ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް ލިބިއްޖެއެވެ.

ފައިސަލް އަށް މި މަގާމު ލިބުނުއިރު އޭނާގެ ފަރާތުން މޮޅު ކުޅުމެއް މި މުބާރާތުގައި ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ެސެމީފައިނަލްގައި ނޭޕާލްގެ މައްޗަށް ރާއްޖެ އިން 3-0 އިން ކުރި ހޯދި މެޗުގައި ނޭޕާލްގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ފައިސަލް ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ. އެގޮތުން އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ފައިސަލްއެވެ.

މުބާރާތުގެ ފައިނަލަށް ރާއްޖެ ގެންގޮސްދިނުމުގައި ފައިސަލްގެ ދައުރު ވަރަށް ވެސް ބޮޑެވެ.

އަދި މިރޭ ކުޅުނު ފައިނަލް މެޗުގައި އިންޑިޔާގެ މައްޗަށް 1-2 އިން ރާއްޖެ އިން ކުރި ހޯދިއިރު، އިންޑިޔާ އިން ކުރި ގިނަ ހުރަސްތަކެއްގެ ހުރަހަކަށްވީ ވެސް ފައިސަލްއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި 17 އަހަރު ހޭދަކުރުމަށްފަހު، އިމްރާން މުހައްމަދު (އިންމަ) ރިޓަޔާ ކުރުމާއެކު ދިވެހީން މާޔޫސްވި ނަމަވެސް މި މުބާރާތުގައި ފައިސަލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމުގެ ސަބަބުން ދިވެހިންގެ މޫނު މައްޗަށް މިއަދު މިވަނީ ހިނިތުންވުން ގެނެސްދީފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ސެގަޓް ބުނީ އިމްރާން އަކީ ރާއްޖެ ދުށް އެންމެ މޮޅު ކީޕަރު ކަމަށާއި، އެހެން ނަމަވެސް އޭނާ ނެތްތަނުގައި ފައިސަލް ދައްކަމުންދާ ކުޅުމުން ޓީމަށް ހިތްވަރު ލިބިއްޖެ ކަމަށެވެ. އަދި އިމްރާން ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ކޯޗު ސެގަޓް ބުނެފައިވާ އިރު، ފައިސަލަށް މި މުބާރާތްވީ ވެސް ބޮޑު ޗެލެންޖަކަށެވެ.

ފައިސަލްގެ މޮޅު ކުޅުމާއެކު ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕް މިރޭ ކާމިޔާބުކޮށްފައިވާއިރު، މިއީ މި މުބާރާތް ދިވެހި ޓީމުން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރިން މި މުބާރާތް ރާއްޖެ އިން ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައްޕޭ

    ތި ރީދޫކުލަ ނާރުވަބަލަ، ތިކުލަ ދެކެ މަ ބިރުގަނޭ!

    • ޓީމް 2

      ފައިސަލް ދެކެ ވެސް ބިރު ގަނޭ ދޯ... 2 ލަނޑު ޖެހީމަވެސް ބިރު ގަނޭދޯ...

  2. ހުސެއިން

    ޜީދުލަކީ ކާމިޔާބު ކުލަ

  3. Anonymous

    މަރުހަބާ ފައިސަލް..މަރުހަބާ ގައުމީޓީމް