އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށިތާ ދެވަނައަށް ވީ ހަފްތާގެ ރެއެއްގައި، ގަޑިން ގާތްގަނޑަކަށް ފަތިހު 4 ޖެހި އިރު، ޔާސްމީން ޖޫދާ އަށް ނިދިން ހޭލެވުނީ އޭނާގެ ފޯނު މެދު ނުކެނޑި ރިންގު ވާ އަޑަށެވެ.

ޔާސްމީނަށް ހައިރާން ކަން ލިބުނީ އޭނާގެ ފޯނު ރިންގު ވަމުން ދަނީ، އޭނާގެ މުޅި އާއިލާ އެކުގައި ޝަހީދު ވުމުން އެކަމުގެ ތައުޒިޔާ ކިޔަން މީހުން ގުޅަމުންދާތީ ކަން އެނގުމުންނެވެ.

އިންތިހާއަށް ބިރުގަނެފައިވަ ހާލުގައި، އަލިނުވިލޭ މަގުތައްމަތީގައި ޔާސްމީން ދުވެފައި ދިޔައީ އޭނާގެ މައިންބަފައިންގެ ގެޔާއި ދިމާލަށެވެ. އެއްއިރެއްގައި ޔާސްމީންގެ މައިންބަފައިންގެ ގެ ހުރި ތަނުގައި ހުރި ބިމާއި ހަމަވެފައިވާ އިމާރާތުގެ ބައިތަކާއި ކޮންކްރީޓު ތައް އޭނާ ދިޔައީ ދެއަތުން ހާވަމުންނެވެ.

4 ފަންގިފިލާގެ އިމާރާތަށް އިސްރާއީލުގެ މިސައިލު އަމާޒު ވީއިރު ޖޫދާ އާއިލާ ތިބީ ނިދާފައެވެ. ޔަހޫދީންގެ މިސައިލާއި އެކު އޭގެ އެތައް ބަޔަކު އިމާރާތުގެ ކޮންކްރީޓު ތަކުގެ ދަށުވެގެން ދިޔައީއެވެ.

އިމާރާތުގެ ބައިތަކުގެ ދަށުން ހަށިގަނޑަކަށް ފަހު ހަށިގަނޑެއް ނެރެމުން ދިޔަ އިރު، ޔާސްމީން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭގެ އިރުކޮޅެއް ފަހުން އިމާރާތުގެ ބައިތަކުގެ ދަށުން ނެރެވުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފުރަތަމަ ފިޔަވަޅު ނެގި ޔާސްމީންގެ ދައްތަގެ 16 މަހުގެ ކުޑަ އަންހެން ދަރިފުޅު މެލިއްސާ އެވެ. އިމާރާތުގެ ދަށުން ނެރެވުނު އިރު އެ ކުޑަ ކުއްޖާފުޅު އޮތީ އެއްކޮށް ހިމޭންވެ، ހަރަކާތް ހުއްޓިފައެވެ. އެހެންކަމުން ހުރިހާ އެންމެންވެސް ހީކުރީ އެ ކުއްޖާގެ ފުރާނަ ނެތީ ކަމުގައެވެ.

ޔަހޫދީންގެ މިސައިލުގެ ތޫނު ބައެއް ވަނީ މެލިއްސާގެ މައިބަދައިގެ ތެރެއިން މައިނާރުގެ ތެރެއަށް ވަދެފައެވެ. އެހެން ކަމުން މެލިސާގެ ހަށިގަނޑުގެ މެއިން ފެށިގެން ތިރިން ވަނީ ވާގި ނެތިފައެވެ.

އެ ހާދިސާގެ ހަފްތާތަކެއް ފަހުން، އެ ވާހަކަ ދައްކާ އިރުވެސް ޔާސްމީންގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އަދި ލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ.

”ހުރިހާ އެންމެން ހިނގައްޖެ.” އަލް އަޤުޞާ ޝަހީދުންގެ ހޮސްޕިޓަލުގައި ހުރެ ވާހަކަ ދައްކަމުން ޔާސްމީން ބުނެފައި ވެއެވެ. “ އަހަރެންގެ އެއްބަނޑު އެއްބަފާ ތިބި ފަސްބެއިން ވަނީ ޝަހީދު ކޮށްލާފައި. އަހަރެންގެ މަންމަ. އަހަރެންގެ ދެ ބޮޑު ދައިތަ. އެމީހުންގެ އަންހެން ދަރިންނާއި ފިރިހެން ދަރިން. އަހަރެންގެ ޅިޔަނު. އަހަރެން އެމީހުންގެ އަނބުރާ ބޭނުން. އެމީހުން އަނބުރާ ގެނެސްދީ.” ރޮމުން ގިސްލަމުން ޔާސްމީން ބުނެފައި ވެއެވެ.

ޔާސްމީންގެ ކައިރި އާއިލާގެ ތެރެއިން ޝަހީދުވީ 32 މެމްބަރުން ޔާސްމީން ގުނާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މެލިއްސާގެ ބައްޕަ އާއި، އޭނާގެ މައިންބފައިންނާއި، އޭނާގެ ދައްތައިންނާއި އެމީހުންގެ ދަރިންވެސް ވަނީ އެ ހަމަލާގައި ޝަހީދު ވެފައެވެ. އެއާއެކު ޔަހޫދީންގެ އެ ހަމަލާގައި ޖޫދާ އާއިލާއިން ޝަހީދުވީ މީހުންގެ އަދަދު 68 އަށް އަރައެވެ.

މެލިއްސާ އޭނާގެ ފުރަތަމަ ފިޔަވަޅު ނަގާފައި ވަނީ ހަމަލާގައި އޭނާގެ ދެފައި ވާގި ނެތުމުގެ މަދު ހަފްތާ ތަކެއް ކުރިން —- ފޮޓޯ: އަލްޖަޒީރާ

އަލް އަޤުޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓުގެ ވެރިޔާ ބުނެފައިވާ ގޮތުގައި މެލިއްސާ އަށް ޣައްޒާއިން ބޭރުން ހާއްސަ ސިއްހީ ފަރުވާ ބޭނުންވެއެވެ.

އަލް އަޤުޞާ ހޮސްޕިޓަލުގެ ޑރ އައިމަން ހަރްބް ބުނެފައިވަނީ މެލިއްސާގެ މައިބަދަ ބިންދައިގެން ގޮސްފައިވާއިރު، މައިބަދައިގެ ތެރެއަށް މިސައިލުގެ ތޫނު އެތައް އެތިކޮޅުތަކެއް ވަދެ، ތާށިވެފައިވާ ކަމަށެވެ.

”އޭގެ މާނައަކީ އޭނާ އަށް ހަށިގަނޑުގެ ތިރީބައި ބޭނުމެއް ނުކުރެވޭނެއޭ.” ޑރ އައިމަން ބުނެފައި ވެއެވެ.

ޑރ އިތުރަށް ބުނެފައިވަނީ ދެން އޮތް ފިޔަވަޅަކީ ފިޒިއޯތެރަޕީއާއި އެކު އެ ކުޑަކުއްޖާއަށް ހިތްވަރު ދިނުން ކަމަށެވެ. އަދި އޭގެ އިތުރުން، ތޫނު އެތިކޮޅުތައް އަދިވެސް މެލިއްސާގެ ހަށިގަނޑުގެ ތެރޭގައި ހުރުމުގެ ސަބަބުން، އިންފެކްޝަނާއި އަދި އިތުރު ކޮމްލިކޭޝަން ތައް އައިސް، ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަންވެސް ޑޮކްޓަރު ވަނީ ފާހަގަ ކޮށްފައެވެ.

”އަހަރެމެން މިހާރު މިދަނީ އަހަރެމެންގެ މެޑިކަލް ޓެކްސްޓު ފޮތްތަކުންވެސް ދުވަހަކު ނުފެންނަ ވޭދަނަތަކުގައި މަސައްކަތް ކުރަމުން.” އިސްރާއީލުގެ ހަމަލާތަކުގައި ހަށިގަނޑުގެ ވާގިނެތިފައިވާ 12 ބަލިމީހުންނަށް އޭނާ ގެންދަނީ މިހާރުވެސް ފަރުވާ ކުރަމުން ކަން ފާހަގަ ކުރަމުން ޑރ އައިމަން ބުނެފައި ވެއެވެ.

މެލިއްސާގެ މުސްތަގުބަލާއި ގުޅިގެން ކުރި ސުވާލަށް ޑރ ގެ ފަރާތުން ލިބުނީ ހިތާމަވެރި ޖަވާބެކެވެ.

“މެލީސާގެ މުސްތަގުބަލު ވާނީ ވޭނީ މުސްތަގުބަލަކަށް. އޭނާގެ ބާކީ ދިރިއުޅުން ހޭދަ ކުރަން ޖެހޭނީ ފުރޮޅުލީ ގޮނޑީގައި.” ވަރަށް ސީދާ ގޮތެއްގައި ޑރ ބުނެފައި ވެއެވެ.

އަލް އަޤުޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓުގެ ވެރިޔާ ޑރ އައިމަން ހަރުބު —— ފޮޓޯ: އަލް ޖަޒީރާ

މިހާރު ޣައްޒާގައި ހިދުމަތް ދެމުންދާ މަދު ހޮސްޕިޓަލުތައް ފަދައިން، ސިއްހީ އެހީތެރިންނާއި ސިއްހީ އާލަތްތަކަށް ބޭނުން ޖެހިފައިވާ މި ހޮސްޕިޓަލުންވެސް ސޯލާ ހަކަތައިން ހިނގާ ޖަނަރޭޓަރުތަކުގެ އެހީގައި ކިރިޔާ ހިދުމަތް ދެވޭ ކަމެވެ. އަލް އަޤުޞާ ޝަހީދުންގެ ހޮސްޕިޓަލަކީ މިހާރު ޔަހޫދީން ހަމަލާ ދެމުން ގެންދާ ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލު ފަދަ ބޮޑު ހޮސްޕިޓަލެއް ނޫނެވެ. 16 ޑޮކްޓަރުން މަސައްކަތް ކުރާ މި ހޮސްޕިޓަލު އިމާރާތް ކުރެވުނީ ހަމަ އެކަނި ދީރުލް ބަލަހް ގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށެވެ. ނަމަވެސް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލުގެ ބަލިމީހުންގެ އަދަދުވެސް ވަނީ ހޮސްޕިޓަލުން ފަރުވާ ދެވޭ ވަރަށް ވުރެ އެތައް ތަނެއް އިތުރު ވެގެން ގޮސްފައެވެ.

މެލިއްސާގެ މަންމަ ޝަހީދު ކޮށްލިއިރު، އޭނާ އިނީ ބަލިވެއެވެ. ބަނޑަށް އޭރު ވަނީ 9 މަސް ވެފައެވެ. އެސޯސިއޭޓް ޕްރެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާގެ ތެރެއިން އޭނާ ވަނީ ވިހެއުމުގެ މަރުހަލާއަށް ގޮސްފައެވެ. އަދި އިމާރާތުގެ ދަށުން އޭނާގެ ޝަހީދު ވެފައިވާ ހަށިގަނޑު ނެރުނު އިރު، ބަނޑުގައި އޮތް އެއްމާބަނޑު ދެ ކުދިންގެ ބޯ ފެންނަން އޮތް ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

މިހާރު މެލިއްސާ ހުރީ ދީރުލް ބަލަހް ގައި ހުންނަ ބޮޑުދައިތަ ޔާސްމީން ގެ ގޭގައެވެ. މެލިއްސާ ހުރީ އިތުރު ސިއްހީ ފަރުވާ ހޯދުމަށް ރަފާހު ބޯޑަރު ހުރަސްކޮށް ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދައިގެ އިންތިޒާރުގައެވެ.

ޔާސްމީން މެލިއްސާގެ ކައިރީގައި —- ފޮޓޯ: އަލް ޖަޒީރާ

“އަހަރެން މެލިއްސާ ގެންގުޅޭނީ އަހަރެންގެ ހިތުގެ ތެރޭގައި. އަހަރެންގެ ބާކީ ހުރީ ހަމައެކަނި އޭނާ.” ޔާސްމީން ބުނެފައި ވެއެވެ. ޔާސްމީންގެ އިތުރު އުންމީދެއްވެސް އެބަ އޮތެވެ. “އަހަރެން ބޭނުން މެލިއްސާއަށް ހިނގެން. އަހަންނަކަށް ނޭނގޭ އޭނާ ދިރިއުޅޭނެ ގޮތެއް.”

ނިރުބަވެރި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ އެތައް ހާސް ކުޑަ ކުދިންނެއް ޝަހީދުވެ، އެތައް ހާސް ކުދިންނެއް ނުކުޅެދޭ ކުދިންނަށްވެ، އެތައް ކުދިންނެއް ވަނީ ޔަތީމު ވެގެން ގޮސްފައެވެ. ނަމަވެސް އެމީހުންގެ ލާއިންސާނީ ހަމަލާތައް އަދިވެސް ގެންދަނީ އިތުރު ކޮށް ވަރުގަދަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުސްތާޒް

    ޔާﷲ ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންގެ މަށްޗަށް އަދާވާތްތެރިވާ ޒަޔުނިސްޓުން އިބައިލާހުގެ ގަދަފަދަ ހިއްޗެވުމަކުން ހިއްޕަވާ ނެތިކުރަށްވާންދޭވެ.

    14
  2. ހިތްހަލާކު

    ﷲއިރާދަފުޅުން އެކުޑަކުޑަ ފުރާނައަށް ހެޔޮރަހުމަތްލަށްވާނެ