"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445" ގެ ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ބޭއްވުމަށް ހަމަޖެހިފައެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރި ޓީމުތަކަކީ ބުރު ސްޕޯޓްސް ކްލަބާއި ވިއެނާ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބު ކާސިންޖީ އާއި ޔުނައިޓެޑް އީސްޓް ކޯސްޓާއި ކުޑަހެންވޭރު ޔުނައިޓެޑާއި ޖޭކޭ ސްޕޯޓްސް ކްލަބާއި ކްލަބް އޯވަންއޯއެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖު: ޓީނޭޖް ޖޫނިއާ އަދި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވިއެނާ ސްޕޯޓްސް ނިކުންނާނީ ބައިބަލާގެ ގަދަ ބާރެއް ކަމުގައިވާ ބުރު ސްޕޯޓްސް ކުލަބްއާ ދެކޮޅަށެވެ. ބައިބަލާގެ ނަން މަޝްހޫރު ކުޅުންތެރިންނާއި އެކު މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބުރު ސްޕޯޓްސް ކުލަބް އިން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުލަބް ޓީނޭޖުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގަދަ ސޯޅަ ޓީމުގެ ބުރުގައި ބުރު ސްޕޯޓްސް ކުލަބުން ކުލަބް ޓީނޭޖުގެ މައްޗަށް ކުރި ހޯދާފައިވަނީ ސީދާ ދެ ގޭމުންނެވެ. އީދު ބައިބަލާ ޗެލެންޖު 2018 ވަނަ އަހަރާއި 2007 ވަނަ އަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ކުލަބް ކާސިންޖީ ނުކުންނާނީ ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ. ޓީސީ ސްޕޯޓްސް ކުލަބް އިން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޓީނޭޖު ޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ކުލަބް ކާސިންޖީ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ސީކޭ ކާސިންޖީ އަތުން ހޯދި ފަސޭހަ މޮޅާ އެކުއެވެ. ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކުލަބް ވަނީ އީދު ބައިބަލާ ޗެލެންޖުގެ ފައިނަލްގައި ތިން ފަހަރެއްގެ މަތިން ކުޅެފައެވެ. މީގެތެރެއިން 2011 ވަނަ އަހަރު ފައިނަލްގައި ކުޅެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައިވެއެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖު: ކުލަބް ކާސިންޖީ އަދި ސީކޭ ކާސިންޖާސް ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ވާދަ ކުރާނީ މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރި ޔުނައިޓެޑް އީސްޓް ކޯސްޓް އާއި 2019 ވަނަ އަހަރުގެ އީދު ބައިބަލާ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޑަހެންވޭރު ޔުނައިޓެޑްއެވެ. ގަދަ ސޯޅަ ޓީމުގެ ބުރުގައި ޓީސީ ފްރެޓާނިޓީ ބަލިކޮށް ޔުނައިޓެޑް އިން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު ކުޑަހެންވޭރު ޔުނައިޓެޑް ކުއާޓާ ފައިނަލް އިން ޖާގަ ހޯދާފައިވަނީ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޓީނޭޖު ޖޫނިއާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ޖޭކޭ ސްޕޯޓްސް ކުލަބް ނިކުންނާނީ 2022 ވަނަ އަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުލަބް އޯވަންއޯ އާއި ދެކޮޅަށެވެ. ޖޭކޭ ސްޕޯޓްސް ކުލަބް އިން މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޒެފްރޯލް ގޯޅިގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ބައިބަލާގެ ތަޖުރިބާހުރި ގިނަ ކުޅުންތެރިންނާއިއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުލަބް އޯވަންއޯ ކުއާޓާ ފައިނަލް އިން ޖާގަ ހޯދާފައިވަނީ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޓީސީ ގޯޅިގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދައިގެންނެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސާ އަކީ އެމްޓީސީއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވްސް، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު