މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރެންސް ލީގުގައި މިއަދު ދަގްރާންޑޭ އާއި ލަގޫންސް ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދަގްރާންޑޭ ޓޭބަލްގެ އެއްވަނައިގައި ހަމަ ޖެހިލައިފިއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅެވުނު އެފްއޭއެމް ވެޓަރެންސް ލީގުގެ މެޗުގައި ދަގްރާންޑޭ އިން ފުރަތަމަ ގޯލު ޖަހާމެޗުގެ ލީޑު ނެގީ މެޗުގެ 8 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަހުމަދު ޝަކީބެވެ.

ވާދަ ވެރި ކުޅުމެއް ފެނުނު މި މެޗުގެ 11 ވަނަ މިނެޓުގައި ދަގްރާންޑޭ އިން ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ލީޑު ބޮޑު ކޮށްފައެވެ. މި ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމަށް ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން އަހުމަދު ޝަކީބެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއަކުން ދަގްރާންޑޭ ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެ ވަނަ ހާފު ފަށައިން 6 ވަނަ މިނެޓުގައި ދަގްރާންޑޭ އިން އިތުރު ގޯލެއްޖަހާ މެޗުގެ ނަތީޖާ 0-3 އަށް ބަދަލު ކޮށްލިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައުދު އިސްމާއިލެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ލަގޫންސް އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ލަގޫންސް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ލެގޫންސް އަށް ކާމިޔާބުކޮށްދިނީ ހުސެއިން ރަޝީދުއެވެ. އަދި މެޗުގެ ގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ދަގްރާންޑޭ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 57 ވަނަ މެނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޝަރީފުއެވެ. މި ލަނޑާއި އެކު މެޗުގެ ނިމިގެން ދިޔައީ 1-4 ގެ ނަތީޖާ އަކުން ދަގްރާންޑޭ މެޗު ކާމިޔާބުކޮށްގެންނެވެ.

އެފްއޭއެމް ވެޓަރެންސް ލީގުގައި މިއަދު ކުޅެވުނު ދަ ގްރާންޑޭ އަދި ލެގޫންސް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަގްރާންޑޭ ގެ އަހުމަދު ޝަކީބެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗުވެސް ކުޅެވޭނީ މާދަމާ ހަވީރު 4:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު