ކޮންމެ ގައުމެއްގެ ކުރިބޯއްޓަކީ ފޯދެމުން އަންނަ ޅަ ޖީލު ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ގައުމުގެ ހުންގާނުގައި ހިފައި ގައުމު ސަލާމަތުގެ އައްސޭރިއަށް ވާސިލް ކޮށްދިނުމަށް ގައުމުގެ އޮޑީގެ ހުންގާނުގައި ހިފަން ތިބީވެސް ހަމަ އަދުގެ ޅަ ޖީލެވެ. މިހިރަ މިހިރަ އެތަކެއް ސަބަބަކަށްޓަކައި ގައުމުގެ ޅަދަރިންނަކީ ފުރިހަމަ އަހުލާގެއްގެ ވެރި ބަޔަކަށް ހަދަން އެބަޖެހެއެވެ. އަދި އެކުދިން މުޖުތަމައަށް ލޯހުޅުވެމުން އަންނަ އިރު އެކުދިންގެ ހަށިގަނޑަކީ އާރުލާ ހަށިގަނޑަށް ހަދަން އެބަޖެހެއެވެ. އަދި އެކުދިންގެ ވިސްނުމާއި ފިކުރު ހަރުދަނާކުރަން އެބަޖެއެވެ. އަދި އެކުދިންނަކީ ކަންކަމުގައި އިސްނަގާ ޒިންމާދާރު ބަޔަކަށް ހަދަން އެބަޖެހެއެވެ.

ދިވެހިރާއްޖޭގެ އާބާދީގައި 417000 އެއްހާ މީހުން އުޅޭއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނާއި ކުޑަކުދިންނެވެ.

މި ގައުމުގައި ސުކޫލުތަކާއި އެދުރުގެތައް އެބަހުއްޓެވެ. ކޮލެޖުތަކާއި ޔުނިވާސިޓީތައްވެސް އެބަހުއްޓެވެ. އަދި އެތަންތަނުން ތައުލީމު ހާސިލް ކުރަމުންގެންދާ އެތަށް ހާސް ކުދިންނެއް އެބައުޅެއެވެ.

ދިވެހި ރާއްޖޭގައި ގާނޫނު އަސާސީގައި ވާގޮތުން އުމުރުން 18 އަހަރުން ދަށުގެ ކޮންމެ ދިވެހި ރައްޔިތަކީ ކުޑަކުއްޖެކެވެ. އެހެންކަމުން ކަމުން އެކުދިންނަކީ އަހުލާޤީ ގޮތުން ބެލިޔަސް އަދި ސުލޫކުގެ ގޮތުން ބެލިޔަސް 18 އަހަރުން މަތީގެ މީހުންނާއި ތަފާތުވާނެ ބައެކެވެ.

ނަމަވެސް ދެން އޮތީ ފަރުދާގެ އަނެއް ފަރާތުގެ ވާހަކައެވެ. އެތާނގައި ވާ އަނދިރިގަނޑުގެ ވާހަކައެވެ. ގައުމުގެ މުސްތަގުބަލަށް އެޅިފައިވާ ކަޅު ހިޔަނީގެ ވާހަކައެވެ. ގައުމުގެ ޅަދަރީން ވެއްޓިފައިވާ ބޮޑު އަނދަވަޅުގެ ވާހަކައެވެ.

އާދެ، ގައުމުގެ ކުޑަކުދިން ކުށްތަކަށް އަރައިގަތުން އާންމުވެއްޖެނަމަ ހަމަ ޔަގީނުންވެސް އެއީ ގައުމުގެ މުސްތަގުބަލަށް ދެވޭ ނުބައި މެސެޖެކެވެ.

ދަންނަވާލަން މިއުޅޭ ވާހަކައަކީ ހެޔޮކޮށް ކިރު ތުބުން ނުވީއްލެނީސް ގޮސް ކޮންމެވެސް ގްރޫޕަކާއި ގުޅި ނުލަފާ އަރުވަން އުޅޭ އުޅުމުގެ ވާހަކައެވެ.

އަދި ގްރޫޕް ހަދާފައި ގޮސް ޝީޝާތަކަށް އަރާ ވާހަކައެވެ. ތިމާއަކީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަކު ސިޔާސީ ޕާޓީތަކުގެ ދިދަ އާއި ބެނާ ހިފައި އެ ޕާޓީއެއްގެ ކުލަ ގައިގައި ވަށައިގެން ކެމްޕޭން ކޮށްދެމުންދާ ވާހަކައެވެ. ތަފާތު އެތަކެއް ކުށެއްގެ އިސް ސަފުގައި ކުޑަކުދިން ޝާމިލްވާ ވާހަކައެވެ.

މިކަމަށް ހައްލެއް އެބައޮތް ހެއްޔެވެ؟ ނުވަތަ އެކުދިން ހަމަ މަގަށް އެޅުވުމަށް ކިޔަވާނެ ފެންތައްޓެއް އެބައޮތް ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބަލަނީ އަވަހަށް އެކަމުން ރެކިގަނެވޭތޯއެވެ. ޓީޗަރުން ބުނަނީ ބެލެނިވެރިންގެ އިލުމާލުކަމަށެވެ. ބެލެނިވެރިން ތުހުމަތުގެ އިނގިލި ދިއްކުރަނީ ޓީޗަރުންނާއި ސަރުކާރަށެވެ. އެހެން ކަމަށް ވާނަމަ މިކަމުގައި އިހްމާލްވާ ބައެއް އެބައޮތް ހެއްޔެވެ؟ ނޫނެކެވެ. މިހެން މިކަންތައް ދަނީނަމަ އެކަކުގެ ބޮލުން އަނެކަމުގެ ބޮލުން ގޮސް ކޮޅު ނުފެންނަ ހިސާބަށް ދާނެއެވެ.

މިކަމަށް އޮތީ ހަމަ އެންމެ ހައްލެކެވެ. އެއީ އަދަބު ދީ އަނިޔާކުރުމެއް ނޫނެވެ. ނުވަތަ ފަލީހަތް ކޮށް ބަދުނާމު ކުރުމެއްވެސް ނޫނެވެ. އެމީހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާ ނެގުމެވެ. ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ.

މައިމީހާގެ ބަނޑުން ކުއްޖާ ފުރަތަމަ ދުނިޔެއަށް ނޭވާލާއިރު އެ ކުއްޖާ އެ އޮންނަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. އެ ކުއްޖާއަކީ ކުށްވެރިއެއް ނޫނެވެ. އެކުއްޖާއަކީ ސާފު ތާހިރު ޅަ ފުރާނައެކެވެ. އެ ކުއްޖާގެކަންކަން ބަލަން ޖެހޭ ބަޔަކީ މައިންބަފައިންނެވެ. މައިންބަފައިން ނުކޮށާދޭ މަގަކުން ކުއްޖާ ހިނގާފާނެއޭ ބުނާ ބުނުމަކީ ބުއްދި ހަމަޖެހޭ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫނެވެ.

އެހެންކަމުން ހުރިހާ ކަމެއް ވަރިހަމަ ވެގެން ނުތިބޭށެވެ. ތިމާގެ ދަރިޔަކަސް އަވަށްޓެރި އަޚާގެ ދަރިއަކަސް ކުށުގައި ވާނީ ހަމަހަމައެކެވެ. ތަފާތު ކުރުން ގެންގުޅެގެން ނުވާނެއެވެ.

ދެން އޮތީ ޓީޗަރުންގެ ވާހަކައެވެ. ދެވަނަ މައިންބަފައިންގެ ވާހަކައެވެ. ދަރިން ސުކޫލުގެ ހަތަރު ފާރުން އެތެރެވުމަށް ފަހު ކުއްޖާގެ ބެލެނިވެރިއަކީ ޓީޗަރުންނެވެ. ޓީޗަރުން ވާންވާނީ ނިކަން ފިސާރި ބަޔަކަށެވެ. އަދި މުރާލި ހީވާގި ބަޔަކަށެވެ. ހިތް ހެޔޮކަމުގެ މިސާލަކަށެވެ. ކުއްޖާއަށް ކުށެއް ކުރެވިއްޖެ ނަމަ އެ ފަދަ ކަންތައް ތަކުރާރު ނުކުރުމަށް ޓީޗަރުން ބާރު އަޅަން ވާނެއެވެ. ގޯސްކޮށް އުޅޭ ކުއްޖަކަށް އަޅާނުލާ އެކުއްޖާ އިތުރަށް ގޯސް ކުރަން ފުރުސަތު ދީގެން ނުވާނެއެވެ. "އޭ" ރިޕޯޓް ގެންނަ ކުއްޖާއާއި "ޔޫ" ރިޕޯޓް ގެންގުޅޭ ކުއްޖާގެ ތަފާތަކީ އިލްމީ ތަފާތުވުމެވެ. ނަމަވެސް ޒާތީ ގޮތުން އެއްވެސް ތަފާތު ކުރުމެއް ޓީޗަރުން ގެންގުޅިގެން ނުވާނެއެވެ.

ކުޑަކުދިން ތަފާތު ކުށްތަކުގައި ޝާމިލްވާތީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަނީ އެއިރެއްގެ އޮންނަ ސަރުކާރަށެވެ. ކުޑަކުދިންނާއި ބެހޭ މައްސަލަތައް ކޮންމެ ސަރުކާރަކުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބެލި ނަމަވެސް ކުޑަކުދިން ލައްވާ ކުށްތައް ކުރުވާ ބަޔަކު އުޅޭ ނަމަ ކުޑަކުދިން ކުށްކުރުން މަދުވާނެ ހެއްޔެވެ؟ ފަސޭހަ އަކަށްވެސް ނުވަތަ އެނޫންވެސް އަމިއްލަ ބޭނުމަކަށްޓަކައި ކުށުގެ ހާއްޔަކަށް ކުއްޖާ ވައްދާއިރު އެކަމަކީ ކިހާ ވަރުގެ ކަމެއްކަމާއި މެދު ވިސްނާނަލީ މަދު ބައެކެވެ. އަދި އެކަމުން ގައުމުގެ މުސްތަގުބަލަށް ކުރާ ނޭދެވޭ އަސަރާއި މެދު ވިސްނާލަނީވެސް މަދު ބައެކެވެ.

އެހެންކަމުން ގައުމުގެ ކުރި ބޯށި ކަމުގައިވާ ކުޑަކުދިން ކުށްތަކުގައި ޝާމިލްވާ މިންވަރު ކުޑަކުރުމަށް ފަރުދީ ޒިންމާ ނަގަން އެބަޖެހެއެވެ. އެހެން ނޫންކަމަށްވަނީ ނަމަ ވެށްޓިފައިވާ އަނދަވަޅު އިތުރަށް ފުންވެ އަޑި ނޭނގޭ ހިސާބަށް ގައުމުގެ ކަންކަން ހިގައިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    މި ގައުމުގާ 2004 އާހަމަޔަށްއައިއިރު ވެސް ރައްޔިތުން ތިބީ ނިސާސޫރަތު 59 ވަނަ އާޔަތުގަ އަންގަވާ ފައިވާ ވަހީ އާ އެގޮތަށް ވެރިމީހާގެ ކިޔަމަނުގާ . ނަމަވެސް 2004 ހާހިސާބުން ބަޔަކު ވެރިކަމައައުމަށްޓަކާ ޑިމޮކްރަސީ އެއް ވުޖޫދު ކޮށް ވެރިމީހާ އަށް ކިޔަމަން ނުވުމަށް ބުނެދީ އަލިފާން ބޯޅަ އުކާ ޒުވާންޖީލުގެ ހިތްތަކުގާ ވެރިކަމަށް ނަފްރަތު ކުރުވާ ނުކިޔަމަންތެރި ބަޔަކަށް ޒުވާނުން ހަދައިފި . ދެން އެބަޔަލު ގެ މަސއްކަތުން ކުޑަކުދިންނަކީ މާބޮޑު މިނިވަން ކަމެއް އޮތްބަޔަކަށްހަދައިފި .ކުޑަކުއްޖާ އަށް މައިނަބަފައިންނަށްވެސް އެދުރު މީހާ އަށްވެސް ގައުމުގެ ވެރިމީހާ އަށްވެސް އަމުރު ނުކުރެވޭ ފަދަ ގާނޫނު ވުޖޫދު ކުރުމަށް މަޖްބޫރު ކުރުވާ އެފަދަ ގާނޫނުތައް ހަދައިފި .ކުޑަކުދިން މީޑިޔާ އަށްނެރެ އެކުދިންގެ ހިޔާލަށް ނުގެނެވޭ ވަރުގެ ބަސްތައް އެކުދިންލައްވާކިޔަންފަށައިފި ޒުހްރަފް ސޫރަތުގެ 32 ވަނަ އާޔަތުގއިވާ ވަހީއާ ހިލާފަށް ހުރިހާރައްޔިތުންނަކީ ހަމަހަމަ ބަޔަކަށް ހެދުމުން އެކަކު އަނެކަކަށް ކުރަމުން އައި އިހުތިރާމާ ގަދަރު ނެތިގެން ހިގައްޖެ. މިހުރިކާކަމެއްގެ ޒިންމާ ނަގަންޖެހެނީ އޭރު މިގައުމުގެ ބާރުގާ ހުންނެވި ފަރާތުންނާ މިގައުމުގެ ބާރު ހޯދަން މަސައްކަތްކުރި ފަރާތުން. ބާރުގާ ހުރިމީހާ ބޭނުންވީ މާސިންގާ ބޮޑު ޑިމޮކްރަސީއަށް ގައުމަށްގެނެސްދީ ނޯބެލް އިނާމު ހޯދަން . ބާރު ހޯދަން ބޭނުންވެގެން އުޅުނު ފަރާތުންވެސް މަސއްކަތް ކުރީ މިގައުމުގެ ޑޮމޮކްރަސީގެ ޗެމްޕިޔަނަކީ އޭނަކަށް ދެކިގެން އޭނާޔަށް ނޯބަލް އިނާމު ލިބިދާނެކަމަށް .މިދެމހުނަށް މިހާތަނަށްވެސް މި އިނާމު ހާސިލެއްނުވޭ މިގައުމަށް ދިމާވެފައިވާ ރައްޔިތުންގެ ނުކިޔަމަންތެރިކަމާ ކުށްކުރުމާ ފަސާދަޔާ މި ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހެނީ މި ދެމީހުން