މިއަހަރުގެ ޖުލައި މަހު ފުރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކް ގޭމްސް އަށް އުޒްބަކިސްތާން އަދި ޖަޕާން ކޮލިފައިވެއްޖެއެވެ.

އޮލިމްޕިކްސް ގޭމްސް ފުޓްބޯޅައިގެ 23 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އޭޝިއާގެ 4 ޖާގައިގެ ތެރެއިން ދެ ޖާގަ އުޒްބަކިސްތާން އަދި ޖަޕާން ކަށަވަރުކޮށްފައިވަނީ އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ.

އުޒްބަކިސްތާން 23 އަހަރުން ދަށުގެ ޓީމް

މިއަހަރުގެ ޖުލައި 26 ގައި ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް ފުޓްބޯޅައިގެ 23 އަހަރުން ދަށުގެ ޑިވިޝަން އަށް އޭޝިއާ އިން 4 ޓީމު ކޮލިފައިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލްއަށް ދާ ދެ ޓީމާއި އެ މުބާރާތުގެ 3 ވަނަ ހޯދާ ޓީމު އޮލިމްޕިކްސް އަށް ކޮލިފައިވާނެއެވެ. އަދި ތިންވަނަ ހޮވާ މެޗުން ބަލިވާ ޓީމު އިތުރު ޕްލޭ އޮފް މެޗެއް ކުޅެން ޖެހެއެވެ. މި ޕްލޭ އޮފް މެޗު ގައި ވާދަކުރާނީ އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ތިންވަނަ ހޮވާމެޗުން ބަލިވާ ޓީމާއި އެފްރިކާގެ ކުއަލިފިކޭޝަން ގެ ހަތަރު ވަނަ އަށް ދާ ޓީމާއި އެކުއެވެ.

އުޒްބަކިސްތާން އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލް އިން ޖާގަ ހޯދާ އޮލިމްޕިކްސް އަށް ކޮލިފައިވެފައިވަނީ މި މުބާރާތުގެ ސެމީ ފައިނަލްގައި އިންޑޮނޭޝިއާގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މީ ސޯވިއެޓް ޔޫނިއަންގެ އަތުން އެ ގައުމު 1991 މިނިވަންވިފަހުން އޮލިމްޕިކްސް ގޭމްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ޖަޕާން 23 އަހަރުން ދަށުގެ ޓީމް

އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލްގެ ދެވަނަޖާގަ ޖަޕާން އިން ކަށަވަރު ކުރީ އިރާގްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދޯހާގެ ޖާސިމް ބިން ހަމަދު ސްޓޭޑިއަމްގައި ކުޅެވުނު ސެމީ ފައިނަލްގެ މި މެޗު ޖަޕާން އިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ އާއި އެކު އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފައިނަލް އަދި އޮލިމްޕިކްސް ގޭމްސް އަށް ޖަޕާން ކޮލިފައިވެގެން ދިޔައިރު 1996ގެ ފަހުން ކޮންމެ އަހަރަކުވެސް އޮލިމްޕިކްސް އަށް ޖަޕާން ކޮލިފައިވަމުން ދިޔަ ރެކޯޑް ދެމެހެއްޓިއެވެ.

މިއަހަރުގެ ހޫނު މުސުމުގައި އޮންނަ އޮލިމްޕިކްސް ގޭމްސް އަށް 3 ވަނަ އަށް ކޮލިފައިވާ ޓީމެއް ކަށަވަރުވެގެންދާނީ ބުރާސްފަތި ދުވަހު ކުޅެވޭ އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ 3 ވަނަ ހޮވާ މެޗުން މޮޅުވާ ޓިމަކަށެވެ. މި މެޗު ގައި ވާދަ ކުރާނީ މި މުބާރާތުގެ ސެމީ ފައިނަލްގައި އުޒްބަކިސްތާން އަތުން ބަލިވި އިންޑޮނޭޝިއާ އާއި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޖަޕާން އަތުން ބަލިވި އިރާގް އެވެ. މިތަނުން ބަލިވާ ޓީމް ޕްލޭ އޮފް މެޗުގައި މޭ މަހުގެ 9 ވަނަ ދުވަހު ބައްދަލު ކުރަން ޖެހޭނީ އެފްރިކަން ކޮލިފިކޭޝަންގެ 4 ވަނަ އަށް ދިޔަ ގިނީ އާއި ދެކޮޅަށެވެ.

މި އަހަރުގެ އޮލިމްޕިކްސް ގޭމްސް ޖުލައި 26 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ފުރާންސްގެ ޕެރިހުގައި ކުރިއަށް ދާނެއެވެ.