އިންޓަރ ހައުސް ފުޓްސެލް މުބާރާތުން ފުޓްސެލްއަށް ޖެހުނު ލޯބީގައި ކުރިއަށް ދިޔުމަށް އަޒުމް ކަނޑައެޅި އަލީ އަލްސަން އަކީ މިހާރު މުޅި ރާއްޖޭގައި ވެސް ވިދަމުން އަންނަ ހުނަރުވެރިއެކެވެ. ފުޓްބޯޅަ އާއިލާއަކަށް އުފަން އަލްސަންގެ ބައްޕައަކީ ވެސް ވަރަށް މޮޅަށް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން އަލްސަންގެ ބައްޕަ ވަނީ މަތިވެރީ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

އުމުރުން އެންމެ 18 އަހަރުގެ އަލްސަން އެންމެ ފުރަތަމަ ވިދާލީ 2023 ވަނަ އަހަރުގައި އޮތް ގޯލްޑެން ފުޓްސެލް ޗެލެންޖުގައެވެ. އޭރު އަލްސަންގެ އުމުރަކީ އެންމެ 17 އަހަރެވެ. އެ އަހަރު އަލްސަން ވަނީ އއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އެ މުބާރާތުން އަލްސަން ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ. ނަތީޖާއަކަށްވީ އެ ޖާދޫ ފެނި ފިއުލް ސަޕްލައި މޯލްޑިވްސް - އެފް.އެސް.އެމް އިން އަލްސަންއަށް ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުމަށް ދައުވަތު ދިނުމެވެ. އެ ފުރުޞަތުގެ ބޭނުން ހިފައި އަލްސަން ވަނީ ފާއިތުވި ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފައެވެ.

އަލްސަންއަށް ރާއްޖެއިން އެންމެ ކަމުދާ ފުޓްސެލް ކުޅުންތެރިޔަކީ ހުޒައިފަތް ރަޝީދެވެ. ހުޒޭއަކީ އަސްލު ފުޓްސެލްއަށް ލޯބި ޖައްސައިދިން ފަރާތް ކަމުގައި އަލްސަން ވަނީ ބުނެފައެވެ.

އަލްސަން އެންމެ ކާމިޔާބު އެއް އަހަރަކީ މިއަަހަރެވެ. މިއަހަރު އޮތް ގޯލްޑެން ފުޓްސެލް ޗެލެންޖް 2024 ގައި ކުޅެ އއ. މަތިވެރީ ފުޓްސެލް ޓީމަށް އަތޮޅު އަދި ޒޯން 4 ގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އެއް ހިއްސާދާރަކީ އަލްސަންއެވެ. އެގޮތުން އެ މުބާރާތުގެ އއ. އަތޮޅު އަދި ޒޯން 4ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް އަލްސަން ހޯދިއެވެ. އެއީ ފުޓްސެލްގެ ނުފޫޒު ގަދަ މަހިބަދޫ އަދި މާމިގިލީ ޓީމް ހިމެނޭ ޒޯންގައި ކުޅެގެންނެވެ. ދެން މި ޒޯންގައި ހިމެނެނީ ފ ބިލެތްދޫއެވެ. އެގޮތުން މަތިވެރީ ފުޓްސެލް ޓީމް މުބާރާތުން ވަކިވީ ފާއިތުވީ އަހަރުގެ ޗެމްޕިއަން ލ ގަން އަތުން ބަލިވެގެންނެވެ. ނަމަވެސް މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ވެސް އަލްސަން ވަނީ ހޯދާފައެވެ.

ފުޓްސެލްގައި މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ މަތިވެރީ ފުޓްސެލް ޓީމް ގޯލްޑެން ތަށި ނަގާ ދުވަސް ކަމުގައި އަލްސަން ވަނީ ބުނެފައެވެ. މިހާރު ވެސް ގިނަ މުބާރާތްތަކެއް ކުޅެމުން އަންނަ އަލްސަން ބޭނުންވަނީ މި ދާއިރާގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިޔުމަށްށެވެ. އެގޮތުން އެންމެ ބޮޑަށް ސަމާލު ކަމެއް ދެނީ ޑިސިޕްލިންއަށް ކަމަށާއި، ކުރިޔަށްދާން އެންމެ ބޮޑަށް ބޭނުންވާނީ މީހުންގެ ލޯބި ހޯދައިގެން ކަމަށް އަލްސަން ބުންޏެވެ.

އާއިލާއާއި ރައްޓެހިންގެ ވަރަށް ބޮޑު އެހީތެރި ކަމެއް މިކަމުގައި ލިބެނުންދާ ކަމަށް އަލްސަން ބުނެއެވެ. އަލްސަންގެ އެންމެ ވަރުގަދަ ސަޕޯޓަރުންނަކީ މަންމައާއި ބައްޕަކަން ފާހަގަ ކުރަމުން އަލްސަން ބުނީ މިދާއިރާއިން ކުރިއަށް ދިޔުމަށް ނައުފަލް ކޯޗްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުމުން އަންނަ ކަމަށެވެ.