އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުން ދާއިރު މިހާރު އެގައުމުން ތައްޔާރުވަމުން ދަނީ އެއްގަމު މަގުން ޣައްޒާއަށް އެރުމަށެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ އުތުރުން ޣައްޒާއިން ލައްކައެއްހާ މީހުން ވަނީ ރައްކާތެރިވުމަށް އެކި ހިސާބުތަކަށް ދަތުރު ކޮށްފައެވެ.

ނަމަވެސް އިސްރާއީލުގެ ހަމަލާތަކާއި އިންޒާރުތަކުގެ ސަބަބުން ވެސް މި ސަރަހައްދު ދޫކޮށް ދާން ބޭނުން ނުވާ ފަލަސްތީނުގެ އެއްތައް ހާސް ރައްޔިތުންނެއް އަންނަނީ އަދިވެސް މި ސަރަހައްދުގައި ދިރިއުޅެމުންނެވެ. އެމީހުން ބުނާގޮތުގައި އިސްރާއީލުން ކިތަންމެ ހަމަލާއެއް ދިން ކަމުގައިވީނަމަ ވެސް، އެ ސަރަހައްދު ދޫކޮށް ދިއުމުގެ ވިސްނުމެއް އެމީހުންގެ ނެތެވެ.

"އަހަރެންގެ އަމިއްލަ ވަޒަނަކުން ނުނިކުންނާނަން. ދުވަހަކު ވެސް ނުދާނަން" ޣައްޒާގެ ގެއެއްގެ ސިޓިންރޫމެއްގައި އިށީނދެގެން އިނދެ، އުމުރުން 42 އަހަރުގެ މުހައްމަދު އިބްރާހިމް ބުންޏެވެ.

"އަހަންނަށް އެހެން ތަނަކަށް ފިލައިގެން ނުދެވޭނެ. އިސްރާއީލުން އަހަރުމެންގެ އަހަރުމެންގެ ގެތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލިޔަސް އަހަރުމެން މިތަނަކުން ނުދާނަން. އެންމެ ފަހު ނޭވަޔާ ޖެހެންދެން ވެސް އަހަރުމެން ތިބޭނީ މި ތަނުގައި." އޭނާ ބުންޏެވެ.

އިމާރާތެއްގެ ދަށުން މީހެއްގެ ހަށިގަނޑު ގެންދަނީ.

މީގެ ހަފްތާއެއް ކުރިން ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއާ ގުޅިގެން ކުރިއަށްދާ މި ހަނގުރާމާގައި، އިސްރާއީލުން ވަނީ ފަލަސްތީނުގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށް، އެތައް އިމާރާތެއް ބިމާ ހަމަކޮށްލާފައެވެ. މީގެ ތެރޭގައި ސްކޫލުތަކާއި ހޮސްޕިޓަލްތައް ވެސް ހިމެނެއެވެ.

ހަމާސްގެ ކިބައިން ބަދަލު ހިފުމަށް، ރެއާއި ދުވާލު ހުއްޓުމެއް ނެތި އިސްރާއީލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އެގައުމުގެ އެތައް ހާސް ސިފައިންނެއް ޣައްޒާގެ ބޯޑަރުތަކަށް ޖަމާވެފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ހަމާސް ވުޖޫދުން ފޮހެލާނެ" ކަމަށް ވައުދުވެ އިންޒާރު ވެސް ދީފައެވެ.

މުހައްމަދު އިބްރާހިމް ބުނާ ގޮތުގައި އޭނާ އާއި އޭނާގެ އާއިލާއިން ފާއިތުވި ދުވަސްތަކުގައި ހަމަލާތަކުން ސަލާމަތްވުމަށް އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް ޣައްޒާ ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ.

"މިދިޔަ ހުކުރު ދުވަހުގެ މެންދަމު ދޭއް ޖެހިއިރު ވެސް އިސްރާއިލުން މި ސަރަހައްދަށް ރޮކެޓް ހަމަލާތައް ދިން. ހަމަލާތައް ދޭން ފެށުމުން އަހަރެން ފިލީ. އަހަރެންގެ އަންހެނުންނާއި ހަތަރު ކުދިން ގޮވައިގެން." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިސްރާއީލުގެ އިންޒާރުތަކަށް ބޯލަނބައި އެހެން ސަރަހައްދަކަށް ދިޔަ ކަމުގައި ވީނަމަވެސް، އިސްރާއީލުން އެ ސަރަހައްދުތަކަށް ވެސް ހަމަލާތައް ނުދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެގޮތުން ޣައްޒާ ދޫކޮށް އެހެން ސަރަހައްދަކަށް ދިއުމަށް އޭނާ މީގެކުރިން ވިސްނި ނަމަވެސް އެ ސަރަހައްދަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާ އިން ހަމަލާތައް ދެމުންދާކަން އެނގުމުން އޭނާގެ ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ.

އިސްރާއީލުން ޣައްޒާ އަށް ބޮން އަޅަނީ..

އަހްމަދު ކިޔައި ދިން ގޮތުގައި ހަނގުރާމައިގެ ސަބަބުން އޭނާގެ ތަނަވަސް ގެ ބިމާ ހަމަވެ، ދަރިން ކުޅުމަށް ވަގުތު ހޭދަކުރި ބަގީޗާ ވެސް ވަނީ ގެއްލިފައެވެ. މީގެކުރިން ޖާގައިގެ ގޮތުން ތަނަވަސް ގެއެއްގައި އެ އާއިލާ ދިރިއުޅުނު ކަމުގައި ވީނަމަވެސް މިހާރު ދިރިއުޅެން ޖެހިފައިވަނީ އެތައް ބަޔަކާއެކު ފިތި ބާރުވެގެން އެއް ފުލެޓެއްގެ ތެރޭގައެވެ. މިކަމުގެ ސަބަބުން އޭނާގެ ދަރިންނަށް ހަމަ ނިދި ނުލިބި، ނަފްސާނީ މައްސަލަތަކާ ކުރިމަތިވެފައި ވާކަމަށް ވެސް އޭނާ ބުންޏެވެ. ހަމައެހެންމެ ހަނގުރާމައިގެ ސަބަބުން އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާގެ ހަބަރެއް ނުވާކަމަށާއި، ރަހުމަތްތެރިޔާ ދިރިހުރިތޯ ދަރިފުޅު ތަކުރާރުކޮށް ސުވާލު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.1 މިލިއަން މީހުންގެ ތެރެއިން 500،000 އެއްހާ މީހުން 48 ގަޑިއިރު ތެރޭގައި އެ ހިސާބު ދޫކޮށް އެހެން ހިސަބުތަކަށް ދަތުރުކޮށްފައިވާކަމަށް އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

އެކަމަކު މުހައްމަދު އިބްރާހިމް ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގެ މީހުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އިސްރާއީލުން އިންޒާރު ދެމުންދިޔަ ނަމަވެސް އެ އިންޒާރަށް ބޯލަނބައި ރައްޔިތުން ބަދަލުވަމުން ދާ ތަނެއް ނުފެނެއެވެ.

"އަހަރެމެން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ދާން އެންގީ، އެތަނުގައި ވަކި ރައްކާތެރިކަމެއް އެބައޮތްތަ؟ އަހަރެންނާއި އަހަރެންގެ އާއިލާއަށް ރައްކާތެރިވެވޭނެ އެއްވެސް ތަނެއް ފަލަސްތީނުގައެއް ނެތް. އިސްރާއީލުން އަންނަނީ ހުރިހާ ހިސާބަކަށް ހަމަލާތައް ދެމުން." އޭނާ ބުންޏެވެ.

އިސްރާއިލުން ތުހުމަތު ކުރާގޮތުގައި ހަމާސް ޖަމާއަތުން އަންނަނީ ހަނގުރާމައިގެ ނިވާފަތްގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ އާންމު ރައްޔިތުން ބޭނުންކުރަމުންނެވެ. ނަމަވެސް އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އިސްރާއީލުން އަންނަނީ ބެލުމެއް ނެތި ފަލަސްތީނުގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ފަލަސްތީނުގެ އާންމު ރައްޔިތުން ރައްކާތެރިކަން ހޯދަމުންދާ ސްކޫލުތަކައް އަމާޒުކޮށް ވެސް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ. އަދި ރޭގެ ވަގުތެއްގައި އިސްރާއީލުން ފަލަސްތީނުގެ ހޮސްޕިޓަލަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 471 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރުމާ

    ތިގޮތަށް ތާއީދު. ޒަޔަނިސްޓުން ބޭނުންވަނީ އެއްޗެކޭ ކިޔައިގެން ރެފިއުޖީންގެ ގޮތުގައި ފަލަސްތީނު ރައްޔިތުން އެތަނުން ބޭރުކޮށް އެބިމުގެ މައްޗަށް ވެރިވެ ޒަޔަނިސްޓުން އާބާދުކުރަން އެތަންތާ. އެފުރުސަތު ނުދޭންވީ.

    18