ޕީއެސްޖީ އިން މެންޗެސްޓަރ ޔުނައިޓެޑް ފޯވާޑު މާކަސް ރަޝްޕޯޑު އެ ޓީމަށް ގެންދިއުމަށް މަސައްކަތް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ އިން އެ ޓީމުގެ ފޯވާޑް ފްރާންސް އަށް އުފަން ކިލިއަން އެމްބާއްޕޭގެ ބަދަލުގައި އިތުރު ހަތަރު ފޯވާޑުން އެ ޓީމަށް ގެންނާނެކަން އިއުލާން ކޮށްފައިވާއިރު، އެ ޓީމުން ހޯދާ ފޯވާޑުންގެ ލިސްޓުގައި އިނގިރޭސިވިލާތަށް އުފަން މާކަސް ރަޝްފޯޑް ހިމެނޭކަން ޕީއެސްޖީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

ޕީއެސްޖީ އިން ރަޝްފޯޑު ހޯދަން މަސްކަތް ކުރާކަން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާއިރު މިކަމާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑް އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މެންޗެސްޓަރ ޔުނައިޓެޑް އިން ރަޝްފޯޑް އަދި ސްކޮޑްގެ އެހެން ކުޅުންތެރިންނަށް މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ލިބޭ ހުށަހެޅުންތަކާ މެދު އެ ޓީމުން ވިސްނާނެ ކަމަށް މީގެ ކުރިން އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް މެންޗެސްޓަރ ޔުނައިޓެޑް ކޮލިފައި ނުވާނެކަން ޔަގީންވުމާއެކު އެ ޓީމުން ޓްރާންސްފާ މާކެޓުން ރަނގަޅު ބަޖެޓެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކުން ގަބޫލު ކުރެއެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް 399 މެޗު ކުޅެފައިވާ މާކަސް ރަޝްފޯޑް މިހާރު ހުރީ އެ ޓީމަށް 400 މެޗު ހަމަ ކޮށްދޭން ތައްޔާރަށެވެ. އަނިޔާގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ރަޝްފޯޑަށް ކުޅެވޭ ގޮތެއް ނުވިއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމަށް 400 މެޗު ކުޅެފައިވަނީ 27 ކުޅުންތެރިއެކެވެ. އެހެން ކަމުން ރަޝްފޯޑުގެ ވިސްނުން މިވަގުތު ހުރީ އޭނާގެ ނަންވެސް އެ ލިސްޓުގައި ހިމެނުމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ 6 ވަނައިގައި މި ވަގުތު އޮތް މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ޕީއެސްޖީ އިން ރަނގަޅު ހުށައެޅުމެއް ހުށައަޅައިފިނަމަ މެންޗެސްޓަރ ޔުނައިޓެޑް އިން އެ ހުށައެޅުމެއް ބަލައިގަނެފާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.