މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ "މިޔަޓް" ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ މިޔެޓް ފުޓްސަލް ފިއެސްޓަރ މި އަހަރު ނޮވެމްބަރ މަހު ބާއްވާނެ ކަން އެ އެސޯސިއޭޝަނުން އިއުލާން ކޮށްފިއެވެ.

މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ އިން އިންތިޒާމް ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ފިއެސްޓަރ އަކީ ކ.އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ތުލުސްދޫގެ ޓީމު ތަކުގެ އިތުރުން ކ.އަތޮޅުގެ ރައްތަކާއި ރިސޯޓު ތަކަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް މިއަހަރުގެ ނޮވެމްބަރ 14 ވަނަ ދުވަހު ފެށުމަށް ނިންމާފައި ވާއިރު، އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ފިރިހެން ޑިވިޝަން އާއި އަންހެން ޑިވިޝަން ކުރިއަށް ދާނެއެވެ.

 

ފޮޓޯ: މަލްޓި ޔޫތް އެސޯސިއޭޝަން ފޭސް ބުކް

މިޔަޓް ފުޓްސަލް ފިއެސްޓަރ ގެ ކޯޑިނޭޓަރ ހުސެއިން ޖަލީލް (ބުޗާ) "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިއަހަރުގެ މުބާރާތްވެސް ކުރިއަށް ދާނީ އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަކަށެވެ. ނަމަވެސް މީގެ ކުރިން އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ދެމުން އަންނަ ފައިސާގެ އިނާމު މިއަހަރު ވަނީ ބޮޑު ކުރެވިފައެވެ. ބުޗާ އިތުރަށް ވިދާޅުވި ގޮތުގައި މީގެ ކުރިން އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ދެމުން އައި 15000 (ފަނަރަހާސް) ރުފިޔާގެ ބަދަލުގައި މިއަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

 

ފޮޓޯ: މަލްޓި ޔޫތް އެސޯސިއޭޝަން ފޭސް ބުކް

މިޔަޓް ފުޓްސަލް ފިއެސްޓަރ އަކީ ތުލުސްދޫގެ ރައްޔިތުންގެ އިތުރުން މުޅި ކ.އަތޮޅަށް ވެސް އަންނަ ފުޓްސަލްގެ ބޮޑު އީދެކެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 15 ޓީމެއް ބައިވެރި ވެފައި ވާއިރު އަންހެން ޑިވިޝަންގައި 7 ޓީމަކުން ބައިވެރިވެފައި ވެއެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިއްފުށި ފުޓުސަލް ޓީމުން ހޯދި އިރު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެޕޮކަލިޕްސް ސެންޔޯރާއެވެ.