ޔުވެންޓަސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އެ ކްލަބަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ސެމީ ކެދީރާ އާކޮށްފިއެވެ.

އާ ކޮންޓްރެކްޓާ އެކު އުމުރުން 31 އަހަރުގެ ކެދީރާ 2021 ވަނަ އަހަރާއި ހަމައަށް ޔުވެންޓަސްގައި ހުންނާނެއެވެ.

ޔުވެންޓަސްގެ ކޮންޓްރެކްޓް ކެދީރާ އާކުރިއިރު މިދިޔަ ޓްރާންސްފާ މާކެޓުގައި އޭނާ ގެންނަން ޔޫރަޕްގެ ބައެއް ކްލަބުތަކުން ޝައުގުވެރިވިއެވެ. އޭގެތެރޭގައި ޕީއެސްޖީ އާއި ލިވަޕޫލް ހިމެނެއެވެ.

ޖަރުމަނުގެ ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކެދީރާ އަކީ މި ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. މި ގޯލާއެކު އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް އޭނާ ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ. އިޓާލިއަން ލީގުގައި ކެދީރާ ވަނީ ޔުވެންޓަސް އަށް 80 މެޗު ކުޅެދީފައެވެ.

2015 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ޔުވެންޓަސްއާ ގުޅުނު ކެދީރާ ވަނީ އެ ކްލަބާއެކު މިހާތަނަށް އިޓާލިއަން ލީގު އަދި އިޓާލިއަން ކަޕް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.