މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބެލްޖިއަމްގެ ޓީމުން އެ ގައުމުގެ އަދި ރިއަލް މެޑްރިޑް ގެ ކީޕަރު ތިބައުޓް ކޯޓޫއާ ނުފެންނާނެއެވެ.

ބެލްޖިއަމް އަށް އުފަން ރިއަލް މެޑްރިޑް ގެ ކީޕަރު ކޯޓޫއާ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތައް ނެގި ބެލްޖިއަމްގެ ޓީމުގައި ނުހިމަނަން ބެލްޖިއަމްގެ ކޯޗު ވަނީ ނިންމާފައެވެ. ބެލްޖިއަމްގެ ކޯޗު ފާހަގަ ކުރި ގޮތުގައި މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބެލްޖިއަމް ޓީމުގައި ކޯޓޫއާ ނުހިމަނަނީ އަނިޔާގެ ސަބަބުން މި ސީޒަންގެ ބޮޑުބައެއްގައި ކޯޓޫއާ ކުޅުމުން ބޭރުގައި ހުރުމުންނެވެ.

އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިގަމެންޓަން ލިބުނު އަނިޔާ އާއި މާޗު މަހު ލިބުނު އަނިޔާއާއި އެކު ކުޅުމާއި ދުރުގައި ހުރި 31 އަހަރުގެ ކޯޓޫއާ ވަނީ މިހާރު އަނިޔާއިން ރަނގަޅުވެ އަލުން އެނބުރި އޭނާ ކުޅެމުން އަންނަ ކުލަބް ކަމަށްވާ ރިއަލް މެޑްރިޑް އާއި ގުޅެން ތައްޔާރުވެފައެވެ. އެހެން ނަމަވެސް މިއަންނަ ޖޫންމަހު ފެށުމަށް ހަމަ ޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބެލްޖިއަމްގެ ޓީމުން އޭނާ އަށް ވަނީ ފުރުސަތު ނުލިބިފައެވެ.

ބެލްޖިއަމްގެ ގައުމީ ޓިމަށް 102 މެޗު ކުޅެ ދީފައިވާ ކޯޓޫއާ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްކޮޑްގައި ނުހިމަނާ ކަން ބެލްޖިއަމްގެ ކޯޗު ޓެޑެސްކޯ ވަނީ ހާމަކޮށްފައެވެ. ޓެޑެސްކޯ މިކަން ހާމަކޮށްފައިވަނީ ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައެވެ. ޓެޑެސްކޯ ޖަރުމަނުގެ ނޫހާ ވާހަކަ ދައްކަމުން ފާހަގަ ކުރި ގޮތުގައި އޭނާގެ ވިސްނުން މިވަގުތު ހުރީ ފިޓްކޮށް ތިބި ކުޅުންތެރިންނާއި އެކު ކުރިއަށް ދިއުމަށް ކަމުގައެވެ. އަދި އެ ޓީމަށް 102 މެޗު ކުޅެދިން އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ އެ ޓީމުގެ ކީޕަރު މި ފަހަރަގެ ޔޫރޯގެ ސްކޮޑްގައި ނުހިމަނާނެ ކަމަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގަ ބެލްޖިއަމް ހިމެނެނީ ގުރޫޕް އީ ގައެވެ. އެ ޓީމުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ނިކުންނާނީ ސްލޮވޭކިއާ އާއި ދެކޮޅަށެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ ރޮމޭނިއާ އާއި ޔޫކްރޭން އެވެ.