ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޮންމެ ޓީމަކުންވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ދެވަނަ ހާފުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެތުލެޓިކޯ މެޑްރިޑުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ރޮޑްރޮގޯ ޑިޕޯލެވެ. މިއީ އެތުލެޓިކް ބިލްބާއޯގެ އޭރިޔާ ލައިނުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެތުލެޓިކް ބިލްބާއޯ އިން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެތުލެޓިކް ބިލްބާއޯ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރ 11 ނިކޯ ވިލިއަމްސެވެ.

ދެވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އެތުލެޓިކޯ މެޑްރިޑްގެ ޖާޒީ ނަމްބަރ 10، އަންހެލް ކޮރެއާ ވަނީ އެތުލެޓިކޯއަށް މެޗުގައި އަލުން ލީޑު ނަގައިދީފައެވެ. މި ލަނޑަކީ އެތުލެޓިކޯގެ ކޮކޭ މެދު ތެރެއިން ހިއްލާލި ބޯޅަ އަކުން ކޮރެއާ ކާމިޔާބުކުރި ލަނޑެކެވެ.

އެތުލެޓިކް ކުލަބު ބަލިކޮށް އެތުލެޓިކޯ މެޑްރިޑް އިން ގަދަ 4 ގެ ފުރުސަތު ބޮޑު ކޮށްފި-- ފޮޓޯ: ރިއުޓާރސް

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށް ވެފައިވަނިކޮށް އެތުލެޓިކޯ މެޑްރިޑުން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މިއީ ގޯލު އޭރިޔާ އަރިމަތިން އެތުލެޓިކޯގެ ޖާޒީ ނަމްބަރ 12، ލީނޯ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، އެތުލެޓިކް ބިލްބާއޯގެ ޕްރާޑޯސް ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅާ ދަނޑީގައި ޖެހިފައި ނިކުތްތަނުން އެ ޓީމުގެ ކީޕަރު އުނޭ ސިމިއޯނޭގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކީ އެތުލެޓިކޯ މެޑްރިޑުން ވަނީ ލަލީގާ ތާވަލުގެ ހަތަރު ވަނައިގައި އޮވެ ފަސްވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ފުޅާ ކޮށްފައެވެ. ލަލީގާ ލީގު ތާވަލުގެ ގަދަ ހަތަރަކަށް އަރަން ރޭ އެތުލެޓިކް ބިލްބާއޯށް ލިބުނު ފުރުސަތު އެ ޓީމަށް މި ވަނީ ގެއްލިފައެވެ.

ލަލީގާ ލީގު ތާވަލުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ހަތަރު ޓީމު ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާ އިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް ފަސް މެޗެވެ. އެހެންކަމުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރިއަށް ހުރި މެޗުތައް އެތުލެޓިކޯ މެޑްރިޑުން ކާމިޔާބު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު