އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 3-4 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީވެސް ޗެލްސީ އިންނެވެ. މެޗުގެ 4 ވަނަ މިނެޓުގައި މި ގޯލު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކޮނާ ގެލެގާއެވެ. ފޯރިގަދަ މި މެޗުގެ 19 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ 34 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ޗެލްސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ތަރި އަލެހަންދުރޯ ގާނަޗޯ އެވެ.

މިވަގުތު ޓޭބަލްގެ 6 ވަނައިގައި އޮތް ޔުނައިޓެޑުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޑިއެގޯ ޑެލޮޓް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރޫނޯ ފާނެންޑޭޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގު ދެވަނަ ހާފުގައިވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެން ދިޔައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އެންތޮނީ ޗެލްސީގެ ގޯލު ކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅަ، އަލެހަންދުރޯ ގާނަޗޯ ބޮލުން ގޯލު ތެރެއަށް ވައްދާލައި އެ ޓީމުން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގިއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން ދިޔައިރުވެސް ކުރީގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. އެހެން ނަމަވެސް ޗެލްސީއިން ގޯލެއް ޖަހަން ކުރަމުން ދިޔަ މަސައްކަތުން، 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އެވެ.

މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ޗެލްސީން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ. ޗެލްސީގެ އެންޒޯ ފާނެންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އެވެ. މީ މި މެޗުގައި ޕާމާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ. މި ގޯލާއި އެކު މެޗު ނިމިގެން ދިޔައީ 3-4 ގެ ނަތީޖާއަކުން ޗެލްސީ ކުރިހޯދައިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ ކުޅުނު 29 މެޗުން ލިބުނު 43 ޕޮއިންޓާއެކު ޓޭބަލްގެ 10 ވަނައިގައެވެ. އަދި ކުޅުނު 30 މެޗުން ލިބުނު 48 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ޓޭބަލްގެ 6 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު