އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަދި ލޫޓަން ޓައުން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް ޖެހިލިއިރު، މެންޗެސްޓާ ސިޓީ، އެސްޓަންވިލާ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލްއިން ލުޓަން ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އާސެނަލްއިން ކާމިޔާބުކުރި ދެ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްއަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މާޓިން އޮޑެގާޑްއެވެ.

އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެފައިވާ އާސެނަލްގެ ދެވަނަ ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. އެ ގޯލަކީ މެޗުގެ 45 ވަނަ މެނެޓުގައި ލޫޓަން ޓައުންގެ ފަހަތަށް ކުޅެމުން އަންނަ ޑައިކި ހަޝިއޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ލޫޓަން ޓައުންއިން ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އާސެނަލްގެ ފަހަތް ފޫއަޅުވާލާފައި ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-2 ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެންޗެސްޓާ ސިޓީއާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗު ސިޓީއިން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފިލް ފޯޑަން ވަނީ ހެޓްރިކްވެސް ހަދާފައެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޖެރެމީ ޑޮކޫ ތަނަވަސް ކޮށްދިން ފުރުސަތަކުން ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެސްޓަންވިލާއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މޯގަން ރޮގާސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން ޑުރަންއެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ސިޓީއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. އެސްޓަން ވިލާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑަންއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-2 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމަކާއެކު ކުރިއަށް ދިޔަ އެ މެޗުގެ 62 ވަނަ މިނެޓުގައި ސިޓީއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑަންއެވެ.

ސިޓީއިން ތިން ވަނަ ގޯލު ކާމިޔާބުކޮށް މާގިނައިރުތަކެއް ނުވަނީސް އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެސްޓަންވިލާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ބޯޅައެއް ގޯލު ތެރެއަށް ވައްދާލައިގެން، އެ ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑަންއެވެ. މި މެޗުގެ ނިމިގެން ދިޔައީ 1-4 ގެ ނަތީޖާއަކުން ސިޓީ ކުރިހޯދައިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނަ އާސެނަލް އަށް ލިބެނީ ކުޅުނު 30 މެޗުން ލިބުނު 68 ޕޮއިންޓާ އެކުއެވެ. އާސެނަލްގެ ފަހަތުން ދެ ވަނައިގައި އޮތް ލިވަޕޫލްއަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. އަދި ތާވަލްގެ ތިން ވަނައިގައި އޮތް ސިޓީއަށް ވެސް ކުޅުނު 30 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލިވަޕޫލްއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު