފެށުނީ އޭރު ޢިމްރާނުގެ އަރިހުން ކަމުގައި އިޔާޒު ވިދާޅުވިއެވެ. މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދޭ ފޮތްތަކުގެ އެހީގައި އިމްރާންގެ އަރިހުން އިޔާޒު ވަރަށް ރަނގަޅަށް އަރަބި ބަހުގެ ބިންގާ ވަރުގަދަ ކުރެއްވިއެވެ. އަރަބި ބަހަކީ އުނދަގޫ ބަހެއް ނޫންކަމާއި އެއީ ވަރަށް ފަސޭހަ ބަހެއް ކަން އިޔާޒަށް ގަބޫލު ކުރެވުނީ އިމްރާނު ކިޔަވައި ދެއްވި ގޮތުންނެވެ.

އުރުދޫ ބަސް

އުމުރުން ސަތާރަ އަހަރުގައި އިޔާޒު ޕާކިސްތާނަށް ދިޔައެވެ. އެއީ ވެސް އަރަބި ބަހުގެ އިލްމަށާއި، އިސްލާމީ ފިގުހު އިލްމަށް ހުރި ޝައުގުގައި ކުރި ދަތުރެކެވެ. އޭނާ ޕާކިސްތާނަށް ފުރީ އީޕީއެސްގެ ގްރޭޑް 10 އަށް ދިޔަ އަހަރުއެވެ. ޕާކިސްތާނުގައި އޭނާ ކިޔެވިއިރު އެ ފުރަތަމައަށް ކޯހުގެ ހުރިހާ މާއްދާއެއް ކިޔަވާން ޖެހެނީ އުރުދޫ ބަހުންނެވެ. އެހެންވެ އުރުދޫ ބަސް ދަސްކުރުން މަޖުބޫރު ވެސް ވީއެވެ. އެހެންވިޔަސް އާ ބަސްތަކާއި ބަހުރުވަތައް ދަސްކުރާން އެ ހުންނަ ޝައުގުން އުރުދޫ ބަސް ދަސް ކުރުމަކީ އޭނާއަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭގެ ކުރިން ވެސް އުރުދޫ ބަސް ދަސްކުރުމުގެ މަސައްކަތް އޭނާ ކޮށްފައިވެއެވެ.

"އުރުދޫ ކްލާސްތަކެއް ނަގައެއް ނުދޭ، އުރުދޫ ބަހުން މި، މާއްދާތައް ކިޔަވަން ޖެހޭނީ، ދެން އެ މާއްދާތައް ކިޔަވާން އުރުދޫ ބަސް ދަސް ކުރާން ޖެހުނީ، ޕާކިސްތާނަށް ދިއުމުގެ ކުރިން ވެސް އުރުދޫ ދަސްކުރާން އުޅުނިން، އެއީ ކޮންމެހެން ޕާކިސްތާނަށް ދާތީ އެހެންވެގެންނެއް ނޫން، އެ ބަސް ހަމަ ދަސްކުރާ ހިތް ވެގެން، އުސްތާޒު އަޙްމަދު ފަހްމީދީދީ ލިޔުއްވާފައިވާ އަހަރެންގެ އުރުދޫ ޓީޗަރު ފޮތުގެ ފުރަތަމަ ބަޔާއި ދެވަނަ ބައި، އަދި ތިންވަނަ ބައި ވެސް ކިޔެވިން، އެކަމަކު ތިންވަނަ ފޮތް ކިޔާން ލިބުނީ އަދި އޭގެ މާ ފަހުން،" އިޔާޒު ތަފްސީލު ކޮށްދެއްވިއެވެ.

އިޔާޒް "ވަގުތު" އަށް އިންޓަވިއު ދެއްވަނީ، - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފާރިސީ ބަސް

ފާރިސީ ބަސް ވެސް އިޔާޒު ދަސްކުރެއްވީ ޕާކިސްތާނުގައި ކިޔެވި ދުވަސްވަރުގައެވެ. އިޔާޒު ވިދާޅުވީ ޕާކިސްތާނުގައި އުޅުއްވި ދުވަސްވަރަކީ ވަރަށް ބޮޑަށް ކިޔެވުމަށް ސަމާލު ކަން ދެވުނު ދުވަސްވަރެއް ކަމަށެވެ. "އެކަމަށް ހުސްވެގެން މުޅި މީހާ" ހުންނަން ޖެހުމުން އެ ގައުމުގައި ހޭދަކުރި އަހަރު ދުވަހުގެ ތެރޭގައި އުރުދޫ ބަހުގެ އިތުރުން ފާރިސީ ބަސް ވެސް ދަސްކުރެވުނެވެ. އޭރު އެ ގައުމުގައި އޭނާ ކިޔެވި ޔުނިވާސިޓީގައި ފާރިސީ ބަހުން ވާހަކަ ދައްކާ ދަރިވަރުން އުޅެއެވެ. ބަސް ދަސްކުރާން ފެށުނީ އެ މީހުންގެ ފަރާތުންނެވެ.

"އެ މީހުން އެ މީހުންނާ ފާރިސީ ބަހުން ވާހަކަ ދައްކާތީވެ ބައެއް ލަފްޒުތައް ދަސްވެ އެ ބަސް ދަސްކުރާ ހިތް ވެއްޖެ، ދެން އެ ދުވަސްވަރު ފާރިސީ ބަހުގެ މި އާސާސީ ބައިތައް ހަމަ މުޅިން ދަސްވި، ފާރިސީ ވެސް ލިޔަނީ އުރުދޫ ވެސް ލިޔާ އަކުރުން، އެހެންވެ ލިޔާންކިޔާން އިތުރަށް މާ ބޮޑަކަށް ދަސްކުރާކަށް ނުޖެހުނު، ވާހަކަ ދައްކާ ގޮތް ތަފާތު ވަނީ، އުރުދޫ ބަހަކީ ވަރަށް ގިނައިން ފާރިސީ ލަފްޒު އެކުލެވޭ ބަހެއް، އެއީ ވެސް ފަސޭހައެއް، އެކަމަކު ލަފްޒު ކިޔާ ގޮތުގައި، ރާގުގައި ހުރޭ ތަފާތެއް، ދެން ޖުމުލައިގައި ލަފްޒު އެތުރޭ ގޮތުގައި ވެސް ހުރޭ ކުޑަ ތަފާތެއް، އެކަންކަމަށް ސަމާލުކަން ދިނީމާ ފާރިސީއަކީ ވެސް ނުވި އެހާ އުނދަގޫ ބަހަކަށް،" އިޔާޒު ކިޔައިދެއްވިއެވެ.

ޕަންޖާބީ ބަސް

ޕަންޖާބީ ބަސް ވެސް އިޔާޒު ދަސްކުރީ ޕާކިސްތާނުގައި އުޅެމުންނެވެ. އިޔާޒު ވިދާޅުވި ގޮތުން، ޕާކިސްތާނުގައި އޭނާ ފުރަތަމައަށް ހުންނެވި ސަރަހައްދުގައި އުޅެނީ ޕަންޖާބީ ބަހުން ވާހަކަ ދައްކާ މީހުންނެވެ. އުރުދޫ ބަހާއި ޕަންޖާބީ ބަސް ވަރަށް އެއް ގޮތް ވުމުން ޕަންޖާބީ ބަހުން ވާހަކަ ދައްކަން ދަސްކުރުންވީ އެހާ އުނދަގޫ ކަމަކަށް ނޫނެވެ.

"ގާތްގަނޑަކަށް އައްޑޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގައި ހުންނަ ކަހަލަ ތަފާތެއް ހުންނަ ކަމަށް ބުނެވޭނީ." އިޔާޒު ވިދާޅުވިއެވެ. ޕަންޖާބީ ބަހުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާން ދަސްވި ނަމަވެސް އޭރަކު އޭނާ އަދި ޕަންޖާބީ ބަހުން ލިޔާންކިޔާން ދަހެއް ނުކުރެއެވެ. ޕަންޖާބީ ލިޔެކިޔާން އިޔާޒު ދަސްކުރީ ވަރަށް ވެސް ފަހުންނެވެ. މިހާރު ޕަންޖާބީ ބަހުން ލިޔެކިއުމުގައި ވެސް އޭނާ ފަރިތައެވެ.

"އޭރުގައި ހަމައެކަނި ޕަންޖާބީން ވާހަކަ ދައްކާން ދަސްވީ، ޕާންޖާބީ ލިޔަންކިޔަން ދަހެއް ނުކުރަން، އެ ކަމަށް އެއްވެސް މަސައްކަތެއް ވެސް ނުކުރަން، ވަރަށް ފަހުން ދަސްކުރީ، ދެން ފާހަގަކޮށްލެވުނު ކަމަކީ، އިންޑިއާގައި ޕަންޖާބީ މި ލިޔާ ގޮތާއި، ޕާކިސްތާނުގައި ޕަންޖާބީ މި ލިޔާ ގޮތާ ތަފާތު ކަން، މުޅީން ތަފާތު ދެ އަކުރަކުން މި ލިޔަނީ، އިންޑިއާގައި ޕަންޖާބީ މި ލިޔަނީ ގުރުމުކީ ކިޔާ އަކުރުތަކަކުން، ޕާކިސްތާނުގައި މި ލިޔަނީ ޝާހްމުކީ ކިޔާ އަކުރަކުން، އެއީ ހަމަ އުރުދޫހެން، ޢަރަބި އަކުރު އަސްލަކަށް ބަލައިގެން ތަރައްގީކޮށްފައިވާ އަކުރުތަކެއް،" އިޔާޒު ވިދާޅުވިއެވެ.

ސިންގަޅަ

ބަހުރުވަތަކުގެ އިލްމަށް ޝައުގުވެރިކަން ހުރި މީހަކު ނަމަވެސް، މަސައްކަތުގެ ދާއިރާއަކަށް އިޔާޒު އިހުތިޔާރު ކުރީ ސިއްހީ ދާއިރާއެވެ. ތިން އަހަރު ދުވަހުން ފުރިހަމަ ކުރަން ޖެހޭ ޕްރައިމެރީ ހެލްތު ކެއާރގެ އެޑްވާންސްޑް ސެޓިފިކެޓްގެ ކޯހެއް އޭނާ ފުރިހަމަކުރިއެވެ. އެއީ 2001 ވަނަ އަހަރުން 2004 ވަނަ އަހަރަށެވެ. އެ ކޯހުގެ ތެރޭގައި 2 މަހުގެ މުއްދަތަށް ލަންކާގައި ފުރިހަމަ ކުރާން ޖެހޭ އެކްސްޓަރންޝިޕެއްގައި ލަންކާއަށް ދާން އޭނާއަށް ޖެހުނެވެ. ލަންކާގައި ހޭދަކުރި ދެ މަސް ދުވަހުގެ ތެރޭގައި ސިންގަޅަ ބަހުން ވާހަކަ ދައްކާށާއި، އެ ބަސް ލިޔާންކިޔާން އިޔާޒު ދަސްކުރެއްވިއެވެ. އެ ބަހުރުވައަކުން ވާހަކަ ދައްކާ ބައެއް ގާތުގައި އުޅެވޭން ފެށުމާ އެކު، އެ ބަހުރުވައެއް ދަސް ކުރުމުގެ ޝައުގު އޭނާގެ ކިބައިގައި ހަމަ އުފެދެނީއެވެ.

"ލަންކާގައި ދެ މަސް ދުވަސް ހޭދަކުރިން، އޭރު އެތާ ހުރުމުގެ ތެރޭގައި ސިންގަޅަ ބަސް ލިޔާންކިޔާން ދަސްކުރިން، ސިންގަޅައިގައި ދެން ދިމާވި ދަތިކަމެއް، އެއީ ވާހަކަ ދައްކާ ބަހުރުވައާއި ލިޔާ ބަހުރުވަ ވަރަށް ތަފާތު. ހީވާނީ ތަފާތު ދެ ބަހެއް ހެން. އެހެންވެ ވަރަށް އުނދަގޫ ވި އެ ކަން، ވީމާ ފަހުން ބޮޑަށް ސަމާލުކަން ދިނީ ވާހަކަ ދައްކާ ބަހުރުވައަށް،" އިޔާޒު ވިދާޅުވިއެވެ.

އިޔާޒް "ވަގުތު" އަށް އިންޓަވިއު ދެއްވަނީ، - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ތަމަޅަ

"ތަމަޅަ ބަސް ވެސް ދަސްކުރާން ފެށީ ލަންކާގައި ހުރިއިރު، ލަންކާގެ މުސްލިމުން ވާހަކަ ދައްކަނީ ތަމަޅަ ބަހުން. އެހެންވެ އެ ބަސް ދަސްކުރުމުގެ ޝައުގުވެރިކަން އުފެދުނީ. މުސްލިމެއް ކަން އެނގުނީމާ ލަންކާ މީހުން ބުނާނެ ތަމަޅަ އެނގޭހޭ. ދެން ޖެހެނީ ދިވެހިރާއްޖޭގެ ބަސް ތަމަޅަ ބަހަށް ވުރރެ ސިންގަޅަ ބަހާ މާ ވައްތަރު ކަން ކިޔައިދޭން،" އިޔާޒު ވިދާޅުވިއެވެ.

މަލަޔާޅަމް

އެޑްވާންސްޑް ސަރޓިފިކެޓް އިން ޕްރައިމެރީ ހެލްތު ކެއަރ ކޯސް ފުރިހަމަ ކުރުމަށް ފަހު، ހަ އަހަރުގެ މުއްދަތަކަށް އޭނާ މަސައްކަތް ކުރީ ކޮމިއުނިޓީ ހެލްތު ވޯކަރެއްގެ ވަޒީފާއާއި ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރެއްގެ ވަޒީފާގައެވެ. ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައެވެ. ސިއްހީ ޚިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، ސިއްހީމަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި މަލަޔާޅަމާއި ތަމަޅަ ބަހުން ވާހަކަ ދައްކާ ނަރުހުންނާއި ޑޮކްޓަރުންނާއި ލެބް ޓެކްނީޝަނުން ގިނައެވެ.

"ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ގިނަ ނަރުހުންނާއި ޑޮކްޓަރުންނަކީ އިންޑިއާގެ ކެރަލާ ނުވަތަ ޓެމިލްނާޑޫ ސަރަހައްދަށް ނިސްބަތްވާ ބަޔެއް. އެ މީހުން އެ މީހުންނަށް އެ ބަހުން ވާހަކަ ދައްކާ އަޑު އިވުމުން އެ ދައްކާ ވާހަކަ ވެސް އެނގުމުގެ ޝައުގުވެރިކަން އިތުރުވީ، ދެން މަލަޔާޅަމް ދަސްކުރުމުގެ މަސައްކަތް ފެށީ. އެ ގޮތުން އޭރު މަސައްކަތް ކުރި ރަށުގެ ސްކޫލުގައި އިނގިރޭސި ޓީޗަރަކަށް އުޅުނު މަނޫ ޖޯޖް ކިޔާ ޓީޗަރެއްގެ ގާތުން މަލަޔާޅަމް ދަސްކުރާން ފެށީ. އަދި ތަމަޅަ ބަސް ވެސް އިތުރަށް ދަސް ކުރުމުގެ މަސައްކަތް އޭރު ވެސް ކުރިން، މިހާރު އެ ދެ ބަހުންވެސް އާއްމުކޮށް ދައްކާ ވާހަކަތައް ދައްކާން އެނގޭ، އަދި ލިޔާންކިޔާން އެނގޭ، އެއީ ވެސް ވަރަށް އެއްގޮތް ދެ ބަސް." އިޔާޒު ކިޔައިދެއްވިއެވެ.

ސެންޓްރަލް އިންސްޓިޓިއުޓް އޮފް އިންޑިއަން ލޭންގްވިޖަސްއަށް އިޔާޒު ނަސީމް ކުރެއްވި ޒިޔާރަތް

ހިންދީ

ހިންދީ ބަހަކީ ދިވެހި ބަހާ ވެސް ގާތް ގުޅުމެއް އޮންނަ ބަހެކެވެ. އަދި ބޮލީވުޑް ފިލްމުތަކާއި ހިންދީ ޑްރާމާތަކަކީ ދިވެހީންގެ މެދުގައި އަބަދުވެސް މަގްބޫލު އުފެއްދުންތަކެވެ. ދިވެހީންގެ ގިނަ ބަޔަކަށް ހިންދީ އެނގެއެވެ. އެކަމަކު އިޔާޒުއަށް ހިންދީ ދަސްކުރަން ފެށުނީ އެހެން އިތުރު ނުވަ ބަހަކަށް ފަހުއެވެ. އެއީ ކުރިން ވެސް ފާހަގަ ކުރެވުނު ހަތް ބަހުގެ އިތުރުން އިނގިރޭސި ބަހާއި ދިވެހިބަސް ވެސް ހިމެނޭ ގޮތަށެވެ. އެހެންވިޔަސް ހިންދީއާއި އުރުދޫއަކީ އާއްމު ވާހަކަ ދެއްކުމުގައި ވަރަށް އެއް ގޮތް ދެ ބަހެވެ. އެހެންވެ ހިންދީ ދަސްކުރަން ވަރަށް ފަސޭހަވިއެވެ. ސަމާލުކަން ދޭން ޖެހެނީ ރަސްމީ ހިންދީގައި ހުންނަ އުރުދޫއާ ތަފާތު ކަންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންޑިޔާގެ ބޮޑުވަޒީރު ހިންދީ ބަހުން ކުރެއްވި ތަގުރީރު ތަރުޖަމާ ކޮށްދެއްވީތީ އިޔާޒު ނަސީމަށް މަޖިލީހުގެ ރައީސް ދެއްވި ހަނދާނީ ފިލާ

"ހިންދީ ޑްރާމާއާއި ބޮލީވުޑް ފިލްމުތަކުން މި ފެންނަނީ ރަސްމީ ހިންދީއާއި އުރުދޫގައި ވެސް ބޭނުންކުރާ ބަސްބަސް ހިމެނޭ ގޮތަށް އޮންނަ މަސްހުނި ބަހުރުވައެއް، އެއީ އެ މީހުންގެ މާކެޓު ވެސް ބޮޑު ކުރަން ވެގެން، އުރުދޫއާއި އެހާ ގާތް ބަހެއް ވީމަ ފުރަތަމައަށް ދަސްވީ ފިލްމީ ބަހުރުވަ ނުވަތަ ހިންދުސްތާނީ. އެ ވަރަށް ފަސޭހަ ދަސްކުރަން، ދެން ހިންދީ ބަސް ލިޔާ، ދޭވަނާގަރީ އަކުރު ދަސް ކުރީ. އަކުރު ދަސްކުރީ omniglot ކިޔާ ވެބްސައިޓަކުން، އަކުރު ދަސްކުރުމަށް ފަހު ރަސްމީ ހިންދީ ދަސްކުރާން ފެށީ، އެއީ އޭގައި ވަރަށް ގިނަ ސާންސްކްރިއްތް ލަފްޒު ހިމެނޭ ބަހެއް." އިޔާޒު ތަފްސީލްކޮށްދެއްވިއެވެ.

ގުޖުރާތީ

އިޔާޒް ސިފަކުރެއްވި ގޮތަކީ ގުޖުރާތީ ބަހަކީ ހިންދީ ބަހުގެ "އާއިލީ ބަހެއް" އެވެ. އެހެންވެ ހިންދީ ދަސްކުރަން އުޅުމުގެ ތެރޭގައި ގުޖުރާތީ ބަސް ވެސް ދަސްކުރުމުގެ ޝައުގެއް ވެސް އުފެދުނީއެވެ. ހިންދީއާ އެއް ގޮތް ކަމެއް ހުންނާތީ ގުޖުރާތީ ދަސްކުރަން ފަސޭހަ ވެސް ވާނެތީއެވެ. ސިއްހީ ޚިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ފެށި އެ މަސައްކަތް ނިންމާލީ ގުޖުރާތީ ބަހުން ވެސް ވާހަކަ ދައްކާން ދަސްކޮށްގެންނެވެ. އަދި ލިޔާންކިޔާން ވެސް ދަސްކޮށްގެނެވެ.

"ގުޖުރާތީ ދަސް ކުރަން ފެށީ އެއީ ވެސް ހިންދީ އާއިލާގެ ބަހަކަށް ވާތީވެ، ހިންދީ އަކުރު ދަސްކުރަން ވެގެން omniglot ބަލަމުން ދިޔައިރު، ގުޖުރާތީ އަކުރު ވެސް ފެނިގެން ދަސްކުރީ، ހިންދީ އޭރު ވަރަށް ބޮޑަށް އެނގޭތީ، ހިތަށް އެރީ، ގުޖުރާތީ ވަރަށް ފަސޭހައިން ދަސްކުރެވިދާނެއޭ، އެ ކަން ކުރަން ވެގެން ދެން learn Gujarati in 30 days ކިޔާ ފޮތެއް ވެސް ހޯދައިގެން ކިއިން،" އިޔާޒު ވިދާޅުވިއެވެ.

އިންޑިޔާގެ ބަހާ ބެހޭ ޖަމިއްޔާއެއް ކަމަށް ވާ ބާޝާ ފައުންޑޭޝަނުން ޕޫނޭގައި ބޭއްވި ކަތާޔާތުރާގައި އިޔާޒު ނަސީމް

ސާންސްކްރިއްތް

ދިވެހި ބަހުގެ އެއް އަސްލަކީ ސާންސްކްރިއްތް ކަމަށް އިޔާޒަށް ވަރަށް ކުރީއްސުރެން އެނގިފައި އޮވެއެވެ. އެހެންވެ އަބަދުވެސް ސާންސްކްރިއްތް ބަސް ދަސްކުރުމުގެ މަސައްކަތް އޭނާ ކުރެއެވެ. އެ ބަހާ ގުޅޭ ފޮތްފޮތް ހޯދައިގެންނެވެ. ފަހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހި ބަހުގެ ފުރަތަމަ ޑިގްރީ ހާސިލް ކުރަމުން ދިޔަ ދުވަސްވަރުގައި ސާންސްކްރިތް ބަހުގެ ހަމަތަކާއި ގަވާއިދުތައް އިތުރަށް ދަސްވި ކަން އިޔާޒު ފާހަގަ ކުރެއްވިއެވެ. ސާންސްކްރިއްތް ވެސް ލިޔަނީ ހިންދީ ބަސް ވެސް ލިޔާ ދޭވަނާގަރީ އަކުރުން ކަމަށް ވުމުން ލިޔެކިޔުމުގައި އުނދަގޫ ކަމެއް ކުރިމަތި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ބަހުގެ އެއް އަސްލަކީ ސާންސްކްރިއްތް ކަމަށް ކިޔާތީ Teach yourself Sanskrit ކިޔާ ފޮތެއް ހޯދީ، ހޯދައިގެން ސާންސްކްރިއްތް ދަސްކުރަން ފެށީ، އެއީ 2008 ވަނަ އަހަރު ހިސާބު، ސިއްހީ ދާއިރާގެ ވަޒީފާގައި އޭރު ވެސް އުޅުނީ، 2011 ގައި ދިވެހި ބަހުގެ ފުރަތަމަ ޑިގްރީގައި އުޅެނިކޮށް އިތުރަށް ސާންސްކްރިއްތް ބަހުގެ ތެރެއަށް ވަދެވޭން ފެށީ،" އިޔާޒު ކިޔައިދެއްވިއެވެ.

ޕާލީ

ޕާލީ ބަހަކީ މިހާރު އެ ބަހުން ވާހަކަ ދައްކާ، އެ ބަހުގެ ބަސްދާރުންތަކެއް ނެތް ބަހެކެވެ. އެހެންކަމުން ވާހަކަ ދެއްކުން އުވިގެން ގޮސްފައިވާ ބަހެކެވެ. މިހާރު ކިރިޔާ ވެސް މި ބަސް ފެންނަނީ ލަންކާގެ ބައެއް މީހުންގެ ދީނީ ފޮތްތަކުގައެވެ. ލަންކާގެ ސިންގަޅަ ބަހާއި ދިވެހި ބަހާއި ވަރަށް ބޮޑު އެއް ގޮތް ކަމެއް ޕާލީ ބަހުގައި ހުރެއެވެ. ދިވެހި ބަހުގެ އެއްއަސްލަކީ ސާންސްކްރިއްތް ކަމަށް ބެލެވޭއިރު، ބައެއް އިލްމީ ބޭފުޅުންގެ ނަޒަރުގައި ދިވެހި ބަސް ސާންސްކްރިއްތް ބަހާ ގުޅެނީ ޕާލީ ބަހުގެ ތެރެއިން ގޮހެވެ. ޕާލީ ބަހުގެ އަސްލަކީ ސާންސްކްރިއްތް ބަސް ކަމުގައި ވާތީއެވެ. އެހެންކަމުން އަސްލު ސާންސްކްރިއްތް ލަފްޒަށް ވުރެ ޕާލީ ލަފްޒު ދިވެހި ބަހާ އެއްގޮތް ކަމަށް އިޔާޒު ވިދާޅުވެއެވެ.

"ދިވެހި ބަހާއި ސިންގަޅަ، މި ދެ ބަހުގެ އަސްލުގެ ގޮތުގައި ވަރަށް ބޮޑަށް ބެލެވޭ ދެ ބަހެއް އެއީ، ސާންސްކްރިތާއި ޕާލީއަކީ، ދިވެހި ބަހުގެ ޑިގްރީގައި އުޅެނިކޮށް ޕާލީ ބަހުގެ ތެރެއަށް ވަދެވުނު، ޕާލީ ބަސް ވެސް ދަސްކުރީ ބޮޑަށް ފޮތްތަކުން،" އިޔާޒު ވިދާޅުވިއެވެ.

ޖަޕަނީޒް

ގައުމީ ޔުނިވާސިޓީގައި ދިވެހިބަހުގެ ފުރަތަމަ ޑިގްރީ ހާސިލް ކުރަމުން ދިޔަ ދުވަސްވަރު އިޔާޒު ހުންނެވީ ވަރަށް ބޮޑަށް ކިޔެވުމަށް ހުސްވެގެންނެވެ. ފައިސާ ހޯދަން ހުސް ވަގުތުތަކުގައި ކުދިންނަށް ޓިއުޝަން ނަގައިދީ ކިޔަވައިދީ ހެދިއަސް ރަސްމީ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެއެވެ. އޭރު އާމްދަނީ ހޯއްދެވުމުގެ ގޮތުން އޭނާ ކުރެއްވި ކަމަކީ ނޮވެލްޓީގެ ވެރިޔާ ޢަލީ ޙުސައިން ވިދާޅުވެގެން ބަހާ ބެހޭ ފޮތްތައް ނޮވެލްޓީއަށް ލިޔެ ދެއްވީއެވެ. ދެން ބައެއް ފަހަރު ފްރީލޭންސާއެއްގެ ގޮތުގައި ބައެއް ނޫސްތަކަށް ލިޔެ ހެދިއެވެ. އެ ދުވަސްވަރު މާ ބޮޑަށް ވެސް ކިޔެވުމަށް ހުސްވެ ހުރުމުން އިޔާޒު ވަނީ ޖަޕަނީޒް ކޯހެއްގައި ބައިވެރިވެ އެ ބަސް ވެސް ދަސްކޮށްފައެވެ.

އިޔާޒު ނަސީމް ޖަޕާނުގައި

"ތިން މަސް ދުވަހުގެ ކޯހެއް އެއީ، ޖަޕަނީޒް ލިޔުމުގައި އެއް އަކުރެއްގެ ބަދަލުގައި ތަފާތު ހަތަރު ވައްތަރެއްގެ އަކުރު ބޭނުން ކުރޭ. ހިރަގަނަ، ކަތަކަނަ، ކަންޖީ، ރޯމަންޖީ. މީގެ ތެރެއިން ހިރަގަނަ، ކަތަކަނަ، ފަސޭހަ. ރޯމަންޖީއަކީ ލެޓިން. ދެން އުނދަގޫ އެއްޗަކީ ކަންޖީ. އެއީ ހަމަ ޗައިނީޒް ކެރެކްޓަރސް، އެއީ އަކުރަކަށް ވުރެ ބޮޑަށް ރަމްޒުތަކެއް،" އިޔާޒު ވިދާޅުވިއެވެ.

ޗައިނީޒް

ދިވެހި ބަހުގެ ޑިގްރީ ކޯހުގައި އިޔާޒު އުޅުއްވި ދުވަސްވަރަކީ ގައުމީ ޔުނިވާސިޓީއަށް ބޭރުގެ ބައެއް ބަސްތައް ކިޔަވައިދިނުމުގެ ކޯސްތައް ތައާރަފް ވަމުން ދިޔަ ދުވަސްވަރެވެ. ޖަޕަނީޒް ކޯހަށް ފަހު، ޗައިނީޒް ކިޔަވައިދިނުމުގެ ކޯހެއް ވެސް އެ ޔުނިވާސިޓީގައި ތައާރަފްވިއެވެ. އެ ކޯހުގެ ފުރަތަމަ ބެޗުގައި އިޔާޒު ވެސް ހިމެނެއެވެ. ތިން މަސް ދުވަހުގެ އެ ކޯސް ނިމުނުއިރު ޗައިނީޒް ބަހުގެ 150 ކެރެކްޓަރ ލިޔެކިޔާން ދަސްވިއެވެ.

"ސިމްޕްލިފައިޑް ޗައިނީޒްގައި ވެސް 7،000 އަށް ވުރެ ގިނަ ޚަންޒު ނުވަތަ ކެރެކްޓާސް ހުރޭ، ޗައިނާ މީހުން ވެސް މި ހުރިހާ ޚަންޒު ހަނދާނަކު ނުހުރޭ، އެ މީހުން ގެންގުޅޭނެ ޚަންޒު ހަނދާން ނެތުމަށް ބޭނުން ކުރާ ހާއްސަ ލަފްޒެއް ވެސް، އެހެންވެ ލިޔަން ދަސްކުރުން ދަތި، ކިޔާއިރު ކެރެކްޓާސް ފެނުނީމަ ހަނދާންވޭ، ކިޔާކަށް މާ ދައްޗެއް ނުވޭ، ގަދީމީ ޗައިނީޒްގައި ލައްކައަކަށް ވުރެ ޚަންޒު ނުވަތަ ކެރެކްޓާސް ހިމެނޭކަމަށް ވަނީ، ގާތްގަނޑަކަށް 8000 ކެރެކްޓަރ ކިޔާން އެނގޭ ކަމަށް ވަންޏާ އެއީ ހަމަ ރަނގަޅަށް ވެސް ޗައިނީޒް އެނގޭ މީހެއް ކަމަށް ބެލެވޭނީ. އަޅުގަނޑު އަދި އެހިސާބަށް ދާން ކުރާން ޖެހޭ ދަތުރު ވަރަށް ދިގު." އިޔާޒު ވިދާޅުވިއެވެ.

ފްރެންޗް، ސްޕެނިޝް، އިޓާލިއަން، ރަޝިއަން

މާލޭގައި ހިންގާ އަލިއޯންސް ފްޣޮންސޭޒްގައި ފްރެންޗް ބަސް ކިޔަވައިދިނުމުގެ ކޯހެއް ހިންގަން ފެށިއެވެ. ބަސް ދަސް ކުރުމުގެ ބޮޑު ޝައުގެއް އޮންނަ އިޔާޒު މި ކޯހުގައި ވެސް ބައިވެރިވިއެވެ. ފްރެންޗްއަށް ފަހުގައި، ފޮތްފޮތުންނާއި، ވެބްސައިޓްތަކުން ސްޕެނިޝް ބަހާއި އިޓަލީ ބަހާއި ރަޝިއާ ބަސް ވެސް ދަސްކުރަން ފެށިއެވެ. މިހާރު މި ހަތަރު ބަހުން ވެސް ލިޔެކިޔާށާއި އަސާސީ ފެންވަރަށް ވާހަކަ ދައްކާން އެނގެއެވެ.

"ސްޕެނިޝް، ފްރެންޗްގެ އަކުރުތައް މި ހުންނަނީ ވަރަށް ބޮޑަށް އިނގިރޭސި އަކުރުތަކާ ވައްތަރުކޮށް، އެކަމަކު އަކުރުތަކުގެ އަޑު އެއްގޮތެއް ނޫން. މިސާލަކަށް ސްޕެނިޝްގައި ދެ L އަކުރު އައުމުން އަންނާނީ ޔާގެ އަޑު، މިސާލަކަށް ފުޓުބޯޅަ ކުޅޭ ޑޭވިޑް ވިޔާ ލިޔާއިރު ޔާ އަންނަ ބައިގައި ލިޔާނީ ދެ L އަކުރު، ރަޝިޔާ ބަސް ލިޔާ ސިރިލިކް އަކުރުގެ ބައެއް އަކުރުވެސް އިނގިރޭސި ލިޔާ އަކުރާ އެއް ގޮތް ވާނެ، އޭގެ ތެރެއިން ބައެއް އަކުރު ކިޔާ ގޮތް ވެސް އެއްގޮތް ވާނެ، އެކަމަކު ބައެއް އަކުރު ވަރަށް ތަފާތު ވާނެ. މިސާލަކަށް އިނގިރޭސި P އާ ވައްތަރުކޮށް ރަޝިޔާ ބަހުގެ ރާގެ އަޑު ލިޔާނީ. ވީމާ އެއީ ރަޝިޔާ ބަހުގައި ރާގެ އަޑުކަމާއި ޕީގެ އަޑު ނޫންކަން ހަނދާނުގައި ބަހައްޓާން ޖެހޭ،" އިޔާޒު ވިދާޅުވިއެވެ.

ބަންގާޅުބަސް

ދިވެހިރާއްޖޭގައި ބަންގާޅު މީހުން ވަރަށް ގިނައެވެ. އަދި އެމީހުން ވަރަށް ފަސޭހައިން ދިވެހި ބަސް ދަސްވެސް ކުރެއެވެ. މިއީ އިޔާޒުގެ ޝައުގުވެރިކަން ބަންގާޅު ބަހަށް ދެވުނު ސަބަބެވެ.

"ހިތަށް އެރި، އެމީހުންނަށް އެހާ ފަސޭހައިން އަހަރެމެންގެ ބަސް ދަސްވަންޏާ، އަހަރެމެންނަށް ވެސް އެމީހުންގެ ބަސް ދަސްކުރެވޭނެއޭ. ދެން ދަސްކުރާން ފެށީ. އެމީހުންގެ ބަސްވެސް ލިޔަނީ ނާގަރީ އާއިލާގެ އަކުރަކުން. އެއީ އިރުމަތީ ނާގަރީ. ހިންދީ ބަސް ލިޔާ ދޭވަނާގަރީއާ އެއް ގޮތް ކަމެއް ހުންނާތީ ބަންގާޅު އަކުރު ދަސްކުރާކަށް އުނދަގުލެއް ނުވި،" އިޔާޒު ވިދާޅުވިއެވެ.

މިހާރު އަލަށް ދަސްކުރަމުންދާ ބަސްތައް

  • ޖަރުމަން
  • ޓާކިޝް
  • އަޒޭރީ

 

ދަސްކުރުމުގެ ވިސްނުން ހުރި ބަސްތައް

  • އިންޑޮނޭޝިއަން
  • ސްވާހިލީ
  • ހީބްރޫ
  • ޕޯޒުގީޒް
  • މާލްޓީޒް
  • ދެކުނު އަޒޭރީ
  • ކޮރެއަން
  • ތައި
  • ގްރީކް
  • ޕަޝްތޯ
  • ބަލޫޗީ
  • ސިންދީ
  • ސިރިޔާނީ
  • އާރާމީ
  • އައްކާދީ
  • މަރާޓީ
  • ކޮންކަނީ
  • ނޭޕާލީ

އެންމެ ހިތްހަމަޖެހެނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ތަގުރީރު ވަގުތުން ތަރުޖަމާ ކޮށްލެވުމުން

ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އޭނާގެ ގައުމުގެ މައި ބަހުރުވަ ކަމުގައިވާ ހިންދީ ބަހުން ދެއްވާފައިވާ ތަގުރީރު އެ ވަގުތުން ވަގުތަށް ތަރުޖަމާ ކުރެވޭނެ މީހަކު ހޯދަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވި ކަމުގެ މައުލޫމާތު އިޔާޒަށް ލިބިވަޑައިގަތެވެ. އަދި އެ މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އިޔާޒު އުފެދުނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެފަދަ ގޮތަށް، ބޭރު ދައުލަތެއްގެ އިސް ވެރިޔަކު ތަގުރީރު ދެއްވަމުން ގެންދެވި ވަގުތުގައި ތަރުޖަމާއެއް އިއްވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންޑިޔާގެ ބޮޑުވަޒީރު ހިންދީ ބަހުން ކުރެއްވި ތަގުރީރު ތަރުޖަމާ ކޮށްދެއްވީތީ އިޔާޒު ނަސީމަށް މަޖިލީހުގެ ރައީސް ހަނދާނީ ފިލާ ދެއްވަނީ

"އަޅުގަނޑާއި މަޖިލީހުގެ ރައީސްއާ ބައްދަލުވި، އަޅުގަނޑު ދެންނެވިން އަޅުގަނޑު އެދެމޭ ޓީވީއަށް މޯދީގެ އަޑު ލިބޭ ގޮތަށް ހަދާފައި، އަޅުގަނޑު ތަރުޖަމާގެ އަޑު ހަމައެކަނި މެންބަރުންނަށް އިވޭ ގޮތަށް ހަމަޖެއްސުމަށް، އެ ގޮތަށް ހަމަޖައްސަވައި ދެއްވި. އަޅުގަނޑު ދެންނެވިން ރަސްމީ ތަރުޖަމާ ފަހުން ލިޔެފައި ދޭނަމޭ. އެ ތަގުރީރު ތަރުޖަމާ ކުރާން ޖެހެނީ ވަގުތުން ކަމަށް ވާތީ އެ ކަމަށް ތައްޔާރުވާން ވެގެން، ޖުމުލަ 30 ގަޑިއިރުގެ ވަގުތެއް ހޭދަވެފައި ވާނެ މޯދީގެ ކުރީގެ ތަގުރީރުތައް އަޑުއަހަން، އެހާ ވެސް ތައްޔާރު ވެގެން އަޅުގަނޑަށް މޯދީގެ ތަގުރީރު ތަރުޖަމާ ކުރެވުނީ، މޯދީ އާއްމުކޮށް ބޭނުން ކުރައްވާ ބަސްކޮށާރު ދެނެގަތުމަށާއި، އޭގެ ތެރެއިން އަޅުގަނޑަށް މާނަ ނޭނގޭ ލަފްޒުތަކުގެ މާނަ ދަސްކުރުމަށް ކޮންމެހެން ވެސް ބޭނުންތެރިކަމެއް ކުރީގެ ތަގުރީރުތައް އަޑު އެހުމަކީ." އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ހުންނެވީ ހިތްހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެވުނު ކަމުގައި އޭނާ ގަބޫލު ކުރައްވައެވެ. އަދިވެސް މިފަދަ ގިނަ ޚިދުމަތްތަކެއް ކުރައްވާން އިޔާޒު ހުންނެވީ ތައްޔާރަށެވެ.

އިންޑިޔާގެ ގޯވާ ސްޓޭޓުގެ ރަސްމީ ބަހުގެ ޢިލްމިއްޔާ ކަމުގައިވާ ކޮންކަނީ އެކެޑެމީގެ ރައީސާއި އިޔާޒު ނަސީމް

އާ ބަހެއް ދަސްކުރާން ބޭނުން މީހުންނަށް އިޔާޒު ދެއްވާ އިރުޝާދު

"ބަހެއް ދަސްކުރާން ފަށާއިރު، ފުރަތަމައަށް އެ ބަހާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް އާއްމު މައުލޫމާތު ހޯދާން ވާނެ. އެއީ ކޮން އާއިލާއެއްގެ ބަހެއްތޯ، އެ އާއިލާގެ އެހެން ބަސްބަހާ މި ބަހާ ހުރީ ކޮން ތަފާތުތަކެއްތޯ، މި ބަހަށް ހާއްސަ ސިފަތަކަކީ ކޮބައިތޯ، އޭރުން ވަރަށް ފަސޭހަވާނެ، ވާނުވާ ދެނެގަންނާން. ދެން އޮތީ ބަހުގެ އަޑުމަޚްރަޖާއި އަކުރު ދަސްކުރުން. ބަހަކީ އަޑުތަކެއްގެ މައްޗަށް ބިނާވާ އެއްޗެއް. ވީމާ އެންމެ ފުރަތަމައަށް އެ ބަހެއްގެ އަޑުމަޚްރަޖު ދަސްކޮށް، އެ ބަހެއް ލިޔާން ބޭނުން ކުރާ އަކުރު ކިޔާން ދަސްކުރާނީ. ދެން ޓީޗް ޔުއަރ ސެލްފް ކަހަލަ ފޮތެއް ބޭނުން ކޮށްގެން ބަހުގެ އަސާސީ ހަމަތަކާ ބެހޭ ގޮތުން ކިޔާނީ. ދެން ދެ މީހަކު އާއްމުކޮށް ބައްދަލުވެ ހާލު އަހުވާލު އަހާލާ ގޮތާއި ސަލާންގަލާން އަދި ވަކިވެލުމުގެ ގޮތުން ބޭނުން ކުރާ އަސާސީ އިބާރާތް ދަސްކޮށްގެން، ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބައިތައް ފަރިތަކޮށް ބޭނުން ކުރަމުން ދާނީ. ދެން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މިންވަރަކަށް ވަކިވަކި ލަފްޒާއި، އިބާރާތް ދަސްކުރަމުން ދާނީ. ދެން ބަސް ދަސްކޮށްދޭން ލިޔެފައި ހުންނަ ފޮތްފޮތުން ނުވަތަ އެ ބަހުގެ ކުޑަކުދީންނަށް ހާއްސަ ފޮތްފޮތް ކިޔާން ފަށާނީ. ދެން ވީހާ ވެސް ގިނައިން އަޑުއަހާނީ. ފުރަތަމަ ކޮޅުގައި ހީވާނެ ހާދަ އަވަހަށޭ މި މީހުން މި ވާހަކަ ދައްކަނީ. އެކަތި ގަނޑެއްހެންނޭ ހުންނަނީ. އަޑުތައް ވަތްކެއް ނުވެޔޭ. އެއީ ބިދޭސީ ހަލުވިކަމާއި ބިދޭސީ ބީރުކަމުގެ ސަބަބުން ވާ ކަމެއް. ގިނައިން އަޑު އަހާން ފެށީމާ އެ ހަލުވިކަން ކެނޑި، އަޑުތައް ވަކިވެ ލަފްޒުތައް ސާފުވާން ފަށާނެ. ދެން ދާންވީ އަޑުއަހާއިރު މާނަ އެނގޭ ޖުމުލަތައް ފޮތެއްގައި ލިޔެ ފަރިތަ ކުރަމުން. ތިމާއަށް ދޭހަވާ ކޮންމެ ޖުމުލައަކީ ތިމާއަށް އަމިއްލައަށް ހެދޭނެ ޖުމުލައެއް ނޫން. އެހެންވީމާ ދޭހަވާ ޖުމުލަތައް ލިޔެގެން ފަރިތަކޮށްގެން އަމިއްލައަށް އެ ޖުމުލަތައް ބޭނުން ކުރާން ޖެހޭ ދަނޑިވަޅުގައި ބޭނުން ކުރެވޭ ވަރު ކުރާން ޖެހޭ. ދޭހަވަނީ ޕެސިވް ވޮކެބިއުލަރީގެ ސަބަބުން. އަމިއްލައަށް ޖުމުލަ ހެދޭނީ އެކްޓިވް ވޮކެބިއުލަރީން. ވީމާ ޕެސިވް ވޮކެބިއުލަރީ އެކްޓިވް ކުރާން ވަރަށް ބޮޑަށް މަސައްކަތް ކުރާން ޖެހޭ. ދެން އޮތީ ބަހުގެ ގަވާއިދާއި ހަމަތައް އޮޅުން ފިލުވަމުން ދިއުން. ދެން ތަރުޖަމާއަކާ ނުލައި އެ ބަހަކުން ވިސްނާން ފަރިތަ ކުރުން. މި ކަން ކުރާނެ ގޮތް ކިޔައިދީފައި ހުރި ވީޑިއޯތައް ޔޫޓިއުބުން ފެންނާނެ. ދެން އެ ބަހަކުން ލިޔާން ވީ. އަދި ވީ އެންމެ ބޮޑަކަށް އެބައެއްގެ ގަބޫލު ކުރުންތަކާއި ސަގާފަތުގެ މައުލޫމާތު ހޯދާންވީ. ގިނައިން އަޑު އެހުމާއި ގިނައިން ކިޔުން އެންމެ މުހިއްމީ. އޭރުން ދޭހަވާ މިންވަރު އިތުރުވާނީ. ވާހަކަ ދެއްކުން ފަރިތަވާނީ ގިނައިން އަޑުއަހައިގެން. މޮޅަށް ލިޔެވޭނީ ގިނައިން ކިޔައިގެން. ބަހަށް އަހުލުވެރިވެވޭނީ އެނގޭ ބައިތައް ގިނަގިނައިން ތަކުރާރު ކުރުމާ އެކު ނޭނގޭ ބައިތައް ފަރުވާތެރިކަމާ އެކު ދަސްކުރަމުން ގޮސްގެން." އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ގަބޫލު ކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިޔަށް ގެންދިއުމަށް ޓަކައި، ދިވެހީންނަކީ ގިނަބަސްތަކަށް އަހުލުވެރި ބަޔަކަށް ވުން މުހިއްމެވެ. އިޔާޒު ދެއްވި އިރުޝާދާއި އިންޓަނެޓާއި ޔޫޓިއުބުގެ އެހީގައި ކޮންމެ މީހަކަށް ވެސް އާ ބަހެއް ދަސް ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޙަސަން

    ސަރުކާރުން އެބަ ޖެހޭ ފަތުރުވެރިކަމިގެ ދާއިރާށަ ހާއްސަ ކޮށްގެން ބަސްދަސްކޮށްދޭ މަރުކަޒެއް ރަށެއްގައ ގާއިމު ކުރަން. އެ ތަނުގައި ކިޔަވާ ދަރިވަރުންނަށް ދަނާލަކާ އެކު.އަދި ޚާރިޖީ ވުޒާރާއާއި ފުލުހުނާއި ސިފައިންނަށް ވެސް އެންމެ މަދުވެގެން އދގެ ރަސްމީ 6 ބަސް ކިޔަވައި ދޭން އެބަ ޖެހޭ.

    27
  2. ކަލާ123

    ފުށުނީއްސުރެ ނިޔަލަށް ވަރަށް ޝައުގުވެރިކަމާ އެކު ކިޔައިލެވުނު ލިޔުމެއް. އިޔާޒަކީ ދިވެހި ގައުމީ ތަރިކައެއް ފަދަ ބޭފުޅެއް. މިހާރު ވެސް އެތައް ބަހެއް ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވިޔަސް އިތުރަށް ބަސްބަސް ދަސް ކުރެއްވުމުގެ ޝައުގަށް ކުޑަވެސް ފަނޑުކަމެއް ނުވަތަ އުނިކަމެއްއައިސްފައި ނުވާކަން އުފަލާ އެކު ފާހަގަކުރަން. އިޔާޒަށް މަތިމައްޗަށް އައްސަރިބަހާއި ސާބަސް. އަދި މުބާރިކުބާދީ!

    41
  3. ޥަޙީދު

    މުޅީން އަލަށް ބައްދަލު ވި ދުވަހު ވެސް ވަރަށް ހިތްތިރި ބޭފުޅެއް ކަން ފާހަގަ ކުރެވުނު. ވަރަށް މަޢުލޫމާތު މުއްސަނދި. ޢެއްވެސް ބޮޑާކަމެއް ނެތް. ވަރަށް ގިނަ ކުދީންނަށް ހިލޭވެސް ޢަރަބި ބަސްކިޔަވައިދެއްވާ. އިޔާޒު ނަސީމަށް ކުރިއެރުން އެދެން.

    37
  4. ސައިނާ

    7 ބަަހަށް ވުރެ ގިނައިން އިގޭނަމަ އެމީހަކީ ޖީނިއަސްއެއް ކަމައް ބައެއް އެކަޑަމީޔާ ތަކުން ބަލާ

    31
  5. މުބީނު މާރނީ

    ކޮންމެ ކަމަކީ އެކަމެއް ވާނެ ކަމަށް ހިތަށް އަރުވައިފި ނަމަ މާތް ﷲ އެކަން މެދުވެރި ކުރައްވާ ކަންކަން. އެހާވެސް އޯގާ ވަންތަ، ރަޙީމް ވަންތަ ފަރާތެއް އެފަރާތަކީ.

    37
  6. ރާކަނި

    އިޔާޒްއަކީ ރާއްޖޭގައި އުފެދުނު ބަހުގެ ދާއިރާގެ އެންމެ ތޫނުފިލި ބޭފުޅާ، އަސްލު ރަނގަޅު ވާހަކައެއް. ދިވެހިން އެބަޖެހޭ އަވަށްޓެރި ގައުމުތަކުގެ ބަސްވެސް ދަސްކުރަން، ޚާއްޞަކޮށް ބަންގާޅީ ބަސް، އަދި ޗައިނީޒް

    31
  7. ޝަހީފްލާވަރ

    ވަރަށް ހިތްވަރު ލިބޭ ފަދ ލިޔުމެއް. ޝުކުރިއްޔާ.

    26
  8. ޝަހީދު

    ތިއީ ﷲ ގެ ރަޙްމަތްފުޅު،

    37
  9. ހަލީމް

    ވަރަށް ޝައުގުވެރި. ޝުކުރިއްޔާ

    36
  10. ދަރިވަރެއް

    ތިޔައި ހަމަ ދޫންޏެއް.... ކިޔަވަ ދޭއިރުވެސް ދަރިވަރުންގެ ނަޒަރިއްޔާ އިން ވިސްނާ ހިތް ހެޔޮ އުސްތާޒެއް... ކުރިއެރުން ދެއްވާށި.

    35
  11. ހަޅި

    އެކަމަކު އެއްވެސް ބަހަކުން ފަރިތަކޮށް ވާހަކަދައްކަން ޖެހިއްޖިއްޔާ ކުޑަކޮށް....ތާށިވާތަން ފެނޭ. މީ ވަރަށް ވާހަކަ

    13
    29
    • މޫސައި

      ދޫ ފަރިތަވުމާ ނުވުމަކީ ތަފާތު ކަމެއް

      27
      1
    • ތުނިޔަ

      ތީ އެހެންވިއްޔާ މިހުރިހާ ބަހަކަށް އިޔާޒަށްވުރެ ފަރިތަ ބޭފުޅެއްތާ!

      33
      1
    • ކަލީމް

      ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕޮލިގްލޮޓް ކަމުގައިވާ ސްޓީވް ކޮފްމަން ވެސް އާގަނޭ. އިޔާޒުގެ ފެންވަރާ މެދު އެ ބަސްބަހުގެ އަހުލުވެރިން ހެކިވޭ. ދިވެހި ބަހުން ވާހަކަ ދައްކާއިރުވެސް ތިޔަ ތާށިކަން ފެނޭ. ވީމާ އެއީ އެހެން މައްސަލައެއް. ބަސް އެނގުމައި ނޭނގުމުގެ މައްސަލައެއް ނޫން.

      11
    • Anonymous

      އެއީ ބަސް ނޭނގުމެއް ނޫން. ބަސް އެނގުމާއި ދޫފަރިތަވުމަކީ ތަފާތު ދެކަމެއް. ދޫ ފަރިތަވާނީ ބަހުގެ އަހުލުވެރިންގެ ތެރޭގައި ދުވަސްކޮޅަކު އުޅެލީމާ. އެ ފުރުޞަތު އުސްތާޛު އިޔާޒުއަށް ލިބިވަޑައިނުގަންނަވާ ބަސްތަކަށް ނުފަރިތަވެދާނެ. އެއީ މައްސަލައެއް ނޫން. ބަހެއް ދަންނަ ކޮންމެ މީހަކީ އެ ބަހަށް ދޫ ފަރިތަވާނެ މީހެއް ނޫން. އުސްތާޛު އިޔާޒު ބޮޑަށް އިސްކަން ދެއްވާތަން ފެންނަނީ ބަސްތަކުގެ ޢިލްމީ ބައިތަކަށާއި އަދަބިއްޔާތުގެ ބައިތަކަށް. ބަސްބަހުން މީހުންނާ ޖަދަލުކުރުމާއި ޒުވާބުކުރުމަކީ އުސްތާޛު އިޔާޒު ކުރައްވާ ކަމެއް ނޫން. އުސްތާޛު އިޔާޒަކީ މަތިވެރި އަޚުލާޤެއް ލިބިވަޑައިގެންފައިވާ ހިތްޕުޅު ހެޔޮ ސާދާ ބޭފުޅެއް.

      11
      1
  12. ފަރީދާ

    މިފަދަ ބޭފުޅުންގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވައިގެން ގައުމަށް ފައިދާ ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް.

  13. ކޮތަރު

    މިފަހަކަށް އައިސް ލިޔެފައި ހުންނަ ބައެއް ލިޔުންތަކުގައި ކުރާން ބުނާން ދުފާން ހިނގާން ލިޔާން ދައްކާން ފަދަ ދަމާފިލިތައް ލާފައި ހުއްޓާ ފެނޭ. މީ އޭގެ ކުރީގެ ލިޔުންތަކުން ނުފެންނަ، ނަމަވެސް ކިޔުމުގައި ބައެއް ބަހުރުވާގައި ހުރި ކަންކަން. ޚާއްޞަކޮށް ހިންނަވަރު މީހުން ވާހަކަދެއްކުމުގައި. ނަމަވެސް މިހާރު ލިޔުންތަކުން ފެންނާތީ ފާހަގަކޮށްލީ. މިކަމާ ގުޅިގެން ޓީވީ ޕްރޮގްރާމެއްގައި އިޔާޒު ވިދާޅުވީ ރަނގަޅަށް ނޫންކަންވެސް ފާހަގަކުރަން. ރަނގަޅުގޮތަކީ ކުރަން، ދުވަން، ބުނަން، ދުފަން.

    ހަމަ އެހެންމެ، މިހާރުގެ ބައެއް ލިޔުންތަކުގައި ބައެއް ފަރާތްތަކުން އިތުރު އަލިފެއް އިބިފިއްޔާއެކު އެބަ ބޭނުންކުރޭ. މިވެސް ހިންނަވަރު ބަހުރުވައެއް. މިސާލަކަށް، ބަހައްޓައިފައި، ފަށައިފައި، ދަމައިފައި، ޖަހައިފައި. ރަނގަޅު ގޮތަކީ، ބަހައްޓާފައި، ފަށާފައި، ދަމާފައި، ޖަހާފައި. ބަސް މުއްސަނދި ކުރުމުގެ ނަމުގައި ބަސް ހަލާކު ކުރެވޭ ފަހަރުވެސް އާދޭ. އިތުރު މަޢޫމާތެއް ލިބިއްޖެކަމަށް ހީކުރަން.

    3
    4
    • ހަމަދަންނަވާލީ

      ކުރީގެ ލިޔުންތަކުން ނުފެންނަ ކަމަށް ތިޔަ ވިދާޅުވަނީ، ކިހައި ކުރިޔެެއްގެ ލިޔުންތައް ކިހައި ވަރަކަށް ބައްލަވައި ދިރާސާކުރައްވައިފައި ކަމާ މެދު ސުވާލު އުފެދޭ. ތިމާއަށް ވަކި ކަމެއްގެ މައުލޫމާތު ލިބިފައިވާ މިންވަރު ކުޑަވުމަކީ އެހެން މީހުންގެ މައްޗަށް ތިމާ ބަސް ބުނެ، މޮޅުކަން ދައްކަން ދިމާކުރާންވީ ކަމެއް ނޫން! ދިވެހިބަހުގެ އިސް އެދުރުންގެ ލިޔުއްވުންތައް ފަރުވާތެރިކަމާ އެކު ކިޔުއްވައި، ޢިލްމީ ހަމަތަކާ އެއްގޮތަށް ދިރާސާކޮށްލެއްވުމުގެ ޤާބިލުކަން ހުރި ނަމަ، އެކަން ކޮށްލެއްވުމަށް ފަހު އެހެން މީހުންނަށް އައިބު ކިޔުއްވަން މަޑުކޮށްލެއްވުން ބުއްދިވެރި.

  14. ގުދުގުދާބެއްޔާ

    އިއާޒް އަށް ދަންނަވާލަން އޮތީ އިގިރޭސިބަހުން ސުމާޓް މިބަހަށް ކިޔާ ދިވެހިބަހެއް އެބައޮތް ތޯ؟ އަޅުގަނޑުގެ ކާފަ ބުނަނީ އެބަހަށް ކިޔަނީ " ހާތްތެރި" ކަމަށް!

    • އަބުސީ

      ސުމާޓް އެއީ ދިވެހިބަހުން ހިޔަޅު....މީސާލު.އެއީ ވަރަށް ހިޔަލު މީހެއް

  15. ހިނާ

    އިޔާޒަކީ ވަރަށް ތެދުވެރި، އިހުލާސްތެރި، ސިޔާސީ ކަންކަމުގައިވެސް ތޫނުފިލި ބޭފުޅެއް. ވަރަށް ފެނޭ އޭނާޔަށް ވަޒީރުކަން ދޭން

  16. މިޔާ

    އިޔާޒު މާ ރަނގަޅުވާނެ ޔުމްނާޔަށްވުރެ ހެރިޓެޖް މިނިސްޓަރަކަށް. އިޔާޒަކީ ތާރީހާއި ސަގާފީ ކަންކަމުގެވެސް ރާއްޖޭގަ މިވަގުތު ހުރި އެންމެ މޮޅު ބޭފުޅާ

  17. ޙަސަނު

    ވަރަށް މޮޅު ލިޔުންތެރިއެއް.

  18. Anonymous

    މާޝާﷲ ވަރަށް އުފާވެއްޖެ. ދިވެހީންގެ ފަސްގަނޑަށް އުފަން މިފަދަ ދިވެއްސަކު، ހުރުމީ ދިވެހީންގެ ފަޚުރެއް. އޭގެ ސަބަބުން ދިވެހިބަހަށް ވެސް ކުރިއެރުންތަކެއް ލިއްބައިދޭނެކަމީ ގައިމުކަމެއް.
    "ވާހަކަދެއްކުން ފަރިތަވާނީ ގިނައިން އަޑުއަހައިގެން.މޮޅަށް ލިޔެވޭނީ ގިނައިން ކިޔައިގެން. ބަހަށް އަހުލުވެރިވެވޭނީ އެނގޭ ބައިތައް ގިނަގިނައިން ތަކުރާރު ކުރުމާއެކު ނޭނގޭ ބައިތައް ފަރުވާތެރިކަމާއެކު ދަސްކުރަމުން ގެންގޮސްގެން." ޙައްޤު ތެދެއް.
    އިޔާޒްގެ ވާހަކައިން ޔަޤީންވާ އަދި އެހެން ކަމަކީ، ދިވެހިބަހަށް ޚިދުމަތްކޮށް،ބަސްކުރިއަރުވާ، ބަސް މުއްސަނދިކުރެވޭނީ އެންމެ ފުރަތަމަ މާދަރީބަހުގެ ޤަވާޢިދުތަކާއި ހަމަތަށް ދަސްކޮށް މާދަރީބަހަށް ލޯބިކޮއްގެންކަން. މާދަރީބަހަށް މޮޅުނުވެ އެހެން ބަހަކަށް މޮޅެއް ނުވެވޭނެތީ. ކޮންމެ ބައެއްގެ ވެސް މާދަރީ ބަހަކީ އެބައެއްގެ ޤައުމިއްޔަތުގެ އެންމެ އިސް ރުކުން ކަމަށް ވީހިނދު މާދަރީބަހަށް އޮތް ލޯބި ނެތީވިއްޔާ ޤައުމުގެ އެއްވެސް އެއްޗަކަށް ލޯތްބެއް ނުހުންނާނެތީ. ޅެންވެރިޔާ ވެސް ވިދާޅުވެފައިވާ ފަދައިން،
    "ގަހަށް ނެތް ކުލުނު ފަތަކަށް ހުރުމަކީ އޭ މުސްތަޙީލުކަ މެއް،
    ބަހަށް ނެތް ލޯބި ޤައުމަށް ކުރުމަކީވެސް ނޭކަށޭނަ ކަމެއް."
    އަދިވެސް އިތުރު ޚިޔާލުތައް ހުރުމާއެކު ވެސް އަޅުގަނޑުގެ ބަޔާން ދިގުވެދާނެތީ ކުރުކުރީމެވެ.

  19. ކޮމެންޓް

    އަބަދުވެސް ތަޢުލީމު އުނގެނުމުގައްޔާއި އެހެން މީހުން އެކަމުގެ ތެރެޔަށް ވައްދަން މަސައްކަތްކުރާ ހިތް ތިރި މީހެއްކަން ފާހަނގަ ކުރެވޭ. ހަނދާން ހުންނަން ފެށީއްސުރެވެސް ޤައުމުތަކުގެ ރައިސުންނާއި ވެރީން ހިތުދަސްކޮށް ރަށުގެ ޢާއިލާތައް ދަސްކޮށް އޮޅުންފިލުވާ ހަނދާން ހުރޭ.

  20. ރާމީ ޙަސަން މަނިކު

    ވަރަށް މޮޅު ބޭފުޅެއް. މި ބޭފުޅާ އަށް މިހުރިހާ ބަހެއް އިނގިވަޑައިގަންނަވާ ކަމަށް ޤަބޫލް ކުރަން. ނަމަވެސް މިޒަމާނުގައި އެކަން ސާބިތު ކޮށްދެއްވަންވާނެ. އެކަން ވަރަށް ފަސޭހަ އިން ކޮށްލެއްވެން އެބައޮތް. މި ބަސްތަކުން އޯޑިނަރީ (އާދައިގެ ހަރުފަަތް) ލެވެލް ހެއްދެވީމާ ނިމުނީ. ލަންޑަން ޖީ.ސީ.އީ އޯލެވެލް، މި ކޮންމެ ބަހަކުން ހެދެން ލަންޑަން ޔުނިވަރސިޓީ ގެ ސިލަބަސް ތަކުގައި ހިމަނާފައިވޭ.

    6
    2
  21. ހުރޭ

    އައްޑު އަތޮޅުގެ ދަރިޔެއް. ރާއްޖޭގެ ތާރީހުގަވެސް އިލްމީ މީހަކު ވެއްޖިއްޔާމު އިންނާނީ އައްޑު މީހެކޭ. ނުވަތަ އައްޑު މީހަކާ ކާރިން އުގެނިފަވާ މީހެއް. ނޫންތަ އަޅެ

    4
    3
  22. މިލްމިލް

    ހަމަތެދަށްވެސް އިޔާޒު އަކީ އައްޑުއަތޮޅަށް ފަހުރަކަށް ވެފަހުރި އައްޑުގެ ދަރިޔެކެވެ. އިޔާޒު މިސާބިތިކޮށްދެނީ ރާއްޖޭގަ އިލްމެއް އޮތިއްޔާ އޮންނާ އަބަދުވެސް އައްޑުއަތޮޅު ފެށުމަކާ ހަމައިން ކަމެވެ. އިޔާޒުއަށްޓަކާ ފަހުރުވެރިވަމޭވެ.