އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުން އަންނަނީ، ޣައްޒާގެ އެކި ހިސާބުތަކުގައި އ.ދ އިން އިމާރާތްކޮށްފައިވާ ސްކޫލުތަކުގައި ހިޔާވަހިކަން ހޯދަމުންނެވެ. ނަމަވެސް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މި ސްކޫލުތަކަށް ވެސް ހަމަލާ ދެމުންނެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާ ހަނގުރާމަ މެދުކެނޑުމެއް ނެތި ކުރިއަށް ދާތާ މިއަދަށް މިވީ ހަފްތާއެކެވެ. އެގޮތުން ހަލަބޮލިކަމާއި އާރޯކަމުން ފުރިގެންވީ ޣައްޒާގެ މެދުތެރޭގެ އަވަށްތައް މި ހަނގުރާމައިގެ ސަބަބުން މިހާރުވަނީ ސުންނާފަތިވެ ބިމާހަމަވެފައެވެ. ހަމައެއް ލަމައެއް ނެތި އިސްރާއީލުން ޣައްޒާއަށް އަޅަމުންދާ ބޮންތަކުގެ ގޮވުންތަކުގެ ތެރޭގައި، ފުރާނަ އަތްމައްޗަށް ލައިގެން ތިބި އެތައް ރައްޔިތުންނެއް ތިބީ އާންމު ތަންތަނާއި ސްކޫލުތަކުގައި ހިޔާވަހިކަން ހޯދައިގެނެވެ.

އިސްރާއީލުން ޣައްޒާ އަށް ގެއްލުން ދީފައި.

ނަމަވެސް އަނިޔާވެރި އިސްރާއީލުން އަންނަނީ މިތަންތަނަށް އަމާޒުކޮށް ވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ހަމައެހެންމެ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރަމުންދާއިރު، ވައިގެ މަގުންދޭ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ރައްކާތެރި ކަމެއް ނެތި ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. ކޮންމެ ވަގުތެއްގައި ވެސް ބޮމުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމާ އެކުގައެވެ.

ޣައްޒާގެ އެތައް އާއިލާއެއް މިހާރުވެސް ތިބީ ގެދޮރު ގެއްލި މަގުމަތި ވެފައެވެ. ހުއްޓުމެއް ނެތި އިސްރާއީލުން އަޅަމުންދާ ބިންތަކާއި ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި އެ ސަރަހައްދު އޮތީ ހިރަފުހާއި ދުމުން ތަނެއް ވަކިނުވާ ވަރަށް ތަޣައްޔަރު ވެފައެވެ.

"އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް މަތީގައި ދުއްވާ އަޑަށް، އަހަރުމެން ދުވެފައި ގޮސް ދޮރުން ބޭރަށް ނުކުތްއިރު ހީކުރެވުނީ އިސްރާއީލުން އެ މަސައްކަތް ކުރަނީ އަހަރުމެން އެ ސަރަހަށްދު ދޫކޮށް ދިއުމަށް އިންޒާރުދީ ބިރު ގެންނެވުމަށް ކަމަށް." ހަނގުރާމައިގެ ކުރިން ޣައްޒާގައި ސެންޓު ވިޔަފާރި ކުރުމުގައި އުޅުނު ޖަމާލް ބުންޏެވެ.

އިސްރާއީލުން ޣައްޒާ އަށް ގެއްލުން ދީފައި.

"އޭރު އަޅުގަނޑު އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން އިސްރާއީލުން ވައިގެ މަގުން މުޅި ސަރަހައްދަށް ހަމަލާދީ ސުންނާފަތި ކޮށްލާނެކަމަކަށް" ޖަމާލު ނޫސްވެރިންނާ ވާހަކަދައްކަމުން އިތުރަށް ބުންޏެވެ.

ޖަމާލު ނޫސްވެރިންނާ ވާހަކަދެއްކީ ހަނގުރާމައިގެ ކުރިން އޭނާގެ ގެ ހުރި ތަނުގައި ހުރެގެންނެވެ. އޭރުވެސް އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

"މިއީ އަހަރެންގެ ގެ ހުރިތަން. އަހަރެންގެ އާއިލާއާ ގުޅިފައިވާ އުފާވެރި ހުރިހާ ހަނދާންތަކެއް ވަނީ މި ތަނުގައި. މިއީ އަހަރުމެން ވަރަށް އުފަލުން އާއިލާގެ އެކި މެމްބަރުންގެ އުފަންދުވަސް ފާހަގަކުރުން ފަދަ އުފާވެރި ވަގުތުތައް ހޭދަކުރި ތަނެއް. ނަމަވެސް މިހާރު އާއިލާއިން އެތައް ބަޔަކު ވަނީ އަހަރުމެންނާ ވަކިވެފައި" ޖަމާލު ނޫސްވެރިންނަށް އޭނާގެ ވީރާނާ ވެފައިވާ ގެ ދައްކާލަމުން ބުންޏެވެ.

"މިއީ މިހާރު ވީރާނާވެ ބިމާ ހަމަވެފައިވާ އެއްވެސް ދިރުމެއް ނެތް ތަނެއް. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އަޅުގަނޑު އާއިލާ ގޮވައިގެން ހަމަލާތަކުން ސަލާމަތްވުމަށް ފިލައިގެން ދިޔައީ ސްކޫލަކަށް. އެކަމަކު އެއީ ހަމަލާތަކުން ސަލާމަތްވުމަށް ފިލައިގެން ގޮސް ތިބި މީހުންތަކުން ތޮއްޖެހިފައިވާ ތަނެއް.. އެތަނުގެ ޖާގައިގެ ދަތިކަމާއި މީހުންގެ ގިނަކަމުން އަހަރުމެންގެ ދަރިން ރޮނީ ނުނިދިގެން"

ޣައްޒާގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދާ ސްކޫލްތަކުން ވެސް ފެންނަނީ ތޮއްޖެހިފައި ވުމުގެ ސަބަބުން އިންސާނީ ހައްގުތަކުން މަހުރޫމުވެފައިވާ އެތަކެއް ހާސް އާންމު ރައްޔިތުންނެވެ. ކާބޯތަކެއްޗާއި ތެލާއި ބޭހުގެ އިތުރުން ކަރަންޓަށް ޣައްޒާގެ ރައްޔިތުން ބަރޯސާ ވެފައިވަނީ އިސްރާއީލަށް ކަމުގައި ވީނަމަވެސް، އިސްރާއީލުން ވަނީ މި ހުރިހާ ކަމެއް ހުއްޓުވައިފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުން ވަނީ އިތުރަށް ބިކަވެފައެވެ.

ފަލަސްތީނުގެ ރައްޔިތުންތަކެއް.

މިހާރުވެސް ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ތިބީ އިންސާނީ އެތައް ހައްގުތަކަކުން މަހުރޫމުވެ، ޒަރޫރީ ބޭނުންތައް ވެސް ފުއްދޭނެ ގޮތެއް ނެތިއެވެ.

"އަހަރުމެންގެ ދަރިންނަށް ކާންދޭ ވަރަށް ކާނާ ލިބެނީ ކިރިޔާ. ސާފު ބޯފެނަކީ އިންތިހާއަށް ތަދު އެއްޗެއް، ރޭގަނޑުގެ ފިނީގައި ދަރިން ލައްވާނެ އަންނައުނެއް ނެތް. މިކަމުގެ ސަބަބުން ވެސް ދަރިން އަހަރުމެންނާ ވަކިވެދާނެ ކަމުގެ ބިރު އަބަދު ވެސް ހިތުގައި އޮވޭ" ޣައްޒާގެ ސުކޫލެއްގައި ހިޔާވަހިކަން ހޯދައިގެން ދިރިއުޅެމުންދާ ހަތަރު ކުދިންގެ މަންމަ ޒައިނަބް މަތަރު ބުންޏެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ހަނގުރާމަ މިހާރު ގޮސްފައިވާ ހިސާބުން އާންމު ރައްޔިތުން ހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލްތަކަކީ ވެސް އެއްގޮތަކަށް ވެސް ރައްކާތެރި ތަނެއް ނޫނެވެ. އަދި މި ތަންތަނުގައި އެކަށީގެންވާ ޖާގައެއް ވެސް ނެތެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޔަހޫދީ އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މިހާރުވެސް ހަތަރު ސުކޫލަކަށް ހަމަލާތައް އަމާޒުވެފައި ވެއެވެ.

"އަހަރެމެން ހީކުރީ ސްކޫލަށް އައުމުން އަހަރެމެންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް، އެކަމަކު މިތަނުގައި ވެސް އަހަރެމެން އުޅެނީ މެދުނުކެނޑި ބިރުވެރިކަމެއްގެ ތެރޭގައި،" ޒައިނަބު މަތަރު ބުންޏެވެ.

މިއީ ފަލަސްތީނުގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންގެ ހިތުގައި ވެސް އޮންނަ ބިރުވެރި ކަމެކެވެ. އެއްވެސް ރައްކާތެރި ކަމެއް ނެތި ދިރިއުޅުން ވެގެން ގޮސްފައިވަނީ އެމީހުންގެ ނަފްސާނީ ހާލަތައްވެސް އެކަމުން އިންތިހާއަށް އަސަރު ކޮށްފައިވާ ކަމަކަށެވެ. ސްކޫލުތަކުގައި ވެސް މިހާރު އެމީހުނަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ސްކޫލުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ކުރަމުންދާ އެންމެ ބޮޑު ސުވާލަކީ އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކުގައި ހުރި ސްކޫލުތަކަށް ބޮން އަޅާ ހަމަލާ ދޭންވީ ކޮން ބޭނުމެއްގައި ތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗާންދަލިޔާ

    މިވަގުތު ޚަބަރު ފެތުރުމުގައި ދިގުވާހަކަޔަށް ވުރެން އެމީހުންގެ އަސްލާ ޙާލަތު މުހިންމު

    18
  2. ބީތާޔާ

    ސަރުކާރުން އިޒުރައިލު ބައިގަނޱު ރާއްޖެ އައުން މަނާ ކުރަން ޖެހޭ. އިޒުރައިލު ޔަހޫދީއަކު މަށަށް ފެނިއްޖެ ނަމަ ދުވަސް ދުއްވާލާނަން.

    34
    4
  3. ރަބަރޭ

    އަރަބި ގައުމު ތަކުގެ ވެރިންނަކީ ފިޑި ބައެއް

    25
  4. ނުރަބޯ

    ފަލަސްތީނުގެ ކުދިން ރާއްޖެ އަށް ގެނޭ

    11
    1
  5. މަސްނޫނު

    ހިތްފަޅާގެންދާވަރު ހިތްދަތިކަން އިހްސާސްކުރުވި ނަމަވެސް އަހަރެމެން ކުރާނެކަމެއްނެތް. ﷲ އަށް ދުއާކުރުންއޮތީ. ﷲ ހަޒްރަތުން އޮތްރަހުމަތެއް ފިޔަވާ އެހެންގޮތެއްނެތް. މިއޮއްބޮޑުދުނިޔޭގެ އިސްލާމީގައުމު ތަކުގެ ވެރިން އެމެރިކާ އަށް ވަނީވިކިފަ. މުސްލިމުން ވަނީ އަމިއްލަބާރާ އިޚްތިޔާރުއޮވެމެ އެބާރާއި އިޚްތިޔާރު ތައް އެމެރިކާގެ މުށުތެރެއަށްދޫކޮށްލާފަ. މުޅިދުނިޔެއެއްފަހަރާ ތެދުވެ އިސްރާއިލް ސައިޒްކޮށްލަން މަސައްކަތްކުރަންވީވަގުތު މިއީކަމުގަދެކެން. އެކަމަކު ދުނިޔޭގެ ލީޑަރުން އެއަށްތުރެމާ ގީދަޅު. ﷲގެރަހުމަތުން ވަރުގަދަ ޖަމާއަތެއްނުކުމެ އިސްރާއީލް ސުންނާފަތިކުރާނެ ހަސްބުނައްﷲވަނިއުމަލް ވަކީލް .

    15
  6. ޝަނީފް

    މި ހުރިހާ ކަމެއްގެ އަސްލަކީ ހަމަ ސައުދީއަރަބިއްޔާ.

    7
    1
  7. ކައުންސެލަރު 🙌

    އަރަބި އެންމެހާ ގައުމުތަކުގެ ވެރިންނަށް ހަލާކުހުރި. ހާއްސަކޮށް އިސްރާއީލާ ގުޅުން އޮންނަ ގައުމުތައް