ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ މައްޗަށް ކުރިހޯދާ ޑޯޓްމަންޑް ފައިނަލް އާއި ފިޔަވަޅެއް ގާތައް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑް އިން ޕީއެސްޖީގެ މައްޗަށް ކުރިހޯދާފައިވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފަށައިގެން ވެސް ދެ ޓީމުންވެސް ދިޔައީ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގައި ޑޯޓްމަންޑްގެ ފަރާތުން ފެނިގެން ދިޔަ ގޯލުގެ ކުރިންވެސް އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޑޯޓްމަންޑް ގެ ފަހަތުން ޝްލޮޓާބެކް މަތި މަތިން ފޮނުވާލި ބޯޅަ ޕީއެސްޖީ ގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ކޮންޓްރޯލްކޮށް އެއްފަހަރުން ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިތުބާރު ފޯވާޑް ނިކްލަސް ފުލާގް އެވެ.

ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ އެތައްހާސް ސަޕޯޓަރުންނެއްގެ ކުރިމަތީ ކުޅެމުންދިޔަ ފޯރިގަދަ މި މެޗުގައި އެ ޓީމުގެ ފޯވާޑުންގެ ފަރާތުން ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލި މި މެޗުގައި ޕީއެސްޖީ ގެ ކީޕަރު ޑޮނަރޫމާ ވަނީ ޑޯޓްމަންޑް ގެ އެތައް ހަމަލާއެއް ދިފާއު ކޮށްފައެވެ. މިގޮތުން އެ ޓީމުގެ ސެންޗޯ އާއި ފުލާގް ފޮނުވާލި އެތައް ހަމަލާއެއް ޑޮނަރޫމާ ވަނީ ދިފާއުކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޑޯޓްމަންޑް އާއި ޕީއެސްޖީ ވާދަ ކުރި މި މެޗުގައި ޕީއެސްޖީ ގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މިގޮތުން ޕީއެސްޖީ އިން މި މެޗުގައި 13 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާ އަމާޒުކޮށް ތިން ހަމަލާއެއްވަނީ ފޮނުވާލާފައެވެ. މިގޮތުން ޕީއެސްޖީގެ ފްރާންސްގެ ތަރި ކީލިއަން އެމްބާއްޕޭ މެޗުގެ ދެވަނަ ހާފުގައި ފޮނުވާލި ދެ ހަމަލާއެއް ފާހަގަ ކޮށްލެވެއެވެ. މި ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ ޑޯޓްމަންޑްގެ ގޯލު ދަނޑިއާއި އަމާޒުވެފައިވާއިރު އަނެއްހަމަލާ ޑޯޓްމަންޑްގެ ކީޕަރު ދިފާއު ކުރިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މި ދެ ޓިމު ދެން ވާދަ ކުރާ މެޗު ކުޅޭނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މި މެޗު ކުޅޭނީ ފްރާންސްގެ ޕީއެސްޖީގެ ދަނޑުގައެވެ. ޕީއެސްޖީގެ ދަނޑުގައި ދެވަނަ ލެގުގެ މެޗު ކުޅޭއިރު ޑޯޓްމަންޑް އިން އެ ޓީމުގެ އަމިއްލަދަނޑުގައި ރޭ ޕީއެސްޖީގެ ކޮޅަށް ޖެހި ގޯލާއި އެކު އެ ޓީމު މި މެޗަށް ނިކުންނާނީ 1 ގޯލުގެ އެޑްވާންޓޭޖާއި އެކުއެވެ.