ޓައިވާނުގެ އާ އިންތިހާބީ ރައީސް ލައި ޗިންގް ޓޭ މި އަންނަ މޭ މަހު ރައީސް ކަމާއި ހަވާލުވާ އިރު ކުރިމަތިލާން އޮތީ އެންމެ އުނދަގޫ މަސައްކަތާއެވެ. އެއީ ޗައިނާގެ ރުޅިވެރިކަމާއި ކުރިމަތިލުމެވެ.

ހޮނިހިރު ދުވަހު ޓައިވާނުގައި އޮތް ރިޔާސީ އިންތިހާބު ލައި ކާމިޔާބު ކޮށްފައިވާ އިރު، ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަދާނެ ކަމަށް އޭނާގެ ކެމްޕޭނުގެ ތެރޭގައި ލައި ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި އެކަމުގައި ޗައިނާ އާއި ރީތި ގޮތުގައި މަޝްވަރާ ކުރަންވެސް ތައްޔާރު ކަމުގައި ލައި ވަނީ ބުނެފައެވެ.

"އަހަރެމެން ބޭނުމެއް ނޫން ޗައިނާ އާއި ދުޝްމަނުންނަށް ވާކަށް. އަހަރެމެންނަށް ރަހުމަތްތެރިންނަށްވެސް ވެވިދާނެ" ޓައިވާނުގެ ޓީވީ އަކަށް ދިން އިންޓަވިއު އެއްގައި ލައި ބުނެފައި ވެއެވެ.

ނަމަވެސް ޗައިނާގެ ނަޒަރުގައި ލައި އަކީ ޓައިވާނު ޗައިނާ އާއި ވަކި ކުރަން މަސައްކަތް ކުރާ މީހެކެވެ. ލައި އާއި ޗައިނާ އާއި ފުރަތަމަ މައްސަލަ ޖެހުނީ 2017 ވަނަ އަހަރުއެވެ. އެއީ އޭނާ އަކީ ޓައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ މީހެއް ކަަމަށް ބުނެ ލައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެެެވެ.

އެއާއި ޖެހިގެން އައި އަހަރުވެސް ލައި ވަނީ ޓައިވާނުގެ ގާނޫނު ހަދާ މަޖިލީހުގައި އެ ވާހަކަތައް ތަކުރާރު ކޮށްފައެވެ. އެކަމާއި ގުޅިގެން ޗައިނާގެ މަގުބޫލު ނޫހަކުން ވަނީ ލައި ހައްޔަރު ކުރުމަށް އަމުރު ނެރެ އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ޗައިނާ އަށް ގޮވާލާފައެވެ.

ލައި ބުނަމުންދަނީ ޓައިވާނަކީ މިހާރުވެސް މިނިވަން ގައުމެއް ކަމަށެވެ. އޭނާ ބުނަމުން ދަނީ ޗައިނާ އާއި ޓައިވާނަކީ އެއްބަޔަކު އަނެއްބައެއްގެ ދަށުގައިވާ ބައެއް ނޫން ކަމަށެވެ.

ޓައިވާނުގެ ގާނޫނު ބުނާ ގޮތުން ޓައިވާނު ނުވަތަ ކުރީގެ ނަމުން ނަމަ ރިޕަބްލިކް އޮފް ޗައިނާ އަކީ މިނިވަން މުސްތަގިއްލު ދައުލަތެކެވެ. މިއީ ޓައިވާނުގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެވެސް ފިކުރެވެ.

ޗައިނާއިން ކަންބޮޑުވަނީ ލައި ރިޕަބްލިކް އޮފް ޓައިވާނު ގެ ގޮތުގައި މިނިވަން ދައުލަތެއް އިއުލާނު ކޮށްފާނެތީއެވެ.

"އަހަންނަށް ހީވަނީ ޗައިނާ އޭނާ ދެކެ ވަރަށް ނަފްރަތު ކުރާ ހެން. ވަރަށް ބޮޑަށް ނަފްރަތު ކުރާހެން." ޝަންގައި ފުޑާން ޔުނިވާސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮފެސަރު ވޫ ޖިންބޯ ބުނެފައި ވެއެވެ. " އެއީ އޭނާ ޓައިވާނުގެ ލީޑަރަކަށް އިންތިހާބު ކޮށްފިނަމަ، އޭނާގެ މަގުސަދު ކަމަށްވާ ޓައިވާނުގެ މިނިވަންކަމަށް އޭނާ އިތުރަށް މަސައްކަތް ކުރާނެތީ. އޭގެ ސަބަބުން ޓައިވާން ސްޓްރެއިޓްގައި ކާރިސާއެއް އުފެދިގެން ދާނެ." އޭނާ ބުނެފައި ވެއެވެ.

ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ލައިގެ ރަނިންމޭޓު ހިމެނޭހެން ޗައިނާއިން ޓައިވާނުގެ އިސް އެތައް އޮފިޝަލުންނަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީނަމަވެސް ލައި އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން ލައި އާއި މަޝްވަރާ ކުރަން ޖެހިދާނެ ކަމުގެ ދޮރުތައް އެއްކޮށް ބަންދު ނުކުރަން ކަމަށް ވެދާނެއެވެ.

ލައި އަކީ މިހާރުވެސް ޓައިވާނުގެ ނައިބު ރައީސްއެވެ. ފާއިތުވި އަހަރު ތަކުގައި ޗައިނާ އިން ވަނީ ޓައިވާނު ކައިރީގައި ހިންގާ އަސްކަރީ ހަރަކާތްތައްވެސް އިތުރު ކޮށްފައެވެ. ޓައިވާނުގެ އޮފިޝަލުން މިހަފްތާ ބުނެފައިވަނީ އާ ރައީސަށް ޕްރެޝަރު ކުރުމަށްޓަކައި ޗައިނާއިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް އިތުރު ކުރުން އެކަށީގެންވާ ކަމަށެވެ.

ޗައިނާއިން ބުނަމުން ދަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި، ކޮންމެ ހާލެއްގައި ނަމަވެސް ޗައިނާއާއި ޓައިވާނު އެއްކޮށްލާނެ ކަމަށެވެ. ޗައިނާ އިން ވަނީ އެ ގައުމުގެ ވަން ޗައިނާ ޕޮލިސީއަށް އެއްވެސް ބަދަލެއް ނާންނަކަމަށް ވެސް ބުނެފައެވެ. ވަން ޗައިނާ ޕޮލިސީ އަކީ އަބަދުވެސް ޗައިނާ އިން ގަބޫލުކުރަމުން އަންނަ ޕޮލިސީއެވެ. އެ ޕޮލިސީގައިވާ ގޮތުން ޓައިވާނަކީ ވެސް ޗައިނާގެ ބަޔެކެވެ. ވީމާ ޓައިވާނުގައި ވެސް ހިނގަން ވާނީ ޗައިނާގެ މައި ސަރުކާރުގެ ބާރެވެ.

ޓައިވާނުގެ އާންމު އިންތިހާބަށް ފަހު ދުނިޔޭގެ ގައުމުތަކުން ވަނީ ޓައިވާނުގެ އައު ސަރުކާރަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. އެ ގޮތުން އެމެރިކާގެ ސެކެޓްރަރީ އޮފް ސުޓޭޓްސް އެންތަނީ ބުލިންކަން ވަނީ ޓައިވާނަށް މަރުހަބާ ކިޔުމުގެ ގޮތުން ބަޔާނެއް ވެސް ނެރެފައެވެ. އަދި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ޔޫރަޕުގެ ބޮޑެތި ބާރުތަކުން ވެސް ވަނީ ޓައިވާނުގެ އައު ރައީސް އަށް ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ޗައިނާ އިން ވަނީ ގައުމުތަކުން މި ގޮތަށް ޓަައިވާނުގެ ރައީސް އަށް މަރުހަބާ ކިޔުމުން އެކަމާއި ރުޅިވެރިކަން ހާމަކޮށްފައެވެ. ޗައިނާ އިން ބުނެފައި ވަނީ މިއީ ޓައިވާން ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރުމަށް އެ ގައުމަށް ދެވޭ ހިތްވަރެއް ކަމަށެވެ. ނަމަވެސް ޓައިވާނުގެ މިނިވަން ކަމަށް ތާއީދު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ބުނެފައެވެ. އެމެރިކާ އަކީ ވެސް ވަން ޗައިނާގެ ޕޮލިސީއަށް ތާއީދުކުރާ ގައުމެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއް ކަހަލަ ގޮތަކަށް ގަބޫލުކުރަނީ މި ޕޮލިސީއެވެ. ޗައިނާ އިން ވަނީ އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ވިޔަސް ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ހަދާނެކަމުގެ އިންޒާރުދީފައެވެ.