މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރެންސް ލީގުގައި މުއިވެޔޮ ފުރެންޑްސް އާއި އެމްއެސް މޭޓްސް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން މުއިވެޔޮ ފުރެންޑްސް ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވިރު ހެންވޭރު ދަނޑުގައި ކުޅެވުނު މި މެޗުގައި މުއިވެޔޮ ފުރެންޑްސް ޓީމުގެ ފަރާތުން ފެނުނު ދެ ގޯލުވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ހަވަނަ މިނެޓުގައި މި ގޯލު މުއިވެޔޮ ފުރެންޑްސް އަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޖާއުއެވެ.

ފުރަތަމަ ގޯލު ކާމިޔާބުކޮށް މާގިނައިރުތަކެއް ނުވަނީސް މުއިވެޔޮ ފުރެންޑްސް އިން ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމަށް ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން އަބްދުﷲ ސުޖާއުއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 0-2 ގެ ނަތީޖާ އަކުން މުއިވެޔޮ ފުރެންޑްސް ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި އެމްއެސް މޭޓްސް ގެ ހަމަ އެކަނި ގޯލު ފެނިގެން ދިޔައީ މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. މެޗުގެ 54 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ނިޝާނެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭ މި މުބާރާތުގެ މިއަދު ކުޅެވުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުއިވެޔޮ ފުރެންޑްސް ޓީމުގެ އަބްދުﷲ ސުޖާއު އެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ ހުޅުމާލެ ވެޓެރެންސް ކުލަބާއި ހުއްރިޔާ އެވެ. މި މެޗުވެސް ކުޅެވޭނީ މާދަމާ ހަވީރު 4:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު