އެފްއޭއެމް ވެޓަރެންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ދިވެހި ސިފައިންގެ ކުލަބާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާ އަކުން މުއިވެޔޮ ފްރެންޑްސް ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

 

ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް މުއިވެޔޮ ފްރެންޑްސް ފައިނަލްއަށް- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ހާފުގައި މުއިވެޔޮ ފްރެންޑްސް ޓީމުން އިތުރަށް ކުޅުން ރަނގަޅުކޮށް، ދިވެހި ސިފައިންގެ ކުލަބުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި މުއިވެޔޮ ފްރެންޑްސް ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

މުއިވެޔޮ ފްރެންޑްސްގެ ޝަމްމޫން ލަތީފް ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެން ގޮސް މުއިވެޔޮ ޓީމުގެ ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) އަށް ލިބުމުން ދެވަނަ ފަހަރަށް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިނުމުން ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެފައި އަބްދުﷲ ސުޖާއު ގޯލު ތެރެއަށް ވައްދާލާ މެޗުގައި ފެނިގެންދި ހަމައެކަނި ގޯލު ކާމިޔާބުކުރިއެވެ.

 

ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް މުއިވެޔޮ ފްރެންޑްސް ފައިނަލްއަށް- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

މި ގޯލަށްފަހުވެސް ދެ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން މުއިވެޔޮ ފްރެންޑްސް ކުރީގައި އޮވެގެންނެވެ.

އެފްއޭއެމް ވެޓަރެންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މާދަމާ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ މެޗުގައި ވާދަކުރާނީ ދަ ގްރާންޑޭއާއި މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓަރެންސް ކުލަބެވެ. މާދަމާގެ މެޗުވެސް ކުޅޭނީ ހަވީރު 4:30 ގައި ހެންވޭރު ދަނޑުގައެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.

ކިޔުންތެރިންގެ ހިޔާލު